ޕީއެސްއެމްގެ އެމްޑީ ދައްކަންޖެހޭ ފައިސާ ދެއްކުމަށްފަހު މާފަށް އެދިއްޖެ

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު -- ސަން ފައިލް ފޮޓޯ

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު ހައްގު ނޫން އެލަވަންސްތަކެއް ނެގި މައްސަލަައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އެދި އެ މިނިސްޓްރީން ފޮނުވި ސާކިއުލާއާ އެއްގޮތަށް ހާލިދު އެ ފައިސާ ދައްކައިފިއެވެ.

އެގޮތުން "ސަން"އަށް ވަނީ ހާލިދު އެ ފައިސާ ދެއްކިކަމުގެ ރަސީދުގެ ކޮޕީއެއް ލިބިފައެވެ. އޭނާ އަނބުރާ ދައްކައިފައިވަނީ މިދިޔަ އަހަރުގެ މޭ މަހުން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށްވާ ފައިސާއެވެ. އެއީ 105،000 ރުފިޔާއެވެ.

ހަމައެއާއެކު ހާލިދު ވަނީ އެ ފައިސާ ދެއްކުމަށްފަހު ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ކިބައިން މާފަށް ވެސް އެދިފައެވެ.

އެގޮތުން އޭނާ ވިދާޅުވީ އިތުރު އެލަވަންސެއް އޭނާއަށް ނެގުނީ ފިނޭންސް މިނިސްޓްރީން ފޮނުވި ސާކިއުލާއެއް މާނަކުރުމުގައި އޭނާއަށް އެރި އޮޅުމެއްގެ ސަބަބުންކަމަށެވެ. އަދި އެ އޮޅުން އެރުމާއެކު ބެލި ބެލުމުން ބޯޑު އެލަވަންސް އުނިކުުރަން ޖެހޭކަން ފާހަގަވީ މާ ފަހުންކަމަށް އަލީ ޚާލިދު ވިދާޅުވިއެވެ.

"ކުރިއަށް އޮތް ތަނުގައި އަޅުގަނޑު މިފަދަ ކަންކަމަށް ސަމާލުވާނެކަމާއި، މިކަން މިހެން ދިމާނުވާނެ ގޮތަކަށް އިޖުރާއަތުތައް ވަރުގަދަކުރުމަށް މަސައްކަތްކުރުމަށް ގެންދާ ވާހަކަ ދަންނަވަމެވެ. މިހެން މި ކަން ހިނގައިދިޔައިތީ ހުރިހާ ބޭފުޅުންގެ ފަރާތުން މާފަށް އެދޭ ވާހަކަ ވެސް ދަންނަވަމެވެ،" އަލީ ހާލިދު ފޮނުވި މެސެޖުގައި ވެއެވެ.

އެކަން އެހެން ހިނގަމުންދަނިކޮށް، ފިނޭންސް މިނިސްޓްރީއަށް އެ ކަން ފާހަގަ ކުރެވި ޕީއެސްއެމަށް ސާކިއުލާއެއް ވަނީ ފޮނުވާފައެވެ. އެ ސާކިއުލާގައި ވަނީ އެ ފައިސާ އެމްޑީ އަދި ޑީއެމްޑީއަށް ދިނުން ހުއްޓާލުމަށާއި މިހާތަނަށް ދީފައިވާ ފައިސާތައް އަނބުރާ ހޯދުމަށެވެ.

ފިނޭންސް މިނިސްޓްރީގެ ސާކިއުލާ ފޮނުވާފައިވަނީ ވެސް އެމްޑީއަށް އެޑްރެސްކޮށެވެ. އަދި އެ ސާކިއުލާ ތަންފީޒުކުރަން އެޗްއާރު ޑިޕާޓްމަންޓަށާއި ފައިނޭންސް ޑިޕާޓްމަންޓަށް ވެސް އެންގެވީ އެމްޑީ އަލީ ހާލިދެވެ.

ނަމަވެސް އެ ސާކިއުލާއަށް އަމަލުކުރަން ފެށުމުން އަލީ ހާލިދު ވަނީ މުސާރައިން ބައެއް އުނިވެފައިވާތީ އެކަން ވެފައި އޮތްގޮތް އޮޅުން ފިލުވައިދިނުމަށް އެދި އެޗްއާރަށް މެއިލްއެއް ކޮށްފައެވެ.

"ފައިނޭންސްއާއި އެޗްއާރުން އޭތި ކަނޑާލީމަ އަލީ ހާލިދު އެބައިން މެއިލްކޮށްފަ ކީއްވެހޭ ތިމަންނަގެ މުސާރައިން 7500 މަދުވީ. މަދުވީ ފިނޭންސްއިން އެކަން އެންގީމަ،" ޕީއެސްއެމްގެ އޮފިޝަލަކު ވިދާޅުވިއެވެ.

ޕީއެސްއެމްގެ އެމްޑީއާއި ޑީއެމްޑީއަށް ބޯޑު އެލަވަންސްގެ ގޮތުގައި 7،500 ރުފިޔާ ކަނޑައަޅައިފައި އޮވެއެެވެ. ނަމަވެސް ކޮވިޑާ ގުޅިގެން އެ އެލަވަންސް ކަނޑާލަން ފިނޭންސްއިން ވަނީ އަންގައިފައެވެ.

ފިނޭންސްގެ އެންގުމާ ހިލާފަށް ޕީއެސްއެމުން 15 މަސްވަންދެން ޖުމުލަ 225،000 ރުފިޔާ ވަނީ އަލީ ޚާލިދަށާއި ޝަމީމަށް ޖަމާކޮށްފައެވެ.

comment ކޮމެންޓް