ދެ އަހަރު ކުރިން ހުޅުރޯވެ، ފަޅަށްހުރި ރަދުވާނިއާގެ ޕާޓޭންގެ އައްޑާއަަކަށް!

މީގެ ދެ އަހަރުކުރިން އަލިފާނުގެ ހާދިސާ ހިނގައި ފަޅަށްހުރި ހ. ރަދުވާނިއާގެ: އެގެއަކީ މިހާރު ޕާޓޭންގެ އައްޑާއެއް --- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

މީގެ ދެ އަހަރު ކުރީގެ ހަނދާނެކެވެ. ނަމަވެސް އަދިވެސް ގިނަ ބައެއްގެ ހިތްތަކަށް ބިރުވެރިކަމާ ސިހުން ގެނުވައިދޭ ހާދިސާއެކެވެ.

ސެޕްޓެމްބަރު 20، 2019 ވަނަ ދުވަހުގެ ރޭ މުޅި މާލެ ހޭލައްވައިލީ ހެންވޭރު އަބަދަށްފެހިމަގުގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާއިންނެވެ. އެ ދުވަހަކީ ގިނަ ދިވެހީންތަކަަކަށް މާޔޫސްކަން ގެނުވި ދުވަހެކެވެ. އަބަދަށް ފެހިމަގުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއަކީ އަދިއަދަށް ވެސް ފޫ ނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކަކާ އެ ސަރަހައްދުގެ ގިނަ ބަޔަކު ކުރިމަތިލާން ޖެހުނު ކަޅު ދުވަހެކެވެ.

އެ ހިތާމަވެރި ހާދިސާގައި އެތައް ސަތޭކަ ބަޔަކު ހާލުގައި ޖެހުނުއިރު އެކަކު ވަނީ މިދުނިޔެ ދޫކުރިއެވެ. ގިނަ ގެތަކަކަށް ގެއްލުންތައް ލިބުނު ނަމަވެސް އެންމެ ބޮޑު ގެއްލުމެއް ލިބުނު ގެއަކީ ހ. ރަދުވާނިއާއެވެ. އެެ ހާދިސާގައި މަރުވި ތ. ބުރުނީ، ފެންފިޔާޒުގޭ އާއިޝަތު ޝައުނާ ވެސް ދިރިއުޅުނީ އެ ގޭގައެވެ.

މި ގެއަކީ އިސްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ރަޝީދު އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ރަޝީދާގެ ގެއެވެ. ހ. ރަދުވާނިއާ ފަޅަށް ހުންނަތާ އަހަރެއްވީ އިރު ވެސް މާލީ ގޮތުން ލިބުނު ގެއްލުންތައް މިއަދާ ހަމަައަށް ވެސް ވަނީ އިޔާދަ ނުކުރެވިފައެވެ.

"9.7 މިލިއަން ރުފިޔާގެ ބިލްޑިންއެއް އެއީ. އެހުރީ ބޭނުން ނުކުރެވޭ ވަރުވެފައެއްނު،" މާލީ ގޮތުން ލިބުނު ގެއްލުންތައް "ސަން"އަށް ކިޔައިދެމުން އައިޝަތު ރަޝީދާ ވިދާޅުވިއެވެ.

ހ.ރަދުވާނިއާގެއަށް 2019ވަނަ އަހަރު ލިބުނު ގެއްލުން -- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

ގޭގެ ވެރި ފަރާތުގެ އިހުމާލުން އަނދައިގެން ދިޔަ ތަނަކަށް ނުވުމުން ސަރުކާރުން އެ ޒިންމާ ނަގަން އެއްބަސްވިއެވެ. ގެ އަލުން މަރާމާތު ކުރެވޭނެ ގޮތެއް ހަދައިދޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ސަރުކާރުގެ ފަރާތުން އެކަން ރަނގަޅަށް ކުރިއަށް ދިޔަނަމަވެސް މަސައްކަތް ހަވާލުކުރެވުނު ފަރާތުން އެކަން ލަސްކުރަމުން ދާ ދިއުމަކީ ގޭގެ ވެރި ފަރާތުގެ ހައިސިއްޔަތުން ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ. އައިޝަތު ރަޝީދާ އިތުރަށް ވިދާޅުވީ އެތަން ތަޅާލުމަށްޓަކައި ސަރުކާރާއި ޕްލޭނިން މިނިސްޓްރީ އަދި ގޭގޭ ވެރި ފަރާތުން ވާނީ އެއްބަސްވެފައިކަމަށެވެ.

ހ.ރަދުވާނިއާގޭގެ ދެވަނަ ބުރީގައި މަސްތުވާތަކެތި ބޭނުން ކޮށްފައި -- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

"އަޅުގަނޑުމެން އުއްމީދެއް ނުކުރަން މިފަދަ ބޮޑު ނުރައްކާތެރި ކަމެއް ދިމާވެގެން މިހާ ގިނަ ދުވަސް ނަގާނެކަމަކަށް. ކުރީގަ ކޮވިޑޭ ކިޔާފަ ތަޅާ ނުލާ ތިބީ. މިހާރު ކޮވިޑު ދިޔާމަވެސް ތަޅާލަން އުޅޭ ތަނެއް ނުއެއް ފެނޭ،"

ހ. ރަދުވާނިއާ ފަޅަށް ހުންނަތާ ދެއަހަރު ދުވަސް ވީއެވެ. މިކަން މިގޮތަށް އޮއްވާ މިދިޔަ ހުކުރު ދުވަހު އިވިގެން ދިޔަ ހަބަރަކީ އަނެއްކާވެސް އެތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގި ހަބަރެވެ. ހަތް ބުރިއަށް ހުންނަ އެ ގޭގެ ހަތަރުވަނަ ބުރީގައި ހުރި ކުނިތަކެއްގައި ރޯވީއެވެ. ކުރީގެ ހާދިސާއާ އެއްވަރުގެ ހާދިސާއަކަށް ވުމުގެ ކުރިން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބި ސިފައިން ވަނީ އަލިފާންގަނޑު ނިއްވާލާފައެވެ. އަލިފާންގަނޑު ރޯވާން ދިމާވި ވަކި ސަބަބެއް އަދި އެނގިފައި ނުވާ ކަމަށް ސިފައިން މައުލޫމާތު ދެއެވެ.

އެ ގެއަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ގޭގެ ވެރިން ދިރިއުޅެމުން އަންނަނީ އެހެން ހިޔާވައްސެއްގައެވެ. ނަމަވެސް އެތާނގެ ވެރިންގެ ހުއްދައަކާ ނުލާ އެހެން ބަޔަކު އެތަނުގެ ހިޔާވަހިކަން އަންނަނީ ހޯދަމުންނެވެ. އެމީހުންގެ އަމިއްލަ ތަނަކަށް އެތަން ވަނީ ހަދާ ނިންމާފައެވެ.

"މިކަހަލަ ބޮޑު އިމާރާތެއް އެހެން ހުންނަންޏާ މީހުން ވެދެހަދާނެތާ. އެހެންވެ ހުންނާނީ ދަގަނޑު ޓިނު ޖަހާފަ މޮހޮރު ޖަހާފަ. އެކަމު އަބަދު ހަސަތޭކަ ފަސްސަތޭކަ ރުފިޔާ ދީފަ އެތަނަށް ޓިނު ވައްދާކަށް ކޮންމެ ފަހަރަކު ނުދެވޭނެއެއްނު،" ތަނުގެ ވެރިފަރާތުގެ ކަންބޮޑުވުންތައް ބަންޑުން ކޮށްލިއެވެ.

"މަސްތުވާތަކެތި ބޭނުން ކުރާ މީހުން ބޮޑު އައްޑާއަކައް އެތަން ހަދައިފި،" ނުރުހުންތެރިކަމާއެކު އައިޝަތު ރަޝީދާ ވިދާޅުވިއެވެ.

ހ.ރަދުވާނިއާގޭގެ ދެވަނަ ބުރީގައި މަސްތުވާތަކެތި ބޭނުން ކޮށްފައި -- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

މިކަމުގެ ހަގީގަތް ބެލުމަށް "ސަން"ގެ ނޫސްވެރިން އެތަނަށް ވަދެ ބެލި ބެލުމުން އެނގުނީ ގިނަ ބުރިތައް ޒުވާނުން މަސްތުވުމަށް ބޭނުންކުރަމުން އަންނަ ތަނަކަށްވެ ނިމިއްޖެ ކަމެވެ. އެތަނުގެ ތެރޭގައި ނިދާނެ ގޮތް ވެސް ވަނީ ހަމަޖައްސާފައެވެ. "ސަން"ގެ ޓީމުން ބެލި ބެލުމުން ފެނުނީ މަސްތުވާ ތަކެތި ބޭނުން ކޮށްފައި ހުރި ކަމުގެ ނިޝާންތަކެވެ. އެމީހުންގެ އަމިއްލަ ގެއަކަށް އެތަން ހަދާފައިވާ މަންޒަރެވެ.

އައިޝަތު ރަޝީދާ ވިދާޅުވި ގޮތުގައި އާމްދަނީ ހޯދުމުގެ މަގަކީ ގޭގެ ފަންގިފިލާތައް ކުއްޔައް ދީގެންނެވެ. ނަމަވެސް ހިނގާދިޔަ ހާދިސާއާ ގުޅިގެން އާމްދަނީ ހޯދުމުގެ ދޮރު ބަންދުވީއެވެ. ނަމަވެސް މިކަން ވެގެން ދިޔައީ މަސްތުވަމުން އަންނަ ޒުވާނުންނަށް ހުޅުވުނު ރަނުގެ ދޮރަކަށެވެ.

comment ކޮމެންޓް