ކޮވިޑްގެ ބަލިމަޑުކަމަށްފަހު ރާއްޖޭގެ އިގްތިސާދު އިޔާދަވާ ދުވެލި ބާރު: ވޯލްޑް ބޭންކް

އޮގަސްޓް 1، 2021: ރާއްޖޭގެ ސެންޓްރަލް ބޭންކް އެމްއެމްއޭ-- ސަން ފޮޓޯ

ކޮވިޑް-19ގެ ބަލިމަޑުކަން ރާއްޖެއަށް ކުރިމަތިވި ނަމަވެސް، ރާއްޖޭގެ އިގްތިސާދު އިޔާދަވަމުންދަނީ ބާރު ދުވެއްޔެއްގައި ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

ވޯލްޑް ބޭންކުން އަހަރަކު ދެ ފަހަރު ނެރޭ ސަރަހައްދީ އިގްތިސާދީ އަޕްޑޭޓް ރިޕޯޓުގައި ބުނާ ގޮތުން ކޮވިޑް-19ގެ އިތުރު ރާޅުތަކުން އަރައިގަތުމަށް ވަކިވަކި ދާއިރާތަކަށް އަމާޒުކޮށްގެން އެޅި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އަނބުރާ އިޔާދަވަމުން އެބަދެއެވެ.

ޑިޖިޓަލައިޒޭޝަން އެންޑް ސާވިސަސް-ލެޑް ޑިވެލޮޕްމަންޓްގެ ނަން ދީފައިވާ ދެކުނު އޭޝިއާގެ އިގްތިސާދީ ރިޕޯޓުގައިވާ ގޮތުން، މި ހިނގާ 2021 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު 22.3 އިންސައްތައިގައި އަދި އަންނަ 2022 ވަނަ އަހަރު 11 އިންސައްތައިގައި ކުރިއަރާނެ ކަމަށް ލަފާކުރެވެއެވެ.

މި ލަފާކުރުން ބިނާކޮށްފައިވަނީ، އެންމެ މަދުވެގެން 1.1 މިލިއަން ފަތުރުވެރިން މި އަހަރުގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށް ބަލައިގެން ކަމަށް އެ ރިޕޯޓުގައި ވެއެވެ. އަދި މިއީ މިދިޔަ އަހަރާ ބަލާއިރު ދެގުނަ ގިނަ އަދަދެއް ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން ދަތުރުކުރުން އާންމު ހާލަތަކަށް ރުޖޫއަވަމުން އަންނަ ވަރަކަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވެސް އެއްވަރެއްގައި ކުރިއަރައި، ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން ހުރި މިންވަރަށް ރާއްޖޭގެ އިގްތިސާދީ ކުރިއެރުން 2023 ގައި އިއާދަވާނެ ކަމަށް އެ ރިޕޯޓުގައި ލަފާކޮށްފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގެ ފަގީރުންގެ ނިސްބަތް މިއަހަރު 9.1 އިންސައްތައަށް ދަށަށް ގޮސް، އަންނަ އަހަރު އެ ނިސްބަތް 4.3 އިންސައްތައަށް ވެއްޓޭނެ ކަމަށް ވެސް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފައެވެ.

ވޯލްޑް ބޭންކުން ރާއްޖެއާއި ސްރީލަންކާ އަދި ނޭޕާލްއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު ޒާވޮސް ވިދާޅުވީ ރާއްޖެ އޮތީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ކާރިސާއިން އަރައިގަތުމުގެ މަގުމަތީގައި ކަމަށެވެ.

ބްރޯޑްބޭންޑް އަދި މޮބައިލް އިންޓަނެޓުގެ ހިދުމަތް ފުޅާވެފައިވާ މިންވަރުގެ ސަބަބުން ޑިޖިޓަލް ރާއްޖެއަކަށް ބަދަލުވަމުން އައި ބަދަލުވުމުގެ ދުވެލި ކޮވިޑް-19ގެ ކާރިސާގެ ތެރޭގައި ބާރުވެފައިވާ ކަމަށް ވެސް ވޯލްޑް ބޭންކުން ބުނެއެވެ.

ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 63 އިންސައްތަ މީހުން އިންޓަނެޓްގެ ހިދުމަތް ބޭނުންކުރާ ކަމަށް 2019ގެ ތަފާސްހިސާބުތަކުން ދައްކާއިރު، މިއީ ރާއްޖެ ނިސްބަތްވާ ދެކުނު އޭޝިއާ އަދި މި ސަރަހައްދުން ބޭރުން ވެސް ރާއްޖެ ފަދަ ގައުމުތަކަށް ވުރެ މަތީ އަދަދެކެވެ.

comment ކޮމެންޓް