ޖަޕާނުގެ ބޮޑުވަޒީރު ކަމަށް ކުރީގެ ޚާރިޖީ ވަޒީރު ފޯމިއޯ ކިޝީދާ

ޖަޕާނުގެ އައު ބޮޑޫވަޒީރު ފޯމިއޯ ކިޝީދާ

ޓޮކްޔޯ (އޮކްޓޯބަރު 5) : ޖަޕާނުގައި ވެރިކަންކުރާ ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ ރައީސް ކަމަށް މިދިޔަ ހަފްތާގައި އިންތިޚާބުވެ ވަޑައިގެންނެވި ކުރީގެ ޚާރިޖީ ވަޒީރެއްކަމަށްވާ ފޯމިއޯ ކިޝީދާ އެގައުމުގެ ބޮޑުވަޒީރު ކަމަށް އައްޔަންކޮށްފިއެވެ.

ލިބަރަލް ޑިމޮކްރެޓިކް ޕާޓީއަކީ ޖަޕާނުގައި މިހާރު ވެރިކަންކުރާ ޕާޓީކަމަށް ވެފައި ކުރިން ބޮޑުވަޒީރު ކަމުގައި ހުންނެވި ޔޮޝިހިދޭ ސުގާ އިއްޔެ މަގާމުން އިސްތިއުފާ ދެއްވުމުން ކިޝީދާއަށް ބޮޑުަވަޒީރުކަން ލިބުނީއެވެ. ކިޝީދާއަށް ބޮޑުވަޒީރުކަން ލިބުނީ ޖަޕާނުގެ ޕާލަމެންޓްގެ ދަށުގޭގެ އަޣްލަބިއްޔަތު ލިބަރަލް ޑިމޮކްރެޓިކް ޕާޓީއަށް އޮތުމުންނެވެ.

ޖަޕާނުގައި އާންމު އިންތިޚާބު (ޕާލަމެންޓްރީ އިލެކްޝަން) އޮންނާނީ އަންނަ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހުއެވެ. މިއިންތިޚާބު، ލިބަރަލް ޑިމޮކްރެޓިކް ޕާޓީ އަށް ނާކާމިޔާބުވެއްޖެނަމަ ކިޝީދާއަށް ބޮޑުވަޒީރު ކަމުގެ މަގާމު ގެއްލިގެންދާނެއެވެ.

އުމުރުފުޅުން 64 އަހަރުގެ ފޯމިއޯ ކިޝީދާއަކީ މިހާތަނަށް ޖަޕާނުގެ އާންމު ރައްޔިތުންގެ ތާއީދު ބޮޑުކަން ހާމަވެފައިވާ ބޭފުޅެއްނޫނެވެ. ނަމަވެސް އޭނާއަކީ ސިޔާސީ ގޮތުން ތަޖްރިބާކާރު ބޭފުޅެކެވެ. އެހެންކަމުން ޖަޕާނަށް ކުރިމަތިވެފައިވާ ކޮވިޑް-19 ކޮންޓްރޯލް ނުކުރެވޭ މައްސަލަ ހައްލުކުރުމާއި ކޮވިޑްއާ ގުޅިގެން ޖަޕާނުގެ އިގްތިސާދަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމުގެ ތަޖްރިބާ ކިޝީދާއަށް ލިބިވަޑައިގެންފައިވާނެކަމަށް އެގައުމުގެ ގިނަ ބަޔަކު ދެކެއެވެ.

ޖަޕާނުގެ ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގެންނެވި ކިޝީދާ ގެ ކުރިފުޅުމަތީގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުމެވެ. އެއަށްފަހު ކޮވިޑްއާ ގުޅިގެން ޖަޕާނުގެ އިގްތިސާދަށް އައިސްފައިވާ ހީނަރުކަމުން އަވަސް ގޮތަކަށް އަރައިގަނެ އިގްތިސާދަށް ލިބިފައިވާ ގެއްލުންތައް ފޫބެއްދުމެވެ.

މީގެއިތުރުން ޖަޕާނުގައި އުފަންވާ ކުދިން މަދުވެ މުސްކުޅިން ގިނަވަމުން ދިޔުމާއެކު ޖަޕާނުގެ އާބާދީގައި މަސައްކަތު އުމުރުގެ މީހުން މަދުވަމުންދާ މައްސަލައަކީ ޖަޕާނުގެ އިގްތިސާދަށް އޮން އެންމެ ބޮޑު ނުރައްކަލެވެ. މިކަން ހައްލު ނުކުރެވިއްޖެނަމަ ޖަޕާނަށް ދުނިޔޭގެ ތިންވަނަ އިގްތިސާދުގެ މަގާމުވެސް ގެއްލި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތްފަދަ އާދައިގެ އިގްތިސާދަކަށް ކުރިޔަށްއޮތް އަށެއްކަ އަހަރު ތެރޭގައި ޖަޕާން ވެއްޓިގެންދާނެކަމަށް ކަމާބެހޭ ރިޕޯޓްތައް ބުނެއެވެ.

މީގެއިތުރުން އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން އަވަށްޓެރި ޗައިނާ އިންތިހާއަށް ބާރުގަދަކުރަމުން ގެންދާއިރު ޗައިނާއާ ކުރިމަތިލުމަށް ޖަޕާނުގެ ބޭނުން އެމެރިކާ ހިފަމުން ގެންދިޔުމަކީވެސް ޖަޕާނަށް ކުރިމަތިވެފައިވާ ސްޓްރެޓީޖިކް ގޮންޖެހުމެކެވެ. ޗައިނާއާ ކުރިމަތިލުމަށް އެމެރިކާ އުފައްދާފައިވާ ކުއެޑް ގްރޫޕްގައި ޖަޕާން ހިމެނޭއިރު އެގްރޫޕްގެ ގައުމުތައް ޗައިނާއާ ދެކޮޅަށް ކުރަންޖެހޭ ކަންކަމަށް ޚަރަދުކުރުމަށް އެމެރިކާ ބާރުއަޅަނީ ޖަޕާނަށެވެ.

އަނެއްކޮޅުން އަންނަ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހު ޖަޕާނުގައި އާންމު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު މިއިންތިޚާބުގައި ލިބަރަލް ޑިމޮކްރެޓިކް ޕާޓީއަށް ކާމިޔާބު ހޯދުމަކީވެސް ކިޝީދާއަށް ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ.

ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ ކުރީގެ ރައީސް އަދި އިއްޔެ މަގާމުން އިސްތިއުފާ ދެއްވި ކުރީގެ ބޮޑުވަޒީރު ޔޮޝިހިދޭ ސުގާ ގެ ވެރިކަމުގައި ކޮވިޑް ކޮންޓްރޯލް ކުރުމުގައި ނާކާމިޔާބުވުމާއި އޭގެ ނަތީޖާއެއްގެ ގޮތުން ޖަޕާނުގެ އިގްތިސާދަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުން ޕާޓީގެ ވެރިންނާއި އެޕާޓީން އެކުލަވާލާފައިވާ ޖަޕާނުގެ މިހާރުގެ ސަރުކާރަށް ރައްޔިތުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އެހެންކަމުން ކުރިޔަށް އޮތް އިންތިޚާބު ކާމިޔާބު ކުރުމަކީ ކިޝީދާ އަށްވެސް އަދި ލިބަރަލް ޑިމޮކްރެޓިކް ޕާޓީ ބޮޑު ގޮންޖެހުމަކަށް ވެގެންދާނެއެވެ.

ކިޝީދާ ވަނީ އޭނާގެ ސަރުކާރުގައި އިގްތިސާދީ ކުރިއެރުމަށް އައު ވިސްނުންތަކެއް ނެރުއްވާނެކަމާއި ރައްޔިތުންގެ މެދުގައި ބޮޑުވަމުންދާ އާމްދަނީގެ ފަރަގުތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް ވިދާޅުވެފައެވެ. ކިޝީދާ ވަނީ ޖަޕާނުގެ ރައްޔިތުން މުއްސަނދިކަމުން ފަގީރުކަމަށް ދާކަމަށް ވިދާޅުވެ ކުރީގެ ބޮޑުވަޒީރެއްކަމަށް ޝިންޒޯ އަބޭގެ އިގްތިސާދީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އަބޭއަކީ ފަހުގެ ތާރީޚެއްގައި ޖަޕާނުގައި އެންމެ ގިނަދުވަހު ބޮޑުވަޒީރުކަން ކުރެއްވި ޝަޚްސިއްޔަތެވެ. އަބޭވެސް ނިސްބަތްވެވަޑައިގަންނަވަނީ ޖަޕާނުގައި ވެރިކަންކުރާ ލިބަރަލް ޑިމޮކްރެޓިކް ޕާޓީއަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް