ޒުވާނުންގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ކުޅުދުއްފުށީގައި

23 ނޮވެންބަރު 2016: ދަރުބާރުގޭގައި ބޭއްވި ޒުވާނުންގެ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން---ފޮޓޯ: ރައީސް އޮފީސް

ޒުވާނުންގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ނިންމައިފިއެވެ.

ޔޫތު މިނިސްޓްރީގެ ޑިރެކްޓަރު ސައުދަތު އަފީފު ވިދާޅުވީ، ޒުވާނުންގެ ދުވަހުގެ ރަސްމީ ހަރަކާތްތަކާއި އަދި އެދުވަހުގެ އެވޯޑް ދިނުންވެސް އޮންނާނީ ކުޅުދުއްފުށީގައި ކަމަށެވެ.

ޒުވާނުންގެ ދުވަހުގެ ހަރަކާތްތައް އަންނަ އާދީއްތަ ދުވަހު އެރަށުގައި ފެށިގެންދާއިރު، އޮކްޓޯބަރު 23 ވަނަ ދުވަހާ ހަމައަށް އެ ހަރަކާތްތައް ކުރިއަށް ދާނެކަމަށް ސައުދަތު ވިދާޅުވިއެވެ.

އެރަށުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ޖާނަލިޒަމް ޓްރެއިނިންގް ޕްރޮގްރާމަކާއި ލައިފްސްކިލް ޓްރެއިނިންގް ޕްރޮގްރާމެއްގެ އިތުރުން ޕޭރެންޓް އަވެއާނެސް ޕްރޮގްރާމަކާއި ތަފާތު ކުޅިވަރުގެ ހަރަކާތްތައް ހިމެނޭ ކަމަށް ސައުދަތު ވިދާޅުވިއެވެ.

"މައިގަނޑު އެންމެ ރަސްމީ ހަރަކާތެއްގެ ގޮތުގަ ކުރިއަށް ދާނީ 22 ވަނަ ދުވަހު ބޭއްވޭ ޔޫތް އެވޯޑް ސަރުމަނީ،" ސައުދަތު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެދުވަހާ ދިމާކޮށް މާލެއާއި އަތޮޅު ތެރޭގައިވެސް ޒުވާނުންގެ ދުވަހުގެ އެކި ހަރަކާތްތައް ކުރިއަށް ދާނެ ކަމަށެވެ.

އެދުވަހާ ގުޅިގެން މާލޭގެ ރަސްރަނި ބަގީޗާއާއި އުސްފަސްގަނޑުގައި ލައިވް އިވެންޓާއި ކުރެހުމުގެ ހަކަރާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ހުޅުމާލެ އާއި ވިލިމާލޭގައި ވެސް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާއިރު މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، އެ ރަށެއްގެ ފެންވަރުން އިޖުތިމާއީ ހަރަކާތްތަކާއި ހޭލުންތެރިކަމުގެ ސެޝަންއެއްގެ އިތުރުން ކުޅިވަރުގެ ހަކަރާތްތަކެއް ވެސް ކުރިއަށް ގެންދަން ވަނީ ހަމަޖައްސާފައެވެ.

ދެހާސް ވިނި ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހަކީ، ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ކަނޑައަޅުއްވައިފައެވެ.

އޮކްޓޫބަރު 22 އަކީ މީގެ 12 އަހަރު ކުރިން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ 185 ވަނަ ޖަލްސާއިން، އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް އިންތިހާބުތަކުގައްޔާއި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ހައްގާއި، އިންތިހާބުތަކުގައި، އެކިއެކި މަގާމުތަކަށް ކުރިމަތިލުމުގެ ހައްގާއި، އެ މީހަކު އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާއެކު އިހްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް، ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގު ލިބިދިނުމުގެ މާއްދާ ފާސްކުރެއްވި ތާރީހީ ދުވަހެވެ.

comment ކޮމެންޓް