ވިޒިޓް މޯލްޑިވްސްގެ "ރީޑިފައިނިން މައިސް" ގްލޯބަލް ކެމްޕެއިން ލޯންޗުކޮށްފި

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މައިސް ސެގްމެންޓަށް، ނުވަތަ ބިސްނަސް ބައްދަލުވުންތަކާއި، ކޮންފަރެންސް އަދި އެގްޒިބިޝަންތައް ބޭއްވުމަށް، ހުރި ފުރުސަތުތައް
ޕްރޮމޯޓުކުރުމަށް ވިޒިޓް މޯލްޑިވްސްއިން ހިންގާ "ރީޑިފައިނިން މައިސް" ބައިނަލްއަޤްވާމީ ކެންޕެއިން ލޯންޗްކޮށްފިއެވެ.

މި ކެންޕެއިން ލޯންޗްކުރީ އިންޑިއާގެ މުމްބާއީގެ ގްރޭންޑް ހަޔާޓްގައި އަންގާރަ ދުވަހު ކުރިއަށް ދިޔަ މިލްޓް ކޮންގްރެސްގެ ތެރެއިން އޮތް ހާއްސަ މެންދުރުގެ ފަރިކޮޅެއްގެ ތެރެއިންނެވެ.

"ރީޑިފައިނިން މައިސް" ކެންޕެއިންގެ މަޤްސަދަކީ ރާއްޖޭގައި މައިސް ޓޫރިޒަމް (މީޓިންސް، އިންސެންޓިވްސް، ކޮންފަރެންސަސް، އެގްޒިބިޝަންސް) އަށް ހުރި ފުރުސަތުތައް ޕްރޮމޯޓް ކުރުމެވެ. އަދި ރާއްޖެއަކީ މައިސް ސެގްމެންޓުގައި ކުރިއަރަމުން އަންނަ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމެވެ. އަދި ރާއްޖެއަކީ މި ސަރަހައްދުގެ މައިސް ހަ އެކަށީގެންވާ މަންޒިލްގެ ގޮތުގައި ޕްރޮމޯޓުކޮށް، ސެގްމެންޓުގެ ފަތުރުވެރިންނަށް ރާއްޖޭގައި ހުރި ތަފާތު ތަޖުރިބާތައް ޕްރޮމޯޓުކުރުމެވެ.

އެ ގޮތުން ރާއްޖެއިން މައިސްގެ ބޭނުންތަކަށް
ދަތުރުކުރާ ފަތުރުވެރިންނަށް ހުރި ތަފާތު ހިދުމަތްތަކާއި، ތަޖުރިބާތައް މި ކެންޕެއިންގެ ތެރެއިން އިނަލްއަޤްވާމީ ފެންވަރުގައި އިޝްތިހާރުކުރާނެއެވެ. ރީޑިފައިނިން އައިސް ގްލޯބަލް ކެންޕެއިންގެ ބޭނުމަކީ ވިޔަފާރިތަކާއި، ކުންފުނިތަކުން މައިސް ހަރަކާތްތައް ބާއްވާ ގޮތް ބަދަލުކޮށްލުމެވެ.

މި ކެންޕެއިން ލޯންޗްކޮށްފައި މިވަނީ އިންޑިއާގެ ވިޔަފާރި އަދި މަތީ ފަންތީގެ ފަތުރުވެރިކަމަށް ލޯބިކުރާ ފަރާތްތަކަށް އަމާޒުކޮށް ބާއްވާ އެންމެ ބޮޑު އެގްޒިބިޝަން، މިލްޓް ކޮންގްރެސްގެ ތެރެއިންނެވެ.

މި ކެންޕެއިން ފެށުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގައި ވާހަކަ ދައްކަވަމުން ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ ތައްޔިބް މުހައްމަދު ވިދާޅުވީ ރާއްޖެއަކީ ހިތްގައި މާހައުލެއްގައި ވިޔަފާރި އާއި ކުންފުނިތަކުގެ މަޝްވަރާތަކާއި ބައްދަލުވުންތައް ބޭއްވުމަށް އެންމެ އެކަށީގެންވާ އެއް މަންޒިލްކަމަށެވެ. އަދި މައިސް ސެގްމެންޓުގެ ފަތުރުވެރިންނަށް ބެނުންވާ ހިދުމަތްތައް ތަފާތު ތަޖުރިބާތަކާއެކު ރާއްޖެއިން ލިބޭނެކަމަށެވެ.

ތައްޔިބް ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ އެންމެ މުހިންމު އެއް ސޯސް މާކެޓުކަމަށެވެ. އަދި އިންޑިއާގައި ކުރިއަށްދާ މިލްޓް ކޮންގްރެސް ތެރެއިން ވިޒިޓް މޯލްޑިވްސްގެ ރީޑިފައިނިން މައިސް ކެންޕެއިން ފެށުމަކީ ލިބޭ ބޮޑު ޝަރަފެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ރީޑިފައިނިން މައިސް" ގްލޯ ގްލޯބަލް ކެންޕެއިން ލޯންޗްކުރުމަށް ބޭއްވި ހަރަކާތުގައި ވިޒިޓް މޯލްޑިވްސްއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބަލިއޯނީ ރިޒޯޓް އަދި ވިލާ ހޮޓެލްސްގެ ފަރާތުން ވަނީ ބައިވެރިވެފައެވެ. އަދި މި ހަރަކާތުގައި މިލްޓް ކޮންގްރެސްއަށް ޒިޔާރާތްކުރި އިންޑިއާގެ މައިސް ސެގްމެންޓުގެ ބޮޑެތި ކުންފުނިތަކާއި ވިޔަފާރިތަކުގެ އޮފިޝަލުން ބައިވެރިވެފައިވެއެވެ.

މެންދުރުގެ ފަރިއްކޮޅަކާ އެކު ކުރިއަށް ގެންދިޔަ މި ހަރަކާތުގެ ތެރެއިން ރާއްޖޭގެ މައިސް ސެގްމެންޓުގައި ހުރި އެކި ހިދުމަތްތަކާއި ތަޖުރިބާތަކާބެހޭ
ހާއްސަ ޕްރެޒެންޓޭޝަނެއް ދައްކާފައިވެއެވެ. އަދި ކޮންފަރެންސިން އާއި ނެޓްވޯކް ސެޝަނެއްވެސް ކުރިއަށް ގެންދިޔައެވެ.

މި ހަރަކާތުގެ ތެރެއިން ވިޒިޓް މޯލްޑިވްސްއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފަހުގެ މައުލޫމާތު މިތަނަށް ޒިޔާރަތްކުރާ ފަރާތްތަކާ ހިއްސާކުރާނެއެވެ. އެ ގޮތުން ރާއްޖެއަކީ ފަތުރުވެރިން ޒިޔާރަތްކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި ޕްރޮމޯޓުކުރާނެއެވެ. އަދި ރާއްޖޭގެ ރިޒޯޓު، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑު ތަކުގެ މައުލޫމާތާއި، ރާއްޖެއިން ފަތުރުވެރިންނަށް ލިބެން ހުންނަ ތަފާތު ތަޖުރިބާތައް އިޝްތިހާރު ކުރެވޭނެއެވެ.

މި ކެމްޕެއިން ލޯންޗިންގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ރާއްޖޭގެ ޕެރަޑައިޒް އައިލެންޑް ރިޒޯޓުގައި 3 ރޭ ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދެ ނަސީބުވެރިއަކަށް ލިބުނެވެ.

ވިޒިޓް މޯލްޑިވްސްގެ މަޤްސަދަކީ ރާއްޖޭގެ މައިސް ސެގްމެންޓު ފުޅާކޮށް، ރާއްޖެއަކީ މި ސެގްމެންޓުގައި ތަފާތު ހިދުމަތްތަކެއް ދޭ މަންޒިލެއްގެ ގޮތުގައި ކުރިއެރުވުމެވެ. މި
ކެންޕެއިން ލޯންޗުކުރުމަށްފަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖޭގެ މައިސް ސެގްމަންޓު ޕްރޮމޯޓުކުރުމަށް، ވިޒިޓް މޯލްޑިވްސްގެ ޕީއާރު އެޖެންސީތަކާއި، އިންޑަސްޓްރީ
ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މައިސް ގްލޯބަލް ކެންޕެއިން ކުރިއަށް ދާނީ އޮކްޓޫބަރު މަހުން ނޮވެންބަރު މަހުގެ ނިޔަލަށެވެ. މި ކެންޕެއިންގެ ތެރެއިން މައިސްއަށް ހާއްސަ އެގްޒިބިޝަންތަކުގައި
ބައިވެރިވުމާއި، މީޑިއާ، ސޯޝަލް އަދި ޑިޖިޓަލް މާކެޓިން ކެންޕެއިންތަކުގެ ޒަރިއްޔާއިން ރާއްޖޭގެ މައިސް ސެގްމެންޓުގައި ފަތުރުވެރިންނަށް ލިބެން ހުރި ފުރުސަތުތައް
އިޝްތިހާރުކުރެވޭނެއެވެ.

އަދި ވިޒިޓް މޯލްޑިވްސްގެ ވެބްސައިޓްގެ ލޭންޑިން ޕޭޖުގައިވެސް މައިސް އިޝްތިހާރު ކުރެވޭނެއެވެ. މީގެ އިތުރުން މައިސްއަށް ހާއްސަ ރޯޑް ޝޯތައް ވިޒިޓް މޯލްޑިވްސްއިން ކުރިއަށް ގެންދާނެއެވެ

comment ކޮމެންޓް