ވިނަރެސް ފްލެޓުތަކުގެ މަސައްކަތް ނިމޭނީ 2022ގެ މެދެއްހާ ހިސާބުގައި: އެޗްޑީސީ

ވިނަރެސް މަޝްރޫއުގެ ކޮންސެޕްޓް --- ފޮޓޯ/އެޗްޑީސީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދާ ވިނަރެސް ފްލެޓުތަކުގެ މަސައްކަތް 2022 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައި މުޅިން ނިންމާލެވޭނެ ކަމަށް އެޗްޑީސީއިން ބުނެފިއެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ވިނަރެސް ފްލެޓުތަކުގެ ބޮޑު ބައެއް ނިންމާލާފައިވާ ކަމަށެވެ.

"ކުރިން ރާވާފައި އޮތީ މާޗު މަހުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭތޯ. އެކަމަކު މަސައްކަތް ކުރާ މީހުންނާއި ބޭނުންވާ ތަކެތި ގެނައުމުގައި ދަތިތަކެއް ކުރިމަތިވާތީ މަސައްކަތް ލަސްވަނީ،" އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި މަސައްކަތުގައި އުޅޭ މީހުން ކޮވިޑަށް ޕޮޒިޓިވްވުމަކީ ވެސް މަސައްކަތް ލަސްވާން މެދުވެރިވި ސަބަބެކެވެ. އެ ހާލަތުގައި މަސައްކަތް ކުރާ ސައިޓު 45 ދުވަހަށް ބަންދު ކުރަން ޖެހޭ ކަމަށް އޭނާ ފާހަގަކުރިއެވެ.

ހިޔާ ފްލެޓު ލިބުނު މީހުންގެ ތެރެއިން އެ ފްލެޓު ދޫކޮށްލާ މީހުންނަށް ވެސް ވިނަރެސްއިން ފްލެޓު ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އޮފިޝަލް ވިދާޅުވީ އެފަދަ 200 އެއްހާ މީހުން އެބަތިބި ކަމަށެވެ.

"ހިޔާ ފްލެޓުން ލިބުނު ތަނުގައި ބަދަލުގައި ވިނަރެސްއިން އެޕާޓްމަންޓް ބޭނުންވާ ފަރާތްތަކަށް މިދިޔަ މަހުގެ 28، 29 އަދި 30 ވަނަ ދުވަހު ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލިން. އެ ތިން ދުވަހުގެ ތެރޭގައި ފޯމު ހުށަހެޅީ 75 މީހުން،" އޮފިޝަލް ވިދާޅުވިއެވެ.

މީގެ އިތުރުން ގުޅީފަޅުން ބިން ގަތް ފަރާތްތަކަށް ވެސް ވިނަރެސްއިން ފްލެޓު ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އެފަދަ 214 މީހުން އެބަތިބި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ހިޔާގެ ފްލެޓު ދޫކޮށްލާ މީހުންނާއި ގުޅީފަޅުން ބިން ގަތް ފަރާތްތަކަށް ފުރަތަމަ ރިޒާވް ކޮށްދިނީ. އެ ދެ ކެޓަގަރީ ނިންމާލުމަށްފަހު އާންމުންނަށް ފްލެޓު ގަތުމުގެ ފުރުސަތު ހުޅުވާލާނަން. މި މަހުގެ ތެރޭގައި އާންމުކޮށް ހުޅުވާލާނެ ކަމަށް ބެލެވޭ،" އޮފިޝަލް ވިދާޅުވިއެވެ.

ވިނަރެސް މަޝްރޫއުގެ ދަށުން ތައްޔާރު ކުރާ 1،344 ފްލެޓް ހުންނާނީ 10 ޓަވަރަށް ބަހާފައެވެ. އަދި ކޮންމެ ޓަވަރެއްގައި 13 ފަންގިފިލާ ހުންނަ އިރު ކޮންމެ އެޕާޓްމެންޓެއްގައި ތިން ކޮޓަރި އާއި ތިން ފާހާނާ އާއި ބެލްކަންޏެއް ހުންނާނެއެވެ.

ވިނަރެސް ފްލެޓްތަކުގައި ހަތަރު ބާވަތެއްގެ އެޕާޓްމެންޓު ހުންނާނެއެވެ. އެއީ މެރީނާ ވިއު، އިނާ ވިއު، އައުޓާ ވިއު އަދި ސްޓޭންޑާޑް ވިއު އެޕާޓްމެންޓުތަކެވެ. އޭގެ ތެރެއިން ސްޓޭންޑާޑް ވިއު އެޕާޓްމެންޓުގައި ހުންނާނީ 883 އަކަފޫޓެވެ. ނަމަވެސް ބާކީ ތިން ބާވަތުގެ އެޕާޓްމެންޓުގައި 902 އަކަފޫޓު ހުންނާނެއެވެ.

comment ކޮމެންޓް