30،000 ގޭބިސީއިން އަދިވެސް ވެމްކޯގެ ހިދުމަތަށް ރަޖިސްޓްރީ ނުކުރޭ!

މާލޭގެ މަގުމައްޗަށް ނެރެފައި ހުރި ކުނިކޮތަޅުތަކެއް-- ސަން ފޮޓޯ/

ވެމްކޯގެ ހިދުމަތަށް ރަޖިސްޓްރީ ވާން އިތުރު ފުރުސަތެއް ދިނުމުން ވެސް މާލެއާއި ހުޅުމާލެއިން ރަޖިސްޓްރީ ނުކުރާ 30,000 އަށް ވުރެ ގިނަ ގޭބިސީ އެބަހުރި ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ބުނެފިއެވެ.

ގޭބިސީތަކުގެ ވަކިވަކި ފަންގިފިލާއިން ކުނި ނެގުން އަލުން ފެށީ ސެޕްޓެމްބަރު 15 ވަނަ ދުވަހުގައެވެ. އަދި ހިދުމަތް ދޭނީ ހަމައެކަނި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ކަމަށް ވެސް ވެމްކޯއިން ވަނީ ބުނެފައެވެ.

ނަމަވެސް އާއްމުންގެ ޝަކުވާ އިތުރުވުމާއި ނުގެންދާ ކުނި ގިނަވެ މާލޭގެ މަގުތައް ގޮނޑުވަމުން ދިއުމާ ގުޅިގެން ރަޖިސްޓްރީ ކުރަން އިތުރު ވަގުތު ވެމްކޯއިން ދިނެވެ. އަދި ހަމައެކަނި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ކުނިގެންދާ ގޮތަށް އަމަލުކުރާނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށް އެ ކުންފުނިން ބުންޏެވެ.

ވެމްކޯގެ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް އޮފިސަރު އަހުމަދު އާޒިމް "ސަން"އަށް ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ކުނި ނެގުމަށް ރަޖިސްޓްރީ ކުރީ 12،765 ގޭބިސީ ކަމަށެވެ. އޭނާ ވިދާޅުވީ ރަޖިސްޓްރީ ނުކުރާ ގޭބިސީތަކުން ކުނި ނުނަގާނެ ކަމަށާއި އެހެން ނަމަވެސް އަދިވެސް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"މިދިޔަ މަހުގެ ހަތަކުން ފެށިގެން މަސް ނިމެންދެން މި ލިބުނީ އެންމެ 2300 ފޯމު. ދެން އަޅުގަނޑުމެންގެ އެސްޓިމޭޓްތަކުން [ސިޓީ ކައުންސިލުން ލިބިފައި ހުރި އެސްޓިމޭޓްތަކުން] މާލެ އަދި ހުޅުމާލޭގައި އެކަނިވެސް އެބަ ހިމެނޭ 45،000 ގޭބިސީ،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ 45،000 ގޭބިސީގެ ތެރެއިން 12،000 ގޭބިސީއަށް ހިދުމަތް ދޭނަމަ، ރަޖިސްޓްރީ ނުކުރާ އަދަދު 30،000 އިން މައްޗަށް އަރާނެ ކަމަށެވެ.

ނަމަވެސް ރަޖިސްޓްރީ ނުކޮށް މަގުތަކަށް ނެރޭ ކުނި ވެމްކޯއިން ނުނަގާނެ ކަމަށް ދުރާލާ އިއުލާނު ކޮށްފައިވާނެ ކަމަށް އާޒިމް ފާހަގަކުރެއްވިއެވެ. ބައެއް ފަރާތްތަކުން ކުނި ނެރޭ ގަޑިއަށް ސަމާލު ނުވެ ކުނި ނެރޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިހާރު ރަޖިސްޓްރީ ކޮށްފައި ނުވާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ރަޖިސްޓްރީ ކުރުމަށާއި މަގުތަކަށް ކުނި ނުނެރުމަށް ވެމްކޯއިން އިލްތިމާސް ކުރެއެވެ.

އެންމެ ކުރިން ވެސް ވެމްކޯއިން ކުނި ނަގަމުން ދިޔައީ ގޭބިސީތަކުން ވަކިވަކި ފަންގިފިލާތަކުންނެވެ. އެ އުސޫލަށް ބަދަލު ގެނައީ ކޮވިޑް-19 ޕެންޑެމިކްގެ ތެރޭގައެވެ. ޕެންޑެމިކްގައި އާންމުންނަށް ލުޔެއް ދިނުމަށް ޓަކައި ވެމްކޯއިން ކުނި ނަގަމުން ދިޔައީ ގޭބިސީތަކުން މަގުމައްޗަށް ކުނި ނެރުމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް