ޖެޓްސްކީ ޓުއާ އައްޑޫއިން ނިންމާލައިފި، އައްޑޫ މޭޔަރު ވިދާޅުވީ މިއީ ސަރަހައްދީ ރެކޯޑެއް ކަމަށް

ޖެޓްސްކީ ޓުއާ ނިމުމުގެ ރަސްމިއްޔާތުގައި އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވާހަކަދައްކަވަނީ-- ފޮޓޯ/ އައްޑޫ ސިޓީ ކައުންސިލް

ރާއްޖޭގެ 20 އަތޮޅަކަށް ދަތުރުކުރުމަށްފަހު "ޖެޓް ސްކީ ޓުއާ 2021" ނިންމާލައިފިއެވެ.

ހއ. ތުރާކުނުން ފެށި އެ ޖެޓްސްކީ ދަތުރު ނިންމާލީ އައްޑޫ ސިޓީގެ މަރަދޫފޭދޫންނެވެ.

ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ފެށި އެ ދަތުރުގައި 13 ބައިވެރިއަކު ބައިވެރިވިއެވެ. އެ ޓީމުގައި ހިމެނެނީ ޖެޓްސްކީ ދުއްވާ ތަޖުރިބާކާރު ހަ މީހުންނާއި ޖެޓްސްކީ ދުއްވާ މީހުން ބަދަލު ކުރަން ޖެހިއްޖެ ހާލަތެއްގައި ބަދަލު ކުރަން ތިބި ތިން މީހުންނާއި ލޯންޗުގައި ހަރަކާތްތެރިވާ މީހުންނެވެ.

ޖެޓްސްކީ ޓުއާ ނިންމާލުމުގެ ގޮތުން މަރަދޫފޭދޫ ބަނދަރުގައި ބޭއްވި ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ޓުރިޒަމް ދުވަހާ ގުޅުވައިގެން، އައްޑޫ ސިޓީ ހިމެނޭހެން މި ދަތުރު ބޭއްވުމަކީ އައްޑުއަށް ލިބޭ ޝަރަފެއް ކަމަށެވެ.

މޭޔަރު ވިދާޅުވީ ރާއްޖޭގެ 20 އަތޮޅުން ކޮންމެ އަތޮޅަކަށް މަޑުކޮށްގެން، ޖެޓްސްކީގައި ކުރި މި ދަތުރަކީ އާދައިގެ ދަތުރެއް ނޫން ކަމަށެވެ.

"ރާއްޖެއަށް އެކަންޏެއް ނޫން ސަރަހައްދަށް ބަލާއިރު ވެސް ރެކޯޑެއް ގާއިމްވެގެން ދިޔަ ދުވަހެއް." ރަސްމިއްޔާތުގައި އައްޑޫ ބަހުން ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ 871 ކިލޯމީޓަރުގެ އެ ދަތުރުގައި ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ނެވި ބައިވެރިވުމަކީ އެ ދަތުރަށް ލިބިގެންދިޔަ އިތުރު ހާއްސަ ކަމެއް ކަމަށެވެ.

މީގެ އިތުރުން މޭޔަރު ވަނީ މި ދަތުރު އިންތިޒާމްކުރި މީހުންނާއި އަމަލީ ގޮތުން ދަތުރުގައި ބައިވެރިވި މީހުންނަށް ޝުކުރު އަދާކޮށް ހިތްވަރު ދެއްވާފައެވެ.

ޖެޓް ސްކީ ޓުއާ 2021އަކީ މޯލްޑިވްސް ވޯޓާރ ސްޕޯޓްސް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. ޓުއާގެ ސަލާމަތީ ކަންކަން ބަލަހައްޓާފައިވަނީ އެމްއެންޑީއެފްއިންނެވެ. އަދި ދަތުރުގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫއެވެ.

comment ކޮމެންޓް