އައްޑޫގައި 12 ގޭންގު ހަރަކާތްތެރިވޭ: ސީޕީ

--- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އައްޑޫ ސިޓީގައި ޖުމްލަ 12 ގޭންގެއް ހަރަކާތްތެރިވަމުން އަންނަ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

އައްޑޫގެ މީޑިއާތަކަށް މައުލޫމާތު ދެމުން ސީޕީ ހަމީދު ވަނީ އައްޑޫގައި ކުށްކުރާ މީހުންގެ އަދަދު ގިނަ ކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކުށްތަކަށް އަރައިގަންނަ 12 ވަރަކަށް ގުރޫޕު އުޅޭ ކަމަށް ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ މި ގުރޫޕުތައް މެދުގައި މާރާމާރީތައް ހިނގާ މައްސަލައަކީ މިހާރު އައްޑޫގައި ބޮޑު މައްސަލައެއް ކަމަށެވެ.

ކުށްތަކަށް އަރައިގަންނަ ގުރޫޕުތަކުގެ އިތުރުން ސީޕީ އިތުރަށް ފާހަގަކުރެއްވީ އައްޑޫގެ މަސްތުވާތަކެތީގެ މައްސަލައާއި ގޭގެ އަށް ވަދެ އަދި ކުދި ކުށްތައް ކުރާ މީހުންގެ މައްސަލައެވެ.

ސީޕީ ވިދާޅުވީ އައްޑޫއިން މަސްތުވާތަކެތި ބޭނުންކުރާ ގާތްގަނޑަކަށް 1540 މީހުން އުޅޭ ކަން އެނގިފައިވާ ކަމަށެވެ.

މިފަދަ މައްސަލަތައް ހައްލުކޮށް ކުށްތަކަށް އަރައިގަންނަ މީހުންގެ އަދަދު މަދު ކުރެވޭނީ ގާނޫނުން އެ މީހުންނަށް ދޭން ޖެހޭ އަދަބު ދެވިގެން ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

އައްޑޫގައި މިފަހުން ވެސް ވަނީ ސިލްސިލާ މާރާމާރީތަކެއް ހިނގާފައެވެ.

އައްޑޫ ސިޓީ ކައުންސިލުން މީގެ ކުރިން ބުނި ގޮތުގައި އައްޑޫގައި އަމަން އަމާންކަން ގާއިމްކުރުމަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފުލުހުންގެ ހިދުމަތް ދިނުމުގައި ހުރި ދަތިތަކެވެ. އެގޮތުން ފުލުހުންގެ އަދަދު މަދުވުމާއި ވަސީލަތްތަަކުގެ ގޮތުން ވެސް ދަތިތަކެއް ހުރިކަން ކައުންސިލުން ފާހަގަކުރިއެވެ.

comment ކޮމެންޓް