މިނިވަންކަން ހިމާޔަތްކުރުމަކީ އެންމެ މަތިވެރި އަސާސް: މިނިސްޓަރު އިމްރާން

އޮކްޓޯބަރު 6، 2021: ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގަައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

އިންސާނުން ދިރިއުޅޭ ކޮންމެ ތަނެއްގައި ވެސް އެ ބައެއްގެ މިނިވަންކަން ހިމާޔަތްކުރުމަކީ އެންމެ މަތިވެރި އަސާސްކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ގައުމީ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ މިނިވަންކަން ދިފާއުކުުރުމަކީ މުހިންމު އަސާސެއްކަމުން، އެ އަސާސް ދެމެހެއްޓުމަށް ޓަކައި ދިވެހި ކާބަފައިން ވެސް އެތައް ގުރުބާނީއެއް ވެފައިވާކަމަށެވެ.

"އަޅުގަނޑުމެންގެ މި ލޮބުވެތި ވަތަންގެ ފަހުރުވެރި ކާބަފައިން ވަނީ މި މަތިވެރި އަސާސް އެންމެ ފުރިހަމަ ގޮތުގައި ގާއިމްކޮށްދެއްވާފައި،" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ގައުމީ ދުވަސް ބޮޑުތަކުރުފާނުގެ ޖިހާދަށް ނިސްބަތްކޮށް ފާހަގަކުރުމަކީ ދުވަސް އިތުރަށް ފުރިހަމަކޮށްދީ، ދުވަހުގެ ހައިބަތު އިތުރުކޮށްދޭ ކަމެއް ކަމަަށެވެ. އަދި އެއީ މިއަދު ގައުމު އޮތް ހިސާބަށް ގެނައުމަށް ޓަކައި ބޮޑުތަކުރުފާނުގެ ގުރުބާނީ ފާހަގަވެގެންދާ ކަމެއްކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ކާބަފައިންގެ ފަރާތުން ލިބިފައިވާ މިނިވަންކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ މިއަދުގެ ދިވެހީންގެ ބޮލުގައި އެޅިފައިވާ އެންމެ ބޮޑު ޒިންމާކަމަށެވެ.

"ކާބަފައިން އެތައް ބޮޑު ގުރުބާނީތަކެއް ވެ އަޅުގަނޑުމެންނާ ހަވާލުކުރި މި މުހިންމު މަސްއޫލިއްޔަތާއި އަމާނަތް، އަންނަން އޮތް ޖީލުތަކާ ހަމައަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ބޮލުގައި އެޅިފައިވާ ވަރަށް ބޮޑު ދީނީ އަދި ގައުމީ ވާޖިބެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު ގައުމިއްޔަތަށް ކުރިމަތިވާ ގޮންޖެހުންތަކުން ދިފާއު ވެވޭނީ ދިވެހިންގެ ކިބައިގައިވާ ރީތި ސިފަތައް އާލާ ދިރުވައިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރޭ ކުރިއަށްދިޔަ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ.ގެ 76ވަނަ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ވަނީ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވާފައެވެ. އަދި އެއްވަނަ ދަރަޖައިގައި ފާސްވި 11 ހާފިޒުންނަށް މެޑަލް ވެސް ވަނީ ދެއްވާފައެވެ. މީގެ އިތުރުން ޝަރަފުވެރިކަމުގެ އިނާމު ހަތަރު ބޭފުޅަކަށާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 14 ބޭފުޅަކަށް ވަނީ ދެއްވާފައެވެ.

comment ކޮމެންޓް