ޝާހިދުގެ ކާމިޔާބީގެ ފަހަތުގައި ހުންނެވި އެއް ބޭފުޅަކީ އެމަނިކުފާނުގެ އަނބިކަނބަލުން: ފަޒްނާ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހަށް އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ އަނބިކަނބަލުން ކުރެއްވި އިޚްތިރާމްގެ ޒިޔާރަތުގެ ތެރެއިން--- ފޮޓޯ/ ރައީސް އޮފީސް

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް، އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު ނ.ޢ.ޢ.ވ އަބްދުﷲ ޝާހިދު ހޯއްދަވަމުން ގެންދަވާ ކާމިޔާބީގެ ފަހަތުގައި ހުންނެވި އެއް ބޭފުޅަކީ އެމަނިކުފާނުގެ އަނބިކަނބަލުން އައިޝަތު ސުއިޒާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެ.

ފަޒްނާ މިމޭރުމުން ވިދާޅުވީ އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އަނބިކަނބަލުން, ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދުގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައި ވާހަކަފުޅު ދެއްކަވަމުންނެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލިއާގޭގައެވެ.

މި ބައްދަލުވުމުގައި ފަޒްނާ ވަނީ ކޮންމެ ފަރުދަކަށް ނުވަތަ ގައުމަކަށް ލިބޭ ޝަރަފަކާއި ފަހުރެއްގެ ފަހަތުގައި އެތައް ބައެއް އަދި ހާއްސަ ގޮތެއްގައި އެތައް އަންހެނެއްގެ ރޯލު ވާނެކަން ފާހަގަކުރައްވާފައެވެ.

ފަޒްނާ ވިދާޅުވިގޮތުގައި އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްގެ ކާމިޔާބީ ފާހަގަކުރަމުންދާ މި ދަނޑިވަޅަކީ ސުއިޒާ ފަދަ ޚިދުމަތްތެރި އަންހެން ބޭފުޅުންގެ މަސައްކަތްތައް ވެސް ފާހަގަކޮށްލަންޖެހޭ ދަނޑިވަޅެކެވެ.

އަދި، ގައުމު ބިނާ ކުރުމުގައި އަންހެނުންގެ ދައުރު އޮންނަނީ ހަމައެކަނި އޮފީސް މާހައުލުގައި ނޫންކަމަށާއި، ދިރިއުޅުމުގެ ވަކި ހިސާބަކުން ދެމަފިރިންކުރެ އެކަކު ގޭގައި ތިބެން އިހްތިޔާރުކުރާއިރު ގިނަ ފަހަރު އެކަން ކުރަނީ އަންހެނުންކަމުގައި ފަޒްނާ ވިދާޅުވިއެވެ.

އެގޮތުން، އަންހެނުން ގައުމު ބިނާކުރުމުގައި ދޭ އެއްބާރުލުން ގުނާ އަދަދު ނުކުރެވޭނެ ކަމަށާއި، އާންމު މަޖިލީހުގެ ރައީސްގެ އަނބިކަނބަލުންނަކީ ފާހަގަކޮށްލެވޭ ފަދަ ނަމޫނާ ބޭފުޅެއްކަމުގައި ވެސް އެކަމަނާ ވިދާޅުވިއެވެ.

ފަޒްނާ ދެއްކެވި ވާހަކަފުޅުގައި އދ. ގެ އާންމު މަޖިލީހުގެ ރައީސް ގެ އުންމީދީ ރިޔާސަތަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

އަދި ހާއްސަކޮށް މުޅި ދުނިޔެ ކޮވިޑްގެ މި ހާލަތުން އަރައިގަތުމުގައްޔާއި އަންހެނުންނަށް ދިމާވާ ތަފާތު ކަންކަމަށް އިސްކަންދެއްވައިގެން އަންހެނުން ބާރުވެރި ކުރުވުމާއެކު އަންހެނުންގެ ހައްގުތައް ރައްކާތެރިވާނެ އުސޫލަކުން މަސައްކަތްކުރައްވާނެކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އދ. ގެ ޢާންމު މަޖިލީހުގެ ރައީސްގެ އަނބިކަނބަލުންވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، އެކަމަނާއާ ބައްދަލުކޮށްލެއްވުމަށް ދައުވަތު ދެއްވީތީ އުފާކުރައްވާކަމުގައި ވިދާޅުވެ ޝުކުރު އަދާކުރައްވާފައެވެ.

comment ކޮމެންޓް