ގައުމަށް ޓަކައި ކާބަފައިންގެ ގުރުބާނީއާ މެދު ފަހުރުވެރިވާން ޖެހޭ: މިނިސްޓަރު އިމްރާން

ގައުމީ ދުވަހުގެ މުނާސަބަތިގައި ހއ. އުތީމުގައި އިއްޔެ ބޭއްވި ޖަލްސާގައި މިނިސްޓަރު އިމްރާން ވާހަކަފުޅު ދައްކަވަނީ

ގައުމު، ގައުމެއްގެ ގޮތުގައި ދެމެހެއްޓޭނީ އެ ގައުމެއްގެ ކާބަފައިން ގައުމަށް ޓަކައި ވި މަތިވެރި ގުުރުވާބާނީގެ ހަނދާން އާކޮށް އެ ގުރުބާނީގެ އަގު ވަޒަންކޮށްގެންކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ގައުމީ ދުވަހާ ގުޅިގެން ހއ. އުތީމުގައި އިއްޔެ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ކާބަފައިން ހިފަހައްޓައިފައިވާ ސިފަތައް ބަލައިގަނެ އެއަށް އަމަލުކުރުމަކީ ވެސް މުހިންމު ކަމެއްކަމަށެވެ.

"ކާބަފައިންގެ ފުށުން ވާރުތަކޮށްފައިވާ އަޒުމާއި ހިތްވަރާއި ރިވެތި އަހްލާގީ ސިފަތަކުގެ މައްޗަށް ހެދި ބޮޑުވާ ޖީލުތައް ބިނާކޮށް ތަރުބިއްޔަތުކޮށްގެން،" އިމްރާން ވިދާޅުވިއެވެ.

އިމްރާން އިތުރަށް ވިދާޅުވީ ކޮންމެ އަހަރަކު ވެސް އުތީމުގައި ގައުމީ ދުވަހުގެ ޖަލްސާ ބާއްވަނީ ބޮޑުތަކުރުފާނުގެ ހަނދާން އާކޮށް އެ ތަކުރުފާނަށް އިހްތިރާމް އަދާކުރުމުގެ ގޮތުންކަމަށެވެ. އަދި އުތީމުގެ ރައްޔިތުންނަށް ވެސް އިހްތިރާމް އަދާކުރުމުގެ ގޮތުންކަމަށެވެ.

ހަމައެއާއެކު މުހައްމަދު ތަކުރުފާނުގެ ޖިހާދުގެ މައްޗަށް ފިލްމެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށް ހޯމް މިނިސްޓަރު އިމްރާން ވަނީ ވިދާޅުވެފައެވެ.

އެގޮތުން މިނިސްޓަރު ވަނީ ބޮޑުތަކުރުފާނުގެ ޖިހާދުގެ މައްޗަށް އުފައްދާ ފިލްމު "ބޮޑުތަކުރުފާނު" އިފްތިތާހު ކޮށްފައެވެ. އަދި މުހައްމަދު ތަކުރުފާނުގެ ޖިހާދުގެ ތެރެއިން ފާހަގަވި އެއް ކަމަކީ، އެ ތަކުރުފާނަކީ މީހުން ބިނާކޮށް އުފެއްދެވި ބޭފުޅެއް ކަމަށް ވެސް ވިދާޅުވިއެވެ.

"ބޮޑުތަކުރުފާނު ފިލްމަކީ އަންނަން އޮތް ޖީލުތަކަށްޓަކައި، ބޮޑުތަކުރުފާނު ކުރެއްވި މަތިވެރިވެގެންވާ ޖިހާދާއި ގުރުބާނީ، ޒަމާނުގެ ވިސްނުންތަކާ އެއްގޮތަށް ޒަމާނުގެ ލޯތަކަށް ޅަ ދަރިންނާ ހަމަޔަށް އެ ޖިހާދު ގެނެސްދިނުމަށްޓަކައި އަޅުގަނޑުމެން ފެށި ވަރަށް ބޮޑު ޕްރޮޖެކްޓެއް،"

މި ގައުމުގައި ވެސް ދަންޑަހެލު ފަދަ އެތައް ދަރިއަކަށް ފުރުސަތު އޮތްކަން ފާހަގަ ކުރައްވަމުން އިމްރާން ވިދާޅުވީ، ގައުމަށް ޓަކައި ގުރުބާންވާން ތައްޔާރަށް ތިބި އެތަކެއް ދަރިންނެއް ތިބި ކަމަށެވެ. ނަމަވެސް އެމީނަކީ ހަރުދަނާ ރަނގަޅު ސިފަތަކެއްގެ ވެރި ބަޔަކަށް ހަދަން ޖެހޭ ކަމަށެވެ.

އަދި އެފަދަ ކަންކަން ސިފަ ކުރެވޭނެ ފަދަ ގޮތަކަށް ކުޅެފައިވާ ފިލްމެއް ދިވެހި ޒުވާނުންގެ ލޯމައްޗަށް ގެނައުމުގެ މަސައްކަތް ކުރެވޭތީ އުފާކުރާ ކަމަށް އިމްރާން ވިދާޅުވިއެވެ.

comment ކޮމެންޓް