ރާއްޖެ - ލަންކާ މެޗު: މިރޭ 1000 ޓިކެޓް ވިއްކަނީ

މާދަމާރޭގެ މެޗުގެ ޓިކެޓް ހުސްވުމުން ދިވެހި ސަޕޯޓަރުން އިހްތިޖާޖު ކުރަނީ --- ސަން ފޮޓޯ: އަހްމަދު އައިމަން

ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ހަވީރު ރާއްޖެ އާއި ސްރީލަންކާ ބައްދަލު ކުރާ މެޗަށް އިތުރު 1000 ޓިކެޓް މިރޭ ވިއްކުމަށް އެފްއޭއެމްއިން ނިންމައިފިއެވެ.

މާދަމާގެ މެޗަށް ޓިކެޓް ވިއްކުން ފަށަން އޮތީ މިއަދު ހެނދުނު 10:00 އެވެ. އެހެން ނަމަވެސް ޓިކެޓް ހޯދުމުގެ އުންމީދުގައި ހެނދުނު 7:00 ޖެހުމުގެ ކުރިން ގިނަ ބަޔަކު ވަނީ ގަލޮޅު ދަނޑު ސަރަހައްދުގައި ކިޔު ހަދައިފައެވެ.

ނަމަވެސް ޓިކެޓް ދޫކުރަން ފެށިތާ ގަޑިއެއްހާއިރު ތެރޭގައި ޓިކެޓް ހުސްވެފައިވާ ކަމަށް އެތަނުގައި ތިބި އެފްއޭއެމްގެ އޮފިޝަލުން ވަނީ އަންގައިފައެވެ. ގާތްގަނޑަކަށް 5000 މީހުންގެ ޖާގައިގެ ސްޓޭޑިއަމަކުން ގަޑިއެއްހާ އިރު ތެރޭ ޓިކެޓް ވިއްކައި ހުސްވާނެ ގޮތެއް ނެތް ކަމަށް ބުނެ އެތަނަށް ގޮސް ތިބި މީހުން ވަނީ އިހުތިޖާޖް ކޮށްފައެވެ.

މާދަމާގެ މެޗަށް ވަނުމަށް ގިނަ އަދަދެއްގެ މީހުން އެދެމުންދާތީ އެކަމަށް ހައްލެއް ހޯދުމަށް އެފްއޭއެމުން ނިންމާފައިވާ ކަމަށް ވަނީ ބުނެފައެވެ. އެގޮތުން ސްޕޮންސަރުންނާއި ފުޓްބޯޅަ ކުލަބްތަކަށް ވިއްކުމަށް ހަމަޖެހިފައިވާ ޓިކެޓްތަކުގެ ތެރެއިން 1000 ޓިކެޓް ސަޕޯޓަރުންނަށް ވިއްކުމަށް އެފްއޭއެމްއިން ވަނީ ނިންމާފައެވެ.

އެކަމާ ގުޅިގެން އެފްއޭއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ, ގިނަ ފަރާތްތަކުގެ އެދުމުގެ މަތިން މިރޭ 1000 ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށާއި ޓިކެޓް ވިއްކާނީ, މިރޭ 8:00އިން ފެށިގެން ސޯޝަލް ސެންޓަރުން ކަމަށެވެ.

އެފްއޭއެމުން ބުނީ, ކުޅުންތެރިންނާއި އާއިލާ އަދި ސްޕޮންސަރުންނާއި ފުޓްބޯޅަ ކުލަބްތަކަށް ވިއްކުމަށް ހަމަޖެހިފައިވާ 2500 ޓިކެޓްގެ އިތުރުން، ބެލުންތެރިންނަށް ވިއްކުމަށް ހަމަޖައްސާފައިވާ ހުރިހާ ޓިކެޓެއް މިހާރު ވިކި ހުސްވެފައިވާ ކަމަށެވެ.

comment ކޮމެންޓް