2019 ވަނަ އަހަރު ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކުގެ ބައިވެރިންގެ މައްޗަށް ދައުވާ އުފުލައިފި

ސްރީލަންކާއަށް ދިން ޓެރަރިސްޓް ޙަމަލާތަކުގައި ލިބުނު ގެއްލުންތައް

ކޮލަންބޯ (އޮކްޓޯބަރު 5) : ސްރީލަންކާގެ ވެރިރަށް ކޮލަންބޯގައިވާ ނަސާރާއިންގެ ތިން ފައްޅިއަކާއި ލަގްޒަރީ ތިން ހޮޓަލަކަށް 2019 ވަނަ އަހަރުގެ އެޕްރީލްމަހު ދިން ޓެރަރިސްޓް ހަމަލާތަކުގައި ބައިވެރިވާކަން ތަހްގީގްތަކުން ސާބިތުވި މީހުންގެ މައްޗަށް އެގައުމުގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާ އުފުލައިފިއެވެ.

މި ހަމަލާތަކާ ގުޅިގެން ދައުވާ އުފުލާފައިވަނީ ތިން މީހެއްގެ މައްޗަށެވެ. އެތިން މީހުންގެ މައްޗަށް ވިހިހާހަށްވުރެ ގިނަ ދައުވާ އުފުލައިފައިވާކަމަށް ސްރީލަންކާގެ ޕްރޮސެކިއުޓަރ ޖެނެރަލް އާ ހަވާލާދީ ރިޕޯޓްތައް ބުނެފައިވެއެވެ.

2019 ވަނަ އަހަރުގެ އެޕްރީލްމަހުގެ 21 ވަނަދުވަހު ބޮންތަކެއް ގޮއްވާލައިގެން ދިން އެ ހަމަލާތަކުގައި 269 މީހުން މަރުވެ ފައްސަތޭކަ އަށްވުރެ ގިނަމީހުން ޒަޚަމްވިއެވެ މަރުވި މީހުންގެ ތެރޭގައި އެ ހަމަލާތައް ދިނުމުގައި ބައިވެރިވި އަށް މީހުންވެސް ހިމެނެއެވެ.

ހަމަލާތައް ދިން ލަގްޒަރީ ތިން ހޮޓަލުގައި ތިބި ބޭރުގައުމުތަކުގެ އެތަށް ބަޔަކުވެސް އެހަމަލާތަކުގައި މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނުނެވެ. ސްރީލަންކާގެ ސަރުކާރު ބުނާގޮތުން މިއީ އެގައުމުގެ ތާރީޚުގައިވެސް ދިން އެންމެ ވަރުގަދަ އަދި ނުރައްކާތެރި ޓެރަރިސްޓް ހަމަލާތަކެވެ.

ޓެރަރިސްޓް ޙަމަލާތަކުގެ ސަބަބުން ލިބިފައިވާ ގެއްލުންތައް

ސްރީލަންކާއަށް ދިން މި ޓެރަރިސްޓް ހަމަލާގެ ޒިންމާ އުފުލާފައިވަނީ އިސްލާމީ އެތަށް ގައުމެއް ހަލާކުކުރަމުން ގެންދާ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އައިއެސް ޖަމާއަތުންނެވެ. އެ ހަމަލާތައް ތަންފީޒުކުރިކަމަށްވަނީ އައިއެސްގެ ސްރީލަންކާގެ ގޮތްޕަށް ނިސްބަތްވާ މީހުންކަމަށްވެސް އައިއެސްގެ އަލްއައުމާގް ނޫސް އެޖެންސީން އެދުވަސްވަރު ބުނެފައިވެއެވެ.

ނަމަވެސް ސްރީލަންކާގެ އަމަނާބެހޭ އިދާރާތައް ބުނާގޮތުން ޓެރަރިސްޓް ހަމަލާތައް ދިނީ އެގައުމުގެ ހަރުކަށި ޖަމާއަތެއްކަމަށްވާ "ނެޝަނަލް ތައުހީދު ޖަމާއަތް" (އެންޓީޖޭ) އަށް ނިސްބަތްވާ ހަރުކަށި މީހުންނެވެ. އެއީ އައިއެސް ގެ ކަމެއްކަމަށް އެޖަމާއަތުންވީ އިއުތިރާފަށް ސްރީލަންކާ ސަރުކާރުން މާބޮޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ.

އެ ހަމަލާތައް ދީފައިވަނީ ނަސާރާއިން ފާހަގަ ކުރާ އީސްޓާ ސަންޑޭ އަށް އަމާޒުކޮށްގެންނެވެ. ސްރީލަންކާގެ މީޑިއާއާއި ބޭރުގެ ބައެއް ނޫސްތަކުން އެދުވަސްވަރު ހާމަކުރި ގޮތުގައި "ނެޝަނަލް ތައުހީދު ޖަމާއަތް" (އެންޓީޖޭ) އިން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ޖާސޫސީ އިދާރާތަކަށް އެއަހަރުގެ އެޕްރީލްމަހުގެ ކުރީކޮޅު ލިބެން ފެށުމާއެކު އޭރުގެ ފުލުހުންގެ ވެރިޔާ ޕުޖިތު ޖަޔަސަންދަރާއާ އެކު ބޭއްވި ބައްދަލުވުމެއްގައި އެމައުލޫމާތު ސްރީލަންކާގެ އޭރުގެ ރައީސް މައިތުރިޕަލަ ސިރިސޭނާއާ ހިއްސާ ކުރިއެވެ.

ނަމަވެސް ސިރިސޭނާ ވަނީ އެދުވަސްވަރު އެކަން ދޮގު ކުރައްވާފައެވެ. މިގޮތުން ސިރިސޭނާ ވަނީ އޭޕްރިލް އަށެއްގައި އޭނާ ފުލުހުންގެ ވެރިޔާ ޕުޖިތު ޖަޔަސަންދަރާއާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ޓެރަރިސްޓު ހަމަލާއަކާބެހޭ އެއްވެސް މައުލޫމާތެއް ޖަޔަސަންދަރާއާ އޭނާއާ ހިއްސާކުރައްވާފައި ނުވާކަމަށް ވިދާޅުވެފައެވެ.

ޓެރަރިސްޓް ހަމަލާ ތަކެއް ދޭން ބަޔަކު ރާވާކަމުގެ މައުލޫމާތު ސްރީލަންކާގައި ހުންނަ އިންޑިއާގެ އެންބަސީންނާ އަދި އިންޑިއާގެ ޖާސޫސީ އިދާރާތަކުންވެސް ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކަށް އެންގި ކަމަށް ރޮއިޓާސްއާ ހަވާލާދީ އެދުވަސްވަރު ރިޕޯޓްތައް ބުނެފައިވެއެވެ. ނަމަވެސް ހަމަލާތައް ދިންއިރުވެސް ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން އެކަމާއޮތީ އަޅާނުލާކަމަށް އެރިޕޯޓްތައް ބުނެއެވެ.

އެދުވަސްވަރަކީ ސްރީލަންކާގެ ރައީސް ސިރިސޭނާ އާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ގުޅުން ވަރަށް ބޮޑަށް ގޯސްވުމުގެ ނަތީޖާއެއްގެ ގޮތުން ޖާސޫސީ ރިޕޯޓްތައް ރަނިލްއާ ހިއްސާ ނުކުރާ ދުވަސްވަރެއްކަމަށްވެސް ރިޕޯޓްތައް ބުނެފައިވެއެވެ.

ސްރީލަންކާއަށް ދިން ޓެރަރިސްޓް ޙަމަލާތައް ތަހުގީގުކުރުމަށް ސިރިސޭނާ އެކުލަވާލެއްވި ކޮމިޓީންވަނީ އެ ޙަމަލާތައް ދިނުން ހުއްޓުވުމަށް އެދެވިގެންވާ މަސައްކަތްޕުޅެއް ސިރިސޭނާ ނުކުރައްވާކަމަށް ނިންމައި އޭނާގެ މައްޗަށްވެސް ދައުވާކުރަންޖެހޭކަމަށް ބުނެފައެވެ. ނަމަވެސް ސިރިސޭނާގެ މައްޗަށް އެއްވެސް ދައުވާއެއް ކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް