ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބަސް ދަތުރުތައް ފަށައިފި

ޖުލައި 1، 2021: އެމްޓީސީސީ ބަސް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބަސް ދަތުރުގެ ހިދުމަތް ދޭން ފަށައިފިއެވެ.

ހިޔާ ފްލެޓުތަކަށް ބަހުގެ ހިދުމަތް ދެމުން ގެންދާނީ ކޮންމެ ދުވަހަކު ހެނދުނު 5:45 އިން ރޭގަނޑު 11:45 އަށެވެ. ނަމަވެސް ހުކުރު ދުވަހު ހެނދުނު 11:45 އިން މެންދުރުފަހު 1:45 އަށް ޚިދުމަތް މެދުކަނޑައިލާނެއެވެ.

ހިދުމަތް ފުރަތަމަ ދޭން ފަށައިފައިވުމާއެކު މިއަދުން ފެށިގެން މި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް އެމްޓީސީސީގެ އޮޕަރޭޝަން ސްޓާފުން ބަސް ސްޓޮޕް ސަރަހައްދުގައި އާންމުންނަށް އެހީތެރިވުމަށް ހަރަކާތްތެރިވާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. ސްޓާފުން ހަރަކާތްތެރިވާނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 08:00 އިން ފެށިގެން އިރުއޮއްސި 06:00 އާ ހަމައަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބަހުގެ ހިދުމަތުގެ އަގަކީ ފަސް ރުފިޔާއެވެ.

މި ދަތުރުތަކުގައި ބޭނުންކުރާނެ ބަސް ރޫޓުތައް
1. ހުޅުމާލެ – ވެސްޓް ޕާކް ރޫޓް
2. ހުޅުމާލެ – ކާނިވަލް ރޫޓް
3. ހުޅުމާލެ – ވީއައިއޭ ބަސް ރޫޓް
4. ހުޅުމާލެ - ނެއިބަހުޑް 1 ،2 އަދި 3

ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބަހުގެ ހިދުމަތް ފުޅާކުރަން ނިންމީ، ދަތުރުފަތުރުކުރުމުގައި ރައްޔިތުންނަށް މިހާރު ދިމާވާ ދަތިތައް ހައްލު ކުރުމަށް ސަރުކާރުން ޓްރާންސްޕޯޓު މިނިސްޓްރީ އާއި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އިތުރުން އެމްޓީސީސީއާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު ކަމަށް އެމްޓީސީސީން މީގެ ކުރިން ބުނެފައިވެއެވެ.

ބަހުގެ ހިދުމަތް އެކަށީގެންވާ ފެންވަރެއްގައި ދިނުމަށް ބޭނުންވާނެ އިތުރު ބަސްތައް ގެނައުމާއި، އެ ހިދުމަތާ ގުޅިގެން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް އެމްޓީސީސީން ބުނެފައިވެއެވެ.

comment ކޮމެންޓް