ޓީޗަރަކަށްވުމަށް ކުޑައިރުއްސުރެ ދުށް ހުވަފެނުގައި ކުލަ ޖެއްސުމުގައި 25 އަހަރު!

އިސްކަންދަރު ސްކޫލްގެ ޓީޗަރު ހަސަން އަހްމަދު "ސަން"އަށް އިންޓަވިއު ދެނީ --- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

ނަވާރަސަތޭކައިގެ އަހަރުތަކުގެ ތެރެއިން ފެށިގެން މިއަދު ތައުލީމީ ދާއިރާއަށް ވަދެ އެ ދާއިރާގައި ދެމި ތިބި މީހުންގެ އަދަދު މަދެވެ. ނިސްބަތުން ބަލައިފިކަމުގައި ވަނީނަމަ އަތުން ގުނާލެވޭހާ މަދު ވާނެކަން ގައިމެވެ. އެގޮތުން، މި ދާއިރާގަ ފަންސަވީސްވަނަ އަހަރު ގުނަމުންދާ ހަސަން އަހުމަދު (ހަސަން ސަރ) އަކީ މި ދާއިރާގައި ނަމޫނާއެކެވެ.

ބ. ހިތާދޫއަށް ނިސްބަތްވާ ހަސަން ސަރ ތައުލީމް ހާސިލް ކުރީ ހިތާދޫ ސްކޫލުންނެވެ. ތައުލީމީ ހަޔާތް ނިންމާލުމަށްފަހު އެންމެ ފުރަތަމަވެސް ބޭނުންވީ ތައުލީމީ ދާއިރާއިން ކުރިއަށް ދާށެވެ. ހަސަން ސަރމެން ކިޔެވި ޒަމާނަކީ ކޮލެޖުތަކާ ޔުނިވާސިޓީތައް އާންމު ޒަމާނެއް ނޫނެވެ. އެހެންކަމުން އޭރުގައި ހުންނަ މުދައްރިސް ތައުލީމު ކުރި އަރުވާ މަރުކަޒުން ޕްރައިމަރީ ޓީޗިން ހެދިއެވެ.

އެ ތަނުން ޕްރައިމަރީ ޓީޗިން ހަދައިގެން އެންމެ ފުރަތަމަ މަސައްކަތުގެ މައިދާނަށް ނުކުތީ ރަށު ސްކޫލަށެވެ. އަމިއްލަ ރަަށަށް ހިދުމަތް ކުރުމަށް 1996 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރާ ހަމައަށް ދެމި ހުއްޓެވެ.

އެއަށްފަހު، އޭރުގެ ދިރިއުޅުމުގެ ހާލަތު ހުރިގޮތުން މާލެއަށް ބަދަލުވާން މަޖުބޫރުވިއެވެ. މާލެއަށް ބަދަލުވުމަށްފަހު އެންމެ ފުރަތަމަ ކިޔަވައިދޭން ފެއްޓީ ފަރީދިއްޔާ ސްކޫލުގައެވެ. މިހާރުގެ ނަމުން ނަމަ ޣާޒީ ސްކޫލުގައެވެ. އެއީ 2007ވަނަ އަހަރުއެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަކަށް ފަރީދިއްޔާ ސްކޫލުގައި ހިދުމަތް ކުރެއްވުމަށްފަހު ދެން ފުރުސަތު ލިބުނީ އިސްކަންދަރު ސްކޫލުންނެވެ. އިސްކަންދަރު ސްކޫލުގައި ހިޔާވަހިން ހިޔާވަހިކަން ލިބުނީ 2008ވަނަ އަހަރު ތެރޭގައެވެ. މިއަދާ ހަމައަށްވެސް ހަސަން ސަރ ދެމި ހުރީ އެ ހިޔާވަހިން ރަނގަޅު ޖީލެއް ބިނާކުރުމުގެ އަޒުމުގައެވެ.

ކިޔަވައިދެއްވި މުދައްރިސެއްގެ ސަބަބުން މި ދާއިރާއަށް ޝައުގުވެރިކަން އުފެދުނު ހަސަން ސަރ ވެސް ބޭނުންވީ އެ މުދައްރިސް ފަދައިން އުނގަންނައިދޭށެވެ. ނަމޫނާއަކަށް ފެނުނު މުދައްރިސްގެ ފަރާތުން އެފަދަ ތަފާތު ކަމެއް ފެނުމުން އެމަގުން ހިނގުމަށް ހިތް އެދުނީއެވެ.

"އަޅުގަނޑު ވަރަށް އުފާވި ދުވަހެއް އެއީ ޕްރައިމަރީ ޓީޗިންއަށް ހޮވުނު ދުވަސް،" މި ކުރެވުނު ދަތުރުގައި ހަސަން ސަރ އެންމެ އުފާވި ދުވަހެއްގެ ގޮތުގައި ފާހަގަ ކުރީ ކޯހަށް ހޮވުނު ދުވަހެވެ.

އިސްކަންދަރު ސްކޫލްގެ ޓީޗަރު ހަސަން އަހްމަދު ކްލާސް ރޫމްގައި ކިޔަވައިދެނީ --- ސަން ފޮޓޯ/ އަހްމަދު އައިމަން

އަށްސަތޭކައެއްހާ ކުދިންގެ ތެރެއިން ފުރޭނި، ކޯހަށް ހޮވުނު ސަތޭކަ ފަސް ކުދިންގެ ތެރޭގައި ހިމެނުމަކީ އޭނާގެ އުނގަންނައިދިނުމުގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަހެވެ.

އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނެއެވެ. ހަމަ ބީދައިން، ކޮންމެ އުސްގަނޑަކަށްފަހު އަޑިގަނޑެއް ވެސް އަތުވެދާނެއެވެ. އެހެންކަމުން ހަސަން ސަރގެ މި ދިގު ދަތުރުގާ ދިމާވި އެންމެ ހިތާމަވެރި ދުވަސްވެސް ހަސަން ސަރ ވަނީ ހިއްސާ ކޮށްފައެވެ. ވަކި ދުވަހެއް ފާހަގަ ކުރުމުގެ ބަދަލުގައި ހަސަން ސަރ ބުނީ ފަހަކަށް އައިސް މި ދާއިރާ ފެންނަނީ އެންމެ ދެކެން ބޭނުންވާ ގޮތުގައި ނޫން ކަމަށެވެ.

"އަޅުގަނޑު ހަމަ ދެރަވަމުން ދެރަވަމުންދާ ކަމެއް މިއީ. އެއީ ސީދާ އަޅުގަނޑުމެންނަށް ކުރެވޭނެ ކަންތައްތަކެއް ނޫން ކަންނޭނގެ. އެއީ މި ދާއިރާއަށް މިހާރަށްވުރެން ބޮޑަށް އަހަންމިއަޔަތުކަން ދޭން ޖެހޭ. ހާއްސަކޮށް ޓީޗަރުން. މޮޅު ކުދިން މި ދާއިރާއިން ޓީޗިން ހަދަން ޖެހޭ،"

އުނގަންނައިދިނުމުގެ މި ހަޔާތް ނިންމާލުމުގެ ކުރިން ހަސަން ސަރ އެންމެ ދެކެން ބޭނުންވާ ދުވަހަކީ މުޅި ރާއްޖޭގައިވެސް ގިނަ ދިވެހީންތަކެއް ކިޔަވައިދިނުމުގެ ދާއިރާއިން ފެނިގެން ދިއުމެވެ. ބޭރުގެ މުދައްރިސުންގެ ބަދަލުގައި ގިނަ ދިވެހީންތަކެއް ފެނިގެން ދިއުމަކީ އޭނާގެ އުންމީދެކެވެ.

"އަޅުގަނޑުވެސް ޕްރައިމަރީ ޓީޗިން ހެދިން. އޭގެ ފަހުން ޑިޕްލޮމާވެސް ހެދިން. އޭގެ ފަހުން ޑިގްރީ ހެދިން. އޭގެ ފަހުން ޕޯސްޓް ގްރެޖުއޭޓްވެސް ހެދިން. އެކަމު މާސްޓާސް މިހާރު ހަދާހިތް ކެނޑިފަ މިހުރީ. އަޅުގަނޑުމެން އެކަމަށް ސާޅީހަކަށް ފަންސާހަކަށް ރުފިޔާ ހަރަދު ކުރަން ޖެހޭ އެބަ. އެއް އަހަރު ދެ އަހަރުން މި ހަދައިގެން ދެން އައިސް އަޅުގަނޑުމެންގެ މުސާރައަށް އިތުރުވަނީ ސަތޭކަ ފަންސާހަކަށް ރުފިޔާ. އެ ފަސް އަހަރު އަދި ދިހަ އަހަރު ވާއިރުވެސް އެކަމަށް ކުރި ހަރަދު ނުލިބޭ އަޅުގަނޑުމެންނަށް،"

ދިވެހީން މިދާއިރާއަށް ވަންނަ އަދަދު މަދުވަނީ މިފަދަ ސަބަބުތަކާ ހުރެ ކަމަށް ހަސަން ސަރގެ ތަޖުރިބާގެ އަލީގައި ވަނީ ފާހަގަ ކޮށްފައެެވެ.

މީގެ އިތުރުން، ދިވެހި ގައުމުގެ ގިނަ ކުދިން 'ލާޗާރަ ބިޗާރަ' ވެގެން މަގުމަތީ އުޅޭ އުޅުން މަދުވާނެ ދުވަހެއް ފެނުމަކީވެސް ސަރ ގެ ވަރަށް ބޮޑު އުންމީދެކެވެ.

"އެންމެން އަތު ގުޅައިގެން އެކީ އެކައްޗަކަށް ހިނގާށޭ ގައުމު ކުރިއަރުވަން. އޭރަށް މިހާރަށްވުރެންވެސް ރަނގޅު ގޮތްތައް ވެސް ފަހި ވާނެ. އޭރަށް މި ދާއިރާއަށް ގެންނަން ރަނގަޅު ޓީޗަރުން ލިބޭނެ،" ޓީޗަރުންނަށް ދޭން ބޭނުންވާ ނަސޭހަތެއްގެ ގޮތުން ހަސަން ސަރ ބުނީ މިހެންނެވެ.

ކޮންމެ ކަމަކީވެސް ފާޑުކިޔުން އަންނާނެ ކަމެކެވެ. ކިތަންމެ ފުރިހަމައަށް ނުވަތަ ރަނގަޅަށްކަމެއް ކުރި ކަމުގައި ވީ ނަމަވެސް މީހުން އެެއްޗިހި ނުކިޔާނެ ގޮތަކަށް އެކަމެއް ނުވާނެއެވެ. ނަމަވެސް، ހަސަން ސަރ ގެ މި ތަޖުރިބާކާރު ދަތުރުގައި ބެލެނިވެރިއެއްގެ ފަރާތުން ދުވަހަކު ވެސް ނުރުހުމުގެ އެއްވެސް ބަހެއް ލިބިފައެއްނުވެއެވެ. އަދި ސްކޫލުގެ އިސްވެރިންވެސް ކުރަމުން އަންނަ ބުރަ މސައްކަތް ބަަލައިގަންނަ ކަމުގައި އޭނާ ފާހަގަކުރިއެވެ.

ކްލާސްރޫމުން ބޭރުގައިވެސް ހަސަން ސަރ އަކީ ދަރިވަރުންގެ ކަންކަމަށް ފަރުވާ ކުޑަ ކުރާ މީހެއް ނޫނެވެ. މަސައްކަތް ކުރަން ޖެހޭ އަށް ގަޑިއިރުގެ ބޭރުން ދަރިވަރަކު ނުވަތަ ބެލެނިވެރިއަކު ގުޅާލައިފިނަމަ އެއަށްވެސް ޖަވާބުދާރީވަނީ އެއްވެސް ބުރަކަމެއް ނެތިއެވެ. އެއީ ހަސަން ސަރ ގެ ޒިންމާ ކަމުގައި ދެކިގެން އެހުރިހާ ފޯނު ކޯލުތަކެއްވެސް ޖަވާބު ދެއެވެ. ފޯނު ނުނެގޭ ވަގުތެއްނަމަ ފަހުންވެސް ގުޅާ އެކުއަޖަކަށް ނޭނގޭ އެއްޗެއް ބުނެދިނުމަކީ ސަރގެ އުފަލެއް ކަމުގައި ދެކެއެވެ.

އިސްކަންދަރު ސްކޫލްގެ ޓީޗަރު ހަސަން އަހްމަދު ކްލާސް ރޫމްގައި ކިޔަވައިދެނީ --- ސަން ފޮޓޯ/ އަހްމަދު އައިމަން

އުނގަންނައިދިނުމުގެ ފަންނުގައި ހުނަރުވެރި އަދި ގާބިލް ހަސަން ސަރއަކީ ފަސްމީރު ކުރި ރުކެކެވެ. ކިޔަވައިދިނުމުގެ އިތުރަށް ވެސް ގިނަ ކަންކަން ކުރަން ފަރިތައެވެ. އެގޮތުން، ގްރޭޑު ހައެއްގައި އުޅެމުން ގަމީސް ފަހަން ދަސްކޮށް އަމިއްލައަށް ފެހުމުގެ މަސައްކަތް ކުރިއެވެ. އަމިއްލަ އާމްދަނީއެއް އެހާ ކުޑައިރު ހޯދަން ފެށިއެވެ.

ގެ ދޮރު އިމާރާތް ކުރުމުގެ މަސައްކަތަކީވެސް ހަސަން ސަރ ފަހަތަށް ޖައްސާލެވޭނެ މަސައްކަތެއް ނޫނެވެ. ވަޑާން ކުރުމަކީވެސް ހަސަން ސަރގެ ހާއްސަ ހުނަރެކެވެ. އަމިއްލަ ކޮޓަރީގެ ގިނަ ފަރުނީޗަރުތަކެއް ވާނީ އަމިއްލަ އަތުން ހަދާފައި ކަމުގައި ހަސަން ސަރ ފާހަގަކުރިއެވެ. ކަރަންޓު ވަޔަރިންގެ މަސައްކަތުން ފެށިގެން ކޭބަލް ޓީވީގެ މަސައްކަތަކީވެސް ހަސަން ސަރގެ ހުނަރުތަކެވެ. ގާބިލް ކަންކަމެވެ. އެގޮތުން އަމިއްލަ އައިޓީ ނެޓްވޯކެއް ވެސް އުފަން ރަށުގައި ވަނީ ގާއިމް ކޮށްފައެވެ.

"ރިޓަޔާ ވަންދެންވެސް ބޭނުން ވަނީ މި ދާއިރާގަ ހުންނަން،" ކިތަންމެ ހިތް ނޭދުނަށް ފަހަރުގައި އެހެން ދާއިރާއަކުން ހަސަން ސަރ ފެނިދާނެއެވެ.

މި ދާއިރާއާ ހަސަން ސަރ ވަކިވެއްޖެނަމަ ހިތާމަ ކުރާނެ އެތަކެއް ކުދިންނެއް ތިބޭނެއެވެ. ލޮލުން ކަރުނަ އޮހޮރޭނެ އެތަކެއް ބެލެނިވެރިންނެއްވެސް ތިބޭނެއެވެ. އެ ދުވަހަކީ އިސްކަންދަރުގެ ހިޔާވައްސަށް ވެސް ބަނަ ދުވަހަކަށް ވާނެއެވެ.

comment ކޮމެންޓް