ޣާޒީ ރަދުންގެ ޙަޔާތްޕުޅުގެ މައްޗަށް ކުޅޭ ފިލްމު

ދިވެހި ޤައުމުގެ މަތިވެރި ބަޠަލް އުތީމު ޣާޒީ ރަދުންގެ ޙަޔާތްޕުޅު ދައްކުވައިދޭ ފިލްމެއް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނޭ ވާހަކަ އާއި، ކުރިޔަށް އޮތް ޤައުމީ ދުވަހުގެ މުނާސަބަތާ ދިމާ ކޮށް އެ ފިލްމު ނެރުމަށް ގަސްދު ކުރައްވާ ވާހަކަ ދާދި ފަހުން ދާޚިލީ ވުޒާރާއިން ވަނީ ހާމަ ކުރައްވައިފައެވެ. އެންމެ ފުރަތަމަ ވެސް އަޅުގަނޑު ދަންނަވައިލާން ބޭނުން ވާ އެއްޗަކީ، މި ކަމަކީ އޭގެ ޒާތުގައި ވަރަށް މުހިއްމު އަދި ވަރަށް ރަނގަޅު ކަމެއް ކަމަށް ފެންނަ ވާހަކައެވެ. އޮޅުމެއް ނެތް ގޮތުގައި، ކޮންމެ ޤައުމެއްގެ ވެސް ތާރީޚުގެ މުހިއްމު ޙާދިޘާތަކާއި، އެ ޤައުމެއްގެ މަތިވެރި އަބްޠާލުންގެ ވާހަކަތައް، ޤައުމުގެ ޖީލުތަކަށް އެކި ގޮތްގޮތުން ކިޔައިދޭން ވާނެއެވެ. މި ޒަމާނުގައި، އެ ކަން ކުރުމަށް އޮތް އެންމެ މުހިއްމު އެއް ވަސީލަތަކީ ފިލްމާއި ތަމްސީލުގެ ވަސީލަތެވެ.

ނަމަވެސް އަޅުގަނޑުމެން ހަނދާން ނައްތައިލައިގެން ނުވާނޭ ޙަޤީޤަތަކީ، ރަނގަޅު ކަމެއް ވެސް، ނުރަނގަޅު ވަގުތުގައި، ނުރަނގަޅު ގޮތުގައި ކޮށްފިއްޔާ، އެ ކަމަކުން ބަޔަކަށް ފައިދާއެއް ނުލިބި، ވާ ހަމައެކަނި ކަމަކީ ގެއްލުން ކަމަށް ވެދާނޭ ކަމެވެ. މިއީ ޣާޒީ ރަދުންގެ ޙަޔާތްޕުޅުގެ މައްޗަށް ފިލްމެއް ހެދުމުގެ މަސައްކަތް ކުރުމުގެ ވަގުތު ބާވައެވެ! މިއީ ރަނގަޅު ވަގުތު ހެއްޔޭ މި ސުވާލު ކުރަނީ، މިއީ 2021 ވަނަ އަހަރަށް ވެގެން، މި މަހަކީ އޮކްޓޯބަރު މަހަށް ވެގެނެއް ނޫނެވެ. ދަންނަވާން މި އުޅެނީ، އެ ރަދުންގެ ޙަޔާތްޕުޅުގެ މައްޗަށް ފިލްމެއް އުފެއްދުމަށް ބޭނުން ވާ ފަންނީ ޤާބިލިއްޔަތާއި ވަސީލަތްތަކާއި ކުޅަދާނަކަން ދިވެހީންނަށް އަދި ނުލިބޭ ވާހަކައެވެ. މަސައްކަތެއް ކުރުމަށް ބޭނުން ވާ ޤާބިލިއްޔަތު މީހަކު ނުވަތަ ބަޔަކުގެ ކިބައިގައި ނެތިއްޔާ، އޮތް ކަމަކީ އެ ޤާބިލިއްޔަތު ހޯދުމެވެ. އެ ޤާބިލިއްޔަތު ލިބުމުގެ ކުރީން އެ ކަމެއް ކުރާން އުޅުމަކީ، ވަގުތު ނާންނަނީސް އެކަން ކުރާން އުޅުމެވެ. އެއިރުން ނުކުންނާނީ ރަނގަޅު ނަތީޖާއެއް ނޫނެވެ. ދުވާން ނޭނގެނީސް، ރޭހެއް ނުޖެހޭނެއެވެ.

ޣާޒީ ރަދުންގެ ޙަޔާތްޕުޅުގެ މައްޗަށް އެކަށީގެންވާ ފަދަ ފަންނީ ފެންވަރެއްގެ ފިލްމެއް ހެދުމަކީ ކުޑަ މަސައްކަތަކަށެއް ނުވާނެއެވެ. އެއީ މިހާރު ދިވެހިރާއްޖޭގައި ފިލްމު އުފައްދާ އުޞޫލުން، މަޖާގަނޑެއް ނެގުން ކަހަލަ ގޮތަކަށް، ކުރެވޭނޭ ކަމެއް ނޫނެވެ.

މަސައްކަތް ފަށައިގަންނާން ޖެހޭނީ، ތާރީޚީ ގޮތުން ކީރިތި މަހާރަދުންގެ ޙަޔާތްޕުޅުގެ މައްޗަށް ފުރިހަމަ ދިރާސާތަކެއް ކުރުމާ ހަމައިންނެވެ. މި ވަގުތު އަޅުގަނޑުމެންގެ އަތުގައި ހުރި ތަކެއްޗަކީ، ރަނގަޅު ފިލްމެއްގެ ވާހަކަ އާއި "ސްކްރީންޕްލޭ" ތައްޔާރު ކުރުމަށް ބޭނުން ކުރެވޭ ވަރުގެ ފުރިހަމަ މަސައްކަތްތަކެއް ކަމަކަށް ނުފެނެއެވެ. އަޅުގަނޑުމެންގެ އަތުގައި މިހާރު އޮތީ ބުރާރަ މުޙައްމަދުފުޅު ކިޔައިއުޅޭ ފުލޯކު ވާހަކައަކާއި، އެ ވާހަކައަކީ މަޞްދަރެއް ކަމަށް ބައްލަވައިގެން ފަޟީލަތުއް ޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވި ބޮޑު ތަކުރުފާނުގެ ސިޔަރަތެވެ. މިއިން އެއްވެސް ފޮތަކީ، ޣާޒީ ރަދުންގެ ޙަޔާތްޕުޅުގެ މައްޗަށް ރަނގަޅު އަދި ފުރިހަމަ ފިލްމެއް ތައްޔާރު ކުރުމަށް ބޭނުން ވާހައި ތަފްޞީލު މަޢުލޫމާތު ހުރި ފޮތެއް ނޫނެވެ. ބުރާރު މުޙައްމަދުފުޅުގެ ވާހަކައިގެ މަދު ނޫން މިންވަރަކީ އަސާސެއް ނެތް ވާހަކަތަކެވެ. ހަމަ އެއާއެކު، އެ ދުވަސްވަރުގެ ދިވެހިރާއްޖޭގެ ދިރިއުޅުމާއި، ރަށްރަށުގެ ވެށި އޮންނަ ގޮތާއި، ކެއިންބުއިމާއި، ހެދުން އެޅުމާއި، ދަތުރުފަތުރާއި، ވާހަކަ ދެއްކުމުގެ ވައްޓަފާޅި އާއި ބަހުރުވަ އާއި ބަސްކޮށާރު ފަދަ އެތައް ކަމެއްގެ މައްޗަށް އިތުރު އެތައް ދިރާސާއެއް ކޮށްގެން މެނުވީ، އެ ދުވަސްވަރުގެ ދިރިއުޅުން ޙަޤީޤަތާ އެއްގޮތަށް ދައްކައިދޭ ފިލްމެއް ނުހެދޭނެއެވެ. މި ކަންކަން ކުރެވޭނީ ތާރީޚީ އަދި ޢިލްމީ ބޮޑެތި ދިރާސާތަކެއް ކޮށްގެންނެވެ. އެކަން ކުރާނޭ ދިވެހި މުއައްރިޚުންނަކީ ކޮބައިތޯއެވެ؟ ފާއިތު ވި އެއްވެސް ސަރުކާރަކުން، ޢިލްމީ މަންހަޖާ އެއްގޮތަށް ދިވެހި ތާރީޚު ދިރާސާ ކޮށްގެން އެ ތާރީޚު ލިޔާނޭ މުއައްރިޚުން އުފައްދައި، އެފަދަ މުއައްރިޚުންގެ މަސައްކަތްތައް އެ ތަނެއްގައި ހިނގާނޭ ތާރީޚީ ޢިލްމުގެ މަރުކަޒުތަކެއް އަޅުގަނޑުމެންގެ ޤައުމުގައި ޤާއިމު ކޮށްފައެއް ނެތެވެ. ދެން، ޢާއްމުކޮށް އަޅުގަނޑުމެން ކަން ކުރާ އުޞޫލުން، މިނިސްޓްރީގެ ޑިވިޜަންތަކުގެ ވެރީންނާއި، ތާރީޚުގެ މައްޗަށް އެކި ފޮތްފޮތުން މަޢުލޫމާތު އެއް ކުރައްވައިގެން މަޒުމޫނު ލިޔުއްވާ ބެއިފުޅުންގެ ދެތިން ބެއިފުޅަކު ހިމެނޭ ކޮމިޓީއެއް ހަދައިލައިގެން، އެ ކޮމިޓީން ހަފުތާއަކު ތިން ހަތަރު ރޭ އޮފީހުގެ "މީޓިންގ ރޫމުގައި" ކޮފީ ބިސްކޯދު ބައްދަލުވުންތަކެއް ބާއްވައިގެން މަސައްކަތް ނިންމައިލާން ވީތޯއެވެ؟

ޣާޒީ ރަދުންގެ ޙަޔާތްޕުޅުގެ މައްޗަށް އަޅުގަނޑުމެން ފިލްމެއް ހަދަންޏާ، އެ ފިލްމު ވާން ޖެހޭނީ އެމަނިކުފާނާއި އެމަނިކުފާނުގެ ބައިވެރީން އުފުއްލެވި ބުރަތަކާއި، ކުރެއްވި މަތިވެރި ޖިހާދު ހުރިހައި މާނައެއްގައި ވެސް އިސްކިރީނަށް ގެނެސްދޭ ފިލްމަކަށެވެ. އެކަމަށް ޓަކައި ފުރިހަމަ ސްކްރީންޕްލޭއެއް ބޭނުން ވާނެއެވެ. އެ ސްކްރީންޕްލޭގެ މައްޗަށް، ރަނގަޅު ފެންވަރެއްގައި ފިލްމު ޑައިރެކްޓް ކޮށް، އެޑިޓް ކޮށް، ފިލްމަށް ފަސްމަންޒަރީ މިޔުޒިކު ހަދާނޭ ފަންނާނުން ބޭނުން ވާނެއެވެ. ފިލްމު ވާން ޖެހޭނީ ތުއްޕުޅު އިރުއްސުރެ ޣާޒީ ރަދުންގެ ޝަޚްޞިއްޔަތާއި، މިޒާޖާއި، އުޅުއްވުމުގެ ގޮތްކޮޅުތައް ހުރީ ކިހިނެއްކަން އިސްކިރީނަށް ގެނެސްދޭ ފިލްމަކަށެވެ. އެމަނިކުފާނުގެ މިޒާޖުފުޅާއި ވިސްނުންފުޅާއި އަޚްލާޤުގެ ތަރަހައިން، އެމަނިކުފާނުގެ ދީނީ އަދި ޤައުމީ ޖިހާދުގެ މަސައްކަތްޕުޅު އުފަން ވެގެން ދިޔަ ގޮތް ރަނގަޅަށް ދައްކުވައިދޭ ފިލްމަކަށެވެ. މި ކަންކަން ފުރިހަމަ ވާ ގޮތަށް ފިލްމެއް ހެދުމުގެ މަސައްކަތް ކުރެވޭނީ ޣާޒީ ރަދުންގެ ޝަޚްޞިއްޔަތާއި، އެމަނިކުފާނުގެ ޙަޔާތްޕުޅުގެ އެކިއެކި ޙާދިޘާތަކާއި އެ ޙާދިޘާތަކުގެ ސިޔާސީ އަދި އިޖުތިމާޢީ ސިޔާގާއި ފަސްމަންޒަރާ ބެހޭ މަޢުލޫމާތު ފިސާރި ރަނގަޅަށް އެނގުމުގެ އިތުރުން، އިންސާނީ ނަފްސިއްޔާތުގެ ޢިލްމުތަކުގެ ތެރެޔަށް ވެސް ފުން ގޮތެއްގައި ވިސްނުން ހިންގާން އެނގޭ ބަޔަކަށެވެ. އެމަނިކުފާނުގެ މަތިވެރި ޖިހާދުގެ ތާރީޚީ، ފިކުރީ، އަދި ނަފްސިއްޔާތީ "ޑައިމެންޝަންތަކުގެ" މައްޗަށް ހަރުދަނާ ގޮތެއްގައި ވިސްނުން ހިންގާން އެނގޭ ބަޔަކަށެވެ. "ޒުލޭޚާ" އާއި "ނިޢުމާ" ކަހަލަ އެއްވެސް ފަންނީ އަދި ފިކުރީ އޮށްޓަރެއް ނެތް، ތާކުންތާކު ނުޖެހޭ، ފިލްމުތަކަށް ވާހަކަ އާއި ސްކްރީންޕްލޭ ލިޔުމަކުން، އަދި ބޮޑު ތަކުރުފާނުގެ ޙަޔާތްޕުޅުގެ މައްޗަށް ފިލްމު ހަދާކަށް ބަޔަކު ޤާބިލު ވީއެއް ނޫނެވެ. ދިވެހިރާއްޖޭގައި، ޣާޒީ ރަދުންގެ ޙަޔާތްޕުޅުގެ މައްޗަށް ފިލްމެއް އުފެއްދުމަށް ބޭނުން ވާނޭ ފަންނީ މީހުން ނެތް ކަމާ މެދު އެއްވެސް ބަޙުޘެއް ކުރާކަށް ޖާގަ އޮތް ކަމަކަށް އަޅުގަނޑު ނުދެކެމެވެ.

ދެން އޮތީ، މި ފިލްމު އުފެއްދުމުގެ މަސައްކަތުގެ ބުރަ ވާހަކައެވެ. ބައެއް ކަންކަން ފާހަގަ ކުރަމާ ހިންގަވާށެވެ!

އެނގިވަޑައިގަންނަވާނޭ ފަދައިން، ޣާޒީ ރަދުންގެ ޖިހާދުގެ ބޮޑު ބައެއް ހިނގައިދިޔައީ ކަނޑުމަތީގައެވެ. ރެއިގަނޑާއި ދުވާލުގެ ވަގުތުތަކުގައި، ބައެއް ފަހަރުފަހަރު ކެކިއަރާ ގަދަ ކަނޑުތަކުގައި، ކަޅުއޮށްފުންމީގައި ކުރެއްވި ބިރުވެރި ދަތުރުތަކުގެ ސިލްސިލާއެއްގެ ގޮތުގައެވެ. މީގެ އިތުރުން، އުތީމު ތިން ބެއިން މާލެއަށް ގެންނާން އަނދިރިއަނދިރީން އަންގައިގެން ކުރި ދަތުރުގައި، ކަޅުއޮށްފުންމީގައި ވަރުގަދަ "ހަނގުރާމައެއް" ވެސް ހިނގައިފައި ވެއެވެ. ކަނޑުމަތީގެ މި ޙާދިޘާތައް އިސްކިރީނަށް ގެނައުމަކީ ފަސޭހަ ކަމެއް ނޫނޭ ދެންނެވުމަކުން، އެ މަސައްކަތުގެ ބުރަކަމާއި، އެކަމަށް ބޭނުން ވާނޭ ފަންނީ އަދި އެހެނިހެން ވަސީލަތްތަކާއި މަސައްކަތުގެ ބޮޑުކަން ތަޞައްވުރު ވެސް ކޮށެއްނުލެވޭނެއެވެ.

އެހެން މިސާލުތަކެއް ދަންނަވަންޏާ، ޣާޒީ ރަދުންގެ މަސައްކަތްޕުޅަކީ އެއް ރަށެއްގައި ނުވަތަ އެއް ތަނެއްގައި ހިނގައިދިޔަ ކަމެއް ނޫނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އިތުރުން، މަލިކާއި، އިންޑިއާގައި ވެސް އެ ރަދުންގެ ޙަޔާތްޕުޅުގެ އެކިއެކި ދައުރުތައް ވަނީ ހޭދަ ކުރައްވައިފައެވެ. އެ ރަދުންގެ ޙަޔާތްޕުޅުގެ މުހިއްމު އެތައް ޙާދިޘާތަކެއް ހިނގީ މި ތަންތަނުގެ އެކިއެކި ރަށްރަށާއި ޝަހަރުތަކުގައެވެ. އެހެންކަމުން މި ހުރިހައި ތަންތަނެއްގައި ވެސް ސޯޅަވަނަ ޤަރުނުގެ ތެރޭގައި ޙާލަތު އޮތް ގޮތް ފިލްމުގައި ދައްކައިދޭން ވާނެއެވެ. މިސާލެއްގެ ގޮތުން، ކީރިތި މަހާރަދުންގެ ޅަޒުވާން ޢުމުރުފުޅުގައި ބޭދާޅީގައި އުޅުއްވި ދުވަސްވަރު ފިލްމުގައި ދައްކާ އިރު، ބޭދާޅީ އާއި އެތަނުގެ ދިރިއުޅުމާއި ކަންކަން އޮތް ގޮތް ދައްކައިދޭން ޖެހޭނެއެވެ. ގޯވާގައި ސޯޅަވަނަ ޤަރުނުގައި އޮތް ފުރެތިކާލުންގެ ވެރިކަމުގެ ދަރުބާރު ދައްކައިދޭން ވާނެއެވެ. އެ ދުވަސްވަރުގެ ގޯވާ ފިލްމުގައި ދައްކައިދޭން ވާނެއެވެ. ގޯއާގެ ބަނދަރާއި، އެ ބަނދަރުގައި ފުރެތިކާލުންގެ ނައުޒޯނގުފަހަރު ހުންނަ މަންޒަރާއި، ބަނދަރުގެ ކަންކަން ހިނގާގޮތް ދައްކައިދޭން ޖެހޭނެއެވެ. ފުރެތިކާލުން ރާއްޖެއަށް ދަތުރު ކުރި ގުރާބު ދައްކައިދޭން ވާނެއެވެ. އެ ގުރާބުގެ ދަތުރާއި ގުރާބުގެ ފަޅުވެރީންނާއި އޭގެ ދަތުރުގެ ކަންކަން އިންތިޒާމު ކުރެވިފައި އޮންނަ ގޮތް ދައްކައިދޭން ވާނެއެވެ. ފުރެތިކާލުން ޢަލީ ރަސްގެފާނާ ދެކޮޅަށް ކުރި ހަނގުރާމަ ދައްކައިދޭން ވާނެއެވެ. އެ ދުވަސްވަރުގެ މާލެ އޮތް ގޮތް ރީތިކޮށް އަދި ފުރިހަމަޔަށް ދައްކައިދޭން ވާނެއެވެ. މި ކަހަލަ އެތައް އެތައް ކަމެއްގެ ވާހަކަ ދެއްކިދާނެއެވެ. މި ކަންކަމަށް ވިސްނައިލުމުން، މިއީ ކިހައި ވަރެއްގެ ބުރަ އަދި ބޮޑު މަސައްކަތެއްކަން ކޮންމެވެސް ވަރަކަށް ތަޞައްވުރު ކޮށްލެވެއެވެ. އަޅުގަނޑު ދެކޭ ގޮތުގައި، މިއީ "ހޮލީވުޑާ ނުބައްދަލު ނޫން" ވަރުގެ މަސައްކަތަކަށް މެނުވީ ނުވާނެއެވެ. މި ވަރުގެ މަސައްކަތެއް ދިވެހި ފިލްމީ ދާއިރާއަށް ކުރެވިދާނޭ ބާވައެވެ! އަޅުގަނޑަކަށް ހިއެއް ނުވެއެވެ. މިހައިތަނަށް މި ވަރުގެ މަސައްކަތަކާ އަޅައިބަލައިލެވޭ ވަރުގެ މަސައްކަތެއް ވެސް ދިވެހި ފިލްމީ ދާއިރާގައި ކުރެވިފައެއް ނުވެއެވެ.

ފިލްމުގައި އެކިއެކި ރޯލުތައް ކުޅޭނޭ މުމައްސިލުންނާއި މުމައްސިލާއިންގެ މައްސަލަ އަކީ ވެސް ކުޑަ މައްސަލައެއް ނޫނެވެ. މި ނުކުތާގައި ވާހަކަ ދައްކަންޏާ، އަޅުގަނޑު ހަތަރު ކަމެއް ފާހަގަ ކޮށްލާނަމެވެ.

ފުރަތަމަ ކަމަކީ ފިލްމަށް ބޭނުން ވާނޭ މުމައްސިލުންނާއި މުމައްސިލާއިންގެ ޢަދަދެވެ. ޣާޒީ ރަދުންގެ ޙަޔާތްޕުޅުގެ ވާހަކަ އެއްވެސް ވަރަކަށް ދަންނަ މީހަކަށް އެނގޭނޭ ފަދައިން، އެ ވާހަކަ އަކީ އެތައް ޝަޚްޞިއްޔަތުތަކަކާއި، އެތައް ބަޔަކު ޝާމިލު ވާ ޙާދިޘާތަކެއް ހިނގައިދިޔަ ވާހަކައެކެވެ. އެ ޙާދިޘާތައް ދައްކައިދޭ ފިލްމަކަށް ބޭނުން ވާނީ ވިއްސަކަށް ތިރީހަކަށް މުމައްސިލުންނެއް ނޫނެވެ. ސާޅީހަކަށް ފަންސާހަކަށް މުމައްސިލުންނެއް ވެސް ނޫނެވެ. އެ ޢަދަދު ގުނޭނީ ސަތޭކައިންނެވެ. މި ޢަދަދަށް މުމައްސިލުންނާއި މުމައްސިލާއިން އަޅުގަނޑުމެންގެ ތެރޭގައި އެބަތިބިތޯއެވެ؟

ދެވަނަ ކަމަކީ، އަޅުގަނޑުމެންގެ މުމައްސިލުން މުމައްސިލާއިންގެ ފެންވަރެވެ. ދިވެހިރާއްޖޭގައި ޙަޤީޤި މާނައިގައި "އެކްޓިންގ" ދަންނަ، އެ ދާއިރާއިން ޢިލްމާއި ތަމްރީނު ލިބިގެން ތިބި މީހުންނެއް ނެތެވެ. ހަމައެކަނި ޣާޒީ ރަދުންނާއި އެ ރަދުންގެ ބޭބޭފުޅު ޢަލީ ތަކުރުފާނާއި، ކޮއްކޯފުޅު ޙަސަން ތަކުރުފާނާއި، ސިއްތި މާވާ ރަނި ކިލެގެފާނުގެ ޝަޚްޞިއްޔަތުތަކަށް ބެލިޔަސް، މިއިން ކޮންމެ ބެއިފުޅެއްގެ ޢުމުރުފުޅުގެ އެތައް ދައުރެއް ފިލްމުގައި ދައްކައިދޭން ޖެހޭނެއެވެ. އެ ރޯލުތައް ކުޅޭނޭ އެކި ޢުމުރުގެ ކުޅަދާނަ މުމައްސިލުންނާއި މުމައްސިލާއިން އަޅުގަނޑުމެންގެ ތެރޭގައި އެބަތިބިތޯއެވެ؟ އަޅުގަނޑު ވެސް އެއްބަހެވެ. މަދަރުސާއެއްގެ "ޓެލެންޓް ޝޯވ" ގެ އިސްޓޭޖުގެ ފެންވަރުގައި އެކަން ކުރެވިދާނެއެވެ. އެކަމަކު ފިލްމު ހަދާން މި އުޅެނީ އެ ފެންވަރުގައިތޯއެވެ؟ އެ ފެންވަރުގައި ދައުލަތުގެ ބަޖެޓުން ޚަރަދު ކޮށްގެން ފިލްމެއް ހެދުމަކީ ހަމަ ޟަރޫރަތެއްތޯއެވެ؟

ތިންވަނަ ކަމަކީ، ޣާޒީ ރަދުންގެ ޙަޔާތްޕުޅުގެ މައްޗަށް ކުޅެވޭ ފިލްމެއްގައި، ޣާޒީ ރަދުންނާއި، ޢަލީ ތަކުރުފާނާއި، ޙަސަން ތަކުރުފާނާއި، ދަންޑެހެލާއި، ދެ ޙާޖީންނާއި، ކަނބާ ޢާއިޝާ ރަނި ކިލެގެފާނާއި، ސިއްތި މާވާ ރަނި ކިލެގެފާނު ފަދަ، ދިވެހި ޤައުމުގެ އެންމެ މަތިވެރި އަދި އެންމެ ލޮބުވެތި ބަޠަލުންނާއި ބަޠަލާއިންގެ ޝަޚްޞިއްޔަތުތައް އިސްކިރީނުގައި ތަމްސީލު ކުރުމަށް ކުފޫ ހަމަ ވާ ވަރުގެ އަޚްލާޤު ރަނގަޅު އަދި ނަޒާހަތްތެރި މުމައްސިލުންނާއި މުމައްސިލާއިން އަޅުގަނޑުމެންގެ ތެރޭގައި އެބަތިބިތޯ، މި ސުވާލެވެ. އެއްވެސް މީހަކަށް ދެރަ ބަހެއް ރައްދު ކުރުމުގެ ނިޔަތެއް އަޅުގަނޑުގެ ކިބަޔަކު ނެތެވެ. ނަމަވެސް ކަމަކާ ބެހޭގޮތުން ވާހަކަ ދައްކަންޏާ، ވާހަކަ ދެއްކޭނީ ޙަޤީޤަތުގެ މައްޗަށެވެ. ޤައުމަށް ޓަކައި ވާހަކަ ދައްކާ އިރު، ބައެއް ފަހަރު އުނދަގޫ ބަސްބަސް ވެސް ބުނާން ޖެހެއެވެ. އެހެންވެ، ރުޅި އަންނާނޭ ބައެއްގެ ރުޅިއަކަށް އަދި އެއްޗެތި ގޮވާނޭ ބައެއްގެ އެއްޗެތި ގޮވުމަކަށް ނުބަލައި ދަންނަވާނަމެވެ. ޣާޒީ ރަދުންގެ ގޮތުގައި ޢަލީ ސީޒަން، ޙަސަން ތަކުރުފާނުގެ ގޮތުގައި ޖުމައްޔިލް ނިމާލު، ކަނބާ ޢާއިޝާ ރަނި ކިލެގެފާނުގެ ގޮތުގައި މަރިޔަމް ނިޝާ ނުވަތަ ނިޢުމާ، ސިއްތި މާވާ ރަނި ކިލެގެފާނުގެ ގޮތުގައި ޢައްޒާ ނުވަތަ ރިޝްފާ އިސްކިރީނަށް ގެނައުން، ދިވެހި މުވާޠިނެއްގެ ޙައިޘިއްޔަތުން އަޅުގަނޑު ބަލާނީ ބަޔަކު އަޅުގަނޑުގެ ޤައުމީވަންތަކަމާއި ޤައުމީ ލޯތްބަށް ކުރާ ބޮޑު ފުރައްސާރައެއްގެ ގޮތުގައެވެ. މަޢާފު ނުކުރެވޭ ވަރުގެ އަޚްލާޤީ ކުށެއްގެ ގޮތުގައެވެ.

ހަތަރުވަނަ ކަމަކީ، ފިލްމުގައި ބައިވެރި ކުރާން ޖެހޭ ބޭރުގެ ފަންނާނުންގެ މައްސަލައެވެ. ޣާޒީ ރަދުންގެ ޙަޔާތްޕުޅުގެ ޙާދިޘާތަކުގައި ބޭރުގެ އެތައް ބަޔަކު ޝާމިލު ވެފައި ވެއެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ ފުރެތިކާލު ދަރިކޮޅުގެ މީހުންނެވެ. ފުރެތިކާލުން ދިވެހިރާއްޖޭގައި ތިބި އިރު، ތިލަދުންމައްޗާ ޙަވާލު ވެގެން އިސް ވެރިޔަކުގެ ގޮތުގައި ހުރި ވިޔަޒޯރާއި، ނުވަވަނަ ޙަސަން ރަސްގެފާނު ކައިވަނި ބައްލަވައިގަންނަވައިގެން އުޅުއްވި ފުރެތިކާލުންގެ އަމީރާ ފަދަ ޝަޚްޞިއްޔަތުތަކެވެ. މި ޝަޚްޞިއްޔަތުތައް ފިލްމުގައި ތަމްސީލު ކޮށްދޭން ޖެހޭނީ ޔޫރަޕުގެ ފަންނާނުންނެވެ. އެމީހުން ބައިވެރި ވާ މަންޒަރުތައް އިންޑިއާގެ ގޯވާގެ ސެޓިންގތަކާއި، ދިވެހިރާއްޖޭގެ ސެޓިންގތަކުގައި ނަގާން ޖެހޭނެއެވެ. ބޭދާޅީގައި މުޙައްމަދު ތަކުރުފާނު ކިޔަވައިވިދާޅުވާން އުޅުއްވި ދުވަސްވަރުގެ މަންޒަރުތަކުގައި ފެންނާން ޖެހޭނީ އިންޑިއާގެ ވަކި ދަރިކޮޅެއްގެ މީހުން، ނުވަތަ ސޫރީ ގޮތުން އެމީހުން ތިބޭ ގޮތަށް ތިބޭ ބައެކެވެ. ދިވެހިރާއްޖެއިން ފަންނާނުން ނުލިބުނަސް، ޔޫރަޕުންނާއި އިންޑިއާއިން ފަންނާނުން ހޯދިދާނެއެވެ. ނަމަވެސް އެއީ ކުޑަ އަގެއްގައި ކުރެވޭނޭ ކަމެއް ނޫނެވެ. ހަމަ އެހެންމެ، ބޭރުގެ ފަންނާނުން ގޮވައިގެން އައިސް ފިލްމެއް ހެދުމުގައި ދިމާ ވާ އެތައް ޗެލެންޖުތަކެއް ހުންނާނެއެވެ. ބަހުގެ މައްސަލަ އާއި، ބޭރުގެ ތަމްރީނު ލިބިގެން ތިބި ފަންނާނުން ޑައިރެކްޓް ކުރުމަށް ޤާބިލު ދިވެހި ޑައިރެކްޓަރުން ނެތުން ފަދަ އެތައް ޗެލެންޖުތަކެކެވެ.

މި ހުރިހައި ކަމެއް މިހެން ހުރި އިރު، އަދި މީގެ އިތުރުން ވެސް އެތައް މަސައްކަތްތަކެއް އަދި އެތައް ޗެލެންޖުތަކެއް މި މަސައްކަތުގައި ދިމާ ވާނޭކަން އެނގޭ އިރު، ޣާޒީ ރަދުންގެ ޙަޔާތްޕުޅުގެ މައްޗަށް ފިލްމެއް ތައްޔާރު ކުރުމަށް ޓަކައި ވާން ޖެހޭ ތައްޔާރީތައް ވެ، ތާރީޚީ މަޢުލޫމާތުތައް އެއް ކޮށް އެ މަޢުލޫމާތުތަކުގެ ޞައްޙަކަން ކަނޑައަޅައި، ވާހަކަ އާއި ސްކްރީންޕްލޭ އާއި ޑައިލޮގުތައް ލިޔެ، "ސްޓޯރީބޯރޑިންގ" ގެ މަސައްކަތްތައް ނިންމައި، ފަންނާނުން ހޯދައި، އެމީހުން ފިލްމަށް ތައްޔާރު ކޮށް، ފިލްމުގެ ސެޓިންގތައް ހަދައި، ކެމެރާ ކޮށް، މިޔުޒިކާއި ޑަބިންގގެ މަސައްކަތްތައް ނިންމައި، ފިލްމު އެޑިޓު ކޮށް، ތާރީޚީ ޢިލްމުވެރީންގެ މަޝްވަރާގެ މައްޗަށް ފިލްމުގެ ތާރީޚީ ޞައްޙަކަން ކަށަވަރު ކޮށް، ދެންވެސް ކުރާން ޖެހޭ އެންމެހައި ކަންކަން ކުރިޔަށް އޮތް އެއް އަހަރަށް ވުރެ ކުރު މުއްދަތުގެ ތެރޭގައި ނިންމައި، އަންނަ އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ފިލްމު ނެރޭ ވާހަކަ ދާޚިލީ ވުޒާރާއިން ވިދާޅުވީމާ، އަޅުގަނޑުގެ ހިތަށް އެރީ އެ ބެއިފުޅުންނަށް މި ކިޔުއްވެނީ ކީކޭކަން ދޭހަ ވެވަޑައިނުގަންނަވަނީއޭއެވެ. ނުވަތަ، އަޅުގަނޑަށް މި ކަންކަން ނޭނގެނީ ކަމަށް ވެސް ވެދާނެއެވެ. އެހެންވިއްޔާ، ދީލަތި މަޢާފަކަށް އެދިހުރީމެވެ. ކޮންމެއަކަސް، މިފަދަ ފިލްމެއް ހެދުމަށް ޓަކައި އެތައް މިލިއަން ރުފިޔާއެއް ދައުލަތުގެ ބަޖެޓުން ޚަރަދު ވެގެން ދާނޭކަން ކަށަވަރެވެ. އެއީ އިސްރާފަކަށް ވެގެން ނިމުމަކީ އަޅުގަނޑުމެންގެ ތެރެއިން އެކަކު ވެސް އެދޭނޭ ގޮތެއް ނޫނެވެ.

ދަރުމަވަންތަ ރަސްގެފާނާއި، ޣާޒީ ރަދުންނާއި، ދޮން ބަންޑާރައިންނާއި، ޝަހީދު ޙުސައިން އާދަމާއި، އަދިވެސް ދިވެހި ޤައުމުގެ މަތިވެރި އަދި ލޮބުވެތި ބަޠަލުންގެ ޙަޔާތްޕުޅުތަކުގެ މައްޗަށް ފިލްމުތަކާއި ތަމްސީލުތައް ތައްޔާރު ކުރާން ޖެހެއެވެ. ނަމަވެސް އެ ހިސާބަށް ދިޔުމަށް ޓަކައި މި ވަގުތު އަޅުގަނޑުމެން ކުރާން ވީ ކަމަކީ، އެކަންތައް ކުރެވޭ ވަރުގެ ފަންނީ ޤާބިލިއްޔަތު ދިވެހި ޤައުމުގައި ތަރައްޤީ ކުރުމެވެ. "މޯޝަން ޕިކްޗަރ އާރޓްސް" ގެ ދާއިރާގައި މަސައްކަތް ކުރާނޭ ހުނަރުވެރި، ތަމްރީނު ލިބި ތިބި، އަދި ރިވެތި އަޚްލާޤާއި ހަރުދަނާކަމުގެ ތަރަހައިގައި މަސައްކަތް ކުރާ ދިވެހި ފަންނާނުންތަކެއް އުފެއްދުމުގެ މަސައްކަތް ކުރުމެވެ. އެފަދަ މަސައްކަތްތަކެއް ކުރެވިއްޖެއްޔާ، މާދަމާ ދިވެހިރާއްޖޭގައި ވެސް، ތުރުކީ ވިލާތުގައި މިއަދު އުފައްދަމުން އެ ގެންދާ "ދިރިލިސް: އެރްތުޣްރުލް" އާއި "ޕާޔިތަހްތު ޢަބްދުލްޙަމީދް" އާއި "ކުރުލުސް ޢުޘްމާން" އާއި "ފާތިޙް 1453" ކަހަލަ ފިލްމުތަކާއި ތަމްސީލުތައް ތައްޔާރު ކުރުމުގެ މަސައްކަތް ކުރެވިދާނެއެވެ. މި ވަގުތު އަޅުގަނޑުމެންގެ ޙާލަތު ހުރި ގޮތުން، "ޒުލޭޚާ" އާއި "ނިޢުމާ" ކަހަލަ ތާކުންތާކު ނުޖެހޭ އެއްޗެތި އުފެއްދުމަށް ވުރެ މަތީ ދަރަޖައެއްގެ މަސައްކަތެއް ދިވެހި ފިލްމީ ދާއިރާއިން ކުރެވިދާނޭ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ހަމައެހެންމެ، ދިވެހި ތާރީޚު ހެޔޮ ގޮތުގައި ދިރާސާ ކޮށް ލިޔާނޭ މުއައްރިޚުންނާއި، އެމީހުންގެ މަސައްކަތް އެ ތަންތަނުގައި ކުރެވޭނޭ ހަރުދަނާ ޤައުމީ މުއައްސަސާތައް އުފައްދައި ތަރައްޤީ ކުރުމަކީ ވެސް މިއަދުގެ މަސައްކަތެވެ. ފިލްމު އުފެއްދުމަށް ޓަކައި ޚަރަދު ކުރާން ހުރި ފައިސާ، މި ދެންނެވި ކަންކަމަށް ޚަރަދު ކުރެއްވުން މާ ރަނގަޅު ވާނޭ ކަމަށް ޤަބޫލު ކުރެވެއެވެ. މިއަދު މި ގޮތަށް ހަރުދަނާ ބިންގަލެއް އަޅައިފިއްޔާ، މާދަމާ ޣާޒީ ރަދުންނާއި، ދޮން ބަންޑާރައިންނާއި، ދެންވެސް ޤައުމީ އެކިއެކި ބަޠަލުންގެ ޙަޔާތްޕުޅުގެ މައްޗަށް ފިލްމަކަށް ފަހު ފިލްމެއް ހަދާން ވީއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް