ޓެރަރިޒަމްއާއި ހަރުކަށިފިކުރު ހުއްޓުވުމަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

ޓެރަރިޒަމާއި ހަރުކަށިފިކުރު ހުއްޓުވައި ތަހައްމަލުކުރުމުގެ ސިފަތައް ލިބިފައިވާ އަމާން ބަދަހި މުޖުތަމައެއް ގާއިމު ކުރުމުގައި ދީނީ އިލްމުވެރިންނާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ބޭފުޅުންގެ ދައުރާއިގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ބާއްވާ މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ.

މި ބައްދަލުވުމުގައި، އެ މަސައްކަތުގައި ހަރަކާތްތެރިވާ ސަރުކާރުގެ މުއައްސަސާތަކާއި މަދަނީ ޖަމިއްޔާތަކުގެ އިންސާނީ ވަސީލަތް ތަރައްގީކުރާނެކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ސައުދީ އަރަބިއްޔާގެ ނާއިފް އަރަބް ޔުނިވާސިޓީ ފޯ ސެކިޔުރިޓީ ސައިންސަސް އާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ ގުޅިގެން "ދަ އިންޓަރނޭޝަނަލް ޕްރޮގްރާމް ފޯ ކޮމްބެޓިން އެކްސްޓްރީމިޒަމް އެންޑް ޓެރަރިޒަމް" ކުރިއަށް ދާނީ ހަތަރު ދުވަހުގެ މުއްދަތަށް ކަމަށް އެމްއެންޑީއެފްގެ ތަރުޖަމާނު ހަނާ މުހައްމަދު ވިދާޅުވިއެވެ.

ހަނާ ވިދާޅުވީ މި މަސައްކަތު ބައްދަލުވުމުގެ ފުރަތަމަ ދެ ދުވަހު ބައިވެރި ވާނީ ބައެއް ދީނީ އިލްމުވެރިންނާއި 241 ކޮމިޓީގެ ބައެއް ބޭފުޅުންގެ އިތުރުން ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބައެއް އިސްބޭފުޅުން ކަމަށެވެ.

އޭގެ ފަހުން ސަރުކާރުގެ މުއައްސަސާތަކުންނާއި ބައެއް އެންޖީއޯތަކުން ބައިވެރިވާނެ ކަމަށް އޭނާ ފަހަގަ ކުރެއްވިއެވެ.

މަސައްކަތު ބައްދަލުވުން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ވާހަކަފުޅު ދައްކަވަމުން ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވީ ޓެރަރިސްޓް ޖަމާއަތްތަކުން މީހުން ރެކުރޫޓުކުރުމަށާއި ހަމަލާތައް ރޭވުމަށް އިންޓަރނެޓާއި ސޯޝަލްމީޑިއާ ބޭނުންކުރަމުންދާ ކަމީ އެންމެންވެސް ސަމާލުވާންޖެހޭ ކަމެއްކަމަށެވެ.

އަދި ތައުލީމީ ނިޒާމުގެ ތެރެއިން ކްރިޓިކަލް ތިންކިންގެ ހުނަރުތައް އަށަގަންނުވާ، ޒުވާނުންނަން އަނިޔާވެރިކަމާއި ދުރުވުމަށާއި، ގާނޫނުތަކާއި އިންސާނީ ހައްގުތައް އުންގަންނައިދިނުމަކީ ވަރަށް މުހިއްމުކަމެއްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި މަސައްކަތު ބައްދަލުވުމުގެ ހުރިހާ ސެޝަންތަކެއްވެސް ނަންގަވައިދެއްވާނީ ނާއިފް އަރަބް ޔުނިވާސިޓީގެ ފަންނީ މާހިރުންނެވެ.

comment ކޮމެންޓް