ބައްސާމްގެ އިސްތިއުފާއަށް ގޮވާލާ އަޑު ގަދަވަނީ!

މޭ 5، 2021: އެފްއޭއެމްއާއި ޔޫތް މިނިސްޓްރީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސާފު ޗެމްޕިއަންޝިޕްގެ މެޗުތަކަށް ޓިކެޓު ވިއްކުމުގައި އެފްއޭއެމްއިން މަކަރު ހެދިކަމަށް ތުހުމަތުކޮށް، އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިސްތިއުފާއަށް ގޮވަން ފަށައިފިއެވެ.

ޓިކެޓު ވިއްކުމުގައި އެފްއޭއެމްއިން މަކަރު ހެދި ކަމަށް އާންމުން ތުހުމަތު ކުރަން ފެށީ މާދަމާ ރާއްޖެއާއި ލަންކާއަށް ކުޅޭ މެޗުގެ ޓިކެޓު ގަންނަން ނުލިބުމުންނެވެ.

އެ މެޗުގެ ޓިކެޓު ގަންނަން މިއަދު ހެނދުނު ހުޅުވާލުމާއެކު އެތައް ބަޔަކު ވަނީ ޓިކެޓު ގަތުމަށް ޓަކައި ކިޔޫ ހަދާފައެވެ.

ނަމަވެސް މަދު ބަޔަކަށް ޓިކެޓު ވިއްކުމަށްފަހު ކައުންޓަރު ބަންދު ކުރުމުން މައްސަލަ ގޯސްވެ، ކިޔޫގައި ތިބި ބައެއް މީހުން ވަނީ ގަދަކަމުން ގަލޮޅު ދަނޑަށް ވަދެފައެވެ.

ދަނޑަށް ވަން މީހުންނާއި ދަނޑުގެ ބޭރުގައި އިށީނދެ ތިބެ އިހުތިޖާޖު ކުރި މީހުން ގޮވަމުން ދިޔައީ އެފްއޭއެމްގެ ރައީސް ބައްސާމް، އެ މަގާމުން އިސްތިއުފާ ދިނުމަށެވެ.

އެންމެ ފަހުން ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ޓިކެޓު ވިއްކި ގޮތާ މެދު ވެސް އާންމުންގެ ފާޑުކިޔުން އެފްއޭއެމްއަށް ވަނީ އަމާޒުވެފައެވެ.

comment ކޮމެންޓް