އެެމެރިކާ ދެކޮޅު ހެދިނަމަވެސް ޗައިނާ، އެގައުމުގެ ބާރުގެ ދަށަށް އަލުން ޓައިވާން ގެނެސް ދެ ޗައިނާ އެއްކޮށްލާނެ

ޗައިނާއިން ވަކިވެގެންފައިވާ އެގައުމުގެ ސަރަހައްދެއްކަމަށްވާ ޓައިވާން އަނބުރައި ޗައިނާގެ ކޮންޓްރޯލްގެ ދަށަށް ގެނައުން ހުއްޓުވުމާބެހޭގޮތުން ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޖޯ ބައިޑެން، ޗައިނާގެ ރައީސް ޝީ ޖިން ޕިން އާ މިދިޔަ ހަފްތާގައިވަނީ ފޯނުން ގުޅުއްވައި ވާހަކަ ދައްކަވާފައެވެ.

މިވާހަކަތަކަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބައިޑެން ވަނީ ޓައިވާންގެ މައްސަލާގައި ގާނޫނުތަކާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ރައީސް ޝީއަށް ދެންނެވިކަމަށާ ޗައިނާއާ ޓައިވާން އެއްކޮށްލުމަށް ޗައިނާ ގެންގުޅޭ ވިސްނުމާ އެމެރިކާ ދެކޮޅުކަންވެސް ޝީ އަށް ދެންނެވިކަން ހާމަކުރައްވާފައެވެ. އަދި ޗައިނާގެ ފަރާތުން ޓައިވާނަށް ކުރިމަތިވަމުންދަނީ ނުރައްކާތެރި ކަމެއްކަމަށް ސިފަކުރައްވައި އެކަން ހުއްޓުވުމަށް އެމެރިކާއިން އިސްކަމެއް ދީގެން މަސައްކަތްކުރަމުން ގެންދާނެކަމަށްވެސް ބައިޑެން ވިދާޅުވިއެވެ.

ޓައިވާނަކީ 1949 ވަނައަހަރު އެމެރިކާގެ އެހީގައި ޗައިނާއިން ވަކިވެގަނެގެންއުޅޭ ޗައިނާގެ ޖަޒީރާއެކެވެ. 1949 ވަނައަހަރު ޗައިނާގެ ކޮމިއުނިސްޓުން ޗައިނާގެ ރައްޔިތުންގެ އެހީގައި އެގައުމަށް ގެނައި ރައްޔިތުންގެ އިންގިލާބާއެކު ޗައިނާގެ ވެރިކަން ކޮމިއުނިސްޓުންގެ އަތްދަށަށްދިޔުމުން އޭރު ޗައިނާގެ ވެރިކަމުގައި ތިއްބެވި ބޭފުޅުން އެމެރިކާގެ އެހީގައި ޗައިނާގެ ބައްރާ ތަންކޮޅެއް ދުރުގައި އޮންނަ ޗައިނާގެ ޖަޒީރާއެއްކަމަށްވާ ޓައިވާނަށް ފިލައިގެންދިޔައެވެ. އަދި އެއީ މުޅި ޗައިނާކަމުގައި ހަދައިގެން ޗައިނާގެ އދ. ގޮނޑިވެސް މިލްކުކޮށްގެން ރިޕަބްލިކް އޮފް ޗައިނާގެ ނަމުގައި ވެރިކަން ކުރަން ފެށިއެވެ.

ޗައިނާގެ ކޮމިއުނިސްޓް އިންގިލާބުގެ ބާނީ ޗެއާމަން މާއޮ ސިތޮންން

ނަމަވެސް ޓައިވާނުގައި ވަޑައިގެންނެވި ޗައިނާގެ ކޮމިއުނިޒަމްއާ އިދިކޮޅު ލީޑަރުން ޓައިވާނަކީ ވަކި ގައުމެއްގެ ގޮތުގައި މިނިވަންކަން އިއުލާން ކުރާކަށް ބޭނުމެއް ނުވިއެވެ. އެބޭފުޅުން ވެރިކަންކުރަމުން ގެންދެވީ ޓައިވާނަކީ ޗައިނާކަމަށް ހައްދަވައިގެން ރިޕަބްލިކް އޮފް ޗައިނާގެ ނަމުންނެވެ. ޗައިނާގެ ބައްރުގައި ކޮމިއުނިސްޓުން ވެރިކަން ކުރަމުން ގެންދިޔައީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ނަމުގައެވެ.

ނަމަވެސް އޭރު ޓައިވާނުގެ ހުވަފެނަކީ ޗައިނާގެ މައި ބައްރުގައި ވެރިކަންކުރާ ކޮމިއުނިސްޓުން ޗައިނާގެ ވެރިކަމުން ފައްސާލައި ޗައިނާގެ ކޮމިއުނިސްޓް ނިޒާމު ވައްޓާލައި ޓައިވާނުގައި އޮންނަ ހުޅަނގުގެ ޑިމޮކްރަސީގެ ނިޒާމު މުޅި ޗައިނާގައި ފަތުރައި އެނިޒާމުގެ ދަށުން ޗައިނާގައި ވެރިކަންކުރުމެވެ. މިކަމަށް އެމެރިކާ ގެންދިޔައީ ފާޅުގައި އެހީތެރިވަމުންނެވެ.

އެމެރިކާގެންދިޔައީ ޓައިވާނުގައި އޮންނަ ވެރިކަމަށް އިއުތިރާފްވެ ޗައިނާގައި އޮންނަ ކޮމިއުނިސްޓް ވެރިކަމަކީ ބަޣާވާތުގެ ވެރިކަމެއްކަމަށް ސިފަކޮށް އެވެރިކަމަށް އިއުތިރާފް ނުވުމަށް ގަދައަޅައި މަސައްކަތް ކުރަމުންނެވެ. ނަމަވެސް އޭރު އެންމެ 14 ވަރަކަށް މިލިޔަން މީހުން ދިރިއުޅޭ ޓައިވާނަށް އޭރުގައިވެސް ފައްސަތޭކަ ވަރަކަށް މިލިޔަން މީހުންގެ ބޮޑު އާބާދީއެއް އޮންނަ ކޮމިއުނިސްޓް ޗައިނާ ގެ މައްޗަށް ކުރި ނުހޯދޭނެކަން ދުނިޔޭގެ ގައުމުތަކަށް އެނގެއެވެ.

ނަމަވެސް ޗައިނާގެ ކޮމިއުނިސްޓް ވެރިކަމަކީ ބަޣާވާތުގެ ވެރިކަމަކަށް ހަދައިގެން ޗައިނާގެ އދ. ގެ ގޮނޑި ޗައިނާއަށް ނުދީ ޓައިވާނަށް ކޮންޓްރޯލް ކުރެވުނީ އެންމެ 22 އަހަރުވަންދެނެވެ. 1971 ވަނައަހަރު އެކަން ނިމުމަކަށް އައެވެ. 1971 ވަނައަަހަރުގެ އޮކްޓޯބަރުމަހު އދ. ގެ އާންމު މަޖިލީހުން ނިންމައި ގަރާރެއް ފާސްކުރީ ޓައިވާނަށް މުޅި ޗައިނާ ތަމްސީލް ނުކުރެވޭނެކަމުގައެވެ. އަދި ޗައިނާގެ އދ. ގޮނޑި ތަމްސީލް ކުރެވޭނީ ޗައިނާގެ އާބާދީގެ 95 އިންސައްތަ ތަމްސީލްކުރާ ކޮމިއުނިސްޓް ޗައިނާއަށް ކަމުގައެވެ.

ޗައިނާގެ ކޮމިއުނިސްޓް އިންގިލާބާ ދެކޮޅަށް ތައިވާނަށް ފިއްލެވި ޗައިނާގެ އޭރުގެ ރައީސް ޗާން ކައިޗަކް

މިއާއެކު 1971 ވަނައަހަރުގެ އޮކްޓޯބަރުމަހު ޗައިނާގެ އދ. ގެ ގޮނޑި ޓައިވާނަށް ގެއްލިގެން ދިޔައެވެ. އަދި އެގޮނޑި ކޮމިއުނިސްޓް ޗައިނާއަށް ލިބިގެންދިޔައެވެ. މިއާއެކު ބައިނަލްއަގްވާމީ ގުޅުންތަކުގައި ޓައިވާން މުޅިން އެކަހެރިވިއެވެ. މިހާރު ޓައިވާނާ ގުޅުންތައް އުފައްދާފައިވަނީ ދުނިޔޭގެ އެންމެ 12 ވަރަކަށް ގައުމުންނެވެ. އެނޫން ގައުމުތައް ދެކެނީ ޓައިވާނަކީ ކުރީގައިވެސް އޮތްގޮތަށް އެއީ ޗައިނާގެ ސަރަހައްދެއްގެ ގޮތުގައެވެ. އދ. ވެސް ގަބޫލުކުރަނީ ޓައިވާނަކީ ޗައިނާގެ ސަރަހައްދެއްގެ ގޮތުގައެވެ. އދ. ގެ މި ނިންމުމާއެކު ނުރުހުމުގައި ނަމަވެސް ޗައިނާގެ ކޮމިއުނިސްޓް ވެރިކަމަށް އިއުތިރާފްވާން އެމެރިކާއަށް މަޖްބޫރުވިއެވެ.

1972 ވަނައަހަރުގެ ފެބްރުއަރީމަހު އެމެރިކާގެ އޭރުގެ ރައީސް ރިޗަޑް ނިކްސަން ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގެން ޗައިނާގެ ކޮމިއުނިސްޓް ވެރިކަމަކީ މުޅި ޗައިނާ ގެ ރައްޔިތުން ތަމްސީލްކުރާ ވެރިކަމެއްކަމާއި ޓައިވާނަކީ ޗައިނާގެ ސަރަހައްދެއްކަމަށް އެމެރިކާ ސަރުކާރުން ރަސްމީ ސިފައެއްގައި އިއުތިރާފްވިއެވެ. މިއާއެކު ޓައިވާންގެ ޓައިޕޭ ގައި ހުންނަ އެމެރިކާގެ އެންބަސީވެސް ޗައިނާގެ ބެއިޖިން އަށް ބަދަލުކުރިއެވެ.

ނަމަވެސް ޗައިނާއަށް ފިއްތުންތައް ކުރިމަތިކުރުމަށްޓަކައި ނުސީދާ ގުޅުންތަކެއް ދަށުލެވެލް އެއްގައި އެމެރިކާ ޓައިވާންއާއެކު ބާއްވަމުން ގެންދިޔައެވެ. ޗައިނާއަށް ޖެއްސުން ކުރުމަށްޓަކައި ޓައިވާނަށް މަދުމަދުންނަމަވެސް ހަތިޔާރު ވިއްކަމުން ގެންދިޔައެވެ. މައިގަނޑު ގޮތެއްގައި މިކަންކުރަނީ ސިއްރިޔާތުގައެވެ.

ޗައިނާ އަބަދުވެސް ބުނަމުން ގެންދަނީ ޓައިވާނަކީ ޗައިނާއިން ވަކިވެގަނެގެންއުޅޭ ބާޣީ ސަރަހައްދެއްކަމަށާ ކޮންމެވެސް ދުވަހަކުން ޗައިނާގެ ކޮންޓްރޯލްގެ ދަށަށް އެސަރަހައްދު ގެންނާނެކަމުގައެވެ. އަދި ޓައިވާނުން މިނިވަންކަން އިއުލާންކޮށްފިނަމަ ވަގުތުން ޗައިނާގެ ކޮންޓްރޯލްގެ ދަށަށް ޓައިވާން ގެންނާނެކަމަށް ފާޅުގައި މިހާރުވެސް ޗައިނާ ބުނެއެވެ. ޓައިވާނުން މިހާތަނަށްވެސް އަމިއްލަ މިނިވަންކަން އިއުލާނެއް ނުކުރެއެވެ. އެހެންކަމުން ޗައިނާވެސް އަވަސް އަރުވާލައިގެން ޓައިވާން ކޮންޓްރޯލްގެ ދަށަށް ގެންނާކަށް މަސައްކަތެއް ނުކުރެއެވެ. އެކަން ކުރަން ޗައިނާ ބޭނުންވަނީ އެކަމަށް އެންމެ އެކަށޭނަ ވަގުތުގައެވެ.

އަސްކަރީ ދިރާސާތައް ބުނާގޮތުން ޓައިވާނަށް ހަމަލާދީގެން ޗައިނާގެ ބާރުގެ ދަށަށް ޓައިވާން ގެނައުމުގެ އަސްކަރީ ގާބިލްކަން މިހާރުވެސް ޗައިނާގައި އެބަހުއްޓެވެ. 1.3 ބިލިޔަން މީހުންގެ އާބާދީއެއް އޮންނަ އަދި ދުނިޔޭގެ 3 ވަނަ އަސްކަރީ ބާރުކަމަށްވާ ޗައިނާއަށް 23 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ކުޑަކުޑަ ޓައިވާން ކޮންޓްރޯލް ކުރެވިދާނެއެވެ. ނަމަވެސް މިއީ ފަހަރުގައި ލޭއޮހޮރުވުން ބޮޑުކަމަކަށް ވެގެން ހިނގައިދާނެއެވެ. ޗައިނާ ބޭނުންވަނީ މާބޮޑު ލޭއޮހޮރުވުމަކާ ނުލައި މިކަން ކުރާށެވެ.

ޓައިވާން ގެ މިހާރުގެ ރައީސާ ޓައިޔިންގް ވެން

މާބޮޑު ލޭއޮހޮރުވުމަކާ ނުލައި މިކަން ކުރެވޭ ފަދަ ވަރުގަދަ އަސްކަރީ ގާބިލްކަމެއް ޗައިނާއަށް ލިބޭނެކަމަށް ތަޖްރިބާކާރުން ވިދާޅުވަނީ 2025 ނުވަތަ 2026 ވަނައަހަރުގައެވެ. ޓައިވާނުންވެސް މިކަން ގަބޫލުކުރެއެވެ. މި އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހު ޗައިނާގެ ގިނަ އަދަދެއްގެ އަސްކަރީ ފައިޓާޖެޓް ޓައިވާނުގެ ވައިގެ ސަރަޙައްދަށް ވަދެފައިވާކަމަށް ޓައިވާނުންވަނީ ބުނެފައެވެ. އެދުވަހު ޗައިނާގެ 56 ފައިޓާޖެޓް ޓައިވާނުގެ ވައިގެ ސަރަޙައްދުގައި މިނިވަންކަމާއެކު ދަތުރުކޮށްފައިވާކަން އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ވެސް ކަށަަވރުކޮށްދެއެވެ.

ޗައިނާގެ މިއަމަލާ ގުޅިގެން ޓައިވާނުގެ މައްސަލާގައި ފާއިތުވި 40 އަހަރުގެ ތެރޭގައި އެމެރިކާ ކަންބޮޑު ނުވާވަރަށް މިހާރު އެމެރިކާ ކަންބޮޑުވެފައިވާކަމަށް އެމެރިކާގެ ދިފާއި ވުޒާރާ (ޕެންޓަގަން) ބުނެފައިއެވެ. އެމެރިކާގެ އަސްކަރީ ރިޕޯޓްތައް ބުނާގޮތުން ފާއިތުވި އަހަރުތަކުގައި އެމެރިކާ ވަނީ ޓައިވާންގެ ސިފައިންގެ ލަޝްކަރުތައް ތަމްރީން ކުރުމުގައި ސިއްރިޔާތުގައި ބައިވެރިވެފައެވެ. އަދި ގިނަ އަދަދެއްގެ ހަތިޔާރުވެސް ޓައިވާނަށް ދީފައެވެ. ނަމަވެސް އެމެރިކާ ޓައިވާނަށް ދީފައިވަނީ އާދައިގެ ހަތިޔާރުކަމަށްވާތީ މިއީ ޗައިނާއަށް އާދަޔާ ޚިލާފު ގޮންޖެހުމެއް ކުރިމަތިވާނެ ކަމެއްނޫނެވެ.

އެމެރިކާ އެތަށް އަހަރެއްވަންދެން އެތަށް ބިލިޔަން ޑޮލަރެއް ޚަރަދުކޮށްގެން ތަމްރީންކޮށްދިން އަފްޣާނިސްތާނުގެ ލަޝްކަރުތައްވެސް ތާލިބާނުންގެ ކުރިމަތީގައިވަނީ ވަރަށް ނިކަމެތި ގޮތަކަށް ރޫޅިގެން ގޮސްފައެވެ. ބާރުގެ ތިލަފަތަށް ބަލާއިރު އެމެރިކާއަށްވުރެ ޗައިނާގެ ކަނޑުގެ އަސްކަރީ ގާބިލްކަން މިހާރު ބޮޑެވެ. 2027 ގައި އެމެރިކާގެ އިގްތިސާދުގެ މައްޗަށް ޗައިނާ ކުރި ހޯދައި ދުނިޔޭގެ އެއްވަނަ އިގްތިސާދީ ބާރަކީ ޗައިނާ ކަމުގައި ވެގެންދާނެއެވެ.

ޗައިނާގެ ކޮންޓްރޯލްގެ ދަށަށް ޓައިވާން އަލުން ގެންދިޔުމުގެ މަސައްކަތް ޗައިނާ ފަށައިފިނަމަ އެކަމުގެ ތެރެއަށް އެމެރިކާ ސީދާގޮތެއްގައި ނުވަންނާނެއެވެ. މިކަން ޓައިވާނަށްވެސް އެނގެއެވެ. އަދި ޗައިނާއާ އަސްކަރީ ގޮތުން ކުރިމަތިލާން އެމެރިކާ ބޭނުންނުވާނެކަންވެސް ޓައިވާނަށް އެނގެއެވެ. އެހެންކަމުން ޗައިނާގެ ކޮންޓްރޯލްގެ ދަށަށް ޓައިވާން އަލުން ގެންދިޔުމުގެ މަސައްކަތް ޗައިނާ ފަށައިފިނަމަ އެއީ ކުރެވޭނެކަމެކެވެ. ލަސްވެގެން ކުރިޔަށްއޮތް ދިހަވަރަކަށް އަހަރު ތެރޭގައި ޗައިނާ އެކަންކުރާނެ ކަމަށް އަސްކަރީ ތަޖްރިބާކާރުން ދެކެވަޑައިގަންނަވައެވެ.

comment ކޮމެންޓް