ހިޔާގެ ބައެއް ފްލެޓުތަކުގެ ފެން ބިލު ބޮޑުވީ އިސްކުރުތަކުން ފެން ލީކުވާތީ: އެމްޑަބްލިއުއެސްސީ

ޖޫން 26، 2021: ހިޔާ ފްލެޓުތައް-- ސަން ފޮޓޯ

ހިޔާ ފްލެޓުތަކުގެ ތެރެއިން ބައެއް ފްލެޓުތަކުގެ ފެން ބިލު ބޮޑުވީ ފެން ލީކުވުމުގެ މައްސަލައަކުން ކަން މިހާތަނަށް ބެލިބެލުމުން ދެނެގަނެވިފައިވާ ކަމަށް ސަރުކާރުގެ ފެން ކުންފުނި އެމްޑަބްލިއުއެސްސީއިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ ހިޔާ ފްލެޓުތަކުގެ ތެރެއިން ފެން ބިލު ބޮޑުވެފައިވާކަން ފާހަގަވި ފްލެޓުތަކުގެ ވެރިފަރާތަށް ގުޅައި، ކަމާ ބެހޭ އިދާރާތަކާއި ގުޅިގެން އެކަން ދެނެގަނެ، މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ފެން ބިލު ބޮޑުވުމަށް މައިގަނޑު ގޮތެއްގައި ދިމާވާ އެއް ސަބަބަކީ އެޕާޓްމަންޓްތަކުންނާއި ގޭގެ ފެން ވަޔަރިން، ވޭލްވްތަކުން ނުވަތަ އިސްކުރުތަކުން ފެން ލީކުވުން." ފެން ކުންފުނިން ބުނެއެވެ.

އެހެންކަމުން ހުރިހާ ކަސްޓަމަރުން ވެސް އެޕާޓްމަންޓްތަކުގައި ފެން ލީކެއް އުޅޭތޯ ބެލުމަށް އެ ކުންފުނިން އިލްތިމާސް ކުރެއެވެ.

އެގޮތުން ފްލެޓްގެ ވޭލްވްތައް އަދި އިސްކުރުތައް ރަނގަޅަށް ބާރުކޮށްލުމަށްފަހު، އަމިއްލައަށް މީޓަރު އެނބުރޭތޯ ބަލައި، ފެން ލީކެއް އުޅޭކަން ޔަގީން ކުރުމަށާއި މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށްޓަކައި މީހުން ދިރިއުޅެން ނުފަށާ ފްލެޓްތަކުގެ ފެން މީޓަރުގެ ވޭލްވްތައްވެސް ބަންދުކޮށްފައި ބެހެއްޓުމަށް އިސްކަން ދިނުމަށް އެ ކުންފުނިން އެދެއެވެ.

ފްލެޓްގެ ފެން ލީކެއް އުޅޭކަން ފާހަގަކުރެވޭނަމަ، އެމްޑަބްލިއުއެސްސީގެ ހޮޓްލައިން ނަމްބަރު 105 މެދުވެރިކޮށް އެކަން އެ ކުންފުނީގެ ކޯލް ސެންޓަރަށް ހުށައެޅޭނެއެވެ.

comment ކޮމެންޓް