ސްޓެލްކޯއިން ރާއްޖޭގައި ކަރަންޓުން ދުވާ ކާރު އެސެމްބުލް ކުރަނީ

ސްޓެލްކޯގެ އެމްޑީ މުޣުނީ -- ފޮޓޯ: ސްޓެލްކޯ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކަރަންޓުން ދުވާ ކާރު އެސެމްބެލް ކުރުމަށް ފަހު ބާޒާރަށް ނެރުމަށް ސްޓެލްކޯ އިން ނިންމައިފިއެވެ.

ސްޓެލްކޯގެ "ސްޓެވޯ" ވޯކްޝޮޕް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ސްޓެލްކޯއަކީ ރާއްޖޭގަައި މަސައްކަތް ކުރާ އެންމެ ތަޖުރިބާކާރު އަދި އެންމެ ފުންނާބު އުސް މުވައްޒަފުން ތިބި ކުންފުނި ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ތަނުގައި ދިވެހި އަމިއްލަ އުފެއްދުމެއްގެ ގޮތުގައި ތިމާވެއްޓާ ރައްޓެހި، ކަރަންޓުން ދުއްވާ ވެހިކަލް އުފައްދާ ބާޒާރަށް ނެރޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދެން އެންމެ ގަސްތު ކުރަނީ މިރާއްޖޭގައި އަޅުގަނޑުމެން އަމިއްލައަށް އިލެކްޓްރިކް ވެހިކަލެއް އެސެމްބަލް ކުރަން. ތިމާވެއްޓާ ރައްޓެހި ނޫން ގޭސްތައް އެންމެ ގިނައިން ނިކުންނަނީ ތަފާތު ވައްތަރުގެ ވެހިކަލް ތަކުންކަމަށް ވުމުން މި އިލެކްޓްރިކް ވެހިކަލަކީ ތިމާވެއްޓާ ރައްޓެހި ވެހިކަލަކަށް ވާނެކަން ޔަގީން،" މުޣުނީ ވިދާޅުވިއެވެ.

މުޣުނީ އިތުރަށް ވިދާޅުވީ މި ވެހިކަލްތައް އުފައްދަން ނިންމީ ރާއްޖެއަކީ ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓުތައް ހިންގުމަށް އިސްކަންދޭ ގައުމަކަށް ވާތީ ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ގިނަ ކުރުމަށް ކަމަށް ވާތީއެވެ. މި ވެހިކަލްތަކަކީ ރާއްޖޭގެ މަގުތަކުގައި ދުއްވަން ރައްކާތެރި ގޮތަކަށް އުފައްދާ ވެހިކަލްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސްޓެވޯ ވޯކްޝޮޕް ތައާރަފް ކޮށްފައިވަނީ ސްޓެލްކޯ އަކީ 70 އަހަރު ފުރިފައިވާ ކުންފުންޏަކަށް ވީއިރު، އިންޖިނިއަރުންނަކީ މި ރާއްޖޭގައި އެންމެ ތަޖުރިބާކާރު އިންޖިނިއަރުންނަށް ވެފައި، ސްޓެލްކޯގެ ހިދުމަތަކީ އެތަނުގެ ކަސްޓަމަރުންނަށް އެންމެ އެދެވޭ ހިދުމަތް ދެވޭ ތަނަކަށް ވާތީ ކަމަށް މުޣުނީ ވިދާޅުވިއެވެ.

އެ ވޯކްޝޮޕުގައި އުފެއްދި ފުރަތަމަ އިންޖީނު ރޭގެ ހަފްލާގައި ވަނީ އާއްމުންނަށް ދައްކާލައިފައެވެ. މީގެ އިތުރުން އެ ޖެނެރޭޓަރަކީ އެސްޓީޑަބްލިޔު300، އެސްޓީޑަބްލިޔު600، އަދި އެސްޓީޑަބްލިޔު800 ޕަވާ ޖެނެރޭޝަން ރަމްޒު ކޮށްދޭ މޮޑެލް ހިމެނޭގޮތަށް އުފައްދާފައިވާ ޖެނެރޭޓަރެއް ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

ޖެނެރޭޓަރާ ގުޅޭގޮތުން މުޣުނީ އިތުރަށް ވިދާޅުވީ އެ ޖެނެރޭޓަރަކީ ރާއްޖޭން ބޭރުން ލިބެން ހުންނަ ޖެނެރޭޓަރުތަކާ އެއް ފެންވަރުގެ ޖެނެރޭޓަރެއް ކަމަށާއި އެއީ ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ޖެނެރޭޓަރެއް ކަމަށެވެ.

"އަޅުގަނޑުމެންގެ މި ވޯކްޝޮޕުން އާފްޓާ ސޭލްސް ސާވިސް ލިބިގެންދާނެ. ދިމާވާ ކޮންމެ މައްސަލައެއް އަޅުގަނޑުމެނަށް ހައްލު ކޮށްދެވޭނެ. ބަދަލުކުރަން ޖެހޭ ސްޕެއާ އެއް ހުރިނަމަ އަޅުގަނޑޫމެންގެ އިންޖިނިއަރުން ގޮސް ބަދަލު ކޮށްދޭނެ" މުޣުނީ ވިދާޅުވިއެވެ.

ސްޓެލްކޯ އިން ބޭއްވި ސްޓެވޯ ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް