ތިޔަ ލޯބި އެދިގެން... - 12

ތިޔަ ލޯބި އެދިގެންގެ ޕޯސްޓަރު --

"ބައްޕަ ބޭނުންވަންޏާ މިއަދުވެސް ރަން... ރަންކިޔަން އަޅުގަނޑު ތައްޔާރު..." އެ މަސައްކަތުގައި އުޅެމުން މިންހާ ބުނެލިއެވެ. އެއަށްފަހު މިންހާ ޝިޒާންއަށް ބަލައިލިއެވެ. އޭރު ޝިޒާންވެސް އިނީ މިންހާއަށް ބަލަހައްޓައިގެންކަމުން، ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. މިންހާގެ ދެލޮލުން ފެނުނު ޝަކުވާގެ އަސަރުތަކުން ޝިޒާންގެ މެއަށް ވެސް ފިނިވެލިއެވެ.

އޭނާއަށް މިންހާއާ ނަޒަރު ވަކިކޮށްލަން ވެސް ނޭނގިފައި އިނދެވުނެވެ. ހިސާބެއްގެ އުނދަގޫކަމެއް އޭނާގެ މުޅި ހަށިގަނޑުގައިވެސް ފެތުރިގަތެވެ.

"ދަރިފުޅާ! ބައްޕަ ވަރަށް އުފާވެއްޖެ. ތި ނިންމުން ދަރިފުޅު ތި ނިންމީތީ..."

"މި ނިންމުން އަޅުގަނޑު މި ނިންމީ ވަރަށް ބޮޑަށް ވިސްނާފަ ބައްޕާ. ބައްޕަ ހާސްނުވޭ... އަޅުގަނޑު ޝިޒާންއާ ކައިވެނިކުރަން ތައްޔާރު..." މިންހާ އެހެން ބުނެލިއިރުވެސް، އޭނާގެ މޫނުމަތިން ފެނިގެންދިޔައީ ހިތްހަލާކު ވާފަދަ އަސަރުތަކެކެވެ.

"މިއަދު ރަންކިޔުމުގެ ކަންތައްތައް ނިންމައިފިއްޔާ ހަފްތާއެއްހާ ދުވަސްފަހުން ކައިވެނި ކުރާނީ..." ހަނީފްެ އޭނާގެ ހިތުގައިވާ ވާހަކަ އިއްވައިލިއެވެ.

"ޝިޒާން އެބައޮތްތަ އެއްވެސް މައްސަލައެއް؟" ހަނީފް ސުވާލުކޮށްލިއެވެ. ބޯޖަހައިލުން ފިޔަވާ އިތުރުކަމެއް ޝިޒާންއަކަށް ނުކެރެވުނެވެ. އޭނާއަށް އަދިވެސް ވިސްނެނީ މިންހާއާ ދޭތެރޭގައެވެ. މިންހާގެ މޫނުމަތން ފެނުނު ކުލަވަރުތައް އޭނާއަށް އުނދަގޫވަނީއެވެ.

ހަނީފް ކައިރީގައި މިންހާއާ ޝިޒާންއާ ދެމީހުން ތިބިއިރު، އެ ދެމެދުގައި ނަޒަރު ބައްދަލުކުރެވެމުންދިޔައެވެ. ޝިޒާން ހަނީފް ކައިރިން ވަޢުދުވީ މިންހާއަށް ދުވަހަކުވެސް ދެރައެއް ލިބުނަ ނުދޭނަކަމަށެވެ. ޝިޒާންގެ ވާހަކަތަކުން ހަނީފްއަށް އިތުރު ހިތްހަމަޖެހުމެއް ލިބުނެވެ. އޭނާ ޝުކުރުވެރި ބެލުމަކުން ޝިޒާންއަށް ބަލައިލިއެވެ. ޝިޒާން ބޯޖަހައިލަމުން، ހިނިތުންވެލުމަށްފަހު، ހަނީފްގެ އަތުގައި ހިފައްޓައިލިއެެވެ. އެއާއެކު ހަނީފް އޭނާގެ އަނެއް އަތުން ޝިޒާންގެ އަތުގައި ހިފައްޓައިލިއެވެ. އޭނާ ޝިޒާންއަށް ޝުކުރު އަދާކުރިއެވެ.

މިންހާ ގެއަށް އައީ މެންދުރު ނަމާދުކޮށްލާ ކައްކާ ހަދައިލަން ވެގެންނެވެ. ނަމާދުކޮށް ނިމުނުތަނާ ޔޫލިން އައިސް ދޮރުގައި ޓަކި ޖަހައިލިއެވެ. މިންހާ ދޮރު ހުޅުވައިލިއެވެ. ޔޫލިންގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ މިންހާގެ ދެލޮލެވެ.

"ރޭގަ ނުނިދަނީތަ؟" އެކުވެރިޔާގެ ޙާލު ވަޒަންކުރެވުނު ޔޫލިން ސުވާލުކޮށްލިއެވެ.

"އަހަންނަށް ނިދޭނެތަ ލީން. އަހަރެން މިއައީ ހާދަ ބޮޑު ނިންމުމެއް ނިންމާފައޭ... އަހަރެންގެ ބޯވެސް ހީވަނީ ފަޅައިގެން ގޮސްދާނެހެން." މިންހާ ބުނެލިއެވެ.

"ކިހިނެއްވީ؟ އަހަންނަށް ކިޔައިދީބަލަ!" އެނދުގައި އިށީންނަމުން ޔޫލިން މިންހާގެ ދެލޮލަށް ބަލައިލިއެވެ.

"އަހަރެން ޝިޒާންއާ ކައިވެނި ކުރަން ނިންމައިިފިން. މިއަދު ރަންކިޔަން." މިންހާ ބުނެލިއެވެ. އޭނާ އިސްޖަހައިލިއެވެ. ދެލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވިއެވެ. މިންހާގެ އަޑު ކުރެހުމާއެކު، ޔޫލިން މިންހާގެ އަތުގައި ހިފައިލިއެވެ.

"މިންނު. ނުރޮއްޗޭ ދެން..." ޔޫލިން ކަންބޮޑުވިއެވެ. މިންހާ އާހިލް ދެެކެ އިންތިހާ ލޯބިވިއެއްކަމަކު، ހަނީފްގެ އެދުމަކާ މިންހާ ދެކޮޅު ނުހަދާނެކަން އޭނާއަށްވެސް އެނގެއެވެ.

"ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫންކަން ވިސްނައްޗޭ މިންނު. ކައިވެންޏަށްފަހު މިންނުވެސް ފިރިމީހާއަށްޓަކައި އަދާކޮށްދޭން ޖެހޭ ޙައްޤުތަކެއް ހުންނާނެ!" ޔޫލިން ދައްތައަކު ކޮއްކޮއަކަށް ނަސޭހަތްދޭގޮތަށް މިންހާއަށް ނަސޭހަތްދިނެވެ. ބޯ ޖަހައިލުން ފިޔަވާ އިތުރުކަމެއް މިންހާ ނުކުރެއެވެ. ޔޫލިންގެ ވާހަކަތައް އަޑު އަހަން އޭނާ އިނެވެ.

އައިހަމްއާ އޭނާއާ ގުޅުނު ވާހަކަ ޔޫލިން ހުރީ ކިތަންމެ ހާވެސް މިންހާ ކައިރީގައި ބުނަން ބޭނުންވެފައެވެ. އެހެންނަމަވެސް، މިންހާ އެފަދަ ހިތާމައެއްގައިވނިކޮށް އެފަދަ ވާހަކައެއް ބުނާކަށް ޔޫލިން ބޭނުމެއް ނުވިއެވެ. އޭނާ ބޭނުންވީ މިންހާ ކުޑަކޮށް ހަމައަކަށް އެޅިލުމުން އެވާހަކަ ބުނާށެވެ. އެހެންކަމުން ޔޫލިން އެވާހަކަ ފަސްކޮށްލީއެވެ.

*****

އެދުވަހު ރަންކިޔުނެވެ. ކައިވެނި ކުރަން ނިންމީ ހަފްތާއެއްހާ ދުވަސް ފަހުންނެވެ.

މިންހާ ކައިރީގައި އުޅެފައި ޔޫލިން އައިސް ގެއަށް ވަތްއިރު ރައިހާން އޮތީ ބަދިގޭ ފަރާތު ޖޯލީގައެވެ. އޭނާ އޮތީ ވިސްނުމަަކަށް ގެއްލިފައެވެ.

"އެކަންތައް ނިމުނީތަ؟" ޔޫލިން ފެނުމާއެކު ރައިހާން ސުވާލުކޮށްލިއެވެ.

"އާނ. ރަންކިޔުމުގެ ކަންތައް ނިމިއްޖެ. ކައިވެނި ކުރުން އޮތީ ހަފްތާއެއްހާ ދުވަސް ފަހުން..." ޔޫލިން ބުނެލިއެވެ.

"މިންނު އޯކޭތަ؟" ރައިހާން ސުވާލުކޮށްލިއެވެ. އޭނާ ވަނީ ޔޫލިން ގާތު އޭނާއާ މިންހާއާ ދެއްކި ވާހަކަތައް އަޑު އިވުނުކަމަށް ބުނެފައެވެ.

"އޯކޭ އޯކޭ އެއް ނޫން... ދެން އެކަމަކު..." ޔޫލިން ވަކި ހިސާބަކަށް ބުނެފައި ހުއްޓައިލިއެވެ.

"ހަނީފް ބޭވެސް ކީއްވެތަ މިންނުއަށް މަޖުބޫރު އެކުރަނީ؟" ރައިހާންއަށް ސުވާލުކޮށްލެވުނެވެ.

"ހަނީފްބޭ ވެސް އެ ފަދަ ވިސްނުމެއް ނިންމާނީ ވަރަށް ބޮޑަށް ވިސްނާފަ ދޯ... މިންނުއަށް ދެރަގޮތެއް ވާކަށް ހަނީފްބޭ ވެސް ނޭދޭނެ. އެންމެ ރަނގަޅު ގޮތް އަބަދުވެސް ދަރިންނަށް ވާން އެދޭނީ މައިންބަފައިންނޭ ދޮންބޭ.." ޔޫލިން ބުނެލިއެވެ.

"އެކަމަކު އެއީ ކޮންތާކުން އައި ކާކުކަމެއް؟ އޭނާ ކުރާކަމެއް؟ ވަޒީފާއެއް އެއްވެސް އެއްޗެއް ނޭނގި ހަނީފްބޭ ހަމަ އެކަންތައް މިންނު ލައްވާ ކުރުވަންތަ އެ އުޅެނީ؟" ރައިހާން ހިސާބަކަށް ހިތްހަމަަ ނުޖެހޭގޮތްވިއެވެ.

"ކިހިނެއް އެނގެނީ އޭނަ ކުރާކަމެއް ހަނީފްބޭއަށް ނޭނގޭކަމެއް. ހަމަ ހުރެހުރެފަ އެވަރުގެ ބޮޑުކަމެއް ނުނިންމާނެ ދޯ މިންނުއަށް ގެއްލުން ވާގޮތަކަށް..." ޔޫލިން ބުނެލިއެވެ.

ޔޫލިންއާ ރައިހާންއާ ދެމީހުން އެތައް އިރަކު އެފަދަ ވާހަކަތަކެއްގައި ތިއްބެވެ.

*****

ރޭގަނޑުގެ ވަގުތެވެ. ސާދަ ވިލޭރޭ ފަލަކުގައި ރަސްކަން ކުރަމުންދިޔަ ހަނދު އޭގެ ޝާއްބަކަމާއެކު ދުނިޔެއަށް އަލިކަން ފަތުރަމުންދިޔައިރު، ހަނދުގެ ދަރުބާރުގައި ތިބެ ވިދަމުންދިޔަ ތަރތަކުގެ ސަބަބުން އުޑުމަތި ވަނީ ފަޅުފިލާފައެވެ. އުޑުމަތީ ސާފެވެ. ހަނދުވަރުން މުޅިތަން ވަނީ ދިއްލާލާފައެވެ. ފަޒާގައި ތެތްފިނިކަން ކޮންމެވެސް ވަރަކަށް ރަސްކަން ކުރަމުން ދިޔައެވެ. ޖެހެމުންދިޔައީ ލުއިލުއި ވައިރޯޅިތަކެވެ. އެ ވައިރޯޅިތަކުގެ ބީހުލުން އިޙްސާސްވާ ކޮންމެ ފަހަރަކުވެސް، ހިތަށް ހިންހަމަޖެހުން ގެނެސްދޭނެކަން ޔަޤީނެވެ. އުދާސްވެފައިވާ ހިތްތަކުގައި އޯގާތެރިިކަމާއެކު ފިރުމައިލަދޭނެކަން ޔަޤީނެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމަކުން މިންހާއަށް ހިތްހަމަޖެހުމެއް ނުލިބުނެވެ. އޭނާއަށް ލިބިގެންދަނީ އިތުރު ނުތަނަވަސްކަމެކެވެ. އިތުރު ތަކުލީފުތަކެކެވެ.

ގޭ ބަނބުކެޔޮ ގަސް ދޮށުގައި އޮށޯވެލައިގެން ވިސްނުމަކަށް ގެއްލިފައި އޮތް މިންހާގެ ފޯނު ރިންގްވުމާއެކު އޭނާ ފޯނަށް ބަލައިލިއެވެ. އެ ފޯނުގެ ސްކްރީންވެސް އޭނާއަށް ފެނުނީ ކަރުނައިގެ ސަބަބުން ފުސްވެފައިވާ ދެލޮލުންނެވެ. އާހިލްގެ ނަން ފެނުމާއެކު އޭނާއަށް ތުންފަތުގައި ދަތް އަޅައިލެވުނެވެ. މީހާގެ އެތެރެހަށީގައި އުފެދިފައިވާ ތޫފާން ވަރުގަދަވެގެން ދިޔައެވެ. ކޮންމެ ގޮތެއްވިޔަސް އޭނާ އެވަނީ ޝިޒާންއާ އިންނަން އެއްބަސް ވެފައެވެ. މިހާރު ރަންވެސް ކީއެވެ. އާހިލްއާ ދުރުވާން ބޭނުންނޫނަސް ތަޤުދީރު އޭނާއާ މިކުރަނީ ކޮންކަހަލަ ސަމާސާއެއް ހެއްޔެވެ؟ މިންހާ އޭނާގެ ކަރުނަތައް އަތުގެ ނުފުށުން ފުހެލިއެވެ. އަބަދު އާހިލްއަށް ވެސް ފިލައިގެން ނޫޅެވޭނެކަން އޭނާއަށް އެނގެއެވެ. ޝިޒާންއާ ކައިވެނި ކުރިނަމަވެސް، ކޮންމެވެސް ދުވަހަކުން އެކަން އޭނާ އާހިލްއަށް އަންގައިދޭން ޖެހޭނެކަން މިންހާއަށް އެނގެއެވެ. ހިތްވަރުކޮށްފައި އޭނާ ފޯނު ނަގާ ކަންފަތުގައި ޖައްސައިލިއެވެ.

"ހަލޯ މިންނޫ... ކީއްވެތަ ފޯނު ނުނަގަނީ؟ އަހަރެނ ހާދަ ހާސްވެެއްޖެޔޭ.. އެވަރަަށް ގުޅީމަވެސް ފޯނު ނުނެގީ އަނެއްކާ އަހަރެން ދެކެ ރުޅި އައީތަ؟" އާހިލްގެ އަޑުން އޭނާ މިންހާއާ މެދު ކަންބޮޑުވެފައިވާ މިންވަރު ހާމަވެއެވެ. ތުންފަތުގައި ދަތް އަޅައިލި މިންހާ އޭނާއަށް ރޮވިދާނެތީ އެކަން ކޮންޓްރޯލް ކުރަން މަސައްކަތް ކުރިއެވެ. އޭރު ކަރުނަތައް ކޯތާފަތްމަތިން ތިރިއަށް ރޮނގުދެމިގެން ގޮސްވިއެވެ. އޭނާ އެހެން މީހަކާ އިންނަން އުޅޭކަން އާހިލްއަށް ހާމަކުރާނީ ކިހިނެއްހެއްޔެވެ؟ ޔަޤީނުންވެސް އެ ޚަބަރުން އާހިލްގެ ހިތްވެސް ކުދި ކުދި ވާނެއެވެ.

"މިންނޫ!..." މިންހާ ވާހަކަ ނުދައްކާ ގިނައިރުވާން ފެށުމުން އަނެއްކާވެސް އާހިލް އެކޮޅުން ގޮވައިލިއެވެ.

"ހޫމް..." މިންހާ ބުނެލިއެވެ.

"ކީއްވެ އަހަންނާ ވާހަކަ ނުދައްކަނީ؟ މިންނު ތިހެން ހެދީމަ އަހަރެން ވަރަށް ދެރަވެޔޭ... ކަމަކާ ހިތްހަމަ ނުޖެހުނީތަ؟ އަހަންނަށް ކަމެއް ކުރެވުނީތަ؟ މިންނު. ބުނެބަލަ!" އާހިލް ބުނެލިއެވެ. އޭނާ ހުރީ ކަންބޮޑުވެފައެވެ.

"ނޫން." އަނެއްކާސް މިންހާ ދިނީ ކުރު ޖަވާބެކެވެ. އެކަމުން އާހިލްގެ ނުތަނަވަސްކަން އިތުރުވެގެން ދިޔައެވެ.

"މިންނު ތިހެން ވާހަކަ ދައްކަންޏާ ދެން އަހަރެން ފޯނު ބާއްވާނީ..." އާހިލް ބުނެލިއެވެ. މިންހާގެ ކެތްތެރިކަން ކޮޅުންލީ އެ ހިސާބުންނެވެ. އޭނާއަށް ރޮވެން ފެށުނެވެ. އިސާހިތަކު އެ އަޑު މަޑު ގިސްލުމަކަށް ބަދަލުވެގެން ދިޔައެވެ. އިތުރަށް ކެތްކުރާނެހާ ހިތްވަރެއް މިންހާއަކަށް ނުލިބުނެވެ. އޭނާއަށް އަނގަމަތީގައި އަތްވެސް އަޅައިލެވުނީ އެ އަޑު ބާރުވަމުންދިޔައީތީއެވެ.

"މިންނު. ކިހިނެއްވީ؟ ކަމެއްވީތަ؟" އާހިލް ހާސްވިއެވެ. އޭނާ ފޯނުން ކެނޑިނޭޅި މިންހާއަށް ގޮވަމުންވީގޮތް އޮޅުން ފިލުވަން މަސައްކަތް ކުރަމުންދިޔައައެވެ.

"އާހިލް... އަހަރެން..." ރޮވޭވަރުން މިންހާއަށް ވާހަކަ ދައްކަން އުނދަގޫވެގެން ދިޔައެވެ. އޭނާގެ އަޑުވެސް ރަނގަޅަށް ނުނިކުމެއެވެ.

"މިންނު. ހުއްޓާލާފަ އަހަރެން ކައިރީ ވީގޮތެއް ކިޔައިދީބަލަ!" އާހިލް އިތުރަށް ހާސްވާގޮތްވިއެވެ. މިންހާ ވާހަކަ ނުދައްކާ ހުއްޓާނުލާ ރޮމުންދިޔުމުގެ ސަބަބުން، އޭނާގެ އަޑުން ވެސް ކަންބޮޑުވުމާ ހާސްކަމުގެ އަސަރުތައް ފާޅުވަމުންދިޔައެވެ. އާހިލްގެ އެތަކެއް ވާހަކަތަކަށް ފަހުވެސް، މިންހާއަށް ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވައިދެވޭގޮތެއް ނުވިއެވެ. އެންމެ ފަހުން އޭނާއަށް އާހިލްއާ ވާހަކަ ދައްކަން ނުކުޅަދާނެވެގެން ފޯނު ކަނޑައިލިއެވެ. ޖޯލީގައި އިށީނދެ އިނދެފައި އޭނާ ބޯ ގެންގޮސް ކަކުލުގައި ޖައްސައިލިއެވެ. އޭރުވެސް އޭނާއަށް ގިސްލެވެމުން ދިޔައެވެ. އާހިލް ކެނޑިނޭޅި ގުޅަމުންދިޔައެވެ. މިންހާގެ ފޯނު ނިވުނީވެސް އާހިލް ގުޅަމުން ދަނިކޮށެވެ. އޭނާ ދެއަތް ވަށާލައިގެން އޮވެ ރޮމުންދިޔައެވެ. މޭގައިވެސް ތޫނު ރިހުމެއް އުފައްދައިފިއެވެ. ރުއިން ކޮންޓްރޯލް ކުރަން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް، ހީވަނީ އެއީ އޭނާގެ އިޚްތިޔާރުގައި އެކަން ކުރުމުގެ ހިތްވަރުނެތްހެންނެވެ. އެތައް އިރަކު މިންހާ އެގޮތަށް ރޯން އޮތެވެ.

"މިންނު." މިންހާއަށް ސިހުން ގެނުވީ އޭނާއާ ދާދިގާތުން މީހަކު ގޮވައިލި އަޑު އިވިފައެވެ. އިސްއުފުލައިލިއިރު އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުރީ ރައިހާންއެވެ.

"ކިހިނެއްވީ؟ ކީއްވެ ތިރޮނީ؟" ރައިހާން ސުވާލުކޮށްލިއެވެ. ރޭގަނޑުގެ ވަގުތަށް ވިޔަސް މިންހާގެ ރަތްވެ ދުޅަވެ ފައިވާ ދެލޮލާއި، އެ މޫނުމަތީގައިވީ ހިތްހަލާކުވާފަދަ އަސަރުތައް ރައިހާންގެ ލޮލުގައި އަޅައިގަތެވެ. ގިނައިރު ރުއިމުގެ ސަބަބުން މިންހާގެ އެ ދޮން މޫނުމަތިވަނީ ރަތްވެފައެވެ. އެކަމުގެ ސަބަބުން އޭނާގެ ރީތިކަން އިތުރުކޮށްދީފައިވާހެން ހީވެއެވެ. ނޭފަތްމަތި ވެސް ވަނީ އެކީ ރަތްވެފައެވެ. ވީ ގޮތް އެނގުނުނަމަވެސް، އޭނާއަށް އެ ސުވާލުކޮށްލެވުނީ ހާސްވެފައި ހުރިވަރުންނެވެ.

"ކަމެއްނުވޭ!..." ކަރުނަތައް ފުހެމުން މީހާ ހަމަޖެހެން މަސައްކަތް ކުރަމުން މިންހާ އޭނާގެ ނޭފަތް އެތެރެއަށް ދަމައިލިއެވެ.

"މިންނުއަށް އަހަންނާ ޝެއާރ ކުރެވޭނެ އިނގޭ ކޮންމެކަމެއްވެސް. ހިތުގައިވާ އުދާސްތައް ބޭރުކޮށްލީމަވެސް ހިތަށް ކޮންމެވެސް ވަރަކަށް ލުއިވާނެ." ރައިހާން ބުނެލިއެވެ.

"އަހަރެން އޯކޭއޭ..." މިންހާ ބުނެލިއެވެ.

"އޯކޭ ނަމަ ތިހާ ވަރަކަށް ނުރޯނެއެއްނު."

"އަހަރެން ބޭނުންވަނީ އެކަނިވެލަން..." މިންހާ އަނެއްކާވެސް ރައިހާންއަށް ޖަވާބުދިނެވެ.

"އެކަމަކު މިންނު..."

"ޕްލީޒް ރައިހާން... ޖަސްޓް ލީވް މީ އެލޯން..." މިންހާ އެހެން ބުނެލުމަށްފަހު، ޖޯލިން ތެދުވިއެވެ. އެއަށްފަހު، އޭނާ ގެއާ ދިމާލަށް ހިނގައިގަތެވެ. ބާރުބާރަށް ގޮސް އޭނާ ގޭތެރެއަށް ވަނެވެ. އޭރު ޝިޒާން އޭނާގެ ކޮޓަރިން ނުކުމެ ފެންޑާގައި މިންހާ ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު، އޭނާ މިސްރާބުޖެހީ ގެއިން ނުކުންނަން ދިޔުމަށެވެ.

މިންހާ ކޮޓަރިއަށް ވަދެފައި އޭނާގެ ފޯނު ޗާޖަށް ޖަހައިލިއެެވެ. އަދި ފޯނު ހުޅުވައިލިއެވެ. އޭނާ ފޯނު ހުޅުވައިލުން ލަސްވިފަދައެވެ. އާހިލް ގުޅައިލިއެވެ.

"މިންނު ފޯނު ކަނޑައިނުލާ އަހަންނަށްވީގޮތް ކިޔައިދީ... މީހަކު އެއްޗެއް ކީތަ؟ ބައްޕަ މާ ބޮޑަށް ބަލިވީތަ؟" އާހިލްގެ ސުވާލުތައް އެއްފައްޗަކަށް އަމުނައިލިއެވެ.

"ބައްޕަ އަނެއްކާވެސް ސަކަރާތްވީ..." މިންހާ ބުނެލިއެވެ. ކަރުނަތައް ކޮންެމެވެސް ވަރަކަށް ދެލޮލުގެ ތެރެއަށް ޖަމާވެފައި ހުރިނަމަވެސް، އޭނާ ރުއިން ކޮންޓްރޯލް ކުރިއެވެ.

"އަހަރެން ކިރިޔާއޭ ބިރުން ހަލާކުނުވީ.. ކީކޭ ޑޮކްޓަރު ބުނީ؟" އާހިލް ސުވާލުކޮށްލިއެެވެ.

"އިތުރަށް ރަނގަޅު ނުވަންޏާ މާލެދާން ބުނީ... މިކޮޅަށް ކުރެވޭނެ ހަމައެކަނި ކަމަކީ އޮބްޒާވް ކުރުމޯ..." މިންހާ ބުނެލިއެވެ. ޝިޒާންގެ ވާހަކަ އާހިލް ގާތު ބުނާނެހާ ހިތްވަރެއް މިންހާއަކަށް، މިފަހަރުވެސް ނުލިބުނެވެ.

"އަހަރެން އާހިލްދެކެ ވަރަށް ވަރަށް ލޯބިވޭ... އަހަރެން ދުވަހަކުވެސް ނޭދެން އާހިލްއާ ވަކިވާކަށް. އާހިލް އަހަރެން ކައިރިއަށް... ކައިރިއަށް އަންނާނީ ކޮން އިރަކުންތަ؟" ފަހު ޖުމްލަ ބުނެލިއިރު މިންހާގެ އަޑު ކުރެހުނެވެ.

"ހޭ. ކީއްވެ އަނެއްކާ ރޯން ފެށީ. އަހަރެން މި ހުރީ މިންނު ކައިރީގައޭ ހަމަ..." އާހިލް ބުނެލިއެވެ.

"ގައިމު ކައިރީގަ ހުރިނަމަ އަހަރެންގެ ކުރިމަތީ ދޯ ހުންނާނީ... ބޭރުގަތަ ތިއުޅެނީ؟" މިންހާ އަހައިލީ ސައިކަލެއް ދިޔަ އަޑާއެކު ބަޔަކު މީހުން ވާހަކަ ދައްކާ އަޑު ފޯނުން އޭނާއަށް އިވުނީމައެވެ.

"ހެހެ އާ. އޯކޭ މިންނު. އަހަރެން ކުޑަކަމަކު ބިޒީކޮށް އުޅެމުން މި ގުޅީވެސް. އަސްލު ހަމަ މިންނު ފޯނު ކަނޑައިލީމަ އެކަމާ ހާސްވެގެން. ރަނގަޅަށް މަސައްކަތްވެސް ނުކުރެވުނު ވިއްޔަ. އެހެންވެ ބޭރަށް މި ނުކުމެލީ... ދެންވެސް ތިހެން އަހަރެން ހާސް ނުކުރުވާތި... " އާހިލް ބުނެލިއެވެ. މިންހާ އެއްޗެއް ނުބުނެއެވެ.

"އަހަރެން ދެެކެ އެހާވެސް ލޯބިވޭތަ؟" އާހިލް އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"ލޯބިނުވާނަމަ މިހެން ދުރުގަ އާހިލްގެ އިންތިޒާރުގަ ނުހުންނާނެ ދޯ އަހަންނެއް." މިންހާ ބުނެލިއެވެ.

"އޯކޭ ބޭބީ. ލަވް ޔޫ. މި ގަޑީގަ ބާއްވައިލީ. އެކަމަކު ދެން ނުރޯތި އިނގޭ..." އާހިލް އެދުނެވެ. މިންހާ އާއެކޭ ބުނުމަށްފަހު، ފޯނު ބޭއްވިއެވެ. އޭނާ ފެންބޮވައިގެނެގެން ކޮޓަރިން ނުކުތީ ކޮޓަރީގައި ފެން ނެތުމުންނެވެ. ބަދިގެއަށް ގޮސް ފެން ބޮއިގެން އޭނާ ގޯތި ފަރާތަށް ނުކުންނަން ހުންނަ ދޮރު ކައިރީގައި މަޑުކޮށްލިއެވެ. އޭނާގެ ލޮލުގައި ޝިޒާން އަޅައިގަތުމާއެކު، ދެބުމަ ގޮށްޖެހުނެވެ. ޝިޒާންގެ ސޫރަފެނުމުން ވެސް އޭނާ ފާޑަކަށް ފޫހިވާގޮތްވިއެވެ. އާހިލްއާ އޭނާއާ ދުރުވާން ޖެހޭ ސަބަބަކީ ޝިޒާންއަށް ވެއްޖެއްޔާ އޭނާ ދުވަހަކުވެސް ޝިޒާންއަށް މާފެއް ނުކުރާނެއެވެ.

ފޯނަށް ބަލަމުން ބަލަމުން ގޯތިތެރެއަށް ވަދެގެން އައި ޝިޒާންގެ ލޮލުގައި މިންހާ އަޅައިގަތީ، އިސް އުފުލައިލި ވަގުތެވެ. އޭރު އޭނާގެ އެއް އަތުގައި އެކްސެލް ދަޅެއް އޮތެވެ. ހިނދުކޮޅަކަށް ހުއްޓުން އެރި ޝިޒާން ދެ ވިސްނުމެއްގައި ހުރެފައި މިންހާއާ ދިމާލަށް ހިނގައިގަތެވެ. މިންހާއަށް ވެސް ހުއްޓުން އަރާ ގޮތްވިއެވެ. އޭނާއަށް ވެސް ހަރަކާތެއް ގެންނަން ނޭނގިފައި ހުރެވުނެވެ. ލަސްފިޔަވަޅުތަކެއްގައި ޝިޒާން މިންހާއާ ދިމާލަށް ހިނގަމުންދިޔައިރު، ޚުދު އޭނާގެ ހިތުގައިވެސް ތަފާތު ޝުއޫރުތައް ދައުރުވަމުންދިޔައެވެ. މިންހާގެ ހިތުގައި އުތުރޭނޭ ޖަޒުބާތުތައް އޭނާއަށް އެނގޭކަހަލައެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު