ބޭނުން ނެތް ކަމަށް ބުނެ ދޫކޮށްލި ސުއަރޭޒްގެ ގޯލުން ބާސެލޯނާ ބަލިވެއްޖެ

އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް ލުއިސް ސުއަރޭޒް، ބާސެލޯނާ ކޮޅަށް ގޯލު ޖެހުމަށްފަހު --- ފޮޓޯ//ލައިވްސްކޯ

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި، ބޭނުން ނެތް ކަމަށް ބުނެ ދޫކޮށްލި ލުއިސް ސުއަރޭޒް ކާމިޔާބުކުރި ލަނޑާއެކު އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑުން ބާސެލޯނާ ބަލިކޮށްފިއެވެ.

އެތުލެޓިކޯގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުން ބާސެލޯނާގެ މައްޗަށް އެތުލެޓިކޯ ކުރި ހޯދީ 0-2 ގެ ނަތީޖާއަކުންނެވެ. އެ މެޗުން ހޯދި މޮޅާއެކު އެތުލެޓިކޯ އޮތީ ތާވަލުގެ ދެވަނައިގައި ކުޅުނު އަށް މެޗުން ލިބުނު 17 ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑަށް ހަތް މެޗުން 17 ޕޮއިންޓް ލިބިފައިވާއިރު، އާދީއްތަ ދުވަހުގެރޭ އެސްޕަންޔޯލް ބަލިކޮށްގެން ރެއާލަށް އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނެގޭނެއެވެ.

ރޭގެ މެޗުން ބަލިވި ބާސެލޯނާ ތާވަލުގެ ނުވަވަނައިގައި 12 ޕޮއިންޓާއެކުއެވެ. މިއީ ފަހުގެ ތާރީހެއްގައި ބާސެލޯނާ މި ދަރަޖައަށް ވެއްޓުނު ފުރަތަމަ ފަހަރެވެ. އެ ޓީމުން މިހާތަނަށް މި ސީޒަނުގައި ޗެމްޕިއަންސް ލީގުގެ އެއްވެސް މެޗަކުން މޮޅެއް ނުވެއެވެ.

މިދިޔަ ސީޒަން ފެށުމުގެ ކުރިން ބަސާއާ ހަވާލުވި ރޮނަލްޑް ކޫމަން ވަނީ، އޭނާގެ ޕްލޭންގައި ސުއަރޭޒް ނުހިމެނޭ ކަމަށް ބުނެފައެވެ. އޭރު ސުއަރޭޒް ބުނެފައި ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ވެސް އޭނާ ބާސާ އަށް ކުޅެން ބޭނުންވާ ކަމަށެވެ.

އެހެން ނަމަވެސް ފުރުސަތު ގެއްލުމާއެކު ސުއަރޭޒްއަށް މަޖުބޫރުވީ ކުލަބު ބަދަލުކުރުމަށެވެ. އެއަށްފަހު ބާސެލޯނާގެ ރައިވަލެއް ކަމަށްވާ އެތުލެޓިކޯއަށް ބަދަލުވެ ސުއަރޭޒް މޮޅު ކުޅުމެއް ދައްކަމުން އަންނަ އިރު ރޭގެ މެޗުގައި ވެސް އޭނާ ވަނީ ހިތްގައިމު ގޯލެއް ޖަހައިފައެވެ.

ސުއަރޭޒް ރޭގެ މެޗުގައި ގޯލަށްފަހު ސެލަބްރޭޓެއް ނުކުރެއެވެ. އެކަމަކު ސުއަރޭޒް ވަނީ ލަނޑު ޖެހުމަށް ފަހު ފަހުން ކަންފަތް ކައިރީގައި އިނގިލިތައް ޖެއްސުމަށް ފަހު އިޝާރާތުން ކޯލެއް ނަގާ މަންޒަރު ދައްކާލައިފައެވެ. އެއީ ކޫމަންއަށް ދިން ރައްދެއް ކަމަށް އޭނާގެ އަމަލުން ދޭހަވެއެވެ.

ސުއަރޭޒްގެ އިތުރުން ރޭގެ މެޗުގައި އެތުލެޓިކޯއަށް ގޯލު ޖަހައިދިނީ ފްރާންސްގެ މިޑްފީލްޑަރު ތޯމަސް ލެމާއެވެ. މި ގޯލަކީ ސުއަރޭޒް ހުސްކޮށްލާފައި އޭނާއަށް ދިން ބޯޅައަކުން ޖެހި ގޯލެކެވެ.

comment ކޮމެންޓް