ސަސްޕެންޝަނަށްފަހު، މަހްލޫފް އޮފީހަށް ނުކުމެވަޑައިގަތުމުން ހޫނު މަރުހަބާއެއް!

ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފަށް މަރުހަބާ ދެންނެވުން --

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ސަސްޕެންޑުކޮށްފައި ހުރި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ ސަސްޕެންޝަން އުވާލުމާއެކު، މިއަދު އޮފީހަށް ނުކުމެވަޑައިގަތުމުން، ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ސަސްޕެންޑުކުރިތާ ހަތަރު މަސް ފަހުން މަހުލޫފްގެ ސަސްޕެންޝަން އުވާލާފައިވަނީ އޭނާގެ މައްޗަށް މިހާތަނަށް ދައުވާކޮށްފައި ނުވާތީއެވެ.

އޮފީހަށް މަހްލޫފް ވަދެވަޑައިގަންނަވާނެ ވަގުތަކަށް، މުވައްޒަފުން މަޑުކޮށްގެން ތިބީ، ގައުމީ ޓީމަށް ސަޕޯޓް ކުރުމުގެ ގޮތުން ރަތް ކުލައިގެ ޖާޒީ ލައިގެންނެވެ.

އޮފީސް ތެރެއަށް ވަދެވަޑައިގަތުމުން، އެތެރޭގައި މަޑުކޮށްގެން ތިބި މުވައްޒަފުން ހޫނު އަތްތިލަބަޑިއަކުން އޭނާއަށް މަރުހަބާ ކިއެވެ.

މަހްލޫފަށް މަރުހަބާ ދެންނެވުމުގެ ގޮތުން، އޮފީހުގެ މުވައްޒަފުން އިންތިޒާމު ކޮށްގެން ވަނީ ކޭކު ފެޅުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

އެމްއެމްޕީއާރުސީ ހިޔާނުތުގެ މައްސަލައާ ގުޅިގެން 2019 ވަނަ އަހަރުވެސް މަހުލޫފް ސަސްޕެންޑުކޮށްފައިވެއެވެ. ނަމަވެސް އޭސީސީންނާއި ފުލުހުންވެސް އޭނާގެ މައްސަލައެއް ނެތް ކަން ޔަގީން ކޮށްދިނުމުން އެ އަހަރުގެ އޭޕްރިލް މަހުގެ 16 ވަނަ ދުވަހު އޭނާގެ ސަސްޕެންޝަން އުވާލީއެވެ.

comment ކޮމެންޓް