މަގޫދޫގައި އެއާޕޯޓެއް އެޅުމަށް ކައުންސިލުން ރައީސް އަރިހުގައި އެދިއްޖެ

ރައީސް ސޯލިިހާ މަގޫދޫ ކައުންސިލްގެ މެމްބަރުން ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ފ. މަގޫދޫގައި އެއާޕޯޓެއް އަޅައިދިނުމަށް އެދި އެ ރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ދަންނަވައިފިއެވެ.

އެއާޕޯޓެއް އެޅުމާ ގުޅޭގޮތުން ވާހަކަދައްކަަވަމުން މަގޫދޫ ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދު "ސަން"އަށް ވިދާޅުވީ އެއާޕޯޓެއް ރަށަށް ލިބުން ވެގެންދާނީ މަގޫދޫގެ ރައްޔިތުންގެ އިތުރުން ފ. އަތޮޅުގެ ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމެއްކަމަށެވެ.

"ވަރަށް ގިނަ ފައިދާތަކެއް ލިބޭނެ. ދަތުރުފަތުރަށް ފަސޭހަވެގެންދާނެ. ހަމައެއާއެކު އާމްދަނީއަށް އިތުރު ދޮރުތައް ހުޅުވިގެންދާނެ. ދެން އަނެއްކާ މި ސަރަހައްދުގައި ހުރި ރިސޯޓުތަކަށް ވެސް އޭގެ ހެޔޮ އަސަރު ކުރާނެ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މީގެ ކުރީ ސަރުކާރުތަކުން މަގޫދޫގައި އެއާޕޯޓު އަޅަން ވައުދުވެފައިވާކަމަށެވެ. ނަމަވެސް އެކަމުގެ ވާހަކަ ނުދެއްކި މިއަދާ ހަމައަށް އެތައް ދުވަހެއް ވެފައިވާކަމަށެވެ.

ނަމަވެސް އެއާޕޯޓެއް އަތޮޅުގެ ރަށަކަށް ނުވަތަ މަގޫދޫގައި އޮތުމަކީ ކައުންސިލުން އެކަމަކަށް އެދޭ ކަމެއްކަމަށެވެ.

މިއަދު ރައީސް އޮފީހުގައި، ރައީސް ސޯލިިހާ މަގޫދޫ ކައުންސިލްގެ މެމްބަރުން ބައްދަލުކުރައްވާފައިވާއިރު އެ ރަށުގެ ކައުންސިލުން ވަނީ ކައުންސިލްގެ ކަންބޮޑުވުންތައް ރައީސަަށް ހުށަހަޅާފައެވެ.

އެގޮތުން އެ ރަށުގައި ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެގޮތް ހެދުމާއި އޭޓީއެމްއެއް ގާއިމްކޮށްދިނުމަށް ކައުންސިލުން ވަނީ އެދިފައެވެެ.

ހަމައެއާއެކު އެ ރަށު ސްކޫލްގައި ލައިބްރަރީއެއް ގާއިމުކުރުމާއި، ކައުންސިލަށް ދިމާވާ ބަޖެޓުގެ ދަތިކަމުގެ މައްސަލައާއި ޓާފް ދަނޑުގެ ވާހަކަ ވެސް ކައުންސިލުން ވަނީ ރައީސާ ހިއްސާކުރައްވާފައެވެ.

އެއާއެކު ރައީސް ވަނީ ކައުންސިލުގެ ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި އެ ރަށުގެ ސިއްހީ ހިދުމަތާއި ޓާފް ދަނޑުގެ މަސައްކަތަށް ފައިސާ ހިމަނާނެކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް