ރިތިކާއި ޓައިގާގެ "ވޯ"ގެ މަސައްކަތް އަންނަ އަހަރު ފަށަނީ

ޓައިގާ އާއި ރިތިކް---

ދެހާސް ނަވާރަ ވަނަ އަހަރު ނުކުތް ވަރުގަދަ ފިލްމު "ވޯ" ގެ ސީކުއަލްގެ މަސައްކަތް އަންނަ އަހަރު ފަށާނެކަން ފިލްމުގެ ޑައިރެކްޓަރު ސިދާތު އާނަންދު ހާމަކޮށްފިއެވެ.

ފިލްމަށް ދެ އަހަރު ފުރުމުގެ މުނާސަބާތު ފާހަގަކުރަމުން ސިދާތު ބުނީ ފުރަތަމަ ބަޔަށް ލިބުނު ކާމިޔާބީއަށް ފަހު ފިލްމުގެ ސީކުއަލެއް ގެނެސްދޭން އާންމުންނަށް ވައުދުވިން ކަމަށާއި އެ ފިލްމުގެ ޕްރޮޑަކްޝަންގެ މަސައްކަތް އަންނަ އަހަރު ފަށަން ހަމަޖެހިފައިވާ ކަމަށެވެ.

އޭނާ ބުނީ ފިލްމުގެ ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްރާ އާއެކު ފިލްމުގެ ދެވަނަ ބައި ގެންދާނެ ގޮތަކާ މެދު މިހާރު މަޝްވަރާކޮށްފައިވާނެ ކަމަށެވެ. އަދި ފިލްމުގެ ދެވަނަ ބައި ވެގެންދާނީ ފުރަތަމަ ބަޔަށް ވުރެ މާ ވަރުގަދަ، މާ މޮޅު ފިލްމަކަށް ކަމަށްވެސް އޭނާ ބުންޏެވެ.

ޔަޝް ރާޖް ޕްރޮޑަކްޝަނުން ނެރުނު މި ފިލްމު ރިލީޒްކުރި ފުރަތަމަ ދުވަހު އެ ފިލްމަށް ވަނީ 53.35 ކުރޯޑުގެ އާމްދަނީއެއް ލިބިފައެވެ.

ވޯ" ވެގެން ގޮސްފައިވަނީ ހިންދީ ސިނަމާއިން ވެސް އެންމެ ބޮޑު އޯޕަނިންގް ހޯދި ފިލްމަށެވެ. އަދި ރިތިކް އާއި ޓައިގާގެ ފިލްމުތަކުގެ ތެރެއިންވެސް އެންމެ ބޮޑު އާމްދަނީއެއް ލިބުނު އޯޕަނިންގް ފިލްމަށެވެ.

ޗުއްޓީ ދުވަސްވަރު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން ވެސް އެންމެ ބޮޑު އޯޕަނިންއެއް ލިބުނީ މި ފިލްމަށެވެ. އަދި ޔަޝް ރާޖް ފިލްމު ކުންފުނީގެ ވެސް އެންމެ ބޮޑު އޯޕަނިންގްއެވެ.

އެ ފިލްމުގެ އަންހެން ލީޑުން ފެނިގެންދާ ބަތަލަކީ ވާނީ ކަޕޫރެވެ. ފިލްމުގެ ޕްރޮޑިއުސަރަކީ އަދިތިޔާ ޗޯޕްރާއެވެ. މި ފިލްމަކީ 2019 ވަނަ އަހަރު 300 ކުރޯޑު ހޯދި ހަމައެކަނި ފިލްމު ވެސްމެއެވެ.

comment ކޮމެންޓް