އެމްޖޭއޭގެ ރައީސްކަމުން ހަމްދޫން އިސްތިއުފާ ދީފި

އެމްޖޭއޭގެ ރައީސް ކަމުން އިސްތިއުފާ ދެއްވި ހަމްދޫން ----

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ރައީސް ކަމުން މުހައްމަދު ހަމްދޫން އިސްތިއުފާ ދެއްވައިފިއެވެ.

މުހައްމަދު ހަމްދޫނުގެ އިސްތިއުފާ ސިޓީގައި ބުނެފައިވަނީ އެމްޖޭއޭގެ ރައީސް ކަމުން އިސްތިއުފާ ދޭން ނިންމީ، ވަޒީފާއާއި އަމިއްލަ ދިރިއުޅުމުގެ ކަންކަން ހުރި ގޮތުގެ ސަބަބުން މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އެކަށީގެންވާ ވަގުތު ދެވެން ނެތުމުން ކަމަށެވެ.

ހަމްދޫންގެ ރައީސްކަމުގެ ދައުރުގައި އެމްޖޭއޭގެ އެކްސްކޯ އަދި އާއްމު މެމްބަރުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް އެ ޖަމިއްޔާއިން އިން ވަނީ ޝުކުރު އަދާކޮށްފައެވެ.

"ހަމްދޫންގެ ރައީސްކަމުގެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެމްޖޭއޭގެ ހިންގުން ހަރުދަނާކޮށް އަސާސީ ގަވާއިދު އިސްލާހުކުރުމުގެ މަސައްކަތާއެކު ނޫސްވެރިކަން ކުރިއެރުވުމަށް އެމްޖޭއޭއިން ވަނީ ކުރިން ހިންގިފައިނުވާ ވަރުގެ ގިނަ ޕްރޮގްރާމްތަކެއް ހިންގާފައި. މިމަސައްކަތުގައި ހަމްދޫން ދެއްކެވި ލީޑާޝިޕަށް އެމްޖޭއޭގެ އެކްސްކޯއިން ޝުކުރު އަދާކުރޭ،" އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

އެމްޖޭއޭގެ ނައިބް ރައީސް އަކީ އަލީ ރިފްޝާންއެވެ. ހިންގާ ސެކްރެޓަރީއަކީ އަހުމަދު ނާއިފެވެ.

އެމްޖޭއޭއަކީ 2009 ވަނަ އަހަރު އުފަންވި ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން ވަނީ ދިވެހި ނޫސްވެރިކަމަށް ދިމާވި އެތަކެއް ގޮންޖެހުމަކަށް މީގެ ކުރިން އެޑްރެސްކޮށް އަޑުއުފުލާ އެކަމުގައި ގިނަ ކާމިޔާބީތަކެއްވެސް ހާސިލު ކޮށްފަ އެވެ. އަދި ދިވެހި ނޫސްވެރިންނަށް ތަމްރީނާއި، ކިޔެވުމުގެ ގިނަ ފުރުސަތުތަކެއް ވެސް ވަނީ ހޯދައިދީފައެވެ.

comment ކޮމެންޓް