އެޗްއާރްސީއެމްގައި މި ވަނީ ކީއްތޯއެވެ؟

އެޗްއާރުސީއެމްގެ އޮފީސް ހުންނަ ސްޓާ ސިނަމާ ބިލްޑިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރަސްމީ ވެބްސައިޓުގައި ހުރި މަޢުލޫމާތުން އެނގޭ ގޮތުގައި، އެ ކޮމިޝަނުގެ މައި އިދާރާގައި، ޖުމުލަ 57 މުއައްޒަފުން އެބައިތިއްބެވެ. ކޮމިޝަނުގެ ސަދަން ރީޖަނަލް އޮފީހުގައި ތިބި 7 މުއައްޒަފުންނާ އެކު، މިހާރު ކޮމިޝަނުގައި ތިބީ އެކު ޖުމުލަ 64 މުއައްޒަފުންނެވެ. ކޮމިޝަނުގައި ތިއްބަވާ 5 މެންބަރުންނާ އެކު، ޖުމުލަ އަކީ 69 އެވެ. ކޮމިޝަނުގައި ހުސްކޮށް އޮތް 7 ވަޒީފާ އެބައޮތެވެ. އެ ވަޒީފާތަކަށް މުއައްޒަފުން ނަގައިފި ހިނދެއްގައި، ކޮމިޝަނުގައި މެންބަރުންނާ އެކު ޖުމުލަ 76 މުއައްޒަފުން ތިބޭނެއެވެ.

އަޅުގަނޑުގެ ގާތް ރައްޓެއްސެއްގެ ފަރާތުން، ހިޔުމަން ރައިޓްސް ކޮމިޝަނުގައި އައްޑިހަ ވަރަކަށް މުއައްޒަފުން ތިބޭ ވާހަކަ އަޑު އިވުމުން، އެންމެ ފުރަތަމަ އަޅުގަނޑަކަށް އެ ވާހަކަ ޤަބޫލެއް ވެސް ނުކުރެވުނެވެ. އެހެންކަމުން، އިންޓަނެޓަށް ވަދެ، ކޮމިޝަނުގެ ވެބްސައިޓު ބަލައިލި އިރު، ހުރި މަޢުލޫމާތު މި ދެންނެވީއެވެ. މިއީ ހަމަ ކޮމިޝަނަށް މުއައްޒަފުން ބޭނުން ވާ ޢަދަދު ބާވައެވެ! މިހައި ގިނަ ޢަދަދަކަށް ތަނުގައި މުއައްޒަފުން ބެއިތިއްބުމަކީ، ބޭކާރު ގޮތުގައި ބަޖެޓުން އެތައް މިލިއަނެއް ޚަރަދު ކުރުން ކަމަށް ނުވާނެ ބާވައެވެ! މި ޢަދަދަށް ތަނުގައި މުއައްޒަފުން ތިބުމަކީ، "އިކޮނޮމީޒް އޮފް ސްކޭލް" ނަޒަރިއްޔާގައި ބުނާ ގޮތަށް ތަނުގެ މަސައްކަތްތަކަށް ބުރޫ އަރައި، ތަން ރަނގަޅަށް ނުހިނގާ ގޮތް ވެދާނޭ ސަބަބެއް ނޫން ބާވައެވެ!

ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަކީ ދިވެހި ދައުލަތުގެ ޤާނޫނު ހަދާ ބާރާއި ޤާނޫނު ތަންފީޛު ކުރާ ބާރާއި، މިނިވަން މުއައްސަސާތަކުން އިންސާނީ ޙައްޤުތައް ރައްކައުތެރި ކުރުމުގެ ދުސްތޫރީ އަދި ޤާނޫނީ ޒިންމާ އަދާ ކުރެވެމުން ދާ މިންވަރު ބަލައި ވަޒަން ކުރުމަށް ޓަކައި ދުސްތޫރީ ގޮތުން އުފައްދައިފައި އޮންނަ މުއައްސަސާއެކެވެ. ދިވެހިރާއްޖޭގެ ކޯޓުތައް ފިޔަވައި އެހެން ހުރިހައި ފަރާތްތަކެއް، އެ ކޮމިޝަނުގެ މުރާގިބީ އިޚްތިޞާޞުގެ ދަށަށް ވަދެއެވެ. ކޮމިޝަނުގެ މަސައްކަތްތަކަކަށް ވާނީ، ޤާނޫނުއަސާސީގެ 192 ވަނަ މާއްދާގައި ކަނޑައަޅައިފައި ވާ މަސްއޫލިއްޔަތުތައް އަދާ ކުރުމެވެ. އެ މާއްދާއިން ސާފު ވާ ގޮތުގައި، ކޮމިޝަނުގެ މަސައްކަތުގެ ތެރޭގައި ހިމެނެނީ އިންސާނީ ޙައްޤުތަކަށް އިޙްތިރާމު ކުރުމުގެ ސަގާފަތެއް އުފެއްދުމަށް މަސައްކަތް ކުރުމާއި، އިންސާނީ ޙައްޤުތަކަށް އަރައިގަނެވޭ ޙާލަތުތަކުގައި ޙައްޤުތައް ހޯދައިދިނުމުގެ މަސައްކަތް ކުރުމާއި، ކޮމިޝަނުގެ މުރާގިބީ އިޚްތިޞާޞުގެ ދަށަށް ވަންނަ ތަންތަނުން އިންސާނީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތާ މިންވަރު ބެލުމެވެ. މިސާލަކަށް، ރައްޔިތުންގެ މަޖިލިހުން ފާސް ކުރާ ޤާނޫނުތަކުގައި ރައްޔިތުންގެ ޙައްޤުތަކަށް އުނިކަން އަންނާނޭ ފަދަ "ލެޖިސްލޭޓިވް އެންކްރޯޗްމަންޓްސް" ހިމެނޭތޯ ބެލުމަކީ ކޮމިޝަނުން ކުރާން ޖެހޭ ކަމެކެވެ. ވެރިކަން ހިންގާ ބާރުގެ ދަށުން ހިނގާ އެކިއެކި އިދާރާތަކުން ޤާނޫނު ތަންފީޛު ކުރުމާއި އިދާރީ ފިޔަވަޅުތައް އެޅުމުގައި، އިންސާނީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތާތޯ ބަލައި ވަޒަން ކުރުމަކީ ކޮމިޝަނުން ކުރާން ޖެހޭ ކަމެކެވެ. ހަމަ އެހެންމެ، އިންސާނީ ޙައްޤުތަކާ ބެހޭގޮތުން މުޖުތަމަޢުގެ އެކިއެކި ގިންތިތަކާއި ޖަމާޢަތްތަކުގެ މެދުގައި ހެއިލުންތެރިކަން އިތުރު ކުރުމުގެ ޕަރޯގިރާމުތައް ހިންގުމާއި، މީހަކު ނުވަތަ ބަޔަކުގެ ޙައްޤުތައް ގެއްލިގެން އެ ޙައްޤުތައް ހޯދުމަށް ޓަކައި އެކަށޭނަ ފިޔަވަޅުތައް އެޅުމަށް އެ މީހަކު ނުވަތަ ބަޔަކު ނުކުޅެދޭ ޙާލަތުގައި، އެ މީހަކަށް ނުވަތަ ބަޔަކަށް އެހީތެރިކަން ފޯރު ކޮށްދިނުމަކީ ވެސް ކޮމިޝަނުގެ މަސައްކަތެވެ.

ޝައްކެއް ނެތް ގޮތުގައި، ހިޔުމަން ރައިޓްސް ކޮމިޝަނަކީ މުހިއްމު އަދި ބޮޑު ޒިންމާއެއް މަތި ކުރެވިފައި ވާ ދުސްތޫރީ މުއައްސަސާއެކެވެ. ނަމަވެސް އޭގެ މާނަ އަކީ ތަނާ ޙަވާލު ކުރެވިފައި ވާ މަސްއޫލިއްޔަތުތަކާ ނުބައްދަލު ޢަދަދަކަށް މުއައްޒަފުން ލައިގެން، ދައުލަތުގެ ވަސީލަތްތަކުން އެތައް އިސްރާފު ކުރުމަށް އެ ކޮމިޝަނަށް ލައިސަންސެއް ލިބުމެއް ނޫނެވެ.

މި ކަމާ ގުޅިގެން ވާހަކަ ދައްކާ އިރު، ފާހަގަ ކުރާން ޖެހޭ އެންމެ މުހިއްމު އެއް ކަމަކީ، މަތީގައި ދެންނެވި މަސްއޫލިއްޔަތުތަކާއި މަސައްކަތްތަކަކީ، ސީދާ ކޮމިޝަނުގެ ފަސް މެންބަރުންގެ މަސްއޫލިއްޔަތުތައް ކަމެވެ. ޤާނޫނުއަސާސީގައި ކޮމިޝަނޭ ބުނަނީ، 190 ވަނަ މާއްދާގެ ދަށުން ޢައްޔަން ކުރެވޭ ފަސް މެންބަރުންނަށެވެ. 192 ވަނަ މާއްދާއިން ކަނޑައަޅާ މަސްއޫލިއްޔަތުތަކަކީ އެ ފަސް މެންބަރުންގެ މަސްއޫލިއްޔަތެވެ. 191 ވަނަ މާއްދާގެ ދަށުން، އެ މެންބަރުންނަކީ މަސްއޫލިއްޔަތު އަދާ ކުރެވޭ ވަރުގެ ތަޢުލީމާއި ޤާބިލުކަން ހުރި، އަދި އެހެން އެއްވެސް ވަޒީފާއެއް އަދާ ނުކުރާ ބަޔަކަށް ވާން ޖެހެނީ ވެސް، ކޮމިޝަނުގެ ދުސްތޫރީ މަސްއޫލިއްޔަތުތައް ޢަމަލީ ގޮތުން އަދާ ކުރާ ބަޔަކީ އެ މެންބަރުން ކަމަށް ވާތީއެވެ. މެންބަރުންގެ އިތުރުން، ކޮމިޝަނުގެ މުއައްޒަފުންގެ ގޮތުގައި ތިބޭން ވާނީ، މެންބަރުންގެ މަސައްކަތަށް އިދާރީ ގޮތުންނާއި، ފަންނީ ގޮތުންނާއި، ޤާނޫނީ ގޮތުން އެހީތެރިކަން ފޯރު ކޮށްދޭ ސަޕޯޓު މުއައްޒަފުންނެވެ.

ސުވާލަކީ، ހިޔުމަން ރައިޓްސް ކޮމިޝަނުގެ އިދާރީ އޮނިގަނޑު ރޭވިފައި އޮތީ މި ދެންނެވި ގޮތަށްތޯއެވެ.

އަޅުގަނޑު ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ ހިންގުމުގެ މަސްއޫލިއްޔަތުތައް ތިން އަހަރު ވާންދެން އަދާ ކުރީމެވެ. ޖުޑީޝަލް އެކަޑަމީ އަކީ ދިވެހިރާއްޖޭގެ ދުއިސައްތަ ވަރަކަށް ކޯޓުގެ ހުރިހައި ފަނޑިޔާރުންނާއި، ކޯޓުތަކާއި ޝަރުޢީ ދާއިރާގެ އެހެން އިދާރާތަކުގެ ހުރިހައި މުއައްޒަފުންނާއި، ޤާނޫނީ ވަކީލުންނަށް ކޮންޓިނުއިންގ އެޑިޔުކޭޝަނާއި ތަމްރީނު ދިނުމުގެ މަސްއޫލިއްޔަތު އަދާ ކުރާ މުއައްސަސާއެކެވެ. ވަކި އެއް ދާއިރާއަކުން ނޫނެވެ. ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިންނާއި، އިދާރީ ހިންގުމުގެ ދާއިރާއިންނާއި، މާލިއްޔަތުގެ ދާއިރާއިންނާއި، އިންފޮރމޭޝަން އެންޑް ކޮމިޔުނިކޭޝަންސް ޓެކްނޯލޮޖީގެ ދާއިރާ ފަދަ އެތައް ދާއިރާއަކުންނެވެ. ޝަރީޢަތާއި ޤާނޫނުގެ ދާއިރާގެ ތެރެއިން ވެސް، ދުސްތޫރީ ޤާނޫނާއި، ޖިނާއީ ޤާނޫނާއި، ވިޔަފާރި އާއި މުޢާމަލާތްތަކުގެ ޤާނޫނާއި، ޢާއިލީ ޤާނޫނާއި، އިޖުރާއާތާއި، ހެއްކާއި، މިހެން ގޮސް އެތައް އެތައް ދާއިރާތަކަކުންނެވެ. މި ހުރިހައި ދާއިރާތަކުން، ކޮންމެ އަހަރަކު ޖުޑީޝަލް އެކަޑަމީން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ޕަރޯގިރާމުތައް ހިމެނޭ ގޮތުން ފަނަރަ އާއި ވިއްސާ ދެމެދުގެ ޢަދަދަކަށް ޕަރޯގިރާމުތައް ހިންގައެވެ. މި ޕަރޯގިރާމުތައް ހިންގުމުގައި ފަންނީ އެތައް މަސައްކަތްތަކަކާއި، ލޮޖިސްޓިކަލް އެތައް މަސައްކަތްތަކެއް ހިމެނެއެވެ. އެއް ވަގުތެއްގައި ދެ ދިމާއެއްގައި ޕަރޯގިރާމުތައް ހިންގާން ޖެހޭ ފަހަރު ވެސް އައުދެއެވެ. ނަމަވެސް މި މަސައްކަތް ޖުޑީޝަލް އެކަޑަމީން ކޮށްފައި ވަނީ، ނިސްބީ ގޮތެއްގައި، ހައެއްކަ މުއައްޒަފުން ތަނުގައި ތިބެގެންނެވެ. ޕަރޯގިރާމުތައް ހިންގުމަށް ޓަކައި ރިސޯރސް ބެއިފުޅުންނާއި އިދާރީ އެހީތެރިކަން ފޯރު ކޮށްދެއްވާ ބެއިފުޅުން ކޯޓުތަކުންނާއި އެހެން ދިމަދިމާއިން ގެނެސްގެން މަސައްކަތްތައް ކުރާ އިރު ވެސް، ޢާއްމު ގޮތެއްގައި އެއް ފަހަރާ ވިއްސަކަށް މުއައްޒަފުންނަށް ވުރެ ގިނަ މީހުން ބޭނުމެއް ނުވެއެވެ. ބައެއް ޕަރޯގިރާމުތަކަކީ ރާއްޖެއިން ބޭރުން އެތައް ބެއިފުޅުން ބައިވެރި ވެވަޑައިގެން، އަލިފުދާލާއި، ޔޫރަޕިއަން ޔޫނިއަނުގެ މަންދޫބުން ވެސް ބައިވެރި ވެވަޑައިގަތް ބޮޑެތި ކޮންފަރެންސްތަކެވެ. ސަތޭކަ ފަންސާހާއި ދުއިސައްތައާ ދެމެދުގެ ޢަދަދަކަށް ބެއިފުޅުން ބައިވެރި ވެވަޑައިގަތް ކޮންފަރެންސްތަކެވެ. އެ ކޮންފަރެންސްތަކަށް ވެސް، ހުރިހައި މަސައްކަތްތަކެއް ކުރުމަށް ޓަކައި ބޭނުން ވަނީ މުޅި ޖުމުލަ ތިރީހަކަށް ސާޅީހަކަށް މުއައްޒަފުންގެ ޓީމެކެވެ.

މި ދެންނެވި ތަޖުރިބާގެ އަލީގައި އަޅުގަނޑަށް ޤަބޫލު ކުރެވޭ ގޮތުގައި، ހިޔުމަން ރައިޓްސް ކޮމިޝަނުގެ މަސައްކަތްތައް ހަމަ އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް ޓަކައި އެ ކޮމިޝަނަށް ބޭނުން ވާނީ ގިނަ ވެގެން ތިރީހަކަށް ސާޅީހަކަށް މުއައްޒަފުންނެވެ. އެއީ އިދާރީ ކަންކަމާއި މާލީ ކަންކަމާއި އައިޓީ ޚިދުމަތްތައް ފަދަ ކަންކަމަށް ދިހަ ބާރަ ވަރަކަށް މުއައްޒަފުންނާއި، އިންސާނީ ޙައްޤުތައް ރައްކައުތެރި ކުރެވޭ މިންވަރު ބެލުމުގައި ފަންނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން މެންބަރުންނަށް އެހީތެރި ވާ ޤާނޫނީ މުއައްޒަފުންގެ ބާރަ ވަރަކަށް މުއައްޒަފުންނާއި، ހެއިލުންތެރިކަން އިތުރު ކުރުމުގެ ޕަރޯގިރާމުތައް ރާވައި ހިންގުމުގެ މަސްއޫލިއްޔަތު އަދާ ކުރާ ހައެއްކަ މުއައްޒަފުންނާއި، މެންބަރުންނަށް ސެކްރެޓޭރިއަލް ޚިދުމަތް ދޭ ހައެއްކަ މުއައްޒަފުންނެވެ. މީގެ އިތުރުން، ޕްލޭނިންގ އޮފިސަރުންނާއި، ޕޮލިސީ އޮފިސަރުންނާއި، އެޑްވޮކެސީ އޮފިސަރުން ފަދަ މަޤާމުތައް އުފައްދައިގެން، އެ މަޤާމުތަކަށް ބޭކާރު އެތައް މުއައްޒަފުންނެއް ލައިގެން ކޮމިޝަނުގެ މަސައްކަތް ކުރުމަކީ ހަމައެކަނި ޒިންމާދާރުކަން ކުޑަވުމެއް ނޫނެވެ. އެއީ ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރުމުގައި އިންތިހާ ދަރަޖަޔަށް އިހުމާލު ވުން ވެސް މެއެވެ. މިސާލަކަށް، ކޮމިޝަނުގެ ޑިވިޜަންތަކުގެ ތެރެއިން "ކޮމިޝަން ބިޔުރޯ" ގައި މީޑިއާ އޮފިސަރަކު ހުރެފައި، ޕީއާރު އޮފިސަރެއްގެ މަޤާމު ވެސް އުފައްދައިފައި އޮވެއެވެ. މިއީ ކޮން މުހުތާދެއްގެ މައްޗަށް އުފައްދައިފައި އޮންނަ މަޤާމެއްތޯއެވެ؟

ކޮމިޝަނުގެ އިދާރީ އޮނިގަނޑު ބަހައިލައިފައި އޮންނަނީ ހަތް ބައެއް ހިމެނޭ ގޮތަށެވެ. އެ ބައިތަކަށް ނަން ކިޔައިފައި ހުރި ގޮތަށް ބެލުމުން ވެސް، ތަނުގެ އިދާރީ ކަންކަން އޮތް ގޮތުގެ ދޯދިޔާކަން ހާމަ ވެއެވެ. އެއް ބަޔަށް ކިޔައިފައި އޮންނަ ނަމަކީ "ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމް" މިއެވެ. މިއީ ދުނިޔޭގެ ކޮން ތަނެއްގައި، އޮފީސް އޮފީހުގެ ޑިވިޜަންތަކަށާއި ސެކްޝަންތަކަށް ނަން ކިޔައި އުޅޭ ގޮތެއްތޯއެވެ؟ މީގެ އިތުރުން، ދެން ގިނައިން ހުންނަނީ "ޑިޕާޓްމަންޓް" މި ނަމުން ނަން ދީފައި ހުންނަ ބައިތަކެވެ. މިސާލަކަށް، "ރިސާރޗް އެންޑް މޮނިޓަރިން ޑިޕާޓްމަންޓް" އާއި "ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓް" އެވެ. އޮފީހެއްގައި ހިމެނޭ ސެކްޝަންތަކަކަށް "ޑިޕާޓްމަންޓް" އާއި "ޑިވިޜަން" އާއި "އޮފީސް" ފަދަ ނަންނަމުން ނަން ދިނުމަކީ އިދާރިއްޔަތުގެ ހަމަތައް ޤަބޫލު ކުރާ ކަމެއް ނޫނެވެ. އިދާރިއްޔަތުގެ އުޞޫލުތައް ނިޔާ ކުރާ ގޮތުން، ޑިޕާޓްމަންޓް ނުވަތަ ޑިވިޜަން ފަދަ ނަންތައް ކިޔަނީ، ވަރަށް ފުޅާ ދާއިރާއެއްގެ މަސައްކަތްތައް ޙަވާލު ކުރެވިފައި އޮންނަ އަދި އެ ބައެއްގެ ދަށުން އިތުރު ސެކްޝަންތަކާއި ޔުނިޓުތައް ހުންނަ ބައިތަކަށެވެ. ހަމަ އެހެންމެ، "ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓް" އާ މެދު ވިސްނަވާށެވެ! ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޕޮލިސީ ހަދަނީ އެ ތަނުގެ މެންބަރުންތޯއެވެ؟ ނުވަތަ ތަނުގެ ޤާނޫނީ ސެކްޝަނުގެ މުއައްޒަފުންތޯއެވެ؟ ނުވަތަ، ޤާނޫނީ ސެކްޝަނުގެ ތެރެއަށް ޕޮލިސީގެ ކަންކަން ވެއްދުން މުހުތާދު ވަނީ، މެންބަރުން ވެސް އިދާރީ ގޮތުން ތިއްބަވަނީ އެ ސެކްޝަނުގެ ތެރޭގައި ކަމަށް ވާތީތޯއެވެ؟

ކޮންމެ ގޮތަކުން ބެލިޔަސް، ފެންނަނީ ހިޔުމަން ރައިޓްސް ކޮމިޝަނުގެ އިދާރީ އޮނިގަނޑުގެ ދޯދިޔާކަމެވެ. ތަނުގެ މަސައްކަތަށް ބޭނުން ނުވާ އެތައް މުއައްޒަފުންނެއް ލައިގެން، ބޮޑު ސަރުކާރެއް ފަދަ އިދާރިއްޔަތެއް އުފައްދައިގެން އުޅޭ މަންޒަރެވެ. މިނިސްޓްރީއެއް ހިންގޭ ވަރުގެ ބޮޑު ޓީމަކާ އެކު ތަން ހިންގާ އިރު ވެސް، ތަނުގެ މަސައްކަތުގެ އެއްވެސް ފައިދާއެއް ދިވެހި ޤައުމަށާއި ރައްޔިތުންނަށް ނުކުރާ މަންޒަރެވެ. މި ކަންކަން މިހެން އޮންނަ އިރު، ކޮމިޝަނުގެ މެންބަރުންނަކީ ޖުމުލަ ގޮތެއްގައި ދަންނަވާ ނަމަ ސިޔާސީ އެކްޓިވިސްޓުން ނުވަތަ ސިޔާސީ އައިޑިއޮލޯގުން ކަމާއި، ތަން ހިނގަނީ ސިޔާސީ ނުފޫޒުން ކަމާއި، އެއްވެސް ގޮތެއްގައި ތަނުގެ ދުސްތޫރީ މަސްއޫލިއްޔަތު އަދާ ނުކުރެވޭކަމާއި، މިހިރަ މިހިރަ ވާހަކަތައް މި ވަގުތު ނުދައްކަމާ ހިންގަވާށެވެ! ހަމަ އެހެންމެ، ހިޔުމަން ރައިޓްސް ކޮމިޝަން ފިޔަވައި ދެން ހުރި ދުސްތޫރީ މުއައްސަސާތަކުގެ ޙާލަތު ހުރި ގޮތުގެ ވާހަކަ ވެސް މި ވަގުތަށް ބާއްވަމާ ހިންގަވާށެވެ! އެހެން ހުރިހައި ކަމެއް ބަހައްޓައިފައި، މި ކޮމިޝަންތަކުގެ މެނޭޖްމަންޓް އޮޑިޓްތަކެއް ހެދި، މި ތަންތަނަށް ބޭނުން ވާ ވަރަށް ވުރެ އިތުރަށް މުއައްޒަފުން ނެގުމާއި ގެންގުޅުން ހުއްޓުވައި، މި ތަންތަނުން ދައުލަތުގެ ވަސީލަތްތަކުން އަހަރަކު އެތައް މިލިއަނެއް އިސްރާފުގެ ގޮތުގައި ހޭދަ ކުރަމުންދާ ދިޔުން ހުއްޓުވާން ޖެހެއެވެ. ދިވެހި ރައްޔިތުން މި އުޅެނީ ފައިސާ ގިނަ ވެގެނެއް ނޫނެވެ. ރައްޔިތުންގެ ޓެކްސް ފައިސާއަށް ހަދާނޭނުހަދާނޭ ގޮތެއް ނޭނގިގެނެއް ނޫނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް