ގައުމީ އިނާމާއި ހާއްސަ އިނާމު ލިބޭ މީހުން ކަނޑައަޅައިފި

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު އަދި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދޭ ހާއްސަ އިނާމު މި އަހަރު ލިބޭނެ މީހުން ކަނޑައަޅައިފިއެވެ.

މި އަހަރުގެ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހަތަރު މީހަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 14 މީހަކަށް ދިނުމަށް ވަނީ ނިންމާފައެވެ.

މަތީ ދަރަޖަ ހޯދާ މީހުންނަށް ދެވޭ އިނާމު މިއަހަރު ލިބެނީ 11 މީހުނަށެވެ.

ގައުމީ އިނާމު ލިބޭނެ މީހުން ހޮވައިފައިވަނީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ގައުމީ އިނާމާ ބެހޭ ކޮމެޓީންނެވެ.

މަތީ ދަރަޖައިގެ އިނާމު ދެވޭނެ މީހުން ހޮވައިފައިވަނީ އެކަމަށް ޓަކައި ރައީސުލްޖުމްހުރިއްޔާ އެކުލަވާލެއްވި ހާއްސަ އިނާމާ ބެހޭ ކޮމެޓީންނެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑަލް މިފަހަރު ހާސިލް ކުރީ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 10 ގެ ސަނަދު ހާސިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދައިފައިވާ ހަ މީހަކާއި، މަތީ ތައުލީމުގެ ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯދި ހަތަރު މީހެެއްގެ އިތުރުން ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ޙައްލެއް ހޯދުމުގެ ގޮތުން، އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލު ކުރެއްވި މީހަކަށެވެ.

މީގެ އިތުރުން މިފަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބޭ އެކަކަކީ މީގެކުރިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހާސިލްކޮށްފައިވާ މީހެއް ކަން ފާހަގަކޮށްލެވެއެވެ.

ގައުމީ އިނާމު ދެވޭނީ މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބާތުގައި މާދަމާ ރޭ 8:45 ގައި ޖުމްހޫރީ މައިދާނުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

މި ޖަލްސާގައި މި އަހަރު އެއް ވަނަ ދަރަޖާގައި ފާސްވީ 11 ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސް މެޑަލް ވެސް ދެވޭނެއެވެ.

comment ކޮމެންޓް