ޕޮލިސް ބޯޑުގެ ނިންމުމުގައި ސިޔާސީ ނުފޫޒެއް ނެތް: މިނިސްޓަރު އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހުގެ ތަޅުމުގައި ސުވާލަށް ޖަވާބު ދެއްވަނީ-- ފޮޓޯ/ މަޖިލިސް

ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ޕޮލިސް ބޯޑަށް ސިޔާސީ އެއްވެސް ނުފޫޒެއް ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކި ކުރަން ފުލުހުންގެ ބޯޑުން ނިންމީ ގާނޫނީ ހަމަތަކުގެ ތެރެއިން ތޯ މިނިސްޓަރު އިމްރާންއާ ވަނީ ސުވާލުކޮށްފައެވެ. މިނިސްޓަރާ ސުވާލުކުރެއްވި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ސިޔާމް ވަނީ އެ ބޯޑުގައި ސިޔާސީ ނުފޫޒު އޮތީ ކިހާ ވަރަކަށްތޯ ސުވާލު އުފައްދަވާފައެވެ.

މެމްބަރު ސިޔާމްގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ޕޮލިސް ބޯޑަކީ ފުލުހުންގެ ނިޒާމު ހަރުދަނާ ކުރަން އެކުލަވާލާފައިވާ ބޯޑެއް ކަމަށާއި އެކަން ކުރުމުގައި ވަޒީރަށާއި ލަފާ އަރުވަން ޖެހޭ ބޭފުޅުންނަށް ލަފާ އަރުވަން ޖެހޭ ކަމަށެވެ.

އެހެން ނަމަވެސް ޕޮލިސް ބޯޑުން ކުރާ ކޮންމެ ކަމެއްގައި މިނިސްޓަރުގެ ދައުރެއް ނޯންނާނެ ކަމަށާއި ޕޮލިސް ބޯޑުން ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ނިންމި ނިންމުމުގައި ވެސް މިނިސްޓަރުގެ ދައުރެއް ނޯންނާނެ ކަމަށް ފާހަގަކުރެއްވިއެވެ.

"އެ މާއްދާގެ ތިނެއްގެ ނޫނުގައި އެ ބޭފުޅުން އެ މަސައްކަތް ކުރައްވާ އިރުގައި ވަޒީރުގެ އެއްވެސް ދައުރެއް ހިމަނާ ގޮތަކަށް އެ މާއްދާ ފަރުމާ ކޮށްފައެއް ނުވޭ. ނުވަތަ އެ މާއްދާގަ ހިމަނާފަ ނުވޭ. އެހެންކަމުން އެ މަސައްކަތް ހިނގަމުން ދިޔައިރު، އެ މަސައްކަތުގައި އަޅުގަނޑުގެ އެއްވެސް ދައުރެއް ހިމެނިފައި ނެތް ކަމަށް ދަންނަވަން." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޕޮލިސް ބޯޑުގެ ނިންމެވުން މިނިސްޓަރާ ހިއްސާކޮށްފައި ވެސް ނުވާ ކަމަށާއި އެހެންކަމުން ބޯޑުން އަމަލުކުރީ ގާނޫނާ އެއް ގޮތަށް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ވަކި ކުރުމަށް ނިންމި ނިންމުމުގައި ވަކި ގޮތަކަށް އަމަލުތައް ބެހެއްޓުމަށް ބޯޑަށް އަންގާފައި ނުވާ ކަމަށާއި އެހެންކަމުން ބޯޑުގެ ނިންމުމުގައި އެއްވެސް ސިޔާސީ ނުފޫޒެއް ނުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެންކަމުން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ކަމުގައި އަޅުގަނޑުގެ ފަރާތުން އެއްވެސް ސިޔާސީ ނުފޫޒެއް އައިސްފައެއް ނުވާނެ. އަދި އެހެން ފަރާތަކުން އެ ފަދަ ނުފޫޒެއް އައިސްފައިވާ ކަމުގެ އެއްވެސް ޝަކުވާއެއް، އަދި އެއްވެސް ކަމެއް އަޅުގަނޑަށް އެނގިފައެއް ނުވޭ. އެހެންކަމުން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި މަސައްކަތް ޕޮލިސް ބޯޑުން ކުރައްވާފައި މި ވަނީ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން." މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

ޕޮލިސް ބޯޑުން ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވަނީ ހަތް އޮފިސަރެކެވެ. އޭގެ ތެރެއިން ދެ އޮފިސަރުންނަށް މިހާރު ނޯޓިސް ވެސް ވަނީ ފޮނުވާފައެވެ. އެގޮތުން ވަޒީފާއިން ވަކި ކުރަން ބޯޑުން ނިންމި އޮފިސަރުންނަކީ:

  • ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު
  • އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ
  • ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު
  • އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު
  • އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު
  • ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމް
  • ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް

މިނިސްޓަރު އިމްރާން މިހެން ވިދާޅުވެފައިވާއިރު ފުލުހުންގެ ކުރީގެ ތަރުޖަމާނު، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވަނީ ޕޮލިސް ބޯޑުގެ މެންބަރަކަށް ފާޑު ވިދާޅުވެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

އިޒްމިއާ ވިދާޅުވީ ފުލުހުންގެ މަސައްކަތުގެ ފެންވަރު ބެލުމަށާއި އެމީހުން ވަޒީފާ އަދާ ކުރަން ގާބިލުތޯ ކަނޑައަޅަން މިހާރު ހުރީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ޖިންސީ ފުރައްސާރައިގެ ސަބަބުން ފުލުހުންގެ ވަޒީފާއިން ވަކިކުރި މީހެއް ކަމަށެވެ. އަދި އެފަދަ މީހަކަށް ފުލުހުން ޖަވާބުދާރީވާން ޖެހޭކަން ބަލައިގަތުމަކީ ދަތި ކަމެއް ކަމަށް އިޒްމިއާ ވިދާޅުވިއެވެ.

comment ކޮމެންޓް