އަކްޝޭގެ "ރަކްޝާބަންދަން"ގެ ޝޫޓިން ދިއްލީގައި

ޝޫޓިންގެ މަންޒަރެއްގައި އަކްޝޭ---

ބޮލީވުޑްގެ އެންމެ ކުޅަދާނަ އެކްޓަރުންގެ ތެރޭގައި ހިމެނޭ އަކްޝޭ ކުމާރުގެ ކުރިއަށް އޮތް ފިލްމު "ރަކްޝާބަންދަން"ގެ ޝޫޓިން ދިއްލީގައި ފަށައިފިއެވެ.

މުމްބާއީގައި ފިލްމުގެ ބައެއް މަންޒަރުތައް ނެގުމަށްފަހު މިހާރު އަންނަނީ ފިލްމުގެ ބާކީ މަންޒަރުތައް ދިއްލީގައި ނަގަމުންނެވެ. އަކްޝޭ ބުނީ އޭނާ އުފަންރަށް ދިއްލީގެ ޗަންދަނީ ޗޯކުގައި ފިލްމުގެ މަންޒަރުތައް ނަގަން ފެށުމުން ކުރީގެ ގިނަ ހަނދާންތަކެއް އާވާ ކަމަށެވެ. އަދި މީހުންގެ ވާހަކަތައް އަޑުއިވުމުން ކުޑައިރުގެ ހަނދާންތައް ވެސް އާވެގެން ދިޔަ ކަމަށެވެ.

އާނަންދު އެލް ރާއީ ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމުގައި އަންހެން ބަތަލާގެ ރޯލު ކުޅޭނީ ކާމިޔާބު ބަތަލާ ބޫމީ ޕެޑްނޭކަރު އެވެ. މީގެ ކުރިން ވެސް މި ދެތަރިން ވަނީ އެކުގައި މަސައްކަތްކޮށްފަ އެވެ.

މި ފިލްމު އިއުލާންކުރި ދުވަހު އަކްޝޭ ބުނީ މި ފިލްމަކީ މުޅި ކެރިއަރުގައި ވެސް އެންމެ އަވަހަށް އޭނާ ކުޅެން އެއްބަސްވެ ސޮއިކުރި ފިލްމުކަމަށެވެ. މި ފިލްމަކީ މީހުން ހެއްވާލާ ރޮއްވާލާނެ ފިލްމެއްކަމަށެވެ. އަދި ދައްތަ މެން ތިބޭ މީހުންނަށް ދައްތަމެން ލިބުމަކީ ކިހާބޮޑު ނަސީބެއްކަން ވެސް މި ފިލްމުގެ ޒަރިއްޔާއިން ހާމަވެގެންދާނެ ކަމަށް އޭނާ ބުންޏެވެ. މި ފިލްމު އޭނާ ހާއްސަކުރަނީ އޭނާގެ ދައްތަ އަލްކާއަށެވެ.

comment ކޮމެންޓް