ކުދި ކުށް ކުރާ މީހުންނަށް ޖަލު ހުކުމް ނޫން އަދަބެއް ތަންފީޒު ކުރަން މަސައްކަތް ކުރަނީ

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު -- ފޮޓޯ/ ހޯމް މިނިސްޓްރީ

ކުދި ކުށްތަކަށް އަރައިގަންނަ މީހުންނަށް މިހާރު އޮންނަ އަދަބަކީ ޖަލަށް ލުން ނަމަވެސް އެފަދަ މީހުންނަށް ޖަލު ހުކުމަށް ވުރެ ލުއި އަދަބެއް ތަންފީޒު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ އަހިންސާ ދުވަސް ނުވަތަ ނޮން-ވައިލެންސް ދުވަހާ ގުޅިގެން ހޯމް މިނިސްޓްރީން ބޭއްވި ޕެނަލް ޑިސްކަޝަންގައި ސީޕީ ވިދާޅުވީ އަދަބުގެ ގޮތުގައި ތާރީހުގައި ވަރަށް އަނިޔާވެރި އަދަބުތައް ދީފައި އެބަހުރި ކަމަށެވެ. އެގޮތުން އަނދަގޮނޑި ޖެހުމާއި ގަން ހިންގުން ފަދަ ކަން ކަން ހިނގަމުން އައި ކަން ސީޕީ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ މިފަދަ އަދަބުތަކުގެ ސަބަބުން މުޖުތަމައަށް ކުރި ނޭދެވޭ އަސަރު އަދިވެސް މުޅިން ފިލައިގެން ނުދާ ކަމަށެވެ.

ރާއްޖޭގެ ފެހި ގާނޫނު އަސާސީ ވުޖޫދުވެގެން އައުމާއެކު އެއްވެސް މީހަކު އަނެއް މީހަކަށް އަނިޔާވެރި ނުވެވޭނެ ގޮތަށް ގާނޫނު ކަނޑައަޅައިފައިވާކަން ފާހަގަކުރައްވައި ސީޕީ ވިދާޅުވީ އެފަދަ ކުށްތަކަށް އަރައިގަންނަ މީހުން މިހާރު ގާނޫނުގެ ދަށުން ކުށްވެރިވާ ކަމަށެވެ.

އަނިޔާވެރި އަދަބުތައް ނައްތާލެވުނު ނަމަވެސް ނިޒާމުގެ ތެރެއިން މީހުންނަށް ދެވޭ އަދަބުތަކުގެ ވާހަކަ ދައްކަން ޖެހޭ ކަމަށް ސީޕީ ވިދާޅުވިއެވެ. އެގޮތުން ކުދި ކުށްތަކަށް އަރައިގަންނަ މީހުންނަށް ޖަލު ހުކުމް ކުރަން ގާނޫނުގައި ކަނޑައަޅައިފައި ހުންނަ ކަން ފާހަގަކުރެއްވިއެވެ.

"ދުނިޔޭގެ އެހެން ގައުމުތަކުން އެބަ ފެނޭ މި ބާވަތުގެ ކުދިކުދި ކަންކަމުގަ ޖަލު ނޫން އަދަބު ދީގެން އެ މީހުން އަތުން އެ ބަދަލު ނެގޭނެ ގޮތް. ނޫނީ އެ މީހަކު ލައްވާ އެ މީހުން އަތުން އެ ކަމެއް ކުރެވޭނެ ގޮތެއް. އަޅުގަނޑުމެން ވެސް މިހާރު އެ ނިޒާމާ ދިމާލަށް މި ދެވެނީ. ޖަލު ނޫން އެހެން އަދަބު ތައާރަފް ކުރުމުގެ މަރުހަލާ މަތީގައި މި ތިބެނީ" ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ކުދި ކުށްކުރާ މީހުން މުޖުތަމައު ތެރޭގައި ބައިތިއްބައިގެން އަދަބު ދެވޭނެ ގޮތެއް ހޯދުން ވަރަށް މުހިންމު ކަމަށާއި އެކަން ވަރަށް އަވަހަށް ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ސީޕީ ވިދާޅުވީ ރާއްޖޭގެ ޕީނަލް ކޯޑުގައި މިހާރު ވެސް ޖަލު ހުކުމް ނޫން އަދަބު ކަނޑައެޅިދާނެ ކަމަށް އޮންނަ ކަމަށެވެ.

comment ކޮމެންޓް