ތިޔަ ލޯބި އެދިގެން... - 11

"ބައްޕަ ބޭނުންވަނީ އަހަރެން ކައިވެނިކުރަން..." މިންހާ އެހެން ބުނެލި އަޑު އޭރު އެ ހިސާބާ އަރާ ހަމަވި ރައިހާންގެ ކަންފަތުގައިވެސް ޖެހުނެވެ.

"ކާކާ ކައިވެނި ކުރަންތަ މިންނު؟ ހުއްޓާލާފަ ވީ ގޮތް އަހަންނަށް ރަނގަޅަށް ކިޔައިދީބަލަ!" މިންހާ ހަމައަކަށް އަޅުވަން ބުނާނެ އެއްޗެއް ވެސް ޔޫލިންއަކަށް ނޭނގުނެވެ.

"ޝިޒާންއާ... ބައްޕަ ބޭނުންވަނީ އަހަރެން ޝިޒާންއާ ކައިވެނިކުރަން. އެކަމަކު އަހަރެން ކިހިނެއް..." އަނެއްކާވެސް މިންހާގެ އަޑު ކުރެހުނެވެ. އެ ހިސާބަށް އަޑު އަހަން ހުރެފައި ރައިހާން ވެސް އެނބުރިލިއެވެ. އޭނާއަށް އިތުރަށް އެތަނުގައި މަޑުކުރާކަށް ހިތްވަރެއް ނުލިބުނެވެ. އެކަކަށް ނޭނގުނަސް އަދިވެސް އޭނާ މިންހާ ދެކެ ލޯބިވެއެވެ. ވީއިރު ލޯބިވާ މީހަކު އެހެން މީހެއްގެ ހައްޤަކަށް ވާން އެދޭނީވެސް ވަކި ކާކުހެއްޔެވެ؟

"އޭތް... ރައިހާން ކޮންތާކަށް؟ ގެއަށްތަ؟"

އެދިޔަ ގޮތަށް އޭނާ ގެއާ ދިމާލަށް ހިނގައިގަތުމުން، އައިހަމް ދެފަހަރަކު ގޮވައިލިއެވެ. އެއަޑަށްވެސް ސަމާލުކަން ނުދީ ރައިހާން އެ ދިޔަގޮތަށް ގޮސް ގޭތެރެއަށް ވަނެވެ.

މިންހާ ގޮވައިގެން ގެންގޮސް ސިޓިން ރޫމުގައި ހުރި ސޯފާގައި މިންހާ ބައިންދަމުން، ޔޫލިން މިންހާގެ އަތުގައި ހިފައްޓައިލިއެވެ.

"ލީން ބުނެބަލަ! އަހަރެން ކިހިނެއް ލޯބިނުވާ މީހަކާ އިންނާނީ؟ ކިހިނެއް ދިރިއުޅުމެއް އުޅޭނީ... ކީއްވެގެންތަ ބައްޕަ ނުވެސް ދަންނަ ޒުވާނަކާ އަހަރެންގެ ކައިވެނިކުރުވަން އެ އުޅެނީ... އަހަރެން އާހިލްގެ ވާހަކަ ބައްޕަ ކައިރީގައި ބުނަންވީތަ؟ އެ ކައިވެންޏާ ދެކޮޅު ހަދަންވީތަ؟ ބައްޕަ ސަކަރާތްވެދާނެތީ އިތުރަށް އެއްޗެއް ބުނާކަށްވެސް އަހަންނަކަށް ނުކެރޭނެ. އަހަންނަށް ހަދާނެގޮތް ހުސްވެއްޖެ!" މިންހާ ބުނެލިއެވެ.

"މިންނު. ބައްޕަ މިންނުއަށް ދެރަގޮތެއް ވާކަށް ނޭދޭނެއެއްނު. ބައްޕައަށް ޝިޒާންގެ ގޮތް ރަނގަޅަށް އެނގޭތީ އެ ނިންމުން އެހެން އެ ނިންމީ. އެހެންނޫންނަމަ ބައްޕަ އެހާ ބޮޑު ނިންމުމެއް ނުނިންމާނެ." ޔޫލިން މިންހާއަށް ވިސްނައިދެމުން ބުނެލިއެވެ.

"ދެން ލީންވެސް ތިބުނަނީ އަހަރެން ޝިޒާންއާ ކައިވެނި ކުރާށޭތަ؟" މިންހާއަށް ބުނެވުނެވެ.

"އެހެންނެއް ނުބުނަމެއްނު. އެކަމަކު މިންނު ވިސްނާލަބަލަ! އާހިލްއާ ރައްޓެހިވެގެން މިހާ ދުވަސްވީއިރުވެސް ތިގުޅުން އޮތް ހަމައެކަނި ހިސާބަކީ ފޯނު. އާހިލް ހަޤީގަތުގައި މިންނު ދެކެ ލޯބިވާނަމަ މިހާރު ކައިވެންޏާ ހިސާބަށް ތި ގުޅުން ގެންދަން ބޭނުންވެގެން އުޅޭނެއެއްނު..." ޔޫލިން ބުނެލިއެވެ.

"އެކަމަކު..." މިންހާއަށް ތުންފަތުގައި ދަތް އަޅައިލެވުނެވެ.

"މިންނު. އަޑު އަހާބަލަ! ބައްޕަ އެ ޙާލަތުގައި އޮއްވާ ބައްޕަގެ އެދުމުގައި ކޮޅުފައިން ޖެހުން އެއީ ރަނގަޅުގޮތަކަށް ނުވާނެ. ބައްޕަ މިންނުގެ ޒިންމާ ޝިޒާންއާ ހަވާލުކުރަން އެ އުޅެނީ ބައްޕައަށް ވެސް ކަންތައްތަކެއް އެނގޭތީއޭ އަހަރެންގެ ހިތް ބުނަނީ. މި ބުނީ ޝިޒާންގެ. އެހެންނޫނީ އެއްވެސް ބައްޕައެއް ނޭދޭނެ ނުދަންނަ މީހަކާ އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ހަވާލުކުރާކަށް..." މިންހާއަށް ބަލައިލަމުން ޔޫލިން ބުނެލިއެވެ.

"އެކަމަކުވެސް ހެޔޮ. އަހަރެން ދެކޮޅު ހަދާނީ..." މިންހާއަށް ކިޔޭ ނުކިޔޭއެއްޗެއް ވެސް ނޭނގެއެވެ. އާހިލްއާ ވަކިވާން ޖެހޭ ޚިޔާލުން އެކަނިވެސް އޭނާގެ މޭތެރޭގައި ތޫނު ރިހުމެއް އުފައްދައިފިއެވެ. އެ ރިހުން ބޮޑުވެ މުޅި ހަށިގަނޑުގެ ހުރިހާ ސެލް ތަކަކަށްވެސް އަސަރުކުރުވަން ފެށިހެން މިންހާއަށް ހީވިއެވެ.

ޔޫލިން މިންހާއަށް ނަސޭހަތް ދިނެވެ. ބައްޕަ އެޙާލުގައި އޮއްވާ ބައްޕަ ނުރުހުންވާނޭ އަދި ދެރަވާގޮތަކަށް އެއްވެސްކަމެއް ނުކުރުމަށް ބުންޏެވެ. ރޮއިރޮއިފައިވެސް މިންހާ އެއްބަސްވިއެވެ.

"ލީންއަށް ހީވޭތަ ބައްޕަ އެ ޙާލުގައި އޮއްވާ އަހަރެން އެގޮތަށް ކަންތައް ކޮށްފާނެހެން؟" މިންހާ ސުވާލުކޮށްލުމާއެކު، ޔޫލިން ދެފަރާތަށް ބޯ ހޫރައިލިއެވެ. ޔޫލިންގެ އެތައް ހިތްވަރުގެ ބަސްތަކަކުން މިންހާވެސް ހަމައަަކަށް އެޅެމުންދިޔައެވެ.

"އަހަރެން ވަރުބަލިވެއްޖެ. ނިދާލަން ބޭނުމީ..." މިންހާ ބުނެލިއެވެ. މިންހާ ހަމައަކަށް އެޅިލުމުން ޔޫލިންވެސް މިންހާ ކޮޓަރިއަށް ވަދެ އޮށޯތުމުން، އެގެއިން ނުކުމެގެން އައިހަމް ކައިރިއަށް ގޮސް ހުއްޓުނެވެ.

"މިންނުއަށް ކިހިނެއްވީ؟" އައިހަމް ސުވާލުކޮށްލިއެވެ.

"އެއީ.. ކުޑަކަމެއް. މާ ބޮޑުކަމެއް ނޫން. ބުނެބަލަ! އަހަންނާ ބައްދަލުކުރަން ބޭނުންވެގެން އުޅުނީ ކީއްވެގެން؟" ޔޫލިން ސުވާލުކޮށްލިއެވެ.

"އިށީނދެބަލަ!" އޭނާއާ ޖެހިގެން ހުރި ޖޯއްޔަށް އިޝާރާތްކޮށްލަމުން އައިހަމް ބުނެލިއެވެ. މިންހާ އެ ޖޯއްޔަށް ބަލައިލުމަށްފަހު، އެއް ޖޯލި ދޫކޮށްލަމުން އިށީނދެލިއެވެ. އެއާއެކު އައިހަމްގެ ތުންފަތް މައްޗަށް މައުނަވީ ހިނިތުންވުމެއް ވެރިވިއެވެ. އޭނާ ޔޫލިންއަށް ބަލައލިއެވެ.

ޖޯލީގައި އިށީނދެލި ޔޫލިން އިންތިޒާރު ކުރަމުންދިޔައީ، އައިހަމް އެއްޗެއް ބުނާނެ އިރަކަށެވެ. އިރުކޮޅެއް ފާއިތުވަމުން ދިޔައިރުވެސް، އައިހަމް އެއްޗެއް ބުނަން ގަސްތުނުކުރުމުން އޭނާ ވާހަކަ ދައްކަން އުޅުނު ވަގުތު ކުއްލިއަކަށް ސިހުން ލިބުނީ އޭނާގެ އަތުގައި އައިހަމްގެ އަތުން އަތް ޖައްސައިލުމުންނެވެ. ނުވެސް ވިސްނާ އިންދާ އައިހަމްގެ އެ އަމަލުން ޔޫލިން ދިޔައީ ސިއްސައިގެންނެވެ. އޭނާއަށް އެ އަތް ވަގުތުން ދަމައިގަނެވުނެެވެ.

"އައިހަމް..." އޭނާއަށް މަޑުމަޑުން އައިހަމްގެ ނަން ދުލުން ބޭރުކޮށްލެވުނެވެ. ވައިއަޑުން އެ ބަސްތައް ނުކުތަސް އައިހަމްއަށް ރީތިކޮށް އެ އަޑު އިވުނެވެ. އިސްޖަހާލައިގެން އިން ޔޫލިންގެ ރީތިކަމަށް އައިހަމްއަށް ތަޢުރީފް ކުރެވުނެވެ.

"ގައިމު އަހަރެންގެ ފޮޓޯއަށް ބަަލަން ހުރި އިރު ތިހާ ލަދެއް ނުގަނޭ..." ޔޫލިން އިތުރަށް ލަދު ގަންނުވާލުމުގެ ބޭނުމުގައި އައިހަމް ބުނެލިއެވެ. ޔޫލިންގެ މޫނުމަތީގެ ކުލަަވަރު ބަދަލުވިއެވެ. އައިހަމް އޭނާގެ އިޙްސާސްތަކާ ކުޅެނީހެން އޭނާއަށް ހީވުމާއެކު، އޭނާއަށް ކޮޅަށް ތެދުވެވުނެވެ. ހިނގައިގަތް ވަގުތު އަނެއްކާވެސް ސިހުން ގެނުވީ އޭނާގެ އަތުގައި ހިފާ މީހަކު ލުއްކެތް ޖެހުމުންނެެވެ. ފަހަތަށް އައި ޔޫލިން ތަތްވީ އައިހަމްގެ ތަނަވަސް މޭމަތީގައެވެ. އައިހަމް ޔޫލިން އޭނާއާވީ ފަރާތަށް އަނބުރައިލިއެވެ. ޔޫލިންގެ ހިތުގެ ހިނގުންވެސް ހިނދުކޮޅަކަށް މަޑުޖެހިލިއެވެ. މީހާގެ ހަށިގަނޑު އެކީ ފިނިވުމާއެކު، ބުނެދޭން ނޭނގޭ ޖަޒުބާތުތަކެއް އޭނާގެ ހަށިގަނޑުގައި ހޭލައިގެންފިއެވެ. ހިތް ދިރުވައިލަން ވެސް ހަނދާންނެތިފައި އޭނާ ހުރިއިރު، އިސްޖަހައިލިގޮތަށް އިސްއުފުލައިލަންވެސް ނޭނގުނެވެ. މޭތެރޭގައި އޮތް ހިތް ހީވަނީ ބޭރަށް ފުންމާލަފާނެހެންނެވެ. ދޫކޮށްލަން ބުނަން އަނގަ ހުޅުވާލާނެހާ ހިތްވަރެއްވެސް އޭނާގެ ނެތެވެ.

ޔޫލިންގެ މޫނަށް އަރާ ކުލަވަރުތައް ގާތުން ބަލަންހުރި އައިހަމްގެ ތުންފަތް މަތީގައި ހިނިތުންވުމެއް ދުވެލަ ދުވެލާ ހުއްޓެވެ. އެހެންޏާ އޭނާ ޔޫލިންއަށް ބަލައިލާ ގޮތާ އެނަޒަރު މިހާރު ހާސްބައި ތަފާތެވެ.

"އަހަންނާ ދިމާލަށް ބަލައިނުލާނަންތަ؟" އައިހަމް ސުވާލުކޮށްލިއެވެ. އައިހަމްގެ އެ ސުވާލާއެކު، ޔޫލިންއަށް ހިތް ދިރުވައިލެވުނެވެ. އޭނާއަށް އައިހަމްގެ އެ ދެލޮލަށް ބަލައިލުމުގެ ކުޅަދާނަކަމެއް ނުލިބުނެވެ. ހުރިގޮތަށް ހުރެވުނުއިރު، އައިހަމްގެ ބޭނުމަކީ ކޮބައިތޯ އެހުމުގެ ޤާބިލްކަމެއްވެސް އޭނާގެ ނެތެވެ. އެއަށްވުރެ ބޮޑަށް އޭނާގެ އެތެރެހަށީގައި އުފެދެގެން އުޅޭ ތޫފާން ވަރުގަދައެވެ.

އައިހަމްގެ ތުންފަތް މައްޗަށް ވެރިވެފައިވީ ހިނިތުންވުން ފުޅާވީ ޔޫލިން އޭނާގެ ގާތުން ދުރަށް ދިޔުމަށް ގަދަހަދަމުން ނުދިޔައީތީއެވެ. ޔޫލިންގެ މޫނުމައްޗަށް އަރާފައިބަމުންދިޔަ ކުލަވަރުތައް ބަލައިލުމުގެ ބޭނުމުގައި، އޭނާ ކުޑަކޮށް ބޯ އަރިކޮށްލިއެވެ. އެއަށްފަހު، އޭނާ ޔޫލިންގެ ދަތްދޮޅި ދަށަށް އަތުގެ ދެ އިނގިލި ލައްވައިލާ ޔޫލިންގެ އިސް އުފުލުވައިލިއެވެ.

ޔޫލިންގެ ގަދަ މުށިކުލައިގެ ދެލޮލާ އައިހަމްގެ ދެލޮލާ ހަތަރުކަޅި ހަމަވިވަގުތު، ޔޫލިންގެ ފައިން ވާގިދޫވާހެން އޭނާއަށް ހީވިއެވެ. އެހާ ގިނައިރު އޭނާއަށް އައިހަމްއާ ނަޒަރު ސީދާކޮށްލައިގެން ހުންނާކަށް ނުކެރުނެވެ. ޔޫލިން އިސްޖަހައިލުމާއެކު، އައިހަމް އަނެއްކާވެސް އޭނާ ކުރިން ކުރި އަމަލު ތަކުރާރުކޮށްލިއެވެ. ޔޫލިން އިސް އުފުލައިލުމަށްފަހު، އެއްޗެކޭ ބުނަން އުޅުނު ނަމަވެސް، އައިހަމް އެކަމަށް ފުރުސަތުނުދީ ޔޫލިންގެ ތުންފަތް މަތީގައި އޭނާގެ އަތް އަޅައިލިއެވެ.

"ވިލް ޔޫ ބީ މައި ގާރލްފްރެންޑް؟" އިރުކޮޅެއްގެ ހަމަހިމޭންކަމަކަށްފަހު، އައިހަމް އެ ސުވާލުކޮށްލުމާއެކު، ޔޫލިންގެ ދެލޯ ބޮޑުވިއެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ސިކުނޑީގެ ހުރިހާ ނާރުތަކަކަށްވެސް ވާންވެލިހެން ހީވިއެވެ. އައިހަމް އޭނާގެ އިޙްސާސްތަކާ ކުޅެނީހެން ޔޫލިންއަށް ހީވިއެވެ. އައިހަމްގެ ލޯބިވެރިއަކު ހުންނައިރު އެގޮތަށް އޭނާއާ ސުވާލުކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟

"ކީކޭ އައިހަމް ތި ކިޔަނީ؟" ކުއްލިއަކަށް އައިހަމްގެ އަތުތެރެއިން ވީއްލިގަތުމަށްފަހު، ޔޫލިން ފަހަތަށް ޖެހިލިއެވެ. އޭނާ އެހެން އަހައިލިއިރު އެ އަޑުވެސް ދިޔައީ ތުރުތުރު އަޅަމުންނެވެ.

"ޔެސް. ޔޫ ހާރޑް އިޓް ރައިޓް... އަހަރެން މި އަހަނީ ލީން އަހަންނާ ރައްޓެހިވާނަންހޭ؟ އަހަރެންގެ ގާލް ފްރެންޑަކަށް ވާނަންހޭ؟" އައިހަމް އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"އައިހަމް ތީ މީހުން ކުރާކަހަލަ ސަމާސާއެއް ނޫނޭ..." ޔޫލިންގެ ހިތް އިންތިހާ ތެޅެމުންދިޔައިރު، އެއީ ހޭލާ ހުންނައިރު ފެންނަ ހުވަފެނެއް ބާއޭ އޭނަގެ ހިތަށް އެރިއެވެ. ދެފަހަރަކު އެސްފިޔަ ޖަހައިލުމުންވެސް މަންޒަރު ބަދަލެއް ނުވިއެވެ. އައިހަމް އެ ހުރީ އޭނާގެ ކުރިމަތީގައެވެ. އެ ދެލޮލުގެ ވިދުން މިފަަހަރު ތަފާތެވެ.

"އަހަރެން މި ކުރަނީ ސަމާސާއެއް ނޫނޭ... އަހަރެން ވަރަށް ސީރިއަސްކޮށް މި ސުވާލު މިކުރަނީ؟" އައިހަމް ބުނެލިއެވެ.

"ކީއްކުރަން؟ އައިހަމްގެ ގާރލް ފްރެންޑެއް ހުންނަ އިރު ކީއްވެ؟" ޔޫލިން ހިތްވަރުކޮށްފައި އޭނާގެ ހިތުތެރޭގައި އުތުރު އަރަމުންދިޔަ ސުވާލުކޮށްލިއެވެ. އައިހަމް އޭނާގެ އިޙްސާސްތަކާ ކުޅެނީއޭ އެހާ ބޮޑަށް ހިތަށްއެރި ފަހަރެއް މިފަހަރު ނޫނީ ނެތެވެ. ބޭއިޚްތިޔާރުގައި އޭނާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. ނުވިސްނާ ހުއްޓާ ކޯތާފަތްމަތިން ކަރުނަވެސް ރޮނގުދެމިގެން ދާން ފެށިއެވެ. އައިހަމްއަށް އެ މަންޒަރު ރީތިކޮށް ފެނުނެވެ. އޭނާ ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ. ނޭފަތް ދަމައިލި ޔޫލިން ދާންވެގެން އެނބުރިލިނަމަވެސް، އައިހަމް އައިސް އޭނާގެ ކުރިމައްޗަށް އެރިއެވެ.

އޭނާ ޔޫލިންގެ އަތުގައި ހިފައްޓައިލިއެވެ. އެ ދެލޮލުން އައި ކަރުނަތައް އޭނާގެ އަތުން ފުހެލަދިނެވެ.

"ލީން ކައިރިއަށް އަންނަން މިހާ ދުވަސްވީތީ އަހަންނަށް މާފު ކުރޭ... އަހަންނަކަށް ނޭނގޭ ލީން ތިހާ އަހަރެންދެލެ ލޯބިވާކަމެއް..." އައިހަމް ބުނެލިއެވެ.

"އައިހަމްގެ ގާރލް ފްރެންޑެއް ހުންނައިރު..."

"ޝްޝްޝް..." އައިހަމް ޔޫލިންގެ ވާހަކަ ހުއްޓުވިއެވެ. ޔޫލިންގެ އެ ހުރިހާ ސުވާލަކަށް ޖަވާބުދޭން އައިހަމް ބޭނުމެވެ.

"އަހަރެންގެ ގާރލް ފްރެންޑެއް ނުހުރެޔޭ މިހާރަކު. އޭނާއާ ރުޅިވިތާ ކޮން ދުވަހެއް..." އައިހަމް ބުނެލިއެވެ. އެއާއެކު ޔޫލިންއަށް އައިހަމްއާ ހަތަރުކަޅި ހަމަކޮށްލެވުނެވެ.

"އަހަރެން..."

"ދެން ބުނެބަލަ! އާއެކޭތަ ނޫނީ ނޫނެކޭތަ؟" އައިހަމް އަނެއްކާވެސް ޔޫލިންގެ ސުވާލު މެދުކަނޑައިލަމުން ސުވާލުކޮށްލިއެވެ.

"ލީން...." ޔޫލިން ޖަވާބެއް ނުދީ ގިނައިރު ވާން ފެށުމުން އައިހަމް އަނެއްކާވެސް ގޮވައިލިއެވެ.

"އަހަރެން ދެން އަލުން އޭނަ ކައިރިއަކަށް ނުދާނަން. އޭނަ އަހަރެންގެ ކައިރިއަށް އައިސް އާދޭސް ކުރިޔަސް. ޝީ ޗީޓެޑް އޮން މީ... އަދި ލީންއަށް ނޭނގޭ އެހެންކަމެއް ވެސް އެބައޮތް..." އައިހަމް ބުނެލިއެވެ.

"ކޮންކަމެއް؟" ޔޫލިންއަށް ބުމަ އަރުވައިލެވުނެވެ. އޭނާ ދެލޯ ފުހެލިއެވެ.

"އެންމެ ކުރިން ފަށައިގެންވެސް އަހަންނަށް ލީން އަސްލު ވަރަށް ކަމުދޭ އިނގޭ... ލީން އަހަންނާ ދުރުވީ ހިސާބުން އަހަންނަށް އުނދަގޫވަމުންދިޔަ. އަހަރެން ހީކުރީ އެހާ ގާތްކޮށް އުޅެފައި ލީން އެގޮތަށް ކަންތައް ކުރަން ފެށުމުން ވީކަމެއްކަމަށް. އެކަމަކު މިހާރު ޔަޤީންވެއްޖެ އޭރުވެސް ލީންއަށްޓަކާ މިހިތުގައި އިޙްސާސްތަކެއް ވާތީކަން އެކަން އެގޮތަށް އެވީ... އައި އެމް ސޮރީ... އަހަންނަށް ނޭނގިނަމަވެސް އަސްލު ލީންއަށް ވަރަށް ހާރޓްކުރެވިއްޖެ. ޖަސްޓް ގިވް މީ ވަން ޗާންސް... އައި ވިލް ޕްރޫވް އިޓް ޓު ޔޫ ދެޓް އައި ޑޫ ހޭވް ފީލިންގްސް ފޯ ޔޫ...އެންޑް އައި ލަވް ޔޫ..." އައިހަމް ޔޫލިންއާ އިތުރަށް ގާތްވެލިއެވެ. އެއަށްފަހު އޭނާ އަނެއްކާވެސް އެދުނީ ޖަވާބަކަށެވެ.

ޔޫލިންގެ ފަސްބަޔަށް ދުނިޔޭގެ ހުރިހާ އުފަލެއް ޖަމާވިހެން އޭނާއަށް ހީވިއެވެ. އޭނާ ލިބެން އުންމީދުކުރި ލޯބި އޭނާއަށް އެ ލިބުނީ ކޮންފަދަ ގޮތަކަށް ހެއްޔެވެ؟ ހިތުގެ އެންމެ ހިމަނާރުން ވެސް އޭނާއަށް ގޮވަމުންދިޔައީ އަވަހަށް އާބަސް ދިނުމަށެވެ. އައިހަމްއަށް އޭނާގެ ހިތުގެ ޙާލު އެންގުމަށެވެ.

"ޔެސް..." ޔޫލިން މަޑުމަޑުން ބުނެލުމަށްފަހު، އިސްޖަހައިލިއެވެ.

"ކީކޭ؟ އަހަންނަކަށް އަޑެއް ނީވުނު..." އައިހަމް ލާނެތް ގޮތަކަށް ބުނެލިއެވެ.

"އާއެކޭ..." އެހެން ބުނެލުމަށްފަހު، ލަދުންހުރި ޔޫލިން ދުއްވައިގަތެވެ.

މީހާ ވިރިގެންދާހެން އޭނާއަށް ހީވިއެވެ. ޔޫލިން އެދިޔަގޮތަށް ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އެނދުމައްޗަށް ވެއްޓިގަތުމަށްފަހު، މޫނުމަތީގައި ބާލީސް އެޅުމާއެކު، އޭނާ އުފަލުން ހަޅޭއްލަވައިގަތެވެ. މިއީ ދުވަހަކުވެސް އޭނާ އުންމީދު ކުރި ގޮތެއް ނޫނެވެ. އެހެން އޮއްވާ އޭނާގެ ފޯނަށް މެސެޖެއް އައެވެ. ބަލައިލިއިރު އައިހަމްގެ މެސެޖެކެވެ. އޭނާ އެ މެސެޖު ހުޅުވައިލާ އޭގައި ލިޔެފައި އޮތް އެއްޗެއް ކިޔައިލިއެވެ. އެއާއެކު އޭނާ ލަދުން މޯޅިވާގޮތްވިއެވެ.

އެނދުގައި އޮށޯވެލައިގެން އޮތް ރައިހާންގެ މޫނުމަތިން ފެނުނީ ބަޔާންކުރަން ދަތި އަސަރުތަކެކެވެ. މިންހާ އެހެން މީހަކާ ކައިވެނި ކުރާ ޚިޔާލުން އޭނާއަށް ލިބިފައިވަނީ ނުތަނަވަސްކަމެކެވެ. ޝިޒާންއާ މެދުވެސް އޭނާގެ ހިތުގައި ކޮންމެވެސް ވަރެއްގެ ހަސަދަ ވެރިކަމެއް އުފެދުނެވެ. އެތަކެއް ސުވާލެއް އޭނާގެ ހިތުގައި އުފެދެމުން ދިޔައެވެ. އެނދުން ތެދުވި ރައިހާންއަށް ދެކޮޅަށް ހިނގެން ފެށުނެވެ. އޭނާ އެންމެ ކަންބޮޑުވީ މިންހާ އެ ކައިވެންޏާ ނުޤަބޫލުކަން އެނގުމުންނެވެ. މިންހާ ރޮމުން ގިސްލަމުން ދިޔަ އަޑު އަދިވެސް ހުރީ އޭނާގެ ކަންފަތުގައި ގުގުމާފައެވެ. ފޯނު ނަގާ ރައިހާން މިންހާއަށް ގުޅަން އުޅުމަށްފަހުވެސް އެ ޚިޔާލު ބަދަލުކޮށްލިއެވެ.

*****

ހަނީފް ކައިރީގައި ޝިޒާން އިންއިރު، އޭނާއަށް ވިސްނެމުންދިޔައީ މިންހާއާ މެދުގައެވެ.

"ޝިޒާން! ކޮންކަމަކާ ތި ވިސްނަނީ؟" ހަނީފްއަށް ޝިޒާންގެ އެ ނުތަނަވަސްކަން ނަގައިގަނެވުމާއެކު، އޭނާ ސުވާލުކޮށްލިއެވެ.

"ބައްޕާ... މިންހާއާ މެދު އަހަރެން ކަންބޮޑުވޭ..." ޝިޒާންގެ އަޑުން އެކަނިވެސް އޭނާ ހާސްވެފައިވާވަރު ދެނެގަނެވުނެވެ.

ހަނީފްގެ ވާހަކަތަކުން ޝިޒާންގެ ހިތަށް ކޮންމެވެސް ވަރަކަށް ލުއިވިއެވެ.

އެރޭ ވަރަށް ދަންވީފަހުންވެސް މިންހާގެ ޚަބަރެއް ނުވެއެވެ. ހަނީފް އުޅުނީ ޒުބައިދާއަށް ގުޅާށެވެ. އެހެންނަމަވެސް ޝިޒާން ބުނީ އޭނާގެ މަޑުކޮށްލާނެކަމުގައެވެ.

ޖެހިގެން އައި ދުވަހަށް އިރުއެރި އިރުވެސް މިންހާއަށް އޮތީ ނުނިދިފައެވެ. ދެފަރާތަށް ފުރޮޅެމުން ފުރޮޅެމުން އޭނާ ދިޔައެވެ. އާހިލް އެވަރަށް ގުޅުމުންވެސް ކުޑަމިނުން ފޯނު ނަގާނެހޭ ހިތްވަރެއްވެސް އޭނާއަކަށް ނުލިބުނެވެ. ތެދުވެ ފެންވަރާލައިގެން މިންހާ ބައްޕައަށް ސައި ތައްޔާރުކޮށްގެން ސިއްޚީ މަރުކަރާ ދިމާލަށް ހިނގައިގަތެވެ. ރޭގައި ރަނގަޅަށް ނުނިދުމުގެ ސަބަބުންނާ އެވަރަށް ރުއިމުގެ ސަބަބުން، އޭނާގެ ދެލޯ ކައިރިވެސް ވަނީ ކޮންމެވެސް ވަރަކަށް ދުޅަވެފައެވެ. މަޑުމަޑުން ހިނގަމުން ގޮސް އޭނާ ވޯޑަށް ވަތްއިރު ޝިޒާން ފޯނާ ކުޅެން އިނެވެ. ރޭގައި ޝިޒާން ގެއަށް ނުދަނީކަން އޭނާއަށް ދެނެގަނެވުނެވެ. އޭނާ ހިސާބަކަށް ދެރަވާގޮތްވިއެވެ. ބައްޕަ އެކަނިކޮށްލާފައި ދެވުން އެއީ އޭނާއަށް ކުރެވުނު ނުރަނގަޅު ކަމެއްކަމުގައި އޭނާގެ ސިކުނޑި ބުނެދިނެވެ. އޭރު ހަނީފް ވެސް އޮތީ ހޭލައެވެ.

މިންހާ ކާއެއްޗެހި ގެނެސް ބެހެއްޓިއެވެ.

"ދަރިފުޅާ..." ހަނީފް ގޮވައިލިއެވެ. މިންހާ ބޯ ޖަހައިލިއެވެ. މިންހާއަށް ފުންކޮށް ބަލައިލި ޝިޒާން ކަންބޮޑުވެ ހިސާބަކަށް ދެރަވިއެވެ. މިންހާގެ މޫނުމަތީގައި އެއްވެސް ދިރުމެއް ނެތެވެ. އެއްވެސް އުޖާލާކަމެއް ނެތެވެ. އެ ދެލޮލަށް ބަލައިލުމުން އެކަނިވެސް އޭނާ ރޭގައި އެއްވަރަކަށް ވެސް ނުނިދާކަން ޝިޒާންއަށް ދެނެގަނެވުނެވެ.

ހަނީފް ބަލިގޮތަކަށް ކެއްސައިލިއެވެ. މިންހާ ހަނީފްއަށް ފެންފޮދެއް ދިނެވެ. އެވަރުންވެސް ކޮށިއެރުން މަޑުވާގޮތެއް ނުވިއެވެ. ކެއްސަން ފެށިގޮތަށް ނުހުއްޓި ހަނީފްގެ ނޭވާއަށްވެސް އުނދަގޫވާން ފެށިއެވެ. އެތައް އިރަކު ކެއްސުން މަޑުވިއިރު ހަނީފް އޮތީ ވަރުބަލިވެފައެވެ. ޑޮކްޓަރު ހަނީފް ކައިރިއަށް އައިސް ބަލާ ހަދާފައި ކާއެއްޗެއް ދޭން އެދުމުން މިންހާ ހަނީފްއަށް ކާއެއްޗެހި ދޭން އަވަސްވަގެތެވެ.

"ބައްޕަ ބޭނުންވަންޏާ މިއަދުވެސް ރަން... ރަންކިޔަން އަޅުގަނޑު ތައްޔާރު..." އެ މަސައްކަތުގައި އުޅެމުން މިންހާ ބުނެލިއެވެ. އެއަށްފަހު މިންހާ ޝިޒާންއަށް ބަލައިލިއެވެ. އޭރު ޝިޒާންވެސް އިނީ މިންހާއަށް ބަލަހައްޓައިގެންކަމުން، ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. މިންހާގެ ދެލޮލުން ފެނުނު ޝަކުވާގެ އަސަރުތަކުން ޝިޒާންގެ މެއަށް ވެސް ފިނިވެލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު