މެސީ އައި ފަހުން ޕީއެސްޖީ ފުރަތަމަ ފަހަރަށް ބަލިވެއްޖެ

ޕީއެސްޖީއާއި ރެނެސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ރެނެސް މޮޅުވީ 0-2 ގެ ނަތީޖާއަކުން --- ފޮޓޯ//ލައިވްސްކޯ

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ފަހަރަށް ހޯދާފައިވާ ލިއޮނެލް މެސީ ޕީއެސްޖީއާއެކު ކުޅުނު މެޗަކުން ފުރަތަމަ ފަހަރަށް ބަލިވެއްޖެއެވެ.

މިރޭ ފްރެންޗް ލީގުގައި ކުޅުނު މެޗުގައި ޕީއެސްޖީން ބަލިވީ ތާވަލުގެ 10 ވަނައިގައި އޮތް ރެނެސް އަތުންނެވެ. ރަށުން ބޭރުގައި ޕީއެސްޖީން ކުޅުނު އެ މެޗުނ ރެނެސް ކުރި ހޯދީ 0-2 ގެ ނަތީޖާއަކުންނެވެ. މިއީ މިފަހަރުގެ ލީގު މެޗަކުން ޕީއެސްޖީ ބަލިވި ފުރަތަމަ ފަހަރެވެ.

މި މެޗުން ޕީއެސްޖީ ބަލިވި ނަމަވެސް، އެ ޓީމު އޮތީ ތާވަލުގެ އެއްވަނައިގައި ކުޅުނު ނުވަ މެޗުން ލިބުނު 24 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ލެންސްއަށް ނުވަ މެޗުން 18 ޕޮއިންޓް ލިބިފައިވާއިރު، ޕީއެސްޖީ ބަލިކުރި ރެން އޮތީ ތާވަލުގެ ހަތްވަނައިގައި ނުވަ މެޗުން 12 ޕޮއިންޓާއެކުއެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީން ގިނަ ހަމަލާތަކެއް އުފެއްދިއެވެ އެގޮތުން މި ހާފުގައި އެ ޓީމުގެ ނޭމާ އާއި ކީލިއަން އެމްބާޕޭއަށް އޭރިއާ ތެރެއިން ހުސް ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ދެ ކުޅުންތެރިން ފޮނުވާލި ހަމަލާތައްވެސް ދިޔައީ ގޯލާ އަމާޒުނުވެއެވެ. އަދި މި ހާފުގައި ޕީއެސްޖީގެ ލިއޮނެލް މެސީ ފޮނުވާލި ހިލޭ ޖެހުމެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.

މިއީ މެސީ މިހާތަނަށް ޕީއެސްޖީއަށް ކުޅެދިން ފަސް މެޗުގައި އޭނާ ދަނޑީގައި ޖެހި ތިންވަނަ ފަހަރެވެ. އޭނާ ޕީއެސްޖީއަށް ޖަހައިދިން ހަމައެކަނި ގޯލަކީ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީ ކޮޅަށް ޖެހި ގޯލެވެ.

ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ރެނެސް އަށް ލީޑުނަގައިދިނީ ގަޓޭޓާން ލަބޯޑް އެވެ. އަދި ދެ ވަނަ ހާފް ފަށައިގެން މިނިޓެއްހާއިރު ތެރޭ ރެނެސްގެ ދެ ވަނަ ގޯލު ޖެހީ ފްލޭވިއަން ޓައީޓްއެވެ. ދެ ގޯލުގެ ލީޑެއް ދެ ވަނަ ހާފުގެ ކުރީކޮޅުގައި ލިބުމާ އެކު ރެނެސް އިން ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ކުޅެ ލީޑު ސަލާމަތްކުރުމުގައި ކާމިޔާބު ހޯދިއެވެ.

ރެނެސްގެ ގޯލުތަކަށްފަހު ޕީއެސްޖީން ޓީމު ކުރިއަށް ޖެއްސި އިރު، އެމްބާޕޭ ޖެހި ގޯލެއް ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަަލައި އޮފްސައިޑް ކަމަށް ނިންމައިފައެވެ.

comment ކޮމެންޓް