އާދަމް ޝަރީފް ސާރ: ސިފައިންގެއިން ރެކެން ސްކޫލަށް ވަން ގޮތަށް ނުނިކުމެވިފައި

ށ. ފުނަދޫ ސްކޫލްގެ ޓީޗަރު އާދަމް ޝަރީފް --- ސަން ފޮޓޯ/ ޖަވާދު މުހައްމަދު

އެއީ މީގެ 25 އަހަރު ކުރިއެވެ. ސްކޫލް ދައުރު ނިންމާލުމަށްފަހު ހަމަ ޖެހުމުގެ ނޭވާއެއް ނުލެވެނީސް ށ. ފުނަދޫ، އާދަމް ޝަރީފަށް އައި 'އޯޑަރަކީ' އޭރުގެ އެންއެސްއެސް ނުވަތަ ސިފައިންގޭގެ ވަޒީފާއަށް ނިކުތުމުގެ ދައުވަތެވެ. ނަމަވެސް އެއީ އޭނާ އެއްގޮތަކަށް ވެސް ކުރަން ބޭނުންވާ ކަމެއް ނޫނެވެ. އެހާމެ ފޫހިވާ ދާއިރާ އެކެވެ. އެކަމުން ރެކެން ވެގެން ހަނދާނެ ގޮތަކާއި މެދު ވިސްނިއެވެ.

"މާލޭގެ އީޕީއެސް ސްކޫލްގެ ގްރޭޑް 10 ނިމިގެން އެންމެ ބޮޑަށް ކުރިއަށްދާން ބޭނުންވީ ކެއްކުމުގެ ދާއިރާއިން. އެގޮތުން ހޮޓެލް ސްކޫލަށް ގޮސް އެތަނުން ލިބެން ހުރި ފުރުސަތުތަކާއި ބެހޭ މައުލޫމާތު ހޯދިން. އަދި ކުރިއަށް ދިއުމަށް ހުރީ ކޮންކަހަލަ މަގުތަކެއްތޯ ބަލައި މައުލޫމާތު ހޯދިން. އެހެނަސް ސްކޫލް ނިމުނުތަނާ އޯލެވެލް ހަމަ ނިންމިތަނާހެން ސިފައިންގެއިން ބަލާ އަންނަން ފަށައިފި. އޭރުގެ އުސޫލުތައް އޮންނަ ގޮތުން ގްރޭޑް 10 އެއް ނިންމި ކުދިންގެ ސިފައިން ގޭގައި ވަޒީފާ އަދާކުރަން ޖެހޭ. އެހެނަސް އެއީ އެއްވެސް ޝައުގެއް ހުރި ދާއިރާއެއް ނޫން. އެހެންކަމުން އެކަމުން ސަލާމަތްވާނެ ގޮތެއް ހޯދުމަށް ޕްރައިމަރީ ޓީޗިން ކޯހަކަށް އެޕްލައި ކުރީ. ވަރަށް ފަސޭހައިން ކޯސް ލިބިއްޖެ. އެހައި ހިސާބުން އެންއެސްއެސްއަށް ގެނަދިއުން ވެސް ހުއްޓިއްޖެ،" ދާއިރާއަށް ވަދެވުނު ގޮތް ކުރު ގޮތަކަށް އާދަމް ޝަރީފް ކިޔައިދިނެވެ.

ކިޔަވައިދިނެމުގެ ދާއިރާއަކީ އަބަދުވެސް އޭނާ ޝައުގުވެރިކަން ހުރި ދާއިރާއެކެވެ. ކުޑައިރު އާދަމް "އަހަރެންގެ އަޒުމް" އެ ނަމުގައި ލިޔުނު ލިއުމެއްގައި ބޮޑުވެގެން މުދައްރިސަކަށް ވާންބޭނުންވާ ކަމަށް ލިޔުނު ހަނދާނެއް އޭނާ ހިއްސާކުރިއެވެ. އެއީ ށ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް ފަހެއްގައި ކިޔަވަމުން އައި އިރުއެވެ.

ށ. ފުނަދޫ ސްކޫލްގެ ޓީޗަރު އާދަމް ޝަރީފް ކްލާސް ރޫމުގައި ކިޔަވައިދެނީ --- ސަން ފޮޓޯ/ ޖަވާދު މުހައްމަދު

ތައުލީމީ ދާއިރާއަށް އިރެއްގައި ޝައަގުވެރިކަމެއް ހުރި ނަމަވެސް މަޖުބޫރީ ހާލަތުގައި އެ ދާއިރާ ހިޔާރުކުރި އާދަމް ޝަރީފް ދާއިރާއަށް ހިތް ޖެހެން ފެށީ ޕްރައިމަރީ ޓީޗިން ހެދި ދުވަސްވަރުގައެވެ. އެއީ އޭރު ކިޔަވައިދެއްވަން އައި މުދައްރިސުންނަކީ ގާބިލު ބަޔަކަށްވުމާއެކު އެ މީހުންގެ ކިޔަވައިދިނުމާއި ނަސޭހަތްތައް އިވި، އުފެދުނު ޝައުގަކުންނެވެ.

"ބައެއް ރޭރޭ އެތާ ކްލާސް ރޫމުގައިވެސް ނިދަން. އެހާ މަޖާ މާހައުލަކުން އެހާ މޮޅު ހުނަރުވެރި ދާރިސުންނާއި ދިމާވި ދިމާވުން އެއީ މިދާއިރާއަށް ޝައުގު އުފެދުނު އެއް ސަބަބު،" އާދަމް ޝަރީފް ކިޔައިދިނެވެ.

އަނެއް ސަބަބަކީ މުދައްރިސް ކަމުގެ ކޯސް ނިންމާލުމަށްފަހު ރަށަށް އައުމުން ރަށުގެ ބަލެނިވެރިންނާއި މުދައްރިސުންގެ ފަރާތުން ލިބުނު ލޯތްބާއި މަދަދެވެ. ކުރި ގަދަރާއި އިހްތިރާމެވެ. ފުރަތަމަ އަހަރު ފުނަދޫ ސްކޫލްގައި ކިޔަވައިދިންއިރު ހަފްތާއަކު 65 ގަޑި ވެސް ނަގައިދިނެވެ. އެއީ ދުވާލަކު 13 ގަޑި އެވެ.

ދެ ދަންފަޅިއަށް ކިޔަވައިދޭއިރު ހެނދުނުގެ ނާސްތާ ނަގަން ދަނީ އިންޓަވަލް ގަޑީގައެވެ. މެންދުރު ކެއުން އޮންނަނީ ދެ ދަންފަޅި ދެމެދުއެވެ. ހަވީރު 4:30 ގައި ނިމޭ ގޮތަށް ގެއަށް ގޮސް ނަމާދުކޮށްލައިގެން ކުޅޭ އެއްޗެހި ލައިގެން ދާނީ ކުދިންނާއެކު ކުޅޭށެވެ. ރޭގަނޑު އުޅޭނީ ކުދިންނާއި އެކު ކޮންމެވެސް މުބާރާތަކަށް ޕްރެކްޓިސް ކުރުމުގައެވެ.

"އެހާ ވެސް ޝައުގުވެރިކަން ހުރޭ. ފޫއްސެއް ނުވޭ،" މިހާރު ވެސް ފުނަދޫ ސްކޫލްގައި ކިޔަވައިދެމުން އަންނަ އާދަމް ޝަރީފް ބުންޏެވެ.

ށ. ފުނަދޫ ސްކޫލްގެ ޓީޗަރު އާދަމް ޝަރީފް ކްލާސް ރޫމުގައި ކިޔަވައިދެނީ --- ސަން ފޮޓޯ/ ޖަވާދު މުހައްމަދު

ދާއިރާގައި ކުރެވުނު އުފަލާއި ހިތާމަވެރި ތަޖުރިބާ

ތައުލީމީ ދާއިރާގައި މުދައްރިސެއްގެ ހައިސިއްޔަތުން އާދަމް ޝަރީފް ނުކުރާ ތަޖުރިބާއެއް މަދުވާނެއެވެ. އެ ދާއިރާގައި އޭނާ އެންމެ އުފާވި ދުވަހަކީ އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި އެޑިއުކޭޝަން މިނިސްޓަރަކަށް ހުންނެވި ޑރ. މުހައްމަދު ލަތީފް އެ ރަށު ސްކޫލަށް ކުރި ޒިޔާރަތެއްގައި އޭނާއަށް ކުރެއްވި ތައުރީފަކުން ލިބުނު އުފަލެކެވެ.

"އެގޮތުން އަޅުގަނޑުގެ ލެސަން ޕްލޭން ފޮތް ބައްލަވައި ވަރަށް ތައުރީފް ކުރެއްވި. އޭރަކީ ކޮމްޕިއުޓަރު ޒަމާނެއް ނޫން. ހުރިހާ ލިޔުމެއް ވެސް އަތުން ލިޔަން ޖެހޭނީ. ލެސަން ޕްލޭން ފޮތުގެ ބޭރު ގަނޑުގައި ބޮޑު އަކުރުން ނަންޖަހާ ކުލަޖައްސާފައި ހުންނާނީ. އަދި އެތެރޭގައިވެސް ރީތި ޑިޒައިން ޑިޒައިން ލިޔެ ރީތިކޮށްފައ އޮންނާނީ. ފޮތް ބައްލަވާފައި ވިދާޅުވީ މިއީ ވަރަށް ޝަވްގުވެރިކަމާއި އެކު މި މަސައްކަތްކުރާ މުދައްރިސެކޭ. ހުރިހާ މުދައްރިސުންވެސް ނަމޫނާއަކަށް ބަލަން ޖެހޭ ފަދަ މަސައްކަތެކޭ މިއީ. ހުރިހާ މުވައްޒަފުންނާއި މުހާތަބު ކޮށް މިފަދަ ތައުރީފެއް އަޅުގަނޑަށް ކުރެއްވުމުން ވަރަށް އުފާވި،" އާދަމް ޝަރީފް ކިޔައިދިނެވެ.

ކިޔަވައިދިނުމުގެ ދާއިރާގައި އާދަމް ޝަރީފް އެންމެ ހިތްދަތިވި އެއް އަހަރަކީ ވެސް މި އަހަރެވެ. އެއީ މި އަހަރުގެ އެސްއެސްއީ އިމްތިހާނުން ފާސްވާނެ ކަމަށް އުންމީދުކޮށްގެންތިބި ގާބިލް ކުދިންތަކެއް ފެއިލްވުމުންނެވެ. އެކަމުގައި ބައިވަރު ސަބަބުތަކެއް ހުރިކަން އާދަމް ޝަރީފް ފާހަގަކުރެއްވި އެވެ. ތަފްސީލަކަށް ދާކަށް ނެތީމެވެ.

އުމުރުން 48 އަހަރުގެ އާދަމް ޝަރީފު، ފުނަދޫ ސްކޫލަށް އަލަށް ގުޅުނު ދުވަހަކީ ހަނދާނުން ފުހެލަން ދަތި ދުވަހެއް ކަމަށް އޭނާ ބުންޏެވެ. އެ ދުވަހު ސްކޫލަށް ދިއުމުން، ކިޔަވަދޭން ޖެހޭ ކްލާސް ހަވާލު ކުރުމަން އިސްވެރިން ސިފަކޮށްދިނީ ޒުލެކެވެ. އެންމެ ކުދިން ގިނަ ކުލާހެވެ. ބަސްނާހާ ކުދިންތަކެއް ކަމަށް ބުންޏެވެ. ބޯމަތިންވެސް ފުންމާނެއޭ ބުންޏެވެ

"އެރޭ ނުވެސް ނިދޭ. އަނެއް ދުވަހު އެކުލާހަށް ގޮސް އުޅެން ޖެހޭނެ ހާލު ހިތައް އަރާވަރުން. އެހެނަސް ފިލާވަޅާއި މެދު ވަރަށް ވިސްނޭ. ވަރަށް ރާވައިގެން އަނެއް ދުވަހު ކްލާހަށް ދިޔައީ. ކުލާހުން ފެނުނީ ވަރަށް ކިޔަމަންތެރި ކުދިންތަކެއް. އެ ދުވަސް މިހާރު ވެސް ވަރަށް ހަނދާންވޭ. އެއީ މީގެ 25 އަހަރު ކުރިން،" އާދަމް ޝަރީފް ބުންޏެވެ.

ށ. ފުނަދޫ ސްކޫލްގެ ޓީޗަރު އާދަމް ޝަރީފް --- ސަން ފޮޓޯ/ ޖަވާދު މުހައްމަދު

ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރާތާ 25 އަހަރު

މުދައްރިސް ކަމަކީ ބުރަ ބޮޑު މަސައްކަތެކެވެ. ބައެއް މީހުނަށް ނުވެގެން ފަހަތަށް ޖެހެއެވެ. އެހެން ވަޒީފާއެއް ހޯދައެވެ. ނަމަވެސް އާދަމް ޝަރީފް މިދާއިރާއާ ގުޅުނު ފަހުން ސާބިތުކަމާއި އެކު އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ނުޖެހި އެ ފިޔަވަޅު މަތީގައި ސާބިތުވެ ހުރެފިއެވެ.

ބުރަ ބޮޑު އެ މަސައްކަތުގެ އެއް ދުވަސް އާދަމް ޝަރީފް ހިއްސާ ކުރި އެވެ.

"އަޅުގަނޑު ހެނދުނު ސުކޫލަށް ދަނީ 7:15 ގައި. ދާގޮތަށް ގިނަ ދުވަސްތަކު 12:30 ވަންދެން ކިޔަވައިދިނުމުގައި އުޅެންޖެހޭނީ. 35 މިނެޓުގެ ހުސްގަޑިއެއް ލިބުނަސް ގެއަށް ގޮސް ސައިބޮއިގެން ދެވޭ ވަރެއް ނުވޭ. އެހެންކަމުން ގިނަ ދުވަސްދުވަހު ހެނދުނު ސައި ނުބޮއި ހުންނަން މެންދުރު ވަންދެން. މެންދުރު 12:45 އެހާކަންހާއިރު ގެއަށްގޮސް ސައިބޮއިގެން ދެން އަނެއްކާވެސް ދާނީ ސްކޫލަށް. ރަސްމީ ގަޑި ނިމޭނީ 13:30 ގައި. 14:30 ގައި އިތުރު ކްލާސްތައް ފެށޭނެ. އެގަޑިތައް ނިމޭނީ 16:30 ގައި. ގެއަށް އައިސް ނަމާދުކޮށްލައިގެން އާއިލާއެކު ހޭދަކޮށްލަން ލިބޭނީ ރޭގަނޑު 8 ޖަހަންދެން. ރޭގަނޑުވެސް ބައްދަލުވުންތަކާއި ފޮތްމާކު ކުރުމާއި ވޯކްޝީޓް ހެދުންފަދަ ކަންތައްތައް ހުންނާނެ. ބައެއް ރޭރޭ 10 ނުވަތަ 11 ޖަހަންދެން މަސައްކަތް ކުރަން ޖެހޭ،" އާދަމް ޝަރީފް ކިޔައިދިނެވެ.

އާދަމް ޝަރީފް ދެކޭ ގޮތުގައި، ތައުލީމީ ދާއިރާއަކީ ހަމައެކަނި ވަޒީފާއެއްގެ ގޮތުގައި ދެކިގެން ކުރެވޭނެ ކަމެއް ނޫނެވެ. ޝައުގުވެރިކަމެއް ހުންނަން ޖެހޭނެއެވެ. އިސްލާހު ކުރަން ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. އެކަންކަމާއި ހެދި މިދާއިރާއަށް އަލަށް ވަންނަ ގިނަ މީހުން ފޫހިކޮށްލައެވެ.

"މިއީ ޝައުގު ހުރެގެން އުއްމީދެއް އޮވެގެން ކުރެވޭނެ މަސައްކަތެއް. ދާއިރާގައި މަސައްކަތްކުރާ އެއްވެސް މުދައްރިސަކަށް ހައްގު އުޖޫރައެއް ނުލިބޭ. ސަރުކާރުން އެންމެ އަޅާނުލާ ބަޔަކީ މުދައްރިސުން. އެހެނަސް މިކަމުގައި މުދައްރިސުން އެބަޖެހޭ ގުރުބާންވާން މާދަމާއަށްޓަކައި. އަޅުގަނޑުމެންގެ ދަރިންނަށްޓަކައި. ތައުލީމީ ޖީލެއް ބިނާކުރުމަށްޓަކައި. މުދައްރިސުންގެ މަސައްކަތަކީ އެންމެ މުހިއްމު މަސައްކަތް. އިލްމަކީ ﷲ ދެއްވާ ނިއުމަތެއްކަމުން އެއިލްމު ފެތުރުމުގައި ފަރުވާތެރިވާން ޖެހޭނެ. ކޮންމެ ކުއްޖަކީ ތަފާތު ކުއްޖެއްކަން ދެކިގެން މަސައްކަތް ކުރަން ޖެހޭނީ،" އާދަމް ޝަރީފް ބުންޏެވެ.

ށ. ފުނަދޫ ސްކޫލްގެ ޓީޗަރު އާދަމް ޝަރީފް ކްލާސް ރޫމުގައި ކިޔަވައިދެނީ --- ސަން ފޮޓޯ/ ޖަވާދު މުހައްމަދު

ކުރާ މަސައްކަތް ގިނަ މީހުން ބަލައިގަނޭ

އާދަމް ޝަރީފަށް ގިނަ ބެލެނިވެރިންގެ ފަރާތުން ލިބެނީ ވަރަށް ހިތްހަމަޖެހޭ ފަދަ ކޮމެންޓް ތަކެވެ. ނަމަވެސް ބައެއް ބެލިނިވެރިން ވަރަށް ހިތުގައި ޖެހޭ ފަދަ ވާހަކަތައް ވެސް ދައްކައެވެ. އެކަމަށް މާ ބޮޑު ފަރުވާލެއް އޭނާ ނުބަހައްޓައެވެ.

"އަޅުގަނޑަކީ ގްރޭޑް 10،11،12 އަށް ކިޔަވައިދޭ މުދައްރިސެއް. އާއްމުކޮށް މި ކްލާސްތަކުގެ ދަރިވަރުން ވަރަށް ބަސް އަހާނެ. ހާއްސްކޮށް މަތީ ސާނަވީ ދަރިވަރުން. އެދަރިވަރުންގެ ފުށުން ލިބޭ ލޯތްބާއި އިހްތިރާމް އެއީ މިދާއިރާއަށް އިތުރަށް ޝަވްގު އުފެދޭ ކަމެއް،" އާދަމް ޝަރީފް ބުންޏެވެ.

މުދައްރިސެއްގެ މަގާމުން ފެށި އާދަމް ޝަރީފް، ސުކޫލުގައި އަދާނުކުރާ ވަޒީފާއެއް ނެތެވެ. އެސިސްޓެންޓް ސުޕަވައިޒަރުކަމާއި ސުޕަވައިޒަރު ކަމުގެ އިތުރުން ލީޑިން ޓީޗަރުކަމާއި އެސިސްޓެންޓް ހެޑްމާސްޓަރުކަން އަދި ޑެޕިއުޓީ ޕްރިންސިޕަލްކަން ވެސް ކުރިއެވެ. އަދި ވެރިއެއްގެ ގޮތުން ސްކޫލް ހިންގުމާއިވެސް ހަވާލުވިއެވެ.

"އެންމެ ތަފާތު ތަޖުރިބާއަކަށް ކުރި ތަޖުރިބާއަކީ ސުކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްކަން ކުރުން. ގްރޭޑް 10،11،12 އަށް ކިޔަވައިދެވުން، އެކަޑަމިކް ކަންތައްތައް ބަލަހައްޓަމުން ޑެޕިއުޓީ ޕްރިނަސިޕަލެއްގެ ޒިންމާ އަދާކުރުން. އެއީ ވަރަށް ބުރަ އަދި ތަފާތު މަސްއޫލިއްޔަތެއް،" އާދަމް ޝަރީފް ބުންޏެވެ.

މިދާއިރާއާ މެދު އާދަމް ޝަރީފް އަންނީ ފޮނި ހުވަފެންތަކެއް ދެކެމުންނެވެ. އުއްމީދުތަކެއް އެބައޮތެވެ. އެގޮތުން ކިޔަވަދޭ ދަރިވަރުންނަކީ އަހްލާގު ރަނގަޅު އިލްމަށް ލޯބިކުރާ ހުނަރުވެރި ދަރިވަރުންތަކަކަށް ވުން ހިމެނެއެވެ. ސުކޫލުން ދޭ ތައުލީމާ އެއްވަރަށް ހުނަރު ތަރައްގީ ކުރެވޭނެ ތަފާތު ވަސީލަތްތައް ގާއިމްވެފައިވާ ސުކޫލްތަކެއް ފެންނަން ޖެހެއެވެ. ފެންވަރު ރަނގަޅު މުދައްރިސުން މިދާއިރާއިން ފެނުމަކީ ވެސް ކުރާ އުންމީދެކެވެ.

ކިޔަވައިދިނުމުގައި އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވަނީ ބައެއް ފަހަރު އެކުދިނާ ހަވާލުވާއިރު ހުންނަން ޖެހޭ ފެންވަރަށް ނުގެނެވި ހުންނާތީ ކަމަށް އާދަމް ޝަރީފް ބުންޏެވެ. އެފަދަ ކުދިން އިމްތިހާނުން ފާސްކޮށްދޭން ކުރަން ޖެހޭ މަސައްކަތް އެއީ ވަރަށް ވެސް ބުރަ ބޮޑު މަސައްކަތެކެވެ.

"ކިޔަވައިދިނުމުގެ ދާއިރާ އާއި ދުރަށް ދާކަށް އެއްވެސް އިރަކު ހިތަކަށް ނާރާ. ރިޓަޔާރ ކުރަން ބޭނުންވަނީ ވެސް މިދާއިރާގައި މުދައްރިސަކަށްހުރެ" ނިންމާލަމުން އާދަމް ޝަރީފް ބުންޏެވެ.

comment ކޮމެންޓް