ސްޓެލްކޯގެ މުވައްޒަފުން ކުރާ މަސައްކަތް އެންމެ ފުރިހަމައަށް ބަލައިނުގަނޭ: ފައްޔާޒު

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސްޓެލްކޯގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތް ގިނަ ބަޔަކު ބަލައިނުގަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ،

ސްޓެލްކޯއިން ރޭ ބޭއްވި ސްޓެވޯ ވޯކްޝޮޕް އިވެންޓްގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ހާއްސަކޮށް މާލެއަށް ބަލާލާއިރު ސްޓެލްކޯގެ މުވައްޒަފުންނަކީ ވަރަށް "އަންޑާ އެޕްރިޝިއޭޓެޑް" ނުވަތަ ކުރާ މަސައްކަތް އެހެން މީހުން ބަލައި ނުގަންނަ ބައެއް ކަމަށާއި ސްޓެލްކޯގެ މުވައްޒަފުންނަށް ހިތުގެ އިޚްލާސްތެރި ޝުކުރު ދަންނަވާ ކަމަށެވެ.

"މިއަދާ ހިސާބަށް އައި އިރުގައި އަދި އެހެނިހެން ޔުޓިލިޓީ ކުންފުނިތައް ވެސް ހިމެނޭ ގޮތަށް، ނަމަވެސް ހާއްސަކޮށް މާލެއަށް ބަލާލާ ކަމުގައި ވަނީނަމަ، ސްޓެލްކޯގެ މުވައްޒަފުންނަކީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް އަންޑާ އެޕްރިޝިއޭޓެޑް ބައެއް. އަޅުގަނޑުގެ ހިތުގެ އިހްލާސްތެރި ޝުކުރު މި ފުރުސަތު ލިބުނީތީ ދަންނަވަން،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ސްޓެލްކޯއަށް މާލީ ގޮތުންނާއި ބިމުގެ ދަތިކަމުން އެކި ގޮތްގޮތުން ގޮންޖެހުން ކުރިމަތިވި ނަމަވެސް އިގްތިސާދު ކުރިއެރުވުމަށްޓަކައި އެ މުވައްޒަފުން ކޮށްދެއްވި މިންނެތް މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ.

އެ ވޯކްޝޮޕް އިވެންޓްގައި ސްޓެލްކޯއިން ވަނީ ކަރަންޓު ހަރަދު ކުޑަ ޖަނެރޭޓަރެއް އިފްތިތާހް ކޮށްފައެވެ. އެ ޖަނެރޭޓަރާ ގުޅޭ ގޮތުން ފައްޔާޒު ވިދާޅުވީ އެއީ ވަރަށް ވެސް އުފާވެރި އަދި އިގްތިސާދު ޑައިވާ ސަޕްލައި ކުރުމުގެ ތެރެއިން ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިން މިފަދަ ކަމެއް ކުރުމުގެ ފުރަތަމަ ބަޔަކަށް ފާހަގަ ކުރެވިގެން ދިޔަކަމަށެވެ.

"ޖެނެރޭޓާގެ އަގު ހެޔޮވެގެން ދާނެ ކަމާމެދު އަަޅުގަނޑު ޝައްކެއް ނުކުރަން. މީގެ މަންފާ ސްޓެލްކޯއަށާއި އާއްމު ރައްޔިތުންނަށް ކުރާނެ. ހަމައެއާއެކު އަޅުގަނޑުމެންގެ އިގްތިސާދުން ބޭރުވާ ލާރި ކޮންމެވެސް މިންވަރަކަށް ހިފެހެއްޓިގެން ދާނެ ކަމަށް ގަބޫލުކުރަން. މީގެ އިތުން އޮޕަރޭޝަން އެކްސްޕެންޑް ވެގެން ދާއިރުގައި ވަޒީފާގެ ފުރުސަތު ލިބޭނެ ކަމީ މުޖުތަމައު ބިނާ ކުރުމަށާއި އިގްތިސާދު ކުރިއެރުވުމުގައި ވެދޭނެ އެންމެ ބޮޑު އެއް އެހީ." ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވެސް ވިޔަފާރި ކޮށްގެން އިގްތިސާދަށް މަންފާ ހޯދުމަކީ މުހިއްމު ކަމެއް ކަމަށް ފައްޔާޒު ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން މި ޕްރޮގްރާމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ފައްޔާޒު ވަނީ ދެއްވާފައެވެ.

ސްޓެލްކޯގެ ފަރާތުން މި އިވެންޓްގައި ސްޓެލްކޯގެ އެމްޑީ ހަސަން މުގުނީ ވެސް ވަނީ ވާހަކަ ދައްކަވާފައެވެ. އެގޮތުން ޖެނެރޭޓަރުން ރައްޔިތުންނަށް ވަރަށް ގިނަ ފައިދާ ކުރާނެ ކަމަށާއި ތިމާވެއްޓާ ރައްޓެހި އެލެކްޓްރިކް ކާރެއް ވަރަށް އަވަހަށް އުފައްދާނެ ކަމަށް މުގުނީ ވިދާޅުވެފައިވެއެވެ.

ސްޓެލްކޯއިން ބޭއްވި ސްޓެވޯ އިވެންޓްގައި ވަނީ ސްޓެލްކޯގެ ބައެއް މުވައްޒަފުންނަށް އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީ ލިޔުމެއް ދީފައެވެ.

comment ކޮމެންޓް