ނިއުޕޯޓް ހިންގާ ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށްބުނެ މުއިއްޒުގެ މައްސަލަ ޕީޖީއަށް

އޮގަސްޓް 30، 2021: މާލޭ ސިޓީ މޭޔަރު މާލޭ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު ސަން އަށް ދިން ހާއްސަ އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނިއުޕޯޓް ހިންގާ ކުންފުނި، ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ނާޖާއިޒު ފައިދާ ހޯދައިދިންކަމަށް ތުހުމަތުކޮށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ މަައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިފިއެވެ.

މިހާރު މާލޭ ސިޓީގެ ކައުންސިލްގެ މޭޔަރުކަމުގެ މަގާމުގައި ހުންނެވި ޑރ. މުއިއްޒުގެ އިތުރުން ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަބީބުގެ މައްޗަށް ވެސް ދައުވާ ކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ ފޮނުވައިފައެވެ.

އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލޮނުޒިޔާރާތް ކޮޅުގައި ބްރިޖް ވިއުއިން ޕްލެޓްފޯމަކާއި ފުޑް އައުޓްލެޓް އޭރިޔާ އަދި ޕާކިން އޭރިޔާއެއް ތަރައްގީކުރުމަށް ހައުސިން މިނިސްޓްރީއާއި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއް ސެޕްޓެމްބަރު 22، 2016ގައި ސޮއިކޮށްފައިވާ ކަމަށެވެ.

އެ އެއްބަސްވުމުގައިވާ "ޕާކިން އޭރިއާ" ގައި ފިނިބުއިން ވިއްކާ ތަނެއް އެޅުމުގެ ހުއްދައަށް އެދި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ހުށަހެޅުމުން، އެއްބަސްވުމުގައިވާ "ޕާކިންގ އޭރިއާ" ހުޅަނގަށް ޖައްސާލުމަށްފަހު އެތަނުގައި ފިނިބުއިން ވިއްކާ ތަނެއް އެޅުމުގެ ހުއްދަ އެ މިނިސްޓްރީން ދީފައިވާކަމަށް ވެސް އޭސީސީގެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ވަނީ، އެކަމުގެ ސަބަބުން، އެއްބަސްވުމުގައިވާ ސަރަހައްދުގެ އިތުރުން، 2464 އަކަފޫޓުގެ ބިމުގެ ސަރަައްދެއް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް އިތުރަށްލިބި، އިތުރު ފައިދާ އެ ކުންފުންޏަށް ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް، އެހުއްދައަކީ އޭރު އަލުކުރަމުންދިޔަ ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ހުޅުވާލެވިފައިވާ ބީލަން އުސޫލާ ޚިލާފުކަމެއްކަމާއި، އަދި އެކަމުގައި އެ މިނިސްޓްރީން ގާނޫނީ ލަފާ ހޯދާފައިނުވާކަން އެނގޭކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން އެ ބިމަށް ބައެއް ބަދަލުތައް ގެނެސް، އެ ބިމުގައި އިތުރު ވިޔަފާރި ކުރުމަށާއި، ބިން ކުއްޔަށްދޫކޮށްފައިވާ ތިން އަހަރުގެ މުއްދަތު އިތުރު ފަސް އަހަރަށް އިތުރުކުރުމަށް ހުށަހަޅައިފައިވެއެވެ. އަދި މުއްދަތު އިތުރުކޮށްދިނުމުގެ ބަދަލެއްގެ ގޮތުގައި ސަރުކާރަށް ސީއެސްއާރުގެ ގޮތުގައި ދެ މިލިއަން ރުފިޔާ ދިނުމަށާއި، ޒަމާނީ ފުޓްސަލް ދަނޑެއް ތަރައްޤީކޮށް ސަރުކާރާ ޙަވާލުކޮށްދޭން ވެސް ވަނީ ހުށަހަޅައިފައެވެ.

މި ހުށަހެޅުމާގުޅިގެން، އެ ކުންފުނިން އެދިފައިވާގޮތަށް އޭޕްރީލް 13، 2017ގައި އެއްބަސްވުމަށް ފުރަތަމަ އިސްލާހު ވަނީ ގެނެސްފައެެވެ. އަދި މި ބަދަލު ގެނެސްފައިވަނީ މިފަދަ އެއްބަސްވުންތަކާ ގުޅިގެން އަމަލުކުރާ އާންމު އުސޫލާ އެއްގޮތަށް ގާނޫނީ ލަފާ ނުހޯދައިކަން އެނގޭ ކަމަށް އޭސީސީގެ ބަޔާނުގައި ބުނެފައިވެއެެވެ.

"މި ޕްރޮޖެކްޓަކީ ކުރު މުއްދަތަކަށް ކަނޑައެޅިފައިވާ ޕްރޮޖެކްޓެއްކަން ޕްރޮޖެކްޓް ހަވާލުކުރާނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ އިއުލާނުން އެނގޭއިރު، އިތުރު 05 އަހަރަށް އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަކީ އެ މަގްސަދާ ޚިލާފަށް ކޮށްފައިވާ ކަމެކެވެ. އަދި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ސީއެސްއާރްގެ ގޮތުގައި ސަރުކާރަށް ދައްކަން ކަނޑައެޅި ފައިސާ ދައްކާފައިނުވެއެވެ." އޭސީސީގެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

އޭސީސީގެ ބަޔާނުގައި އިތުރަށް ވަނީ އެއްބަސްވުމާ އެއްގޮތަށް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ދައުލަތަށް ދައްކަންޖެހޭ ކުލީގެ ފައިސާ ދައްކާފައި ނުވާ ކަމަށެވެ. އެގޮތުން، ނޮވެމްބަރު 1، 2017އިން 2018ވަނަ އަހަރުގެ ޖުލައިމަހުގެ ނިޔަލަށް ދައުލަތަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ 1.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާފައެއް ނުވެއެވެެ.

"މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް އެ އެއްބަސްވުން ބާޠިލްކުރުމުގެ އިޚްތިޔާރު ލިބިދީފައިއޮވެމެ، އެ އިޚްތިޔާރުގެ ބޭނުން ނުކޮށް، ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް މަންފާވާގޮތަށް އެއްބަސްވުމަށް އެކި ފަހަރު މަތިން ބަދަލުގެނެސް އިސްލާހުތައް ގެނެސްފައިވާތީ އެކަމުގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުގެ މަޞްލަޙަތު އިސްކޮށްފައިވާކަން އެނގެއެވެ." އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އޭސީސީގެ ބަޔާނުގައި އިތުރަށް ބުނީ ޗާޓައިމް ނެގުމަށް ހައުސިން މިނިސްޓްރީން ސްޓްރާޑާއަށް އެންގުމުން އެކަމާ އެ ކުންފުނިން ދެކޮޅު ހަދާފައެއް ނުވާ ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ އެ ކުންފުނީގެ ރުހުމާއި އެއްބާރުލުމާއެކުގައި ކަމަށް ވެސް އޭސީސީގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން، ޗާޓައިމް ނެގުމުގެ ބަދަލެއްގެ ގޮތުގައި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ކަންކަން ހިމަނައި އެއްބަސްވުމަށް 02 ވަނަ އިސްލާހު ގެނައުމުން ޗާޓައިމްގެ ބަދަލުދިނުމުގެ މުއާމަލާތަކީ ނިމިފައިވާ މުއާމަލާތެއްކަން ފާހަގަކުރެވޭ ކަމަށް ވެސް އޭސީސީން ބުނެއެވެ.

ޗާޓައިމް ނެގުމުގެ ބަދަލެއްގެ ގޮތުގައި، ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން އެދިފައިވާގޮތަށް، އެއްބަސްވުމުގެ މުއްދަތު 25 އަހަރަށް އިތުރުކުރުމަށް ހައުސިން މިނިސްޓްރީން ވަނީ ރައީސް އޮފީހުގެ ލަފައަކަށް އެދި ސިޓީއެއް ފޮނުވައިފައެވެ.

އެ ސިޓީ މިނިސްޓްރީން ފޮނުވާފައިވަނީ، އެ ޕްރޮޖެކްޓުގައި ކަން ހިނގާފައިވާގޮތާއި، އެ ކުންފުނިން ދައްކަންޖެހޭ ކުލި އެއްބަސްވުމާ އެއްގޮތަށް ދައްކާފައި ނުވާކަމުގެ މައުލޫމާތު އެ މިނިސްޓްރީއަށް ލިބިފައިވަނިކޮށް، އެކަމުގައި އެ މިނިސްޓްރީގެ ލީގަލް ސެކްޝަން އަދި އެޓާނީ ޖެނެރަލްގެ އޮފީހުގެ ގާނޫނީ ލަފައެއް ހޯދުމަކާ ނުލައިކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

މީގެކުރިން އޭސީސީން ފޮނުވި މައްސަލައަކާ ގުޅިގެން މުއިއްޒުގެ މައްޗަށް ވަނީ ދޮގު ބަޔާން ދިނުމުގެ ދައުވާ އުފުލާފައެވެ.

comment ކޮމެންޓް