އެމެރިކާއާއި ތާލިބާން ސަރުކާރުން އައު ސަފްހާއެއް ފަށަނީ

ތާލިބާނުންގެ އިސް ވަފްދެއް ގަތަރުގައި

ދައުޙާ (އޮކްޓޯބަރު 10) : އެމެރިކާގެ މަތީ ފެންވަރުގެ ވަފްދަކާ އަފްޣާނިސްތާނުގައި ވެރިކަންކުރާ ތާލިބާން ސަރުކާރުގެ އިސް ވަފްދެއް ގަތަރުގެ ވެރިރަށް ދައުހާގައި ބައްދަލުކޮށްފިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު ދެއްވި ބަޔާނެއްގައި ތާލިބާން ސަރުކާރުގެ ޚާރިޖީ ވަޒީރު އަމީރު ޚާން މުއްތަގީ ވިދާޅުވިގޮތުގައި ދެފަރާތުގެ ވާހަކަތައް ބިނާވެގެންދިޔައީ އެމެރިކާއާއި ތާލިބާން ސަރުކާރާ ދެމެދު އައު ސަފްހާއެއް ބިނާކުރުމާބެހޭގޮތުންނާއި މިދިޔަ އަހަރު އެމެރިކާއާއި ތާލިބާނުންނާ ދެމެދު ސޮއިކޮށްފައިވާ ސުލްހައިގެ އެއްބަސްވުމަށް ދެފަރާތުންވެސް އިހްތިރާމް ކުރުމުގެ މައްޗަށެވެ.

ހަމަނުޖެހުން އުފައްދަން ނޫޅުމަށް ތާލިބާނުން އެމެރިކާގެ ކިބައިން އެދޭ

މި ބައްދަލުކުރެއްވުމުގައި، އަފްޣާނިސްތާނުގައި ހަމަނުޖެހުން އުފައްދަން އެމެރިކާ ކުރާ މަސައްކަތް ހުއްޓާލުމަށާ އަދި އަފްޣާނިސްތާނުގެ މިނިވަންކަމާއި ސިޔާދަތަށް އިހްތިރާމް ކުރަންޖެހޭނެކަން އެމެރިކާގެ ވަފްދުގެ ބޭފުޅުންނަށް ވިސްނައި ދެވުނުކަމަށް މުއްތަގީ ވިދާޅުވިއެވެ. މުއްތަގީ ވިދާޅުވިގޮތުގައި މި ބައްދަލުކުރެއްވުމުގައި ތާލިބާން ސަރުކާރުން އެމެރިކާއަށް ހުށަހެޅި ކަންތައްތަކުގެ ތެރޭގައި އަފްޣާން ސަރުކާރުގެ ހުއްދައަކާނުލައި އެމެރިކާގެ ޑްރޯންތަކާއި ވައިގެ އުޅަނދުތައް އަފްޣާން ވައިގެ ސަރަހައްދަށް ވަންނަ މައްސަލައާއި އެމެރިކާގައިވާ އަފްޣާނިސްތާނުގެ އެސެޓްތައް ފްރީޒް ކޮށްފައިވާ މައްސަލަ ހިމެނެއެވެ.

އެމެރިކާވަނީ އަފްޣާނިސްތާނުގެ 7 ބިލިޔަން ޑޮލަރު އެގައުމަށްނުދީ ހިފަހައްޓާފައި

އެމެރިކާގައިވާ އަފްޣާނިސްތާނުގެ އެސެޓްތައް ފްރީޒް ކުރުމަށް އެމެރިކާ ސަރުކާރުން ނިންމި ނިންމުގެ ދަށުން އެމެރިކާވަނީ އަފްޣާން މަރުކަޒީ ބޭންކުގެ ފައިސާގެ ތެރެއިން 7 ބިލިޔަން ޑޮލަރު ހިފަހައްޓާފައެވެ. އަފްޣާން ރައްޔިތުންގެ ގިނަބަޔަކު ހާލުގައިޖެހި ހައިހޫނުކަން ތަހައްމަލްކުރާއިރު އެމީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ގަތުމަށްވެސް މިފައިސާ ދޫކުރުމަށް އެމެރިކާވަނީ ދެކޮޅު ހަދާފައެވެ. ގަތަރުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ތާލިބާން ސަރުކާރުގެ މަސްއޫލުވެރިންވަނީ މިފައިސާ އަފްޣާން ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ގަތުމަށް ދޫކޮށްދިނުމަށް އެމެރިކާގެ ކިބައިން އެދިފައެވެ.

އެމެރިކާއަކީ ސިޔާސީ މަގްސަދުތައް ހާސިލް ކުރުމަށްޓަކައި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާ ގައުމެއް

އެމެރިކާއަކީ ފެށުނީއްސުރެވެސް އެގައުމުގެ ސިޔާސީ މަގްސަދުތައް ހާސިލް ކުރުމަށްޓަކައި ކޮންމެފަދަ އަނިޔާވެރި އަމަލެއްވެސް ގައުމުތަކާ ދެކޮޅަށް ހިންގަން ޖެހިލުންނުވާ އަދި އިންސާނީ ހައްގުތަކަށް ފާޅުގައި އަރައިގަންނަމުން ގެންދާ ހަރުކަށި ގައުމެކެވެ. އަފްޣާނިސްތާނުގެ ފައިސާ އެގައުމުގެ ސަރުކާރަށް ނުދީ ހިފެހެއްޓުމަށްފަހު އެމެރިކާ ގެންދަނީ އަފްޣާން ރެފިއުޖީންނަށް އިންސާނީ އެހީ ދިނުމުގެ ނަމުގައި ކަންތައްތަކެއް ކުރަމުންނެވެ. މިގޮތަށް އެމެރިކާގެ އަމަލުތައް ހުރުމުން އެމެރިކާ އިންސާނީ އެހީ ދެނީ ކަންކަންދެއްކުމުގެ ސިޔާސީ ބޭނުމުގައި ކަމަށް އަފްޣާން މީޑީއާއިންވަނީ ސިފަކޮށްފައެވެ.

އެމެރިކާއާއި އަފްޣާން މަސްއޫލުވެރިން ގަތަރުގައި އިއްޔެ ބައްދަލުކުރެއްވި ނަމަވެސް ވަކި ޚާއްސަ ގައުމަކަށް އަފްޣާނިސްތާނުން އިސްކަން ނުދޭނެކަމަށް ތާލިބާން މަސްއޫލުވެރިންވަނީ ވިދާޅުވެފައެވެ. އެމެރިކާގެ ވަފްދާ ބައްދަލުކުރެއްވި ތާލިބާން ސަރުކާރުގެ އިސްވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސުހައިލް ޝާހީން ވިދާޅުވިގޮތުގައި އެމެރިކާއަށްވެސް އަދި އެހެންގައުމަކަށްވެސް ތާލިބާން ސަރުކާރުގައި އިސްކަން ނުދޭނެއެވެ. އަފްޣާނިސްތާނުން ތަންފީޒުކުރާނީ އެގައުމަށް ހުރިހާ ގޮތަކުންވެސް އެންމެ މަސްލަހަތުހުރި ސިޔާސަތުތައް ކަމުގައެވެ.

އަފްޣާން ސަރުކާރުގައި އަންހެނުންވެސް ބައިވެރިކުރާނެ

އަފްޣާން ބައިމަދު ނަސްލުތައްވެސް ހިމެނޭގޮތަށް އަފްޣާން އާބާދީގައި ހިމެނޭ ހުރިހާ ދަރިކޮޅު ތަކެއްގެ މީހުންވެސް ތާލިބާން ސަރުކާރުގައި ކޮންމެވެސް ސިފައެއްގައި ހިމެނޭނެކަމަށާ ކައިރި މުސްތަގްބަލެއްގައި އަފްޣާން ސަރުކާރުގައި އަންހެނުންވެސް ބައިވެރި ކުރާނެކަމަށް ޝާހީން ވިދާޅުވިއެވެ. އަދި އަފްޣާން ހުރިހާ ތައުލީމީ މުއައްސަސާތަކެއްގައި ތައުލީމު ހާސިލް ކުރުމުގެ ފުރުސަތުވެސް އަންހެނުންނަށް ދޭނެކަމަށް އޭނާ ވިދާޅުވިއެވެ. ޝާހީންއަކީ ތާލިބާން ސަރުކާރުން އދ. އަށް ކަނޑައަޅާފައިވާ ސަފީރެވެ.

އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް ބުނާގޮތުން ތާލިބާނުންގެ ސަރުކާރުގައި ހިމެނެނީ އެ ޖަމާއަތަށް ނިސްބަތްވާ ފަރާތްތައް އެކަންޏެވެ. އަދި އަފްޣާން އާބާދީގައި ހިމެނޭ ހުރިހާ ދަރިކޮޅު ތަކެއްގެ މީހުން ތާލިބާން ސަރުކާރުގައި ހިމަނާފައެއް ނުވެއެވެ.

ވެރިކަން ކުރުމުގައި ތާލިބާނުންނަށް ބޮޑެތި ގޮންޖެހުންތަކެއް

ތާލިބާނުން ވަރަށް ފަސޭހަކަމާއެކު އަފްޣާނިސްތާނުގެ ވެރިކަމަށް އައީ އެޖަމާއަތް ބަލިކުރުމުގައި އެމެރިކާ ނުކުޅެދުމާއި އެމެރިކާ އަފްޣާނިސްތާނުގައި އުފައްދާފައިވާ ގޮނޑިކޮއްކޮ ސަރުކާރާއި އެމެރިކާ އަފްޣާނިސްތާނުގައި ބިނާކޮށްފައިވާ ސިފައިންގެ ލަޝްކަރުތައް ތާލިބާނުންގެ ކުރިމަތީގައި ކުއްލި ގޮތަކަށް ރޫޅިގެން ދިޔުމާ ގުޅިގެންނެވެ. ނަމަވެސް ހަނގުރާމައަށް މޮޅުނަމަވެސް އަފްޣާނިސްތާނުގައި ސަރުކާރު ހިންގައި ރައްޔިތުންނަށް ޚިދުމަތްތައްދީ އެގައުމުގައި ހެޔޮ ވެރިކަން ކުރުމުގައި ތާލިބާނުންނަށްވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.

comment ކޮމެންޓް