އެފްއޭއެމް ޓިކެޓު ދޫކުރުމުގައި މަކަރު ހަދައިފި، އާއްމުން ރަތަށް

ޓިކެޓު ހުސްވުމުން ގަލޮޅު ދަނޑު ސަރަހައްދުގައި އާއްމުން މުޒާހަރާ ކުރަނީ --- ސަން ފޮޓޯ

ސާފް ޗެމްޕިއަންޝިޕުގައި މާދަމާ ރާއްޖެއާއި ސްރީލަންކާ ބައްދަލު ކުރާ މެޗުގެ ޓިކެޓު ވިއްކުމުގައި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މަކަރު ހެދިކަމުގެ ތުހުއްމަތާ އެކު ޓިކެޓް ގަންނަން ގޮސް ތިބި މީހުން ރުޅިގަދަވެއްޖެއެވެ.

މާދަމާގެ މެޗަށް މިއަދު ޓިކެޓް ވިއްކަން ފަށަން އޮތީ މިއަދު ހެނދުނު 10:00 ޖަހާއިރުއެވެ. އެހެން ނަމަވެސް ޓިކެޓް ހޯދުމުގެ އުންމީދުގައި ހެނދުނު 7:00 ޖަހާއިރުން ފެށިގެން ގިނަ ބަޔަކު ވަނީ ގަލޮޅު ދަނޑު ސަރަހައްދުގައި ކިޔޫ ހަދައިފައެވެ.

އެހެން ނަމަވެސް ޓިކެޓް ދޫކުރަން ފެށިތާ ގަޑިއެއްހާއިރު ތެރޭ، ޓިކެޓް ހުސްވެފައިވާ ކަމަށް ޓިކެޓް ވިއްކަން ތިބި އެފްއޭއެމްގެ އޮފިޝަލުން ވަނީ އަންގައިފައެވެ. ގައިގަނޑަކަށް 5000 މީހުންގެ ޖާގައިގެ ސްޓޭޑިއަމަކުން ގަޑިއެއްހާ އިރު ތެރޭ ޓިކެޓް ވިއްކާ ހުސްވާނެ ގޮތެއް ނެތް ކަމަށް ބުނެ ޓިކެޓް ގަންގަން ގޮސް ތިބި ބަޔަކު ވަނީ ޓިކެޓް ވިއްކާ ދޮރު ހަލާކުކޮށް ގަލޮޅު ދަނޑަށް ވަދެފައެވެ.

އަދި އެއަށްފަހު ޓިކެޓް ދޫކުރި ލިޔެކިޔުންތައް ހޯދައި ބެލި އިރު، 600 އަށް ވުރެން މަދުން ޓިކެޓް ވިއްކާފައި ހުރިކަން ވަނީ ފާހަގަވެފައެވެ. އެއާއެކު ބާކީ 4000 އެއްހާ ޓިކެޓަށް ވީގޮތެއް ނޭންގި ޓިކެޓް ގަންނަން ގޮސް ތިބި މީހުންގެ ރުޅިގަނޑު ވަނީ ފަޅައިގެން ގޮސްފައެވެ.

އާއްމުންގެ ރުޅިގަނޑު ފަޅައިގެން ދިޔަ ހިސާބުން އެއްބައި މީހުން ގަލޮޅު ދަނޑުގެ ތެރެއަށް ވަދެގަނެ، ހަމަނުޖެހުމެއް ވަނީ ހިންގައިފައެވެ. އަދި އެ ސަރަހައްދުގެ މަޖީދީ މަގު ބަންދުކޮށް އެތަނަށް އެއްްވެ ތިބި މީހުން އަންނަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިސްތިއުފާއަށް ގޮވަމުންނެވެ.

މިކަމާ ގުޅިގެން އެފްއޭއެމްއިން މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.

ރާއްޖެ އާއި ބަންގްލަދޭޝްގެ ކުޅުނު މެޗަށް ބަންގްލަދޭޝްގެ ސަޕޯޓަރުންނަށް ވިއްކި ޓިކެޓުތައް ހުސްވުމުން ވެސް މީގެ ކުރިން މައްސަލަ ހޫނުވެފައިވެ އެވެ. ބަންގްލަދޭޝްގެ ސަޕޯޓަރުންނަށް ޓިކެޓު ވިއްކީ އަވޭ ސަޕޯޓަރުންނަށް ޓިކެޓު ވިއްކާ އާންމު އުސޫލުގެ ދަށުން 200 ޓިކެޓެވެ.

comment ކޮމެންޓް