ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި 3 އޮކްޓޫބަރު ކަނޑައަޅައިފި

ރައީސް ސޯލިހު، ރާއްޖޭގެ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި އޮކްޓޫބަރު 3 ކަނޑައެޅުއްވުން-- ފޮޓޯ/ރައީސް އޮފީސް

ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު ތިންވަނަ ދުވަހަކީ ރާއްޖޭގެ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައިފިއެވެ.

ރައީސް ސޯލިހު ގައުމީ ފަތުރުވެރިކަމުގެ ދުވަސް ކަނޑައެޅުއްވީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭތީ ބޭއްވި ކައުންޓްޑައުން އިވެންޓުގައެވެ.

އެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ޔޫބީލް ގުނަން ފަށާއިރު، ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެއް ރާއްޖޭގައި އަދި މިހާތަނަށް ހަމަޖައްސާފައި ނުވާ ކަމަށެވެ.

އެގޮތުން މިހާތަނަށް އައި އިރު ފާހަގަކުރަމުން ދަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ކަމަށްވާ ސެޕްޓެމްބަރު 27ވަނަ ދުވަސް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

"އެހެންކަމުން އަޅުގަނޑުމެން މި ނިންމަނީ ރާއްޖޭގައި ފުރަތަމަ ރިޒޯޓް ހުޅުވުނު ދުވަސް، ކުރުނބާ ވިލެޖުގެ ނަމުގައި މި ރިޒޯޓް ހުޅުވުނު ދުވަސް، 3 އޮކްޓޫބަރު، ކޮންމެ އަހަރަކުވެސް، ރާއްޖޭގެ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް." ރައީސް ސޯލިހު ވިދާޅުވިއެވެ.

ކުރުނބާ ވިލެޖު ހުޅުވީ 1972 ވަނަ އަހަރުގެ އޮކްޓޫބަރު ތިންވަނަ ދުވަހުގައެވެ.

comment ކޮމެންޓް