ސީ އެމްބިއުލާންސްގެ ހިދުމަތަށް ޖަޕާނުން ތިން މިލިއަން ޑޮލަރުގެ އެހީއެއް

ސީ އެމްބިއުލާންސްގެ ހިދުމަތަށް ޖަޕާނުން ތިން މިލިއަން ޑޮލަރުގެ އެހީ ދިނުން -- ސަން ފޮޓޯ/ އައިމަން

ސީ އެމްބިއުލާންސް ގަތުމަށާއި އެ ހިދުމަތަށް މުވައްޒަފުން ތަމްރީނު ކުރުމަށް ޖަޕާނުން ރާއްޖެއަށް ތިން މިލިއަން ޑޮލަރުގެ އެހީއެއް ފޯރުކޮށްދީފިއެވެ.

މި އެހީ ހަވާލު ކުރުމަށް ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެހީ ހަވާލު ކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ. އެހީ އާ ހަވާލުވެވަޑައިގަތީ މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަހުމަދު ހަލީލެވެ.

ސްޓޭޭޓު މިނިސްޓަރު ހަލީލްގެ އިތުރުން ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނާއި ޑިފެންސް މިނިސްޓްރީގެ ބޭފުޅުންގެ އިތުރުން ހެލްތް މިނިސްޓްރީ އާއި ޖަޕާނު އެމްބަސީގެ އޮފިޝަލުން ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހަލީލު ވަނީ ރާއްޖެއަށް ސީ އެމްބިއުލާންސްގެ ބޭނުން ގެހިފައިވާ މިންވަރު އިތުރު ވެފައިވާ ކަން ފާހަގަކުރައްވާފައެވެ.

ހާއްސަ ގޮތެއްގައި ކޮވިޑް ބަލިމަޑުކަމާއެކު ސިއްހީ ދާއިރާއަށް ބޭނުންވާ ވަސީލްތައް ބޭނުންކުރާ މިންވަރު އިންތިހާއަށް އިތުރުވެފައިވާ ކަން ފާހަގަ ކުރެއްވިއެވެ.

މިފަދަ ވަގުތެއްގައި ޖަޕާނުން ވެދެއްވި މި އެހީއާއެކު ރާއްޖޭގައި ސީ އެމްބިއުލާންސްގެ ހިދުމަތް ހަރުދަނާ ކުރެވޭނެކަމަށާއި މޫސުން ގޯސް ދުވަސްވަރެއްގައި ވެސް ބަލިމީހުން އުފުލުމަށް އިތުރު ފަސޭހައެއް ލިބިގެންދާނެ ކަމަށް ހަލީލްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން ހަލީލު ވަނީ ޖަޕާނު ސަރުކާރުގެ މި އެހީ އަށް ޝުކުރު ދަންނަވާފައެވެ.

ޖަޕާނުން ވަނީ މީގެ ކުރިން 2019 ވަނަ އަހަރުވެސް ރާއްޖެއަށް 21 އެމްބިއުލާންސް ހަދިޔާކޮށްފައެވެ.

އެމްބިއުލާންސްގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތަށް ހާއްސަ ސަމާލުކަމެއް ދީގެން ހެލްތް މިނިސްޓްރީން މަސައްކަތް ކުރަން ފަށައިފައި ވަނީ، އެމްބިއުލާންސް އައުން ލަސްވުމުގެ ސަބަބުން ޖޫން މަހުގެ ކުރީކޮޅު 10 އަހަރުގެ ކުއްޖަކު ނިޔާވި ހާދިސާއަށް ފަހުއެވެ.

އެ ހާދިސާއަށްފަހު ހެލްތް ނިސްޓްރީން ވަނީ ރާއްޖޭގައި އެމްބިއުލާންސްގެ ހިދުމަތް ދިނުމަށްޓަކައި އެމަޖެންސީ މެޑިކަލް ސާވިސް (އީއެމްއެސް)ގެ ނަމުގައި ހާއްސަ ހިދުމަތެއްވެސް ގާއިމުކޮށްފައެވެ.

comment ކޮމެންޓް