ދިހަ އަހަރަށްފަހު ބައްޝާރުގެ ސަރުކާރާ އަލުން މުއާމަލާތް ކުރަން އުރުދުން އިން ފަށައިފި

ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދާއި އުރުދުންގެ ރަސްގެފާނު އަބްދުﷲ ދެވަނަ

އަންމާން (އޮކްޓޯބަރު 4): ސީރިއާގެ ދާޚިލީ ހަނގުރާމައާއެކު އެގައުމާ އަވަށްޓެރި ބައެއް ގައުމުތަކާ ދެމެދު އޮތް ގުޅުންތައް ކެނޑިފައިވާތާ ދިހަ އަހަރަށްފަހު މިގުޅުންތައް އަލުން ރުޖޫއަވާން ފަށައިފިއެވެ.

މިގޮތުން އުރުދުންގެ ރަސްގެފާނު އަބްދުﷲ (ދެވަނަ) އިއްޔެވަނީ ސީރިޔާގެ ރައީސް ބައްޝާރުލްއަސަދު އާ ފޯނުން ގުޅުއްވައި ދިހަ އަހަރުތެރޭގައި ފުރަތަމަ ފަހަރަށް ސީދާ ގޮތެއްގައި ދެބޭފުޅުން މަޝްވަރާ ކުރައްވާފައެވެ. ބައްޝާރާއި އަބްދުﷲ ރަސްގެފާނުގެ މަޝްވަރާތަކާ ގުޅިގެން އުރުދުންގެ ޝާހީ ގަނޑުވަރުން ނެރުނު ބަޔާނަކާ ހަވާލާދީ އެގައުމުގެ އަލްބަތްރާ ނޫސް އެޖެންސީން ބުނެފައިވަނީ ގިނަ ކަންތައްތަކަކާބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިކަމަށާ އަދި މަޝްވަރާތަކަށް ގިނަ ވަގުތުތަކެއްވެސް ހޭދަވި ކަމުގައެވެ.

ބައްޝާރާއި އަބްދުﷲ ރަސްގެފާނުގެ ފޯން މަޝްވަރާތަކުގެ ކުރިން ސީރިއާގެ ވަޒީރުންގެ ވަފްދެއްވަނީ އުރުދުންގެ ވެރިރަށް އަންމާން އަށް ޒިޔާރަތް ކުރައްވައި އުރުދުންގެ ވަޒީރުންނާ ފުޅާދާއިރާއެއްގައި ބައްދަލުވުންތައް ބާއްވައި ދެގައުމުގެ ސަރަހައްދީ ރޮނގު އަލުން ހުޅުވާލުމާބެހޭގޮތުންނާ އަދި ވައިގެ ދަތުރުތައް އަލުން ފަށައި ވިޔަފާރީގެ މުއާމަލާތްތައް އަލުން ފެށުމާބެހޭގޮތުން މަޝްވަރާތައް ކުރައްވާފައެވެ. އެމަޝްވަރާތަކަށްފަހު ދެ ގައުމު ގުޅުވައިދޭ ބޯޑަރު ކްރޮސިން ކަމަށްވާ "މައުބަރު ޖާބިރު" މިހާރުވަނީ ވަނީ އަލުން ހުޅުވާލާފައެވެ.

2011 ވަނައަހަރު ސީރިއާގެ ދާޚިލީ ހަނގުރާމަ ފެށުނީ އަރަބި ރަބީއުގެ އޮއިވަރުގެ ދަށުން ސީރިއާގެ ރައްޔިތުންގެ ބަޔަކު އެގައުމުގެ ސަރުކާރާ ދެކޮޅަށް އުތުރިއެރުމާއެކު ސީރިއާގެ ސިފައިންނާއި ފުލުހުން ނުކުމެ ބާރުގެ ބޭނުންކޮށްގެން އެ އުތުރިއެރުން މައިތިރިކުރުމާ ގުޅިގެންނެވެ.

އުތުރިއެރުން މައިތިރި ކުރުމާއެކު 2011 ވަނައަހަރުގެ މެދުތެރޭގައި ސީރިއާގެ ސިޔާސީ އިދިކޮޅު ފަރާތްތަކުންވަނީ ބޭރުގައުމުތަކުގެ އަސްކަރީ މަދަދު ހޯދައިގެން ބާރުގެ ބޭނުންކޮށްގެން ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ވައްޓާލުމަށް ފާޅުގައި ނުކުމެ ހަނގުރާމަފަށާއެވެ. މި ހަނގުރާމައިގާ އިދިކޮޅު ހަނގުރާމަވެރިންނަށް އެހީތެރިވީ އެމެރިކާ، ތުރުކީ، ޔޫރަޕްގެ ބޮޑު ތިންބާރާއި އަދި ގަތަރާއި ސައޫދީއާއި ޔޫއޭއީންނެވެ. ބައްޝާރުގެ ސަރުކާރަށް ވާގިވެރިވީ ރަޝިއާއާއި އީރާން އަދި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުންނެވެ.

މީގެއިތުރުން މިހަނގުރާމައިގެ ތެރެއަށް އައިއެސް ޖަމާއަތާއި ޖަބްހަތުއްނުސްރާފަދަ އަލްގާއިދާއާ ގުޅިފައިވާ ޓެރަރިސްޓް ޖަމާއަތްތައްވެސް ވަނެވެ. ސޫރިއާގެ ދާޚިލީ ހަނގުރާމައިގާ ބޭރުގެ މަދަދުލިބިގެންވެސް ބައްޝާރުގެ ވެރިކަން ވައްޓާލުމުގައި ސީރިއާގެ އިދިކޮޅު ޖަމާއަތްތައްވަނީ މުޅިން ނާކާމިޔާބުވެފައެވެ. އަދި ރަޝިއާއާއި އީރާނާއި ހިޒްބުﷲ ގެ އެހީތެރިކަމާއެކު ސީރިޔާސިފައިންވަނީ އިދިކޮޅު ހަނގުރާމަވެރިން ބަލިކޮށް ސީރިއާގެ ގާތްގަނޑަކަށް 85 އިންސައްތަ ބިން ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމުގައި ކާމިޔާބު ހޯދާފައެވެ.

ސޫރިއާގެ އިދިކޮޅު ހަނގުރާމައިވެރިންނާއި އައިއެސް އާއި ޖަބްހަތުއްނުސްރާ ފަދަ ޓެރަރިސްޓް ޖަމާއަތްތައްވެސް މިހާރުވަނީ އަސްކަރީގޮތުން ބަލިވުމާ ގުޅިގެން ސީރިއާގެ ހުޅަނގު އުތުރުގެ އިދްލިބް ސަރަހައްދަށް އެމީހުން ފައްސާލާފައެވެ. ނަމަވެސް މި ހަނގުރާމައިގާ ސީރިއާގެ ގާތްގަނޑަކަށް 80 އިންސައްތަ ރައްތަކާއި އަވަށްތަކާ އަދި ވިލެޖްތައްވަނީ މުޅިން ހަލާކުވެ ވީރާނާވެފައެވެ.

ސީރިއާގެ ދާޚިލީ ހަނގުރާމައިގާ އިދިކޮޅު ހަނގުރާމަވެރިންނަށް ދެން ކާމިޔާބު ނުލިބޭނެކަމާއި ބައްޝާރުގެ ސަރުކާރު ބާރުގެ ބެނުންކޮށްގެން ވައްޓާނުލެވޭނެކަން ކަށަވަރުވުމުން އެޖަމާއަތްތަކަށް ވާގިވެރިވި ބޭރުގެ ގައުމުތައް ކަމަށްވާ އެމެރިކާ، ތުރުކީ، ޔޫރަޕްގެ ގައުމުތައް އަދި ގަތަރާއި ސައޫދީއާއި ޔޫއޭއީންވަނީ ބައްޝާރާ އިދިކޮޅު ހަނގުރާމަވެރިންނަށް ހަތިޔާރާއި ފައިސާ ދިނުން ގާތްގަނޑަކަށް ހުއްޓާލާފައެވެ.

މިއާއެކު ކުރިން ސީރިއާގެ އިދިކޮޅު ޖަމާއަތްތަކަށް ވާގިވެރިވި ސައޫދީއާއި ޔޫއޭއީންވަނީ ބައްޝާރުގެ ސަރުކާރާ މުއާމަލާތްކުރަންވެސް އަލުން ފަށާފައެވެ. ތުރުކީވެސްވަނީ ކުރިން ބައްޝާރުގެ ސަރުކާރާ ދެކޮޅަށް ގެންގުޅުނުދުޝްމަންކަން ކޮންމެވެސްވަރަކަށް ކުޑަކޮށްފައެވެ. ނަމަވެސް އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުން އަދިވެސް ގެންދަނީ ބައްޝާރުގެ ސަރުކާރާ މުއާމަލާތް ނުކުރުމަށް މަސައްކަތް ކުރަމުންނެވެ.

ސީރިއާގެ ދާޚިލީ ހަނގުރާމައިގާ އެގައުމުގެ މިލިޔަނެއްހާ ރައްޔިތުން މަރުވެ ހައެއްކަ މިލިޔަން މީހުން ޒަޚަމްވެފައިވާއިރު 10 މިލިޔަން ރައްޔިތުންވަނީ ރެފިއުޖީންނަށްވެ ހާލުގައި ޖެހިފައެވެ. އަދި ސީރިއާގެ އިންފްރާސްޓްރަކްޗަރ ގެ 85 އިންސައްތަވަނީ މުޅިން ފުނޑުފުނޑުވެ ސުންނާފަތިވެފައެވެ.

ސީރިއާގެ ހާލަތު މިގޮތަށް އޮތްނަމަވެސް ބައްޝާރު ވެރިކަމުގައި ހުންނަވާތީއާއި އެމެރިކާ ބޭނުންވާ ބަޔަކު ސީރިއާގެ ވެރިކަމަށް ގެނައުމުގައި ނާކާމިޔާބު ވުމުން އެމެރިކާއާއި ޔޫރަޕްގެ ބާރުތައް ވަނީ ސީރިޔާއަލުން ބިނާކޮށް އާރާސްތުކުރުމަށް ހުރަސްއަޅައި ސީރިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފައެވެ.

ނަމަވެސް މިހާލަތު މިގޮތަށް އޮތުމުން އުރުދުން އިން މިހާރު ދެކެނީ ބައްޝާރުގެ ސަރުކާރާ މުއާމަލާތް ނުކޮށް ދެން ސޫރިއާގެ މައްސަލަތައް ހައްލު ނުކުރެވޭނެކަމެވެ. އަދި ސޫރިއާގެ ސަރަހައްދީ ރޮނގު ބަންދުކޮށްގެން އުރުދުންއަށް ލިބޭ ވިޔަފާރީގެ ގެއްލުން ތަހައްމަލްކޮށް ތާއަބަދަށް ނުތިބެވޭނެކަމުގައެވެ.

އެހެންކަމުން އުރުދުން އިން މިހާރު ނިންމާފައިވަނީ ބައްޝާރުގެ ސަރުކާރާ މުއާމަލާތްކޮށް ވިޔަފާރީގެ ގުޅުންތައް އަލުން ރުޖޫއަ ކުރުމަށެވެ. އެއަށްފަހު ސީރިއާއާއެކު ޑިޕްލޮމެޓިކް ގުޅުންތައްވެސް ގާއިމް ކުރުމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް