ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރު ގައުމެއްގެ ސިފައިންނަށް ނުތިބެވޭނެ: ނާޒިމް

އެމްއެންޕީގެ އިންތިގާލީ ރައީސް ކާނަލް ނާޒިމް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

ބޭރު އެއްވެސް ގައުމެއްގެ ސިފައިންނަށް ރާއްޖޭގައި ނުތިބެވޭނެ ގޮތް ހެދުމަކީ ވައުދެއްކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ އިންތިގާލީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީ އުފެއްދުމަށް ރޭ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ މިނިވަންކަމަށް ބުރޫ އަރާނެ އެއްވެސް ކަމަކަށް ޖާގަ ނުދެއްވާނެކަމަށެވެ. އަދި ރާއްޖޭގެ ފަސްގަނޑުން އެންމެ އިންޗިއެއް ވެސް ބޭރުގެ ގައުމަކަށް ދޫކުރުމާ ފާޅުގައި ދެކޮޅު ހަދާނެ ޕާޓީއެއްގެ ގޮތުގައި އެމްއެެންޕީ އޮންނާނެކަމަަށް ވިދާޅުވިއެވެ.

"ދިވެހި ފަސްގަނޑުން އެންމެ އިންޗިއެއް ވެސް ބޭރުގެ ބަޔަކަށް ދޫކުރުމާ ފާޅުގައި އަޅުގަނޑުމެން ދެކޮޅު ހަދާނަން. އަދި އެފަދަ ކަމަކަށް ފުރުސަތު ނުދޭ ހާލު ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރުގެ ސިފައިންގެ މީހަކަށް ނުތިބެވޭ ގޮތް ހެދުމަކީ ވެސް އަޅުގަނޑުމެންގެ މި ޕާޓީގެ ވައުދެއް،" ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ބައިނަލްއަގްވާމީ މައިދާނުގައި ދިވެހިންގެ އަމިއްލަވަންތަކަން ދިފާއުކުރާއިރު ބޭރުގެ ބާރަކަށް އެމްއެންޕީއިން ބޯ ނުލަނބާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ޕާޓީގެ އަމާޒަކީ ދިވެހިންނަކީ ފުދުންތެރި ބަޔަކަށް ހެދުންކަމަށެވެ. އަދި އެ އަމާޒަށް ވާސިލްވުމަށް ޓަކައި މަސައްކަތްކުރާނީ އިސްލާމްދީނުގެ މަތީ ސާބިތުވެ ތިބެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"ދީނީ ގޮތުން ހަމަޖެހުން އޮންނަ، އަދި މާތްވެގެންވާ އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދޭ ގައުމެއްގެ ގޮތުގައި ރާއްޖެ ބޭއްވުމަކީ އަޅުގަނޑުމެންގެ އިސް ވާޖިބު،" ނާޒިމް ވިދާޅުވިއެވެ.

ހަމައެއާއެކު އެ ޕާޓީ ރަސްމީ ސިފައެއްގައި ހިންގުމަށް ބޭނުންވާ އެންމެހާ ކަންކަން މިހާރު ފުރިހަމަވެފައިވާކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. އަދި އެއީ ލިބޭ ބޮޑު ކާމިޔާބީއެއްކަމަށް ވިދާޅުވިއެވެ.

"މިރެއަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ގިނަ ބަޔަކު ސިޔާސީ ލީޑަރުންނާއި ސިޔާސީ ޕާޓީތަކާއި މަލްޓި ޕާޓީ ޑިމަކުރަޓިކް ނިޒާމަށް ވެސް ކުޑަވަމުން އައިސް ވަރަށް ނާޒުކު ހާލަތަކަށް ވެއްޓިފައި ވަނިކޮށް. ގައުމިއްޔަތާއި، ގައުމު އަދި ދިވެހިން އިސްކޮށް ވަކި މީހެއްގެ ފަހަތުން ނުއެނބުރޭ ސިޔާސީ ޕާޓީއެއް އުދަރެހަށް ފިޔަޖަހާލާ އުފާވެރި ރޭ،" ނާޒިމް ވިދާޅުވިއެވެ.

އެމްއެންޕީ އުފެއްދުމަށް ބޭއްވި ޖަލްސާގައި އެ ޕާޓީގެ ކައުންސިލާއި އެހެނިހެން އިސް މަގާމުތަކަށް މެމްބަރުން ވަނީ އިންތިހާބުކޮށްފައެވެ. އަދި އެ ޕާޓީގެ ލޯގޯއާއި ދިދަ ވެސް ވަނީ ފާސްކޮށްފައެވެ.

comment ކޮމެންޓް