އިންތިހާބުގެ މޫސުމާ ދިމާކޮށް އަނދުން އެޅުވުމަށް ބިންގަލެއް ނާޅާނަން: ސައީދު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު --- ފޮޓޯ/ ޕީއެސްއެމް

މި ސަރުކާރުގައި އެއްވެސް ކުންފުންޏަކުން އިންތިހާބުގެ މޫސުމާ ދިމާކޮށް ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުގެ ބޭނުމަށް އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންދާނެކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ސައީދު ވިދާޅުވީ އެއްވެސް މަޝްރޫއެއްް ފެށުމަށްފަހުވެސް ސިޔާސީ މަންފާއެއް ހާސިލްކުރުމުގެ ގޮތުން އެ މަސައްކަތެއް ނުނިމެނީސް ރައީސް ލައްވާ މަސައްކަތުގެ ނިމުން ފާހަގަކުުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރާނެކަމަށެވެ.

"އަޅުގަނޑުމެންގެ މި ސަރުކާރަކުން އެކަމެއް ނުކުރާނެ، އަޅުގަނޑުމެންގެ މި ސަރުކާރަކުން ވަގުތީ ގޮތުން އަނދުން އަޅުވާލުމަށްޓަކައި ބިންގަލެއް ނާޅާނަން. އަޅުގަނޑުމެން އެ ތަންތަނުގެ ރިބަން ކަނޑާނީ އެ ތަންތަން ފުރިހަމައަށް އޮޕަރޭޓް ކުރެވެން ފެށުމުން،" ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މީގެ ކުރީ ސަރުކާރުތަކުން ސިޔާސީ މަންފާ ހާސިލްކުރުމަށްޓަކައި އެ ފަދައިން ކަންކަން ކޮށްފައިވާކަމަށެވެ. އަދި ފެނަކައަކީވެސް އެ ފަދަ ކަންކަން ހިންގުމުގެ ތާރީހެއް އޮތް ކުންފުންޏެއްކަމަށެވެ.

"އަތް ނުލެވޭ ބިންގާތަކެއް އެބަހުރި އަޅާފައި. އެޑްވާންސަށް ފައިސާ ދީފައިހުރި ތަންތަން ވެސް އެބަހުރި. އިރާދަ ކުރެއްވީތީ މިއަދު އެ ތަންތަން ހުންނާނީ އަތް ލެވޭ ތަންތަނަށް ހަދާފައި." ސައީދު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުގެ އެންމެ މުހިންމު އަމާޒަކީ ސަރުކާރު ކުންފުނިތަކުގެ ހިދުމަތް ރައްޔިތުންނަށް ވީހާ ވެސް ފެންވަރު ރަނގަޅުކޮށް ފޯރުކޮށްދިނުންކަމަށެވެ. އެގޮތުން ފެނަކައިން ދޭ ކަރަންޓުގެ ހިދުމަތަކީ ތެޔޮ އެތެރެކޮށްގެން ހިދުމަތް ދޭ ގައުމަކާ ބަލާއިރު ރާއްޖޭގައި ހިދުމަތް ދިނުމުގައި ދަށް އަގެއްކަަމަށެވެ.

ހަމައެއާއެކު ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިހާރު އިއާދަކުރަނިވި ހަކަތައިގެ މަޝްރޫތައް ހިންގަމުން އަންނަކަމަށް ވިދާޅުވިއެވެ. އަދި އަހަރެއްގެ މައްޗަށް 10 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭ ކަމަށް ސައީދު ވިދާޅުވިއެވެ.

އެއާއެކު އިތުރު ރަށްރަށުގައި ވެސް އިއާދަކުރަނިވި ހަކަތައިގެ ހިދުމަތް ތައާރަފްކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް