"ޔާމީން ފިޔަވައި ރާއްޖެ ސަލާމަތްކުރެވޭނެ ލީޑަރެއް އެއްކޮޅަކު ވެސް އިދިކޮޅަކު ވެސް ނެތް"

ސެޕްޓެމްބަރ 3، 2021: އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން ކާނިވާ ސަރަހައްދުގައި ބޭއްވި "އައްޑަނަ" ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާާ

ރާއްޖެ މިހާރު ވެއްޓިފައި އޮތް އަނދަވަޅުން ސަލާމަތް ކުރެވޭނެ ލީޑަރަކު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފިޔަވައި އެއްކޮޅުގައި ވެސް، އިދިކޮޅުގައި ވެސް ނެތްކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ މި ގައުމު އަނދަވަޅުން ސަލާމަތްކޮށް ރައްޔިތުން ބޭނުންވާ ތަރައްގީއާއި ކުރިއެރުމާއި މިނިވަންކަން ހޯދައިދެވޭނީ ރައީސް ޔާމީނަށް ކަމަށެވެ.

އަދުރޭ އިތުރަށް ވިދާޅުވީ އެވަރުގެ ހިތްވަރެއް ހުރި، އެވަރުގެ ތަސައްވަރެއް އޮތް ލީޑަރަކު ރައީސް ޔާމީން ފިޔަވައި މި ރާއްޖޭގައި ނެތް ކަމަށެވެ. އަދި ރައީސް ޔާމީންގެ ގާބިލުކަން އެންމެ ރަނގަޅަށް އެނގޭނީ ޕީޕީއެމް، ޕީއެންސީގެ މެންބަރުންނަށް ކަމަށް ވެސް އަދުރޭ ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެން ތެރޭގައި ބައިބައި ކުރަން ވަރަށް ގިނަ ވާހަކަ ތިޔަ ބޭފުޅުންނަށް އަޑުއިވިވަޑައިގަންނަވާނެ. އަޅުގަނޑު ދަންނަވަން ބޭނުން، އެއިން އެއްވެސް ވާހަކައެއް ގަބޫލުފުޅު ނުކުރައްވާށޭ. ޕީޕީއެމް، ޕީއެންސީ ނުކުމެގެން މިއުޅެނީ މި ގައުމަށްޓަކައި ރައީސް ޔާމީން މިނިވަންކުރަން," އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީނަށް މި ގައުމު މުހިންމުވީ މިއަދަކު ނޫން ކަމަށެވެ. މާ ކުރިއްސުރެ ވެސް އެމަނިކުފާނުގެ ހިތްޕުޅުގައި ގައުމުގެ ތަސްވީރު މާ ކުރިން ކުރަހާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި އަދުރޭ ވަނީ ރައީސް ޔާމީން ކަފާލާތުގެ ދަށުން ދޫކޮށްލުމާ ގުޅިގެން ވެސް ވާހަކަ ދައްކަވައިފައެވެ. އެގޮތުން އަދުރޭ ވިދާޅުވީ މިއަދު ރައީސް ޔާމީނަށް ކަފާލާތު ލިބޭނެ ކަމަށް ވަރަށް ގިނަ ބަޔަކު އުއްމީދު ކުރިކަމަށެެވެ.

"ރައީސް ޔާމީނަކަށް މިވަގުތު ކަފާލާތެއް މުހިންމެއް ނޫން. ކަފާލާތު ދޭންވީ ވަގުތު ހިނގައްޖެ. ދެ އަހަަރު ދުވަހު އަނިޔާ ދީފައި ދެން ކަފާލާތު ދިނުމެއް މުހިންމެއް ނޫން،"

އަދުރޭ ވިދާޅުވީ ރައީސް ޔާމީނަށް މާތްﷲ ނަސްރު ދެއްވާނެ ކަމުގެ ޔަގީންކަަން އެބައޮތް ކަމަށެވެ.

comment ކޮމެންޓް