އަމާޒަކީ 2023ގެ ކުރިން މުޅި ރާއްޖެއަށް ލޯކަލް ޓޫރިޒަމް ފުޅާ ކުރުން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު--

މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 2023 ވަނަ އަހަރު ނިމުމުގެ ކުރިން ގެސްޓްހައުސްއާއި ހޯމް ސްޓޭގެ ހިދުމަތް ފުޅާކުރުމަށް ޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭތީ ބޭއްވި ކައުންޓްޑައުން އިވެންޓުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ މުޅި ރާއްޖެއަށް ފަތުރުވެރިކަން ފަތުރައިލުން ކަމަށެވެ. އެކަން ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ވަރަށް މުހިންމު ކަންތައްތަކެއް އެބަހުރި ކަމަށާއި އެ ކަންކަން ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

"ރަށްރަށަށް ފަސޭހައިން ދަތުރު ކުރެވޭނެ އިންތިޒާމެއް އެބަ ހަމަޖައްސަންޖެހޭ. ސާފު ބޯފެނާއި ނަރުދަމާ ނިޒާމެއް ކޮންމެ ރަށެއްގައި ގާއިމުވެފައި އޮންނަން އެބަ ޖެހޭ. އެ ހުރިހާ ރަށެއްގައި ޒަމާނީ މުވާސަލާތީ ހިދުމަތްތައް ތަރައްގީ ކުރަން އެބަ ޖެހޭ." ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވައިގެ މަގުންނާއި ކަނޑު މަގުން ފަސޭހައިން ދަތުރު ކުރެވޭނެ ވިއުގައެއް ގާއިމު ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން ޑޮމެސްޓިކް ވައިގެ ބަނދަރުތައް އިތުރު ކުރަމުންދާ ކަމަށާއި ހަނިމާދުއާއި އައްޑޫގައި ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަރައްގީ ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ކަނޑުމަގުން ރަށްރަށަށް ފަސޭހައިން ދަތުރު ކުރެވޭނެ ހައިސްޕީޑް ފެރީ ނިޒާމެއް ގާއިމު ކުރަމުން އަންނަ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

"މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިރާދަ ކުރެއްވިއްޔާ 2023 ވަނަ އަހަރު ނިމުމުގެ ކުރިން ސާފު ބޯފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތްވެސް މި އަންނަނީ ކުރަމުން. އިންޓަނެޓްގެ ހިދުމަތް ފަސޭހައިން ލިބޭނެ ގޮތް، ހުރިހާ ރަށެއްގައި އެބަ ގާއިމު ކުރަން. އަޅުގަނޑު ހިތުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ގެސްޓްހައުސްއާއި ހޯމް ސްޓޭގެ ހިދުމަތް އޭރުން ތައާރަފު ވެގެންދާނެ." ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ މޭސްތިރިންނަށާއި އިންވެސްޓަރުންގެ އިތުރުން އެ ސިނާއަތުގެ ހުރިހާ މުވައްޒަފުންނަށާއި މުވައްޒަފުންގެ އާއިލާތަކަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

އެ ރަސްމިއްޔާތުގައި ރާއްޖޭގެ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާނެ ދުވަހެއް ވެސް ރައީސް ވަނީ ކަނޑައަޅުއްވާފައެވެ. އެއީ ރާއްޖޭގެ ފުރަތަމަ ރިސޯޓު، ކުރުނބާ ވިލެޖު ހުޅުވި ދުވަސް ކަމަށްވާ އޮކްޓޫބަރު ތިންވަނަ ދުވަހެވެ.

comment ކޮމެންޓް