ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނި މީހާ ދޫކޮށްލައިފި

މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން-- ސަން ފޮޓޯ

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމުގެ އިންޒާރު ދިން މީހާ ބަންދުން ދޫކޮށްލައިފިއެވެ.

ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދީފައިވަނީ މއ. ރެސްޓިންހައުސް، މުހައްމަދު އިނާދެވެ.

އޭނާ ބަންދުން ދޫކޮށްލަން ނިންމާފައިވަނީ ހުސްވި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އޭނާ ދޫކޮށްލީ ޝަރީއަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތުމުން ކަމަށެވެ.

އެފަދަ ސަބަބެއް އޮތްތޯ ބެލުމަށް ކުށުގެ ރެކޯޑާއި، މުޖުތަމައުގައި އަދާ ކުރާ ދައުރަށް ރިއާޔަތްކޮށް، އޭނާ އިންޒާރު ދިން ނަމަވެސް އެކަން އިންޒާރާ އެއް ގޮތަށް އަމަލު ކުރާނެ އެއްވެސް ސަބަބެއް ފާހަގަވެފައި ނުވާ ކަމަށް ޕީޖީން ބުނެފައިވެއެވެ.

އިނާދުގެ މައްޗަށް އުފުލައިފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރުދެއްކުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެކަމުގެ އިންޒާރު ދިން މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ ތިންވަނަ ދުވަހުއެވެ.

ސޯޝަލް މީޑިއާގައި އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށާއި ޗައިނާ އެމްބަސީ ކުރިމަތީގައި މުޒާހަރާ ކުރާނެ ކަމަށް އިންޒާރު ދީފައިވާތީ, ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނާއި ޗައިނާ އެމްބަސީއިން ފޮރިން މިނިސްޓްރީގައި އެދިގެން އެ ދެ މިޝަން ހުންނަ އިމާރާތްތަކުގެ ސެކިއުރިޓީ ވެސް ވަރުގަދަ ކޮށްފައިވެއެވެ.

މީގެ އިތުރުން އިނާދުގެ މައްސަލައާ ގުޅިގެން އޭނާ އެމްޑީޕީގެ މެމްބަރުކަމުން ވަކިކުރުމަށް ވެސް އެ ޕާޓީން ވަނީ ނިންމާފައެވެ.

comment ކޮމެންޓް