ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމް ހަދީސް ކުރެއްވިއެވެ." މީސްތަކުން ކުރެ ގިނަ ބަޔަކު ޣާފިލުވެފައިވާ ދެ ނިއުމަތެއް ވެއެވެ. އެއީ ފުރިހަމަ ސިއްހަތާއި ވަގުތެވެ."

***

"ނޫން ޔަންގް މާސްޓަރ. ސިއެނާއާއި އާއިލާ އަދި ނާދޭ...." އެ އައިމީހަކު ފޮނުވައިލަން ސާމިރުއަށް އަންގަން އުޅެފައިވެސް ޝައުގުވެރިވިއެވެ. އޭނަ ތެދުވެ ލޯގަނޑުން ޗެކްކޮށްލިއެވެ. ގަމީސް ރީތިކޮށް ހަރުވާޅުގެ ތެރެއަށް ޖަހައިލިއެވެ. އަދި ބޭރަށް ދާން ހިނގައިގަތެވެ." އޭނަ ވީ ކޮންތާކު؟"

"ދޮރާށިން ބޭރުގައި..." ސާމިރު މައުލޫމާތު ދިނެވެ. އެހާވަރުން މިގެއާއި ހަމަޔަށް އޭނަ ހޯދަން އައީ ކާކުހެއްޔެވެ؟

ދޮރާށި ކައިރީ އިންތިޒާރުގައި ހުރީ މާތްގޮތަކަށް ހެދުން އަޅައިގެން ހުރި އަންހެންކުއްޖެކެވެ. އަތްދިގު ހެދުމަކާއި ފައިތިލައާއި ހަމަޔަށް އޮތް ދިގު ސްކާޓްއެއްގައެވެ. އޭނަގެ ނަޒަރު ހުއްޓިފައިވަނީ އަތުގައި އޮތް ކަރުދާހަކަށެވެ. އެކުއްޖާގެ ބޮލުގައި އަޅާފައިހުރި ތޮފީގެ ސަބަބުން މޫނުގެ ބޮޑުބައިވަނީ ފޮރުވިފައެވެ. އޭނަ ހުރިކަން އަންގަން އައިޒަކް ކަރުކެހިލިއެވެ. އެ އަންހެންކުއްޖާ އިސްއުފުލައިލުމާއެކު ދަންނަ ފާޑެއް ޖެހިއެވެ. އައިޒަކް ހައިރާންވެފައި ހުއްޓާ އެކުއްޖާ ހީލައިފިއެވެ. ކިތަންމެ އަހަރެއް ވިޔަސް އެހިނިތުންވުން އައިޒަކް ހަނދާނެއް ނުނެތޭނެއެވެ. ދެއްކުންތެރިކަމެއް ނެތް ހަގީގީ ހިނިތުންވުމެކެވެ.

"ހައި އައިޒަކް. މިއީ ނޯރާ...." އޭނަ ތައާރަފުވެލިއެވެ. އެކުއްޖާ ހާދަ ބޮޑުވެއްޖެއެވެ. މިހާރު އަންހެންވަންތަކަމެއް އެބަހުއްޓެވެ. ބޭބީ ސަރުބީ ވިރި ކޯތާފަތް ތަންކޮޅެއް ފާޅުވެފައިވިއެވެ. އައިޒަކް ދުރަށް ބަލަންފެށިއެވެ.

"އަހަންނަށް ސިޓީއެއް ލިޔުނީމެއްނު. ހަނދާން އެބަހުރިތަ؟" ނޯރާ އެ ސިޓީ ދައްކައިލަމުން ހީލިއެވެ. އައިޒަކްގެ މޫނަށް ރަތްކުލަ އެރުމާއެކު އެ ސިޓީ ޖަހައިގެންފިއެވެ.

"އެއީ ފަސް އަހަރުކުރިން....."

އެއީ އާދައިގެ ސިޓީއެކެވެ. ބައްޕައާއި ބެހޭގޮތުން ސުވާލުކޮށްފައެވެ. އަދި "ޕްލޭ ޑޭޓް"އަކަށް އެގެއަށް ދައުވަތު ދީފައެވެ. އައިޒަކް އެ ސިޓީ އަނބުރާ ގެންދިޔަސް އޭނަގެ ފަރުވާލެއް ނެތެވެ. އޭނަގެ މަތިން ހަދާން ނެތުނަސް އެ ސިޓީ އަކީ ހެއްކަކަށް ގެނައި އެއްޗެކެވެ. އަދި އައިޒަކް އޭނަގެ މަތިން ހަނދާން ހުރިކަން އެނގުނެވެ.

"މިގެ ހޯދައިގަންނަން ވަގުތު ނެގި. މިގެއަށް އަންނަ މަގު ހަނދާން ނެތުނީ...." ނޯރާ އެވަރުގަދަ ދޮރާށީގެ ހިންމިތަކުން އެތެރެއަށް ބަލައިލުމުން އެގޭގެ ހައިބަތާއިމެދު އާޝޯޚުވިއެވެ. ކުރިއަށްވުރެ މާ ބޮޑަށް ފުރިހަމަވެއްޖެއެވެ.

"މިހުރިހާ ދުވަހު އުޅުނީ ކޮންތާކު؟"އައިޒަކް ސުވާލުކުރިއެވެ.

"ލަންޑަނުގައި ދިރިއުޅުނީ. ވަރަށް ފަހުން މިކޮޅަށް ބަދަލުވީ." ނޯރާ ބުނެލިއެވެ.

"ހާދަ ދިގުވެއްޖެއޭ އެކަމަކު..." ނޯރާ މޫނު ހަދައިލީ އެދެމީހުންގެ އިސްކޮޅުގައި ހުރި ފަރަގު ފެނިފައެވެ. ނޯރާ އޭނަގެ ކޮނޑާއި ހަމަޔަށް ކިރިޔާ ފޯރާކަމެވެ.

"ބައްޕަ ކޮބާ؟" އައިޒަކް ނޯރާގެ ފަހަތަށް ހޯދައިލީ ޓެކްސީ ޑްރައިވަރ މަހުމޫދުވެސް ފެނިދާނެކަމުގައި ހީކޮށްފައެވެ. އޭނަ އައިޒަކްއާއި މެދު ކަންތައްކުރީ ނިކަން އޯގާތެރިކޮށެވެ.

"ހިނގައްޖެ..."ނޯރާ ބުނެލިއެވެ.

"ކޮންތަނަކަށް؟"

"އެއްދުވަހު ބޭރަށް ދިޔަގޮތަށް އެނބުރި ނާދޭ.." ނޯރާ ބުނެލިއެވެ."އެހެންވެ ޖަވާބު ހޯދަން މިގެއަށް އައީ. ބައްޕަ މިގޭގައި ވަރަށް ގިނަ ދުވަހު ޚިދުމަތްކުރި. ފަހަރެއްގައި އައިޒަކްގެ އާއިލާއަށް ކޮންމެވެސް އެއްޗެއް އެނގިފައި އޮވެދާނެ. އަހަރެން ބޭނުމީ ބައްޕަ ހޯދަން. ފަހަރެއްގައި ކިޑްނެޕްކޮށްފައި ނޫނީ...."

ނޯރާގެ އަޑު މަޑުވެގެންގޮސް ކެނޑޭގޮތްވިއެވެ.

"ބައްޕައަށް ގެއްލުމެއް ދޭން އުޅޭނީ ކާކުކަމެއް ނޭގޭ އެހެންވެ ތި އާއިލާގެ ފަރާތުން އެހީހޯދަން މިއައީ ފަހަރެއްގައި އެމީހުންނަށް އެނގިދާނެ. އައިޒަކްގެ ބައްޕަގެ ސިޔާސީ ދުޝްމަނުން އުޅޭދޯ. ނޫންތަ؟އެހެންވެ ބައްޕަވެސް މިތާގައި މަސައްކަތްކުރާތީ ކިޑްނެޕް ކުރީ ކަމަށް ވެދާނެ. ސޯ ޕްލީޒް......" ނޯރާގެ އަޑުގައި އާދޭހުގެ އަސަރު ހުއްޓެވެ." ތިޔަ އާއިލާއިން ބައްޕަ ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދީފާނެތަ؟ ވަރަށް ދުވަސްކޮށްފައި މިހިސާބަށް އާދެވުނީ...."

އައިޒަކްއަށް ބުނާނެ އެއްޗެއް ނޭގުނެވެ. ވީމަ ޓެކްސީ ދުއްވާ މީހާ ގެއްލުނީތާއެވެ. އެއީ މާތް އިންސާނެކެވެ. ދެރަގޮތެއް ވާކަށް އައިޒަކްވެސް ނޭދެއެވެ. ނޯރާގެ ނަޒަރު ހުއްޓުނީ ބަގީޗާތެރެ ޒީނަތްތެރިކުރުމާއިގެން އަވަދިނެތި އުޅުނު ޚާދިމުންނަށެވެ. އެ އާއިލާ މިއަދު އަވަދިނެތި އުޅޭ ދުވަހެއްތާއެވެ.

"ބައްޕަ ގާތު އަހާދީފާނަންތަ؟ޕްލީޒް"ނޯރާ އެދުނެވެ.

"އެބަބުނަން އަދި ބައްޕަގެ ޖަވާބު ގެނެސްދޭނަން..."އައިޒަކް ބޯ ޖަހައިލިއެވެ." ކިހިނެއް އަހަރެން ނޯރާ ހޯދާނީ؟ ނަމްބަރު ގެނޭ....."

އައިޒަކްގެ މޮބައިލް ފޯނު ނެގިއެވެ.

"ނަވާރަސަތޭކަ އަށްޑިހަ ނުވައެއްގައި މޮބައިލް ފޯނެއް އޮތީ ހަމައެކަނި އައިޒަކްގެ އަތުގައި ނޫންތަ؟" ނޯރާ ކަޅި ހިންގާލާފައި ހިނިގަނޑެއް ޖަހައިލިއެވެ.

"އަދިވެސް އެހާ މުސްކުޅި ވިސްނުން ތިހިރީ. މިހާރު ދެން ފޯނެއް ގެންގުޅެން ވެއްޖެއެއްނު. އޭރުން ފޯނުކޮށް ޓެކްސްޓް މެސެޖްވެސް އެހާ އަވަހަށް ފޮނުވައިލެވޭނެ.." އައިޒަކް ފޮނިކެނޑިއެވެ. ނޯރާ ދިނީ އެޑްރެހެކެވެ.

"ޕެޓްރިކޯ؟" އައިޒަކް ސުވާލުގެ ނަޒަރަކުން ބަލައިލިއެވެ.

"އާނ. އަހަރެން އެތާ މަސައްކަތްކުރަނީ. މިކަން ސިއްރުކޮށްދެއްޗޭ..." ނޯރާ އަމިއްލަ ތުންފަތުގައި އިނގިލިޖެއްސިއެވެ. އިސްކޮޅުން ކިތަންމެ ދިގަސް އަދިވެސް އައިޒަކްއާއި މެދު ދެކެވެނީ ކޮއްކޮއެއް ކަމުގައެވެ.އެމީހުން ކުޑައިރު އައިޒަކްގެ ހުރީ ނިކަން ބޭބީ ވައްތަރު ޖަހާ މޫނުކޮޅެކެވެ.

"އަހަންނަށް ޓެކްސީ ޑްރައިވަރެއްގެ ވަޒީފާ ދޭންވީނު. ބައްޕައަކީ ވިންޓަރފެލްގެ ވަފާތެރި މުވައްޒަފެއް. އެހެންވެ ޓެކްސީ ޑްރައިވަރުކަން ދޫކޮށްލަން ބޭނުންނުވީ..." ނޯރާ މާޒީގެ ދުވަސްތައް ހިތަށް ގެންނަމުން ވާހަކަދެއްކިއެވެ.

" ބޮޑުވަންދެން އިންތިޒާރުކުރަން ޖެހޭނީ...." އައިޒަކް އާދައިގެ ގޮތަކަށް ބުނެލުމާއެކު ނޯރާގެ މޫނު ބަނަވެއްޖެއެވެ.

"އަހަރެންގެ އުމުރަކީ އަށާރަ....ކުއްޖާފުޅާ..."

"ނޫން ތިހެނެއް ނުވާނެ..." ސޯޅައަހަރުގެ އައިޒަކްއަށް އެ ހަގީގަތް ގަބޫލުކުރަން ފަސޭހައެއްނުވިއެވެ.

"އަދަބާއި އިހުތިރާމްއާއެކު އަހަންނާއި ވާހަކަނުދައްކަނީ މިހެންވީމަތާ. ހީކުރީ އައިޒަކްއަށްވުރެ އަހަރެން ޅަކަމަށްތަ؟" ނޯރާ ދެލޯ ބޮޑުކޮށްލިއެވެ." ލާން ޔޯ މެނަރސް އަދި މިހާރުން ފެށިގެން މިއީ ސިސް ނޯރާ ކަމުގައި ދެކެންވީ އިނގޭ..."

ނޯރާ ދާންވެގެން އެނބުރިލައިފިއެވެ. އެދެމީހުންގެ އުމުރުގެ ތަފާތުން އައިޒަކް އުއްމީދުކުރިވަރަށްވުރެ އޭނައަށް އުދަގޫކުރުވައިފިއެވެ.

"އާހް އައިޒަކް.ބޭރުގައި ކީއްކުރަނީ؟" އާއިލާ މީހަކު އައިގޮތަށް އައިޒަކް ގެނެސް މޭގައި ޖައްސައިލިއެވެ. އަދި އެއާއެކު އެންމެން އެކީގޮސް އެތެރެއަށް ވަނެވެ. އޭރު އާއިލާގެ އެންމެންވެސް ހާޟިރުވަމުން ދިޔައެވެ. އެންމެންވެސް ރީތިކޮށް ހެދުން އަޅައިގެންނެވެ.

އެންމެން ބަގީޗާއަށް ޖަމާވާ ތަން ލިޔާނާއަށްވެސް ފެނުނެވެ. އޭނަ ކަންފަތުގައި މުދި ލުމަށްފަހު މޫނުގައި ޕައުޑަރުކޮޅެއް ހާކާލިއެވެ. އަދި ގަޑިއަށް ބަލާލާފައި ފަރި ހިނގުމެއްގައި ގޮސް ފިރިމީހާ ހައިތަމްގެ އޮފީހުގެ ދޮރުގައި ޓަކިޖަހައިލީ މަޑުންނެވެ. ދޮރު ހުޅުވައިލިއިރު ހައިތަމް އަވަދިނެތި ގަނޑެއްގައި އެއްޗެއް ލިޔަނީއެވެ. އޭނަ ވަނުމުން ހައިތަމް އޭނަގެ ފޮތް ބަލާ އައިނު ކުޑަކޮށް ތިރިކޮށްލަމުން ބަލައިލިއެވެ.

"ޑިއަރ. އާއިލާގެ މެމްބަރުންނަށް ގްރީޓްކުރަން ތިރިއަށް ދާ ގަޑިޖެހިއްޖެއެއްނު..އެންމެންވެސް އަތުވެއްޖެ......"ލިއާނާ ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލިއެވެ. ހައިތަމް މަސައްކަތުގައި އަވަދިނެތި އިންދާ އުދަގޫކުރަން އޭނަ ބިރުގަނެއެވެ. ހައިތަމް އަބަދުހެން ފެންނާނީ އެފަދަ ހާލެއްގައެވެ. ހުރިހާވެސް އެއްޗަކީ އޭނަގެ މަސައްކަތްފަދައެވެ. ފަހަރެއްގައި މިއީ އޭނަގެ ނަސީބު އެހީވި ދުވަސްކަމަށް ވެދާނެއެވެ. ހައިތަމް އެ ކަރުދާސްތައް އެއްފަރާތެއްގައި ބަހައްޓާފައި ތެދުވުނުއިރު މޫނުމަތިން ނުރުހުމުގެ ކުލަވަރެއް ނުފެނުނެވެ. ވަރުގަދަ ކަސްރަތީ ހަށިގަނޑުގެ ސަބަބުން ހައިތަމް ފެންނަނީ އުމުރަށްވުރެ މާ ހަނގުކޮށެވެ. އެ ހަށިގަނޑު ލިބުނީ މިލިޓަރީ ޓްރެއިނިންގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. އޭނައަކީ ސްވިސް އާމްޑް ފޯސެސްގެ މެމްބަރެކެވެ.

"އާވާ ކޮބައިތަ؟" އާދައިގެ މަތިން އެ އަޑުގައި ހުރީ ސީރިޔަސް ގޮތެކެވެ. ލިއާނާ ހިން ދިރުވައިލިއެވެ. އޭނަގެ އަންހެންދަރިފުޅަކީ އޭނަގެ ނިމުމެވެ.

"ސްކޫލް ޕްރޮޖެކްޓެއްގައި ހެނދުނު ހެނދުނާ ހިގައްޖެ...." ލިޔާނާ ބުނެލިއެވެ.

"ވީކެންޑްގައި؟"

"ލައްބަ. މި ޒަމާނުގައި ކުދިން ތައުލީމާއިމެދު ނިކަން ސީރިޔަސް ނަޒަރަކުން ދެކޭ...."ލިއާނާ އޭނަގެ އަޑަށް ވެރިވި ކަންބޮޑުވުމާއި ނުތަނަވަސްކަން ފޮރުވަން މަސައްކަތްކުރިއެވެ. އާވާ ދިޔަތަނެއް އޭނައަކަށް އެއްގޮތަކަށްވެސް ނޭގެއެވެ. އެންމެ ފަނަރަ އަހަރުގެ ކުއްޖަކަށްވިޔަސް ރޭގައިވެސް އެކުއްޖާ ގެއަށް ވަދެލީއެއް ނޫނެވެ. ވަރަށް އުދަގޫ އަންހެންކުއްޖެކެވެ. އަދި ބާޣީ އުމުރު ކިރިޔާ ފެށުނީއެވެ. މުޖުތަމައުގައި އާވާގެ ބައްޕައަށް ދެވިފައިވާ ދަރަޖައާއި މަގާމަށް އޭނަގެ އިހުތިރާމެއް ނެތެވެ.

ހައިތަމްއާއި ލިޔާނާ އެކީގައި ގޮސް ސިޑިން ފޭބިއެވެ. އަދި މަޑު ވެލްވެޓް ސޯފާއެއްގައި އިން ޒައިނަބުއާއި ބައްދަލުކުރިއެވެ.

"މަގޭ ދަރިފުޅު...." ޒައިނަބު ހައިތަމްއާއި ދިމާލަށް އަތް ދިއްކޮށްލަމުން ބުނެލިއެވެ." މަންމަވެސް އެކުވެރިންތަކަކަށް ދައުވަތު ދިނިން. އެމީހުންނަށް ގްރީޓްކުރަން ދަރިފުޅު ދާންވާނެ..."

ޒައިނަބުގެ ތިން ދަރިންގެ ތެރެއިން އޭނަ އެންމެ ޚާއްސަ ކުއްޖަކީ ހައިތަމްއެވެ. ޔަޒީދުއާއި ސަބީނާވެސް އެކަން ދަނެއެވެ. ހައިތަމްއަކީ އެންމެ ދޮށީ ދަރިފުޅުކަމުގައި ވެފައި ވަޒީފާއިންވެސް އެންމެ ކާމިޔާބު ދަރިފުޅެވެ. އެމީހުންގެ ރަންދަރިކަމުގައި ވުމަކީ އަޖައިބުވާން ޖެހޭ ކަމެއްނޫނެވެ. މައިދައިތަގެ ކަނދުރާއާއި އަތުގެ އިނގިލީތަކުގައިވާ ޖަވާހިރުތަކަށް ލިއާނާގެ ހިތް ސަނާ ކިއެވެ. ހާދަ ނަލައެވެ. ހުރިހާ ދަރިންނަށް ލިބިފައިވަނީ ޒައިނަބުގެ ރީތިކަމެވެ. ހަމައެކަނި އެތަނުގައި ޒައިނަބު ހާޟިރުވެހުރުމުން އެހެން ހުރިހާ އެއްޗެއްގައިވެސް ހައިބަތު ހުރިކަމަށް ދައްކައެވެ. ޒައިނަބުގެ ޝާހީކަން ބޮޑުކަމުން އެހެން އެންމެންނަކީ އޭނަގެ ގާތުގައި ޚާދިމުންފަދައެވެ. އެއީ ޔަގީނުންވެސް ލިއާނާއަށް އިހުސާސްވާގޮތެވެ. އޭނައަކީވެސް މަތީ ޚާންދާނަކުން އައިސްފައި ހުރި އަންހެނަކަށް ވާހިނދުގައިވެސް މެއެވެ.

***

ބަގީޗާގައި އޮތް ހަފްލާގައި އުފާވެރިކަމާއި ހުނުން ނޫން އެހެން އިހުސާސަކަށް ޖާގައެއް ނެތެވެ. އެހާ ހިތްހަމަޖެހުމާއެކު އެންމެން އެކި ވާހަކަތަކުގައި ގެއްލިފައެވެ. ކުޑަކުދިން އެކި ދިމާލަށް ދުވެ ސަކަރާތްޖެހުމުގައެވެ. އަންހެނުން އެކަކު އަނެކަކުގެ ހެދުމާއި ގަހަނާތަކަށް ތައުރީފުކުރުމުގައެވެ. ފިރިހެނުން ބޮޑަށް ވިޔަފާރީގެ ވާހަކަތަކުގައެވެ.

އަޑުގަދަކަމުން އައިޒަކްގެ ބޮލަށް އުދަގޫވެ ނުހުރެވިގެން އޭނަ ބަހަނާއެއް ދައްކާފައި ކޮޓަރިއާއި ދިމާލަށް މިސްރާބުޖެހިއެވެ. ފަޓުލޫނު ޖީބަށް ލާފައި އޮތް ކަރުދާސްކޮޅު ނެގުމަށްފަހު އެޑްރެސް ކިޔާލައިފިއެވެ. އެންމެން ތިބުމާއެކު އަދިވެސް ބައްޕައާއި އެވާހަކަދައްކައިލާނެ ފުރުސަތެއް ނުލިބުނެވެ. ފަހަރެއްގައި ހަފްލާ ނިމުމުން ވަގުތެއް ވެދާނެއެވެ.އޭނަގެ ކޮޓަރީގެ ކުޑަ ދޮރު ހުޅުވައިލުމާއެކުމީހަކުއެރިހެން ހީވެ އެދިމާލަށް ނަޒަރު ހުއްޓުނެވެ. ގޭގެ ވަލު ދޮރާށިން ސިއްރުން ވަދެ ގެއަށް ވަންނަން އުޅުނީ އާވާއެވެ. އޭނަ ކައްސާލައިގެން ގޮސް ފަތާ ފެންގަނޑަށް ނުވެއްޓުނީ ހަމަ ކިރިޔާއެވެ. އައިޒަކްވެސް ސިހުނެވެ.

"އާވާގެ މަންމައަށް މި ގޮވަނީ..." އައިޒަކް ހަޅޭއްލަވައިގަތެވެ. ދެ ފްލޯރ ތިރީގައި އެލުވިގެން އޮތް އާވާގެ ކަންފަތަށް އިވޭހާ ބާރަށެވެ. ބެގީ ޖިންސަކާއެކު ޓީޝާޓެއްލައިގެން އާވާ ހުރިއިރު އިސްތަށިގަނޑު އޮތީ އެއްކޮށް ކޮށާލާފައެވެ. "ޓޮމް ބޯއި" އެކޭ ތަފާތެއް ނެތެވެ.

"ދެޓް އިޑިއަޓް...." އާވާ ކުދިކިޔަމުން ގެއަށް ވަނުމާއެކު ދުއްވައިގަތެވެ. އޭނައައިގޮތަށް އައިޒަކްގެ ކޮޓަރި ގުޑުވައިލާނެކަން އޭނަ ދެނެހުއްޓެވެ. އާވާ ސީދާ އައީ އައިޒަކްއާއި ދިމާލަށެވެ.

"ރޭ ކޮންތާކު އުޅުނީ؟ އޭނ؟ކުޑަ ކުއްޖެއް ތި ވައްތަރަށް އުޅެން ޖެހޭތަ؟ ބައްޕައަށް އެނގިއްޖެއްޔާ؟ "އައިޒަކް ސުވާލު ފަތްޗެއް އަމުނައިލިއިރު އާވާ ލޯ އަޅާލައިގެން ހުރީ ކުޑަ ހަންޑިއެއްފަދައިންނެވެ.

"ދެޓްސް ނަން އޮފް ޔޯ ބިޒިނަސް. ތި އަނގަ ގަނޑު މަޑުން ލައިގެން ހުރުން ރަގަޅުވާނެ...އައިޒަކް. ތުންފަތާއި ނުލާ އުޅެން ބޭނުންނޫނިއްޔާ..." އާވާ ނުލަފާ ޖަވާބެއް ދިނެވެ.

"އަހަންނަށް އިންޒާރު ޖަހަނީތަ؟" އައިޒަކް މޫނު ހެދިއެވެ." ބެޓާ ބިހޭވް އަހަރެން އާވާގެ ބައްޕައާއި ވާހަކަ ދައްކަން ބޭނުން ނޫނިއްޔާ...."

"އަހަރެން ހުރީ އެކުވެރިއެއްގެ ގޭގައި..މި މޮޔަ ގޭގައި ހުރުމަށްވުރެ އެގޮތްވެސް ރަގަޅު.." އާވާ ހަޅޭއްލަވައިގަތެވެ." ސުވާލުތަކަށް ޖަވާބު ލިބިއްޖެތަ؟"

"ގޯޝް. އަމިއްލަ އާއިލާދެކެ ތިހާ ނަފްރަތުކުރަނީ ކީއްވެތަ؟" އައިޒަކް ކަޅި ހިންގައިލިއެވެ.

"އެންމެންގެ ފޭކް ހިނިތުންވުން އަހަރެން ހޯންޓްކުރުވާ. އައިޒަކްއަށް ފަހަރެއްގައި ނޭގި ހިގައިދާނެ ސަބަބަކީ އެންމެންގެ ލޯބި ލިބޭތީ.." އާވާގެ ލަފުޒުތައް ވިހައިން ފޯވެފައެވެ." އެންމެންވެސް އަހަރެންދެކެ ރުޅިއާދޭ...."

"ހޫމް ހޫމް....ކޮންޓިނިއު ޔޫ ލިޓްލް ރެބެލް..." އައިޒަކް އެވާހަކަތަކަށް ސަމާލުކަމެއް ނުދިނެވެ."ގޮސް ކޭކެއް ކައިބަލަ. އޭރުން މީހާ މައިތިރިވެދާނެ..."

ދެން އައި ހަމަލާއަށް އައިޒަކް އެއްގޮތަކަށްވެސް ތައްޔާރެއް ނޫނެވެ. ވައިގެ ތެރޭގައި ބާރަށް އައި ބޫޓުކިބައިގެ ހޫނު ހަމަލާ އެރީ އޭނަގެ ކޯތާފަތަށެވެ. އައިޒަކްއަށް ދަތްކުނޑިވިކާލާފައި ނުބައި އެއްޗެކޭ ކިޔައިލެވުނެވެ.

"ފުދިއްޖެ މިހާރު.." އައިޒަކް ރުޅިވެރިކަމާއެކު ފުންމައިގެން ތެދުވުނެވެ.

"ލިއާނާ އާންޓީ....." ވިދުވަރެއްހެން ކޮޓަރިން ނުކުމެގެން ދަމުން އޭނަ ކަންފަތް ފަޅައިގެންދާހާ ބާރަށް ހަޅޭއްލަވައިގަތެވެ.

"ޝިޓް..." އާވާ ކޮޅުފައިން ދޮރުގައި ޖެހިލެއް ބާރުކަމުން ގުޑައިލިއެވެ. މިވީގޮތުން މަންމަ އޭނަ އެ މޮޔަ ހެދުންތައް ލައްވާ ރީތިކޮށްގެން އެންމެނާއި ބައްދަލުކުރުވަން ގެންދާނެއެވެ. އާއިލާގެ ކޮންމެ މެމްބަރަކާއި ވަކިވަކިންނެވެ. އައިޒަކްފަދަ ދެބެންގެ ދެދަރިއަކު ނުލިބުނުނަމަ ކޮންފަދަހެއްޔެވެ؟ އޭނަ އެންމެންދެނެ އަންނަ ރުޅީގައި ދަތްތައް ފުޑުފުޑުވާ ވަރުވެއެވެ. އެމީހުންގެ ފަރާތުން އެއްވެސް ކަމެއްގައި އެހީވަނީއެއް ނޫނެވެ.

***

ބޭކަރީގައި ކައިލް ނޯރާ އަދި މިކާލް ގުޅިގެން އެއްކޮށް މަސައްކަތްކުރާތީ އެތަން ހިންގުމަށް ފަސޭހަކަމަކަށްވިއެވެ. އިސްހާގުއަށް މޫސުމްގެ ބަލިމަޑުކަމާއި ކުރިމަތިލާން ޖެހިފައިވާތީއާއެކު އޭނައަށް ނުދެވޭ ދުވަސްތަކުގައި ބޭކަރީ ހިންގަން އެ ތިން ޒުވާނުންނަށް އިތުބާރުކުރެއެވެ. ބައެއް ދުވަސްތަކުގައި ކައިލް "ޕެޓްރިކޯ އިން"ގައި އިން ބަލަހައްޓާމީހާގެ މަސައްކަތްކުރެއެވެ. އެފަދަ ބުރަ ކޮށް މަސައްކަތްކުރާ މުވައްޒަފުން އުޅޭކަމީ އިސްހާގުގެ ނަސީބެވެ.

"މަރުހަބާ ހައިސްކޫލުން ގްރެޖުއޭޓްވީމަ.." ނޯރާ ހަނދާންވުމާއެކު ބުނެލިއެވެ.

"ތޭންކްސް ނޫރު...." މިކާލް އަތުގެ ބޮޑުވާ އިނގިލި ހިއްލައިލިއެވެ.

"ނޫރުއޭ ނުކިޔަފާނަންތަ؟" ނޯރާ އަނގަޔަށް ގޮތެއް ހެދިއެވެ.

"ކީއްވެތަ؟ނޫރުގެ މާނަ ކިހާ ރީތި. އަލި. މި ކުޑަ ތަނަށް އަލިހެން ފައުޅުވެ މުޅިތަން ދިއްލާލައިފި....." މިކާލް ކޮނޑު އަރުވައިލިއެވެ.

"ހޫމް އެންމެނަށް އެބަ އެނގެޔޭ މިކާލް ތި ދައްކަނީ މިހިސާބުގެ މަގުތަކުގައި އާވާރާވެގެން އުޅޭ ރާބޯ ނޫރުގެ ވާހަކަކަން...." އައިސް ކެރަމެލް ކޮފީއަކަށް ވިޕްޑް ކުރީމް އަޅަމުން ކައިލް ބުނެލިއެވެ.

"އެގެޒެކްޓްލީ..." ނޯރާ މިކާލްއަށް ކަޅި އަޅާލައިފިއެވެ.

"ޔަގީންކޮށްވެސް ތިކުއްޖާ މިތަނަށް ގެނައީ އަނދިރިކަން..." ނޯރާއަށް ކައިލް ބުނެލި އަޑު އިވުނެވެ. ކައިލް ދިޔައީ އެތަނުން އެވަގުތު ނިވުނު ބޮއްކެއް މަރާމާތުކުރުމަށެވެ. މިކާލް ހޭންފެށިއެވެ.

"އެކްޒެކްޓްލީ. އެއީ ހަމަ އަނދިރިކަން ކައިލް މި ލައިޓްތައް ފިކްސް ކުރަން ޖެހުނު ވަރު ގުނާ އަދަދުނުކުރެވޭ....އެހުރިހާ ކަމެއް ވާންފެށީ ނޯރާ މިތަނަށް އައި ފަހުންނޭ."

ނޯރާގެ އަލިފާނުގެ ނަޒަރު ދެން ހުއްޓުނީ ކައިލްއަށެވެ.

"އެނީވޭ ސްކޫލް ނިންމާލުމަށްފަހު ކައިލްގެ ޕްލޭނަކީ ކޮބައިތަ؟" ނޯރާ ކަސްޓަމަރަކަށް ދޭން ކެރޮޓް ކޭކެއް ޕާރުސަލް ކުރަމުން ސުވާލުކުރީ އާދައިގެ ގޮތަކަށެވެ. ގިނަފަހަރު ކައިލް ހުންނަނީ އަޑު ނީވޭކަމަށް ހަދައިގެންނެވެ.

"އެހެން ބުނީމަ ހަނދާންވީ ކައިލް އަސްލު ސްކޫލުން އެންމެ މަތިން ސްކޯރކުރީ. އެހެންވެ ޓީޗަރުން ޑިސްކަސްކުރި ކައިލް މެޑިސިން ހަދަން އެޕްލައިކުރުވަން..." މިކާލް ބުނެލިއެވެ.

"މެޑިކަލް ސްކޫލް؟" ނޯރާ އެސްފިޔަ ތަޅުވައިލިއެވެ." އަބަދުވެސް މަގޭ ޑްރީމް...."

"އެ ދާއިރާއަކަށް އަހަރެންގެ އެއްވެސް ޝައުގެއް ނެތް." ކައިލްގެ ޖަވާބުން ލިބުނު ޝޮކުން ނޯރާގެ އަނގަ ހުޅުވުނެވެ." މިހާ ވަރުގަދަ އޮޕޮޗުނިޓީއެއް ދޫކޮށްލަން ހެޔޮވާނީ ކިހިނެއް؟"

"އޭނައަކަށް ބަލިމީހުންނަށް ފަރުވާއެއް ނުދެވޭނެއްނު މީހުން އޭނަގެ ގައިގާ އަތްލާން ނަފްރަތުކުރަންޏާ ޑަމްބް ގާލް.." މިކާލް ކިރިޔާ ނޯރާގެ ކަންފަތަށް އިވޭވަރަށް ބުނެލިއެވެ.

"އެ ޑިސްއޯޑާ ކިހާވަރަކަށް ސަކަރާތްތަ؟ އޭނައާއި ދުވަހަކު އަތާއި އަތް ލައްވާ ސަލާމްކުރިންތަ؟" ނޯރާވެސް ވައި އަޑަކުން ބުނެލިއެވެ. މިކާލް ބޯ ހޫރައިލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

"އެހެންވިއްޔާ ދެން ވަރަށް ދެރަ.." ކަބަޑްގެ އެންމެ މަތީ ފިލާގައި ހުރި ޖޯޑެއްނަގަން އޭނަ ގޮނޑިއަށް އަރައިގެން އުޅެފައި ކައިލްއާއި ދިމާލަށް ނަޒަރު ހުއްޓާލައިފިއެވެ. ނޯރާގެ ކުއްލި ތޫނު ހަޅޭކުގެ އަޑަށް އެންމެ ގާތުގައި އެވަގުތު ހުރި ކައިލް އެނބުރި ބަލާލައިފިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު